"ދޮންތާ! އިޓްސް ކޮންޕްލިކޭޓް. އަސްލު… އަސްލު އަހަރެމެން ދެމެދު ތި ހީކުރާ ކަހަލަ ގުޅުމެއް ނެތް. ޝީ. ޝީ އިޒް މެރީޑް…" އިޝްފާން ހާމަކޮށްލި ވާހަކަ އަކުން ސަވާއަށް ޝޮކެއް ލިބިގެން ދިޔައެވެ.
ވެރިވި ހައިރާންކަމެއްގެ ސަބަބުން ބުނާނެ އެއްޗެއް ސަވާއަކަށް ނޭނގުނެވެ. އިޝްފާންއަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ.
"ޒައިނާ އުޅެނީ މީހަކާ އިނދެގެންނޭތަ ތި ބުނީ؟" ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު، ސަވާ ސުވާލުކޮށްލިއެވެ. އާއެކޭ ބުނުމުގެ ގޮތުން އިޝްފާން ބޯ ޖަހާލިއެވެ. ކޮންމެ ގޮތެއް ވިޔަސް ދޮގު ހަދައިގެން ވާނެ ފައިދާއެއް ނެތްކަން އިޝްފާންއަށް އެނގެއެވެ.
"އިޝްފާން ތި ވާހަކަ ދައްކަނީ މީހެއްގެ އަނތްބަކާތަ؟" އެނގުނު ހަޤީގަތް ޤަބޫލުނުކުރެވުނު ފަދައަކުން ސަވާ ސުވާލުކޮށްލިއެވެ.
އިޝްފާން، ސަވާއަށް ބަލާލިއިރު އެ ނަޒަރުގައިވީ އަސަރުތަކުން، އޭނާ ކަންބޮޑުވިއެވެ. ސަވާ ހީކޮށްފާނެ އެއްޗަކާ މެދު ހާސްވިއެވެ.
"ދޮންތަ ތި ހީކުރާ ކަހަލަ ގުޅުމެއް އަހަރެމެން ދެމެދުގައެއް ނެތޭ. " ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކަތަކެއް ހުރިނަމަވެސް، އެ ހުރިހާ ވާހަކައެއް ދުލާ ހިސާބަށް ގެންނާނެ ގޮތެއް އިޝްފާންއަކަށް ނޭނގެއެވެ. ސަވާއަށް އޮޅުން އަރާފައިވާ ހުރިހާ ކަމެއް އޮޅުން ފިލުވައިދޭން ކިތަންމެ ބޭނުންވި ނަމަވެސް، ސިކުނޑީގައި ވި ހުސްކަމުގެ ސަބަބުން ޖުމްލަތައް އަތުރާލަން އޭނާ ނުކުޅެދުނެވެ. ސަވާ އޭނާއާ މެދު ގޯސްކޮށް ވިސްނާކަށް އިޝްފާން ބޭނުމެއް ނޫނެވެ. އޭނާއާ މެދު ސަވާގެ ހިތުގައި ކިލަނބުކަމެއް އުފެދޭކަށްވެސް އިޝްފާން ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، ވާހަކަ ފަށާނީ ކިހާ ހިސާބަކުންކަމެއް އޭނާއަށް ނޭނގުނެވެ.
"އިޝްފާން…. ތެދަށް ބުނޭ! އެ އަންހެން ކުއްޖާއާ އޮންނަން ނުޖެހޭ ގުޅުމެއް އެބައޮތްތަ؟ އެއީ މީހެއްގެ އަނތްބެކޭ. ދޮންތަގެ ބަހެއް އަހަންޏާ ތިކަންތައް ހަމަ މިހާރުން މިހާރަށް ހުއްޓާލާ، ތީ ރަނގަޅު ގޮތެއް ނޫން. އަދި ޒައިނާ ކައިރީގަވެސް ބުނޭ މީގެ ފަހުން އިޝްފާން ހޯދަން އައިސްގެން ނުވާނެޔޭ…" އޭނާގެ ވިސްނުމަށް އައި އެންމެ ރަނގަޅު ގޮތް ސަވާ އިޝްފާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ދޮންތާ…ޒައިނާ…" އިޝްފާން ވާހަކަ ދައްކަން އުޅުނު ނަމަވެސް ސަވާ އޭނާގެ ޖުމްލަ މެދު ކަނޑާލިއެވެ.
"އިޝްފާން! ގުޅުމެއް ނެތްނަމަ އޭނަ އިޝްފާން ހޯދާކަށް ނާންނާނެއެއްނު. އެއީވެސް އަނެއްކާ މި ޒަމާނުގައި މިއުޅޭ ކަހަލަ ކުއްޖަކީތަ؟" ޒައިނާގެ މައުސޫމް މޫނުގެ ފަރުދާގައި ފޮރުވިފައިވަނީ ގޮތެއް ފޮތެއް ނެތް ވިޔާނުދާ އަންހެނެއްހެއްޔެވެ؟ ފިރިމީހާއަށް ސިއްރުން އެހެން މީހުންނާ ގުޅުން ބާއްވާ އަންހެން ކުދިންގެ އަޚްލާޤުގެ މިންގަނޑު ވަރަށް ރަނގަޅަށް އޭނާއަށް ވަޒަންކުރެވެއެވެ. ޒައިނާއާ މެދު ގޯސްކޮށް ވިސްނަން ބޭނުން ނުވި ނަމަވެސް، ފެނުނު މަންޒަރުތަކާއި އިވުނު އަޑު ތަކުގެ އަލީގައި ސަވާގެ ސިކުނޑި އޭނާއަށް އެގޮތަށް ވިސްނުމަށް މަޖޫބޫރުކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޒައިނާ އާ މެދު އޭނާގެ ހިތުގައި ނުބައި ވަސްވާސްތަކެއް އުފެދެން ފެށިއެވެ. ޒައިނާގެ އުޅުން ހުންނާނެ ގޮތާ މެދު ވިސްނެން ފެށިވަރަކަށް ސަވާގެ މޫނުމަތިންވެސް އެ އަސަރުތައް ފާޅުވާން ފެށިއެވެ.
"އެއީ އެކަހަލަ ކުއްޖެއް ނޫން ދޮންތާ! ދޮންތަ ތި ހީކުރާކަހަލަ ވިޔާނުދާ އަންހެން ކުއްޖެއް ނޫން ޒައިނާއަކީ… " ޒައިނާއަށް އެފަދަ ތުހުމަތެއް ކުރާތަން ބަަލަން އިނުމަކީ އިޝްފާންއަށް ކުޅަދާނަކަމަކަށް ނުވިއެވެ. އޭނާގެ ހިތުގައިވި އިޙްސާސްތައް، ޒައިނާ އާ މެދު ސަވާގެ ހިތުގައި އުފެދިފައިވާ ކިލަބުކަން ސާފުކުރުމަށް ގޮވަން ފެށުމުގެ ނަތީޖާއެއްގެ ގޮތުން، ހިތުގެ ގޮވުމަށް އިޖާބަދޭން އިޝްފާންއަށް މަޖުބޫރުވިއެވެ. އެ ހިތުގައިވި ފުން ލޯބީގެ ސަބަބުން ކުޑަވެސް ބަދު ބަހެއް ޒައިނާއަށް ރައްދުވާ އަޑު އަޑު އަހަން ކެތްވާނީވެސް ކިހިނަކުން ހެއްޔެވެ؟ އެއީ އޭނާގެ ހިތުގެ ރާނީއެވެ. އަބަދާ އަބަދު ރަސްކަން ކުރާ މަލަކާއެވެ. އެހިތުން ދެން ދުވަހަކު އެ ނޫން އަންހެން ކުއްޖަކަށް ޖާގަ ދެވޭނެހެނެއް ހިޔެއް ނުވެއެވެ. ހީވަނީ ޒައިނާގެ ލޯބީގެ ބާރުގައި އޭނާގެ ހިތާ އެ ހިތުގައި ޖަހަމުންދާ ވިންދުވެސް ހައްޔަރުކޮށްފައި ވާހެންނެވެ. އާއެކެވެ. އެ ހިތުގެ މިލްކުވެރިއަކީ ޒައިނާއެވެ. ހަމަ އެކަނި ޒައިނާއެވެ.
"ޕްލީޒް ދޮންތާ! ޒައިނާ އާ މެދު ތިފަދަ ގޮތަކަށް ނުވިސްނާ. ދޮންތައަށް ނޭނގޭ ބައިވަރު ކަންތައް ޒައިނާގެ ޙަޔާތުގައި ހިނގާ… އޭނަ ކައިވެންޏެއް ކޮށްގެން އުޅުނެއް ކަމަކު ފިރިމީހާގެ ފަރާތުން އަނިޔާވެރިކަން ނޫން އެއްޗެއް ނުލިބޭ. އަހަންނަކަށް ނޭނގެ ކިހާ ދުވަހެއް ވެއްޖެކަމެއް ވެސް ޒައިނާ އެ އަނިޔާތައް ތަޙައްމަލް ކުރާތާ." އިޝްފާން މާޒީގެ ހަނދާންތައް އާކުރަމުންދިޔައެވެ. އޭނާ ސަވާއަށް ބަލާލިއެވެ. ސަވާ އެއްޗެއް ނުބުނި ނަމަވެސް، ކަނުލާ އަޑު އަހަން އިނުމުން އޭނާ އިނީ އިޝްފާންގެ ވާހަކައަށް ސަމާލުކަން ދީގެންކަން ޔަޤީންވުމާއެކު އިޝްފާން އިތުރަށް ކިޔައިދޭން ފެށިއެވެ.
"ކިތަންމެ ރެއަކު، ޒައިނާ ދަންވަރު ބޭރުގައި ރޯން އިނދޭ. އަހަރެން މި ރަށަށް އައި ފުރަތަމަ ދުވަހުވެސް ފެނުނީ އެ މަންޒަރު. ގުގުރާ ވިދާ ވާރޭ ވެހުނެއްކަމަކު، ޒައިނާގެ ފިރިމީހާ އޭނާގެ ހިމާޔަތެއް ޒައިނާއަކަށް ނުދޭ. އެ އަނިޔާތަކަށް ކެތް ނުވެގެން ޒައިނާ ރޯ އަޑު ކިތަންމެ ރެއަކު އަހަރެންގެ މި ދެ ކަންފަތުން އަހަން. ކިތަންމެ ފަހަރަކު ޒައިނާއަށް އަނިޔާކުރާތަން އަހަންނަށް ފެނޭ! އެފަދަ ގޮތަކަށް އަންހެނަކަށް އަނިޔާވެރި ވާތަން ބަލަން އަހަންނަށް ކެތް ކުރެވޭނެހެން ދޮންތައަށް ހީވޭތަ؟ އެގޮތަށް އަނިޔާ ކުރި ދުވަހެއްގަ އަހަރެން ޒައިނާއާ އޭނާގެ ފިރިމީހާގެ ދެމަދަށް ވަނީ. އަދި އަހަރެން ޒައިނާއަށް ހިތްވަރު ދިނީ. އަންހެނަކަށް ވުމަކުން، ފިރިހެނަކު އަދި ހެދިހާ ގޮތަކަށް ހެދިގެން ހުންނާކަށް ނުޖެހޭނެޔޭ ވެސް ބުނީ އަހަރެން..... އެގޮތަށް ދިމާވެ ވާހަކަ ދެކެވުނު މަދު ދުވަސްކޮޅުގެ ތެރޭގައި އެ ނާޒުކު އަންހެން ކުއްޖާއަށް ހިމާޔަތް ދޭން އަހަރެން ބޭނުންވާން ފެށީ. އެ އަނިޔާއިން ސަލާމަތް ކޮށްދޭން ބޭނުންވީ. އަހަންނަށް އެނގޭ އަހަންނަކީ އެންމެ ރަނގަޅު މީހާ ނޫންކަންވެސް. އެކަމަކުވެސް އެ ކުއްޖާ އެ އަނިޔާގެ ޖަންގަލިން ސަލާމަތް ކޮށްދޭން ބޭނުންވީ." އިޝްފާން ކިޔައިދިން ވާހަކަ ތަކުން ސަވާއަށް ވެސް އަސަރުކުރިއެވެ.
"ޒައިނާގެ މައިންބަފައިން ކޮބާ؟" ސަވާ ސުވާލުކޮށްލިއެވެ.
"ޒައިނާގެ މައިންބަފައިން މި ދުނިޔޭގައި ނެތް. އޭނާއަށް އަޅާލާނެ އިތުރު މީހަކު ވެސް ނެތް. އެހެންވީމަ އެ ހުރިހާ އަނިޔާއެއް ތަޙައްމަލް ކުރަން ޒައިނާއަށް މަޖުބޫރުވީ. " އޭނާއަށް އެނގޭ މިންވަރަށް އިޝްފާން ސަވާއަށް ކިޔައިދިނެވެ.
"އެ ނިމުނީއެއް ނޫނޭ ދޮންތާ! ޒައިނާއަށް އަނިޔާކުރުން އެކަންޏެއް ނޫން. ނިހާދު ޒައިނާގެ ފުރަގަހުގައި ހިލޭ އަންހެނުންނާ ގުޅުން ބާއްވާ! ކިހާ ހުތުރުކަމެއްތަ؟ އަނބިމީހާއަށް އަނިޔާވެރިވެ ހުރިހާ ހައްޤެއް ނިހާދު ވަނީ ޒައިނާގެ އަތުން ނިގުޅައިގެންފަ. އެންމެފަހުން ކެތް ނުކުރެވި ޒައިނާ ވަރިވާން ފޯމުލީ… އެވާހަކަ އޭނަ އަހަރެން ކައިރީގައި ބުނި ދުވަހު އަހަރެން ޒައިނާ ކައިރީގައި ބުނީ އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދު ނުކުރަން. ވީވަރަކުން ޒައިނާއާ ދުރުގައި ހުންނަން އަހަރެން މަސައްކަތް ކުރިން. ނިހާދު ކައިރިން މިނިވަންވިޔަސް އަހަންނަކަށް ޒައިނާއަކަށް އުފާވެރި ދިރިއުޅުމެއް ނުދެވޭނެ. ޒައިނާގެ ހިތުގައިވެސް އަހަހަންނާ މެދު އިޙްސާސްތަކެއް އުފެދެމުން ދިޔަކަން އަހަރެންގެ މިހިތަށް ފަހުމްވެސް ވި. އެކަމަކު ވެސް ތަޤްދީރު އަހަރެމެން ދެމީހުންގެ ގުޅުމަށް ފުރުސަތު ނުދޭނެތީ އަހަރެން އަމިއްލަ ހިތުގެ އިޙްސާސްތަކަށްވެސް ފިލަން ގަސްތުކުރީ.." އިޝްފާންގެ އަޑުގައި ވެސް މިހާރު ވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. ހިތުގެ އެދުންތައް ސާފުކޮށް އޭނާއަށް އެނގޭއިރުވެސް ދެރައީ އެ ހިތުގެ މުރާދު ހާސިލް ނުކުރެވޭނެތީއެވެ. އެ ދެމެދުގައި ވާ ފާރުގެ ބޯކަމުގެ ސަބަބުން އެ ދެމީހުން ދުވަހަކު ނުގުޅޭނެއެވެ. ހިތް އެދެނީ ޒައިނާގެ ގާތުގައި ވުމަށެވެ. ދުނިޔޭގައިވީ ހާ އުފާވެރިކަމަށް ޒައިނާއަށް ދޭށެވެ. ލިބުނު އަނިޔާތަކުގެ ބަދަލުގައި އުފާވެރިކަމާއި ލޯބި އޭގެ އިންތިހާއަށް ދިނުމަށެވެ. ޒައިނާއަށްޓަކައި މުޅި ޖާނާ ފުރާނަވެސް ޤުރުބާން ކުރަން އޭނަ ތައްޔާރެވެ. އެހެންނަމަވެސް، ޒައިނާއާ ގާތް ވުމަކީ އޭނާއަށް ހެދޭނެ ގޯހެކެވެ. އެނގި ހުރެ ޒައިނާގެ ދިރިއުޅުން ނަރަކައަކަށް ހަދާލާނީ ކިހިނަކުން ހެއްޔެވެ؟
"ދޮންތައަށް އެނގޭ ކަންނޭނގެ ކީއްވެގެންކަން އިޝްފާން ޒައިނާ ދެކެ ވާ ލޯބި ހާމަކުރަން ޖެހިލުންވަނީ؟ އިޝްފާން! އެކަންތައް ހުއްޓާލާ . އޭރަށް އަމިއްލަ ނަފްސަށްވެސް ޤަބޫލުކުރެވޭނެ އިޝްފާންއަކީ ވެސް ލޯތްބަށް އެކަށީގެންވާ މީހެއްކަން. ތީ ގޯސް މީހެއް ނޫން. މިހާރު މިއުޅޭ ގިނަ ފިރިހެނުންނަށްވުރެ ތި ހިތުގައި ހަމަ ޔަޤީނުންވެސް މާ ބޮޑަށް ހަމްދަރުދީއާ ލޯބީގެ އިޙްސާސްތަށް ވޭ… އިޝްފާންއަށް ވެސް އުފާވެރިކަން ހައްޤޭ. އަމިއްލަ ނަފްސަށް ތިހާ ހަރުކަށިނުވޭ. ބީ ކައިންޑް ޓު ޔޯ ސެލްފް… ސްޓޮޕް އިޓް ޕްލީޒް… ދޮންތައަށް އެނގޭ އުނދަގޫވާނެކަން. އައި ވިލް ހެލްޕް ޔޫ. އިޝްފާން ތި ބަލި ވަނީވެސް އެހެންވެގެންނޭ… ޕްލީޒް….." އިޝްފާންގެ އަތުގައި ހިފައްޓާލަމުން ބުމަ އަރުވާލާފައި ބޯ ޖަހާލަމުން ސަވާ ބުނެލިއެވެ.
"ދޮންތާ! ކީއްވެތަ އަހަންނަށް އަބަދު މިހެން ވަނީ؟" އިޝްފާންގެ ހިތުގެ ޝަކުވާތައް ދުލުން ބޭރުކޮށްލެވުނު އިރު އޭނާގެ ދެލޮލުގައިވަނީ ވޭނެވެ.
"އަހަރެންގެ ހިތެއް ނޭދެ ޒައިނާއާ ދުރުގައި ހުންނާކަށް. އެކަމަކުވެސް އަހަންނަކަށް އިތުރު ގޮތެއް ނެތް. އައި އެމް ވޮރީޑް… އަހަންނަށް ޒައިނާއަށް އުފާވެރިކަމެއް ނުދެވޭނެ. ނިހާދު ކައިރިން ވަރިވެގެން ގޮސް ވަންނާނެ ތަނެއް ވެސް އޭނަގެ ނެތް. " އިޝްފާންއަށް ފަހަރަކު ކަމަކާ މެދު ވިސްނެނީއެވެ. ހާސްވަނީއެވެ. އެ ހާސްކަމުގައި އޭނާ ސަވާއަށް އެތަކެއް ވާހަކައެއް ކިޔައިދިނެވެ.
"ދެން މާ ބޮޑަށް ނުވިސްނާ…" ސަވާ އެހެން ބުނެލި ނަމަވެސް ކޮއްކޮގެ އެ ވޭނުން ފުރިގެންވީ ދެލޮލާއި އެ ވާހަކަތަކުގައިވި އަސަރު އޭނާއަށް ރަނގަޅަށް ފާހަގަކުރެވުނެވެ.
"އައި ވިޝް…." ފުން ނޭވާއެއް ދޫކޮށްލަމުން އިޝްފާން އެނދުގައި އޮށޯވެލިއެވެ. ހިތުގެ އެދުމަކީ ޒައިނާއާ އެކުގައި ވުމެވެ. އެހެންނަމަވެސް ސިކުނޑިން އެއީ ނާދިރުކަމެއްކަމުގައި ވިސްނައިދެމުން ދިޔައީތީ ހަށިގަނޑަށް ކުޑަވެސް ލުޔެއް ލިބޭގޮތެއް އިޝްފާންއަކަށް ނުވިއެވެ.
އިޝްފާންގެ ޙާލާމެދު ސަވާއަށް ހަމްދަރުދީވެވުނެވެ. އިޝްފާންގެ ލޯބި އިޝްފާންއަށް ހޯދައިދޭން އޭނާ ކިތަންމެ ހާވެސް ބޭނުމެވެ. ޒައިނާ ދެކެ އިޝްފާން ވާ ލޯބި އޭނާއަށް އަންދާޒާކޮށްލެވުނެވެ. ދެވަނަ ފަހަރަށް އެ ވޭނާ ގިލަންވެރިކަމުގެ ތެރެއަށް އިޝްފާން ޣަރަޤުވެގެން ދާތަން ބަލަން އޭނާ ކެތްކުރާނީވެސް ކިހިނަކުން ހެއްޔެެވެ؟
މަދީހާގެ ފޯނެއް އައުމާއެކު ފޯނު ނަގާ ސަވާ ވާހަކަ ދެއްކިއެވެ.
"އިޝްފާން އެބަ އޮތް… މަޑުކޮށްލައްޗޭ!..." ސަވާ ބުނެލިއެވެ.
"މަންމަ.... ވާހަކަ ދައްކަބަލަ!" އިޝްފާން އަތަށް ފޯނު ދެމުން ސަވާ ބުނެލިއެވެ.
"މި ގަޑިއަކު ނޫން." އިޝްފާން އެހެން ބުނެލި އަޑު މަދީހާއަށް ރަނގަޅަށް އިވުނެވެ.
"ސަވާ… ދަރިފުޅާ… ފަހުން ދެން އިޝްފާންއަށް ގުޅާލާނީ. ވަރުބަލި ވެފައެއްނު އޮންނާނީ…" މަދީހާ އޭނާގެ ވޭންތައް ވަންހަނާ ކުރަމުން ބުނެލިއެވެ.
"އާނ އޯކޭ މަންމާ… ބޭއްވީ އިނގޭ…ފަހުން ގުޅާނަން." ފޯނު ބާއްވާފައި ސަވާ ހިތްހަމަ ނުޖެހިފައި އިޝްފާންއަށް ބަލާލިއެވެ.
"އިޝްފާން! އެންމެ ފަހަރަކު މަންމައާ ވާހަކަ ދައްކާލަބަލަ. މަންމަ އިޝްފާންއަށް ކޮން ގެއްލުމެއް ދިނީ. އިޝްފާންއަށް ނޭނގުނަސް އަހަރެމެންނަށްޓަކާ މަންމަ ހާދަ ވިސްނުމެއް ވިސްނަޔޭ. މަންމަގެ ކަރުނަތަކުން އިޝްފާންއަށް އެއްވެސް އަސަރެއް ނުކުރޭތަ؟ މަންމަ ދޮންތަ ކައިރީގައި ރޮއިރޮއިފައި ދެއްކި ވާހަކަތައް އެނގޭނީ ދޮންތައަކަށްނު. އިޝްފާންގެ ގާތުން މަންމަ މާފަށް އެދޭނީ ކިހާ ދުވަހަކުތަ؟ އެ ވެސް މަޔެކޭ. ހިތެކޭ ވަނީ އެ މޭ ތެރޭގަވެސް. މަންމަ އަމިއްލަ ނަފްސު ކުށްވެރި ކުރާވަރު އިޝްފާންއަށް އެނގޭތަ؟ ބައްޕަ ވަގުތު ނުދެނީ ހަމައެކަނި އަހަރެމެން ދެމީހުންނަކަށް ނޫނޭ. މަންމައަށްވެސް. ތިހެން ކަންތައް ނުކުރޭ އިޝްފާން. މަންމައާ ވާހަކަ ދައްކާ. ވަގުތު ފާއިތުވެދާނެ. ތިހާ ވަރަށް މަންމަގެ ހިތުގައި ނުޖައްސާ. ތިހާ އަނިޔާވެރި ނުވޭ، ބައްޕަގެ ކުށުގެ އަދަބު މަންމައަށް ނުދީ. މަންމަ އިޝްފާން ދެކެ ވަރަށް ލޯބިވޭ…" އެހެން ބުނެލާފައި ސަވާ ގޮސް ވޯޑުން ނުކުތެވެ.
އިޝްފާން ސަވާގެ ވާހަކަތަކާ މެދު ވިސްނިއެވެ. އެހިތަށް ވެސް އަސަރުކުރިއެވެ. އެންމެ ފަހުން ފޯނު ނަގާފައި މަދީހާގެ ނަންބަރަށް ޑައިލްކޮށްލަން އުޅެފައިވެސް އޭނާ ފަސްޖެހުނެވެ. މޭމަތީގައި ފޯނު ބާއްވަމުން ނިތްމަތީގައި އަތް ޖައްސާލައިގެން އިޝްފާން އޮތީއެވެ.
ހުމުގެ އެއްވެސް އަލާމާތެއް ނެތުމާއެކު، އެރޭ އިޝްފާން ގެއަށް ދޫކޮށްލިއެވެ. ސަވާއާ އިޝްފާންއާ ދެމީހުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރީ އެކީގައެވެ. ކައި ނިމިގެން ތަށިތައް ނަގާފައި ސަވާ ވަނީ ކޮޓަރިއަށެވެ. ވަރުބަލިވެފައި ހުރުމުން އޭނާ ބޭނުންވީ ނިދާލާށެވެ. އިޝްފާން ނުކުމެލީ ބޭރު ޖޯއްޔަށެވެ. ޖޯލީގައި އޮށޯވެލުމާއެކު،، އޭނާ އުޑުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އުޑުމަތީގައި ރަސްކަން ކުރަމުން ދިޔަ ހަނދާ އެ ހަނދުގެ ދަރުބާރުގައި ރަސްކަން ކުރަމުން ދިޔަ ތަރިތައް ވެސް ވަރަށް ގިނައެވެ. ރޭގަނޑުގެ އަނދިރިކަމަށް މަރްހަބާ ކިޔަމުން ދިޔައިރު ތަރިތައް ފިޔަަޖަހާލާގޮތްވެސް ފެންނަނީ ހުވަފެނީ ގޮތަށެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތަކުގައި އާދައިގެ ވަރެއްގެ ފިނިކަމެއް ހިފާލާފައި ވެއެވެ. އެތައް އިރަކު ވިސްނަން އޮވެފައި އިޝްފާން އޭނާގެ ފޯނު ނަގާ މަދީހާގެ ނަންބަރަށް ގުޅާލިއެވެ.
ދެވަނަ ރިންގާއެކު މަދީހާ ފޯނު ފޯނު ނަގައިފިއެވެ.
"ދަރިފުޅާ! އިޝްފާން…" މަދީހާގެ އަޑު އިޝްފާންގެ ކަންފަތުގައި ޖެހުމާއެކު، އޭނާއަށް އާދަޔާ ޚިލާފު އަސަރު ތަކެއް ކުރިއެވެ. އެހެންނަމަވެސް ބުނާނެ ބަހެއް ދުލު ކުރިއަކަށް ނަޔެވެ. މަންމާއޭ ކިޔާފައި އެ ދުލުން މަދީހާއަށް ގޮވާ ނުލާތާ އެތަކެއް ދުވަހެކެވެ.
"ދަރިފުޅާ! ދަރިފުޅާ…" މަދީހާ ގޮވަ ގޮވާ ހުއްޓާ އިޝްފާން ފޯނު ކަނޑާލިއެވެ. އޭރު އޭނާގެ ދެލޮލުގެ ތެރެއަށް ވަނީ ކަރުނަތައް ޖަމާވެފައެެވެ.
"މަންމާ…." އިޝްފާންއަށް އެހެން ގޮވާލެވުނީ މަދީހާ އޭނާގެ ކައިރީގައި ހުރިނަމަވެސް ގޮވާލާނެހާ ލޯތްބާއެކީގައެވެ. ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ދާން ފެށުމާއެކު، އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން، އޭނާ ހިތްވަރުކުރަން މަސައްކަތް ކުރިއެވެ. ފުރަތަމަ ފަހަރަށް ހިތުގައި އުފެދިފައިވާ ޝަކުވާތައް އެއްފަރާތް ކޮށްލާފައި މަދީހާގެ ހިތަށް ކުރާނެ އަސަރާ މެދު އިޝްފާންއަށް ވިސްނެމުން ދިޔައެވެ. އެ ވިސްނުންތަކުގައި އެތައް އިރަކު އޭނާގެ އޮތެވެ.
އެގޮތުގައި ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އިޝްފާން އެކީ ރަނގަޅެއް ނުވިއެވެ. އެއް ދުވަހު ތަންކޮޅެއް ރަނގަޅިއްޔާ އަނެއް ދުވަހު އުޅެނީ ބަލިކޮށެވެ. ޑޮކްޓަރު ދީފައި ހުރި ބޭސް ބޭނުންކުރުމުން ތަދު ލުއިވާނަމަވެސް، ގައިގައި ވަރު ނުހުރުމާއި ނޭވާއަށް އުނދަގޫވުން އާއްމުކަމަކަށް ވިއެވެ. ޑޮކްޓަރަށް ދައްކަން މާލެ ދާން ސަވާ އިޝްފާންގެ ކައިރީގައި އެދުނު ނަމަވެސް، އިޝްފާން އެކަމަށް އިންކާރުކުރިއެވެ. އެއީ އޭނާ މިދޭތެރެއަކުން މާ ބާރު ގަދަ ޑްރަގްގެ ބާވަތްތަކެއް ބޭނުން ކޮށްފައި ހުއްޓާލީމާ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކެއްކަމުގައި ބުނެ އޭނާ ސަވާގެ ހިތްހަމަ ޖައްސާލަ ދިނީއެވެ.
ޒައިނާ ދެވަނަ ފަހަރަށް ވަރިވާން ކޯޓަށް ފޯމު ހުށައެޅިއެވެ. ނިހާދުގެ އިންޒާރުތަކަށް ފަސްޖެހޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ކޯޓުގައި އޮތް އަޑު އެހުމުގައި ޒައިނާ ނިހާދު އޭނާއަށް އަނިޔާކުރާކަމުގައި ބުންޏެވެ. އަދި ހެއްކެއްގެ ގޮތުން އަތުގައި ހުރި ނިޝާންތައް ދެއްކިއެވެ. ކޯޓުން މައްސަލަ ބެލުމަށްފަހު، އެ ކައިވެނި ދެމެހެއްޓުމުގެ އެއްވެސް މަސްލަޙަތެއް އޮތްކަމަށް ނުފެންނާތީ ޒައިނާ ބޭނުންވާ ގޮތަށް އެ ކައިވެނި ރުޅާލަދިނެވެ.
ގެއަށް ގޮސް ޒައިނާ ސޯފާގައި އިންއިރު، އޭނާ ހާސްވަމުން ދިޔައެވެ. އިތުރަށް ދެން އެގޭގައި ނޫޅެވޭނެކަން އޭނާއަށް އެނގެއެވެ. އެހެން ނޫނަސް ނިހާދު އުޅޭ ތަނެއްގައި އުޅޭކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ދެރައީ ގޮސް ވަންނާނެ ތަނެއް ނެތުމުންނެވެ. އޭނާގެ ބޮޑުދައިތަ ނިފާޝާ މަތިން ހަނދާންވެ ޒައިނާ ގުޅާލި ނަމަވެސް، ބޮޑުދައިތަގެ ފޯނު އޮތީ ނިއްވާލާފައެވެ. ނާއުންމީދުވި ހިތާ ދިމާލުގައި އަތް އަލާލެވުނީ މެއަށް ވީ އުނދަގުލުގެ ސަބަބުންނެވެ. ނިފާޝާފެ ގެއިން އޭނާއަށް ހިމާޔަތެއް ނެތްކަން އެނގުނު ނަަމަވެސް، ގުޅާލެވުނީ އުންމީދު ކުރެވުނީތީއެވެ.
ޒައިނާ ހީކުރީ ނިހާދު ގެއަށް އައިސް އޭނާއަށް ވަރަށް އަނިޔާކުރާނެކަމަށެވެ. އެހެންނަމަވެސް ވަގުތުތައް ފާއިތުވަމުން ގޮސް، އިރު އޮއްސުނުއިރުވެސް ނިހާދު ގެއަކަށް ނައެވެ. އިޝާ ނަމާދު ކޮށްލައިގެން ނުކުމެ ޒައިނާ ސޯފާގައި އިށީނދެލީ ދެން ހަދާނެ ގޮތަކާ މެދު ވިސްނާށެވެ. ފޯނު ނަގާ އަނެއްކާވެސް ބޮޑުދައިތަ ނިފާޝާގެ ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ފޯނެއް ނުނަގައެވެ.
*****
"މިހާރު ރުޅި މަޑުވެއްޖެތަ؟" އެނދުގައި އޮށޯވެލައިގެން އޮތް ނިހާދަށް ބަލާލަމުން އެތެރެއަށް ވަތް ޒީނަތު ސުވާލުކޮށްލިއެވެ.
"ކީއްވެތަ އޭނަ ނިހާދު ދޫކޮށްލީމަ ތިހާ ރުޅި އަންނަނީ. އަހަރެންވެސް މިހުރީނު." ޒީނަތު ތުއިވެލިއެވެ.
"ކޮފީއެއް ގެނެސްދެންތަ؟ އޭރަށް ނިދިވެސް ފިލާފާނެ." ނިހާދު ދެންމެ ނިދާ ހޭލީތީ ކޮފީއެއް ބޭނުންވެދާނެކަމަށް ވިސްނާ ޒީނަތު ބުންޏެވެ.
"ނޫނޭ. އަހަރެން ގެއަށް ދާން ވެއްޖެ." އެނދުން ތެދުވަމުން ނިހާދު ބުންޏެވެ. އެއަށްފަހު ގަމީސްލަމުން ކޮޓަރިން ނުކުތެވެ.
"އެ ޒައިނާ މަތިން މާ ބޮޑަށް ހަނދާންވީތަ ތި ދަނީ؟." ޒީނަތުގެ އަޑާއެކު ނިހާދު ހުއްޓުނެވެ. އެއަށްފަހު ފަސް އެނބުރިލާފައި އޭނާ ޒީނަތުގެ ގާތަށް އައިސް ހުއްޓުނެވެ.
"އޭނަ އަދިވެސް އަހަރެންގެ ގޭގައި ހުރިތޯ ބަލަން ޖެހޭނެއެއްނު. އައި ވިލް ކޯލް ޔޫ އިނގޭ." ޒީނަތުގެ ކޮލުގައި އަތް ޖައްސާލާފައި ނިހާދު އެހެން ބުނެލާފައި ގޮސް އެގެއިން ނުކުތެވެ. ޒީނަތުގެ އާއިލާ މީހުން ރާއްޖޭން ބޭރަށް ގޮސްފައިވާތީ އެގޭގައި އިތުރު މީހަކު މި ދުވަސްކޮޅަކު ނޫޅެއެވެ.
*ޓްރިގަރ ވާރނިންގ*
ނިހާދު ގެއަށް ދިޔައިރު ޒައިނާ ސޯފާގައި އިންތަން ފެނުމާއެކު، އޭނާގެ ރުޅިގަނޑު ހިލުނެވެ. އެއާއެކު އެ ދިޔަ ބާރުމިނުގައި ގޮސް އޭނާ ޒައިނާ ކޮޅަށް ނަގާ އަޅާފައިވާ ބުރުގާ ދަަމައިގަތެވެ. ކަރު ދޮށުގައި ޖަހާފައިވާ ދަތި، ކަރުގައި އެޅި ތޫނު ދިލައެއް ނަގައިގެން ދިޔުމާއެކު ޒައިނާގެ އަނގައިން ވޭނީ އާހެއް ނުކުތެވެ.
"ކީއްކުރަން މިތާ ތީނީ؟ ކަލޭ ދޭބަލަ ކަލޭގެ ލޯބިވެރިޔާއާ އެކީ…" ޒައިނާގެ ކަރުގައި ހިފަމުން ނިހާދު ބުނެލިއެވެ. އޭނާ ހުރީ ރުޅިގަނޑު ކޮންޓްރޯލް ކުރެވޭ ޙާލަތެއްގައިއެއް ނޫނެވެ. ޒައިނާ ނޭވާ ނުލެވިގެން ތެޅެން ފެށުމުން ކަރުން ދޫކޮށްލާފައި އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ގެންދަން ފެށީ ޒައިނާއަށް އަނިޔާކުރަމުންނެވެ. ޒައިނާގެ ރުޅިއާ ވޭނީ ގިސްލުމުގެ އަޑަށް ނިހާދު ސަމާލުކަމެއް ނުދިނެވެ.
"ކަލެއަކަށް މިހާރު މިގެއިން ޖާގައެއް ނެތް." ނިހާދު ބުންޏެވެ.
"އަހަރެން ނޫޅެމޭ މިގޭގައި ހުންނާކަށް. އަހަރެން ދާށޭ މިއުޅެނީ…" ޒައިނާ ރޮމުން، ބުނަމުން ދިޔައެވެ.
ޒައިނާގެ އެ ވޭނީ އަޑު ބޭރު ޖޯލީގައި އޮތް ސަވާގެ ކަންފަތުގައި ޖެހުމާއެކު އޭނާ ތެދުވިއެވެ. ގެއަށް ވަދެ އިޝްފާންގެ ކޮޓަރީގައި ޓަކި ޖަހާލާފައި ދޮރު ހުޅުވާލިއިރު އިޝްފާން ފާޚާނާއިން ނުކުންނަނީއެވެެ.
"އިޝްފާން. ޒައިނާ ހަޅޭއްލަވާ އަޑާ ރޯ އަޑު އެބަ އިވޭ…" ހާސްވެފައި ސަވާ ބުނެލިއެވެ. އިޝްފާން އަވަސް އަވަހަށް ކޮޓަރިން ނުކުމެލިއެވެ. ސަވާ އާ ދެމީހުން ބޭރަށް ނުކުތްއިރު ނިހާދު ގޯތިތެރެއަށް ޒައިނާ ކޮށްޕާލަނީއެވެ.
(ނުނިމޭ)