2034ވަނަ އަހަރުގެ ވޯލްޑް ކަޕަށް 11 ސްޓޭޑިއަމް ހެދުމަށް ސައުދީން ނިންމާފައިވޭ

އަލް ހޮބާރުގައި ހުންނަ އަރަމްކޯ ސްޓޭޑިއަމް: ފޮޓޯ/ ފީފާ

ސައުދީ އަރަބިއާއިން 2034ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް އެދި ބިޑް ހުށަހަޅާފައިވާއިރު، އެމުބާރާތަށް މުޅިން އަލަށް 11 ސްޓޭޑިއަމް ހެދުމަށް ނިންމާފައިވާކަން އެގައުމުން ހުށަހެޅި ބިޑުން ހާމަވެއްޖެއެވެ.

ސައުދީ އަރަބިއާއަކީ މި މުބާރާތް ބޭއްވުމަށް އެދި ބިޑު ހުށަހެޅި ހަމައެކަނި ޤައުމެވެ.

ބިޑުގައި ވާގޮތުން ސައުދީ އަރަބިއާއިން ނިންމާފައި ވަނީ 2034ވަނަ އަހަރުގެ މުބާރާތް 15 ސްޓޭޑިއަމްއެއްގައި ބޭއްވުމަށެވެ. އަލަށް ހެދުމަށް ނިންމާފައިވާ 11 ސްޓޭޑިއަމްގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ސިޓީއެއްގައި ބިމުގެ ފަސް ގަނޑަށްވުރެ 350 މީޓަރު އުހުގައި ހެދުމަށް ހަމަޖެހިފައިވާ ނެއޯމް ސްޓޭޑިއަމެވެ.

ނެއޯމްގެ ނަންދީފައިވާ މިސިޓީ ހެދުމަށް ސައުދީ އަރަބިއާއިން ނިންމާފައިވަނީ އެޤައުމުގެ ހުޅަނގު އުތުރު ސަހަރައްދުގައެވެ. އަދި ބުނެވޭގޮތުގައި މިސިޓީއަށް މީހުންނަށް ދަތުރު ކުރެވޭނީ ހައި ސްޕީޑް ލިފްޓާއި ޑްރައިވަރަކާ ނުލާ ދުއްވާ ވެހިކަލްތަކުގައެވެ.

ބިޑްގައި ވާގޮތުން މި ސްޓޭޑިއަމްގެ ހުރިހާ ކަމެއްވެސް ކުރާނީ އިޔާދަ ކުރަނިވި ހަކަތައިގެ ޒަރިއްޔާއިންނެވެ. އަދި ނެއޯމް ސިޓީގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ހެދުމަށް ވެސް ސައުދީ އަރަބިއާއިން ވަނީ ނިންމާފައެވެ.

ބުނެވޭގޮތުގައި 2034ވަނަ އަހަރު އަންނަންވާއިރަށް އަހަރަކު 12 މިލިއަން މީހުން އެތެރެއާއި ބޭރުގެ އުދުހުންތަކަށް މި އެއާޕޯޓް ބޭނުން ކުރާނެއެވެ. ނެއޯމް ސްޓޭޑިއަމްގައި ކުޅުމަށް ސައުދީން ރާވާފައިވަނީ ކުއާޓާ ފައިނަލްގެ މެޗެކެވެ.

ބިޑުގައި ވާގޮތުން 2034ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ސައުދީ އަރަބިއާއިން ކަނޑައަޅާފައިވާ 15 ސްޓެޑިއަމްގެ ތެރެއިން އަށް ސްޓޭޑިއަމް ހުންނަނީ ވެރިރަށް ރިޔާދުގައެވެ. އަދި ޖިއްދާގައި ހަތަރު ސްޓޭޑިއަމް ހުންނަ އިރު، އަލް ހޮބާރާއި އަބްހާ އަދި ނެއޯމްގައި އެއް ސްޓޭޑިއަމް ހުރެއެވެ. އެ ސްޓޭޑިއަމް ތަކަކީ:

ރިޔާދު:

  1. ކިންގް ސަލްމާން އިންޓަނޭޝަނަލް ސްޓޭޑިއަމް - 92،760 މީހުންގެ ޖާގަ
  2. ކިންގް ފަހަދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމް - 70،200 މީހުންގެ ޖާގަ
  3. ޕްރިންސް މުހަންމަދު ބިން ސަލްމާން ސްޓޭޑިއަމް - 46،979 މީހުންގެ ޖާގަ
  4. ނިއު މުރައްބާ ސްޓޭޑިއަމް - 46،010 މީހުންގެ ޖާގަ
  5. ރޮޝުން ސްޓޭޑިއަމް - 46،000 މީހުންގެ ޖާގަ
  6. ޕްރިންސް ފައިސަލް ބިން ފަހަދު ސްޕޯޓްސް ސިޓީ ސްޓޭޑިއަމް - 46،865 މީހުންގެ ޖާގަ
  7. ސައުތު ރިޔާދު ސްޓޭޑިއަމް - 47،060 މީހުންގެ ޖާގަ
  8. ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމް - 46،319 މީހުންގެ ޖާގަ

    ޖިއްދާ:

  9. ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމް - 58،432 މީހުންގެ ޖާގަ
  10. ގިއްދިޔާ ކޯސްޓް ސްޓޭޑިއަމް - 46،096 މީހުންގެ ޖާގަ
  11. ޖިއްދާ ސެންޓްރަލް ޑެވެލޮޕްމަންޓް ސްޓޭޑިއަމް - 45،794 މީހުންގެ ޖާގަ
  12. ކިންގް އަބްދުﷲ އިކޮނޮމިކް ސިޓީ ސްޓޭޑިއަމް - 45،700 މީހުންގެ ޖާގަ

    އަލް ހޮބާރު:

  13. އަރަމްކޯ ސްޓޭޑިއަމް - 46،096 މީހުންގެ ޖާގަ

    އަބްހާ:

  14. ކިންގް ޙާލިދު ޔުނިވާސިޓީ ސްޓޭޑިއަމް - 45،428 މީހުންގެ ޖާގަ

    ނެއޯމް:

  15. ނެއޯމް ސްޓޭޑިއަމް - 46،010 މީހުންގެ ޖާގަ

އެންމެ ފަހުން 2022ވަނަ އަހަރު ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ހުރިހާ ކަމަކަށް އެޤައުމުން 220 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ސައުދީ އަރަބިއާއިން ހުށަހެޅި ބިޑްގައި މުޅި ޖުމްލަ ޚަރަދު ވާނެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް ބެލެވޭގޮތުގައި ގާތްގަޑަކަށް އެދަދަށް ނުވަތަ އެއަށްވުރެ ގިނައިން ޚަރަދު ވާނެއެވެ.

ސައުދީ އަރަބިއާގައި 2034ވަނަ އަހަރުގެ މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބިއްޖެނަމަ އެމުބާރާތް ވެސް ބޭއްވުން އެންމެ ގާތީ ޤަތަރެކޭ އެއްގޮތަށް އަހަރުގެ ފަހުކޮޅު މެދުއިރުމައްޗަށް ފިނި ދުވަސް ވަރުއެވެ. ޤަތަރުގެ މުބާރާތާ ދިމާކޮށް ޔޫރަޕުގެ ގައުމުތަކުން އެޤައުމުތަކުގެ ޑޮމެސްޓިކް ސީޒަންތަކުގެ މެދުތެރޭގައި މުބާރާތް ކުޅެން ނިންމުމާ ގުޅިގެން ހިތްހަމަ ނުޖެހުން ފާޅުކުރި ފަދައިން މިފަހަރުވެސް އެކަން ކުރިމަތިވުމަކީ ގާތް ކަމެކެވެ.

މީގެއިތުރުން ޤަތަރު ވޯލްޑް ކަޕާ ދިމާކޮށް އިވެމުންދިޔަ އިންސާނީ ހައްގު ތަކާއި އެހެނިހެން ކަންތައްތަކުގެ ވާހަކަ ޤަތަރެކޭ އެއްގޮތަށް ސައުދީ އަރަބިއާއަށް ވެސް އަޑުއަހަށް ޖެހޭނެކަން މިއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 2034 ވަނަ އަހަރުގެ މުބާރާތް ބާއްވާނެ ޤައުމެއް ފީފާއިން ނިންމުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ.

މިމުބާރާތް ސައުދީ އަރަބިއާގައި ބާއްވާ ގޮތަށް ނިންމައިފިނަމަ ވާނީ، 48 ޓީމަށް މުބާރާތުގައި ވާދަކުރާ ޓީމު ތަކުގެ އަދަދު އިތުރު ކުރާފަހުން އެއް ޤައުމެއްގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށެވެ.

comment ކޮމެންޓް