14:25
ޖޫން މަހުގެ ކަރަންޓް ބިލު ހިފައިގެން ދިއުމުން ކޮންމެ ރަށެއްގެ މީހަކަށް ވެސް މަސްދަޅު ކޭހުގެ ސަބްސިޑީ ލިބޭނެ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ ރޯދަ މަސް ފެށުނު އިރު މަހުގެ އަގުބޮޑުވެ، އަދި މަސް ދަޅު ކޭހުގެ އަގު ބޮޑުވެފައިވާތީ ސަރުކާރުން ނިންމީ ކުރިން ލިބޭ އަގުގައި ހުރިހާ ގޭބިސީތަކަކަށް ރޯދަމަހު މަސްދަޅު ކޭސް ލިބޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ޔުޓިލިޓީ ކުންފުނީގެ ނުވަތަ ސްޓެލްކޯ ނުވަތަ އެހެން އަމިއްލަ ފަރާތްތަކުން ދެމުން އަންނަ ކަރަންޓް ބޭނުންކުރި ނަމަވެސް ޖޫން މަހުގެ ކަރަންޓް ބިލު ގެނައުމުން މަސްދަޅުގެ ސަބްސިޑީ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ޖޫން މަހުގެ ކަރަންޓް ބިލު ގެންނަ ގޮތަށް ސަރުކާރުން ހަމަޖެއްސީ އެ ޚިދުމަތް ސަރުކާރުން ދޭން ފެށިއިރު ބައެއް ފަރާތްތަކަށް ޖުލައި މަހުގެ ކަރަންޓް ބިލު ނުލިބިވާތީ ކަމަށެވެ.
ރަމަޟާން މަހު މިފްކޯ އިން ދޭންފެށި މަސްދަޅު ކޭހުގެ ސަބްސިޑީ ލިބޭނީ މިފްކޯ ގުދަނުންނާއި، ފެލިވަރު އަދި ކޫއްޑޫން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ވަކި ވަކިން މަސްދަޅު ކުރީގައި ހުރި އަގުގައި ލިބޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ހިސާބުތަކުން ވެސް ސަބްސިޑީ މަސްދަޅު ލިބޭނެ ގޮތް ހަމަޖެހޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ވަހީދު އިތުރަށް ވިދާޅުވީ މަސް ކޭސް ދޫކުރާއިރު ހުރިހާ ގޭބީސީއަކަށް ލިބޭނީ އެއް އަގެއްގައި ކަމަށާއި ހަމައެކަނި ތަފާތު ވަނީ ތަފާތު ބާވަތްތަކުގެ ކޭހުގެ އަގު ކަމަށެވެ. އަދި މިހާރު ވެސް ހަތަރު ހާހެއްހާ ކޭސް މަސްދަޅު މިފްކޯ ގުދަނުން ދޫކޮށްފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.