ކުދިން ގޮވައިގެން ދަތުރު ކުރުމުގެ މުހިއްމުކަން އެނގޭތަ؟

ކުދިން ގޮވައިގެން ތަފާތު ތަޖުރިބާއެއް ކޮށްލަން ކުރާ ދަތުރުތަކުގެ ސަބަބުން އެކުދިންގެ ހެދި ބޮޑުވުމަށް ހެޔޮ އަސަރުކުރޭ--ފޮޓޯ/ޕިންޓްރެސްޓް

ދަރިފުޅަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ މޮޅު ފޯނެއް ނުވަތަ ފެންވަރު ރަނގަޅު ވީޑިއޯ ގޭމެއް ނޫންކަމަށާއި ނަމަވެސް އެކުދިންނާ އެކު ހޭދަކުރެވޭ އުފާވެރި ވަގުތުތައް ކަމަށް ދިރާސާއަކުން ބުނެފިއެވެ.

ދާދިފަހުން އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އަހަރަކު އެއްފަހަރު އާއިލާއާ އެކު ޗުއްޓީ ހޭދަކުރާ ކުދިންގެ އުފެއްދުންތެރިކަން އިތުރުވެ ކަންކަމުގައި ހަރަކާތްތެރިވެ އުޅުން އެތައް ގުނައަކަށް އިތުރުވެ، އެކުދިންގެ ހެދިބޮޑުވުމަށް އެކަމުން އެހީތެރިވެދެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ގިނަ ބަޔަކު އާއިލީ ދަތުރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރާއިރު މިއީ މިހާރު ދިވެހިރާއްޖެއިން ވެސް ފެންނަ މަންޒަރެކެވެ. ރާއްޖެއިން ބޭރަށް ކުދިން ގޮވައިގެން ދަތުރު ކޮށްލުމުގެ އިތުރުން ވަރަށް ގިނަ އާއިލާތަކުން އެ އާއިލާގެ ކުޑަކުދިން ގޮވައިގެން އަތޮޅުތެރޭގެ ހިތްގައިމު މާހައުލުގެ އުފާވެރިކަން ލިބިގަތުމަށް ކުރާ ދަތުރުތައް ވެސް ފާހަގަކޮށްލެވެއެވެ.

ކުދިން ގޮވައިގެން މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެ ދަތުރުތައް ކުރުމުގެ ސަބަބުން އެކުދިންނަށް ކުރާނެ ފައިދާތަކުގެ ތެރޭގައި، ދުޅަހެޔޮ ސިއްހަތެއްގައި ކުދިންނާއި މައިންބަފައިން ތިބުމަށް އެހީތެރިވެދޭނެއެވެ. ހާއްސަކޮށް ވަޒީފާގެ މާހައުލުގައި ދިމާވާ ސްޓްރެސް ފިލުވާލާ ދިރިއުޅުން ސީދާކުރުމަށްމަގުފަހިކޮށްދޭނެއެވެ.

ރާއްޖޭގެ ރަށެއްގެ އަތިރިމަތީ ކުޑަކުދިންތަކެއް ވަގުތު ހޭދަކޮށްލަނީ--ފޮޓޯ/މޯލްޑިވްސް.ނެޓް

ތަފާތު އެކި ދިރާސާތަކުން ދައްކާގޮތުގައި މަސައްކަތުން ބްރޭކެއް ނުނަގައި މާ ގިނަ ދުވަސްތައް މަސައްކަތުގައި ހޭދަކުރުމަކީ އުފެއްދުންތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމެކެވެ. ހަމައެއާއެކު ރަނގަޅު ނިންމުންތައް ނިންމަން ގޮންޖެހުންތަކާ ކުރިމަތިވެ ކަންކަމުގައި މާ އަވަސް އަވަހަށް ރުޅި އިސްވުމަށް ވެސް މަގުފަހިކުރުވައެވެ. ކުރު މުއްދަތެއްގެ ޗުއްޓީއެއް ވެސް ނެގުމަށްފަހު މާހައުލު ބަދަލުވުމުން ސިކުނޑިއަށް ލުޔެއް ލިބި ފަސޭހަކަމާއެކު ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ލިބުމަށް މަގުފަހިވެއެވެ.

އާއިލާއާއެކު ޗުއްޓީ ދަތުރެއް ރާވާލުމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ކުދިންނަށް އާ ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބި އާއިލާގެ މެމްބަރުންނާ ދެމެދު މުއާމަލާތުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދިއުމެވެ. ހަމައެއާއެކު ކުދިންގެ ތަޖުރިބާތައް ވެސް އާއިލާގެ މެމްބަރުންނާ ހިއްސާކުރުމަށް ފަސްޖެހޭ ފަސްޖެހުމަށް ވެސް ހެޔޮ ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު