މާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވުނު މެންބަރުން ހުވާކުރައްވައިފި

މާލޭ ސިޓީ ކައުންސިލްގެ އާ ކައުންސިލަރުން ހުވާ ކުރެއްވުން: ތިން ކައުންސިލަރުން ވެސް ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށް -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

މިދިޔަ މަހު މާލޭ ސިޓީ ކައުންސިލަށް އަލަށް ހޮވުނު ތިން މެންބަރުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

މިދިޔަ މަހުގެ 20ގައި ބޭއްވީ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ އާއި ހުޅުމާލެ ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވާދަކުރެއްވީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އެއީ:

  • މައްޗަންގޮޅި މެދު ދާއިރާ ކައުންސިލަރު: ފާތިމަތު އިޝާން
  • ހުޅުމާލެ ދާއިރާ ކައުންސިލަރު: އަލީ އައިމަން
  • ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރު: ފާތިމަތު ޝައުފާ ސަލީމް

އެ ތިން ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރެއްވިއިރު، އެ ގޮނޑިތައް ހުސްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ ކައުންސިލަރުން ހުވާ ކުރެއްވުން: ތިން ކައުންސިލަރުން ވެސް ނިސްބަތްވެވަޑައިގަންނަވަނީ ޕީއެންސީއަށް -- ފޮޓޯ/ ލޯކަލް ގަވަމެންޓް މިނިސްޓްރީ

އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަގާމުތަކަށް ރައްޔިތުންގެ ވޯޓުން ހޮވޭ މެންބަރުންނަށް އޮތް ހިތްހަމަޖެހުމަކީ، އެ މީހެއްގެ ގާބިލުކަމާއި އިޚުލާސްތެރިކަން ބަލައިގަންނަ ގިނަ ބަޔަކު ތިބިކަން އިހުސާސުވުން ކަމަށެވެ.

"މީގެ ސަބަބުން މި ގާބިލްކަމާއި އިޚުލާސްތެރިކަން ދެމެހެއްޓުމަށް ގަދައަޅައި އަޒުމާއި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ. ވެރިއަކަށް ލިބިވަޑައިގެންފައިވާ އިޚުތިޔާރުގެ ދަށުން މަގާމަކަށް އައްޔަން ކުރާ ބޭފުޅަކަށް މި އިހުސާސް ކުރެވޭ ގޮތް ތަންކޮޅެއް ކުޑަވާނެ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖެއްސުމަށާއި މާލޭ ސިޓީ ކައުންސިލްގެ ސިޔާސަތުތައް ކަނޑައެޅުމުގައި އާ ކައުންސިލަރުންގެ އެއްބާރުލުމަށް އާޒިމް އެދިވަޑައިގަތެވެ. އަދި އޭނާ މޭޔަރު ކަމަށް އިންތިޚާބުވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވައިފައިވަނީ ވަކި ފިކުރަކަށް ބެލުމެއް ނެތި، މާލޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކަމަށް އާޒިމް ވިދާޅުވިއެވެ.

"ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ކުރާ އިޚުލާސްތެރި އިލްތިމާސަކީ މާލޭ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަޅުގަނޑާއެކު ޓީމެއްގެ ގޮތުގައި އެންމެން ގުޅިގެން މަސައްކަތް ކުރުން،" އޭނާ ވިދާޅުވިއެވެ.

އާ ކައުންސިލަރުންނާއެކު، މާލޭ ސިޓީ ކައުންސިލުގައި ތިއްބަވާ ޕީއެންސީ ކައުންސިލަރުންގެ އަދަދު އަށަކަށް އަރާނެއެވެ.

comment ކޮމެންޓް