މިލާން އަތުން ޔޫރަޕްގެ ޗެމްޕިއަން ރެއާލް ބަލިވެއްޖެ

ޔުއޭފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް އާއި އިޓާލިއަން ސެރީއާގެ އޭސީ މިލާން ބައްދަލުކުރި މެޗު މިލާން ކާމިޔާބު ކޮށްފިއެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެމެރިކާއަށް ޕްރީ ސީޒަން ޓުއާ ކުރަމުންދާ މި ދެ ޓީމުގެ ކުރިމަތިލުން އޮތީ ޝިކާގޯގެ ސޯލްޖާ ފީލްޑް ގައެވެ. މި މެޗު މިލާން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ މިލާންއިންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި މިލާންއަށް ކާމިޔާބު ކޮށްދިނީ އެ ޓީމަށް ކުޅޭ ނައިޖީރިއާގެ ފޯވާޑް ސެމިއުލް ޗުކްވުއޭޒޭއެވެ.

އޭނާ ވަނީ އެންމެ ފަހުން މެންޗެސްޓާ ސިޓީއާ ކުޅުނު މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ރެއާލް މެޑްރިޑްގެ މުހިންމު ގިނަ ކުޅުންތެރިން އަދި ޓީމާ ގުޅިފައިނުވާތީ ޒުވާން ގިނަ ކުޅުންތެރިންތަކެއް މި މެޗުން ފެނިގެންދިޔައެވެ. ރެއާލްއަށް ދާދިފަހުން ސޮއިކުރި ފަރަންސޭސިވިލާތުގެ ޤައުމީ ޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ އާއި ރޮޑްރިގޯ އަދި އިންގްލަންޑްގެ ޖޫޑް ބެލިންހަމް އަދި ޓީމާ ގުޅިފައެއް ނުވެއެވެ. ނަމަވެސް ރެއާލްއަށް ވަރަށް ފަހުން ސޮއި ކުރި ބްރެޒިލްގެ ޒުވާން ފޯވަޑް އެންޑްރިކް ވަނީ ފުރަތަމަ ހާފުގައި ކުޅެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ވަނީ މި މެޗުގައި އެންޑްރިކް ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ. އަދި އޭނާގެ ހުނަރުވެރިކަމާއި ހަލުވިކަން ވަރަށް ރަނގަޅަށް މި މެޗުގައި އޭނާ ދައްކައިދިން ކަމަށް އެންޗެލޯޓީ ބުންޏެވެ.

މި ކާމިޔާބީއާއެކު މިލާންގެ އާ ކޯޗު ޕައުލޯ ފޮންސޭކާ މި ވަނީ އޭނާގެ ބެލުމުގެ ދަށުން މިލާން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް އެ ޓީމު މޮޅުކޮށްދީފައެވެ. އެމެރިކާއަށް ކުރަމުންދާ ދަތުރުގައި މިލާން ދެން ބައްދަލުކުރާނީ ލަލީގާގެ އެފްސީ ބާސެލޯނާ އާއެވެ. އަދި ރެއާލްވެސް މި އަންނަ އާދިއްތަ ދުވަހު ބާސާ އާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު