މި ސަރުކާރުން ވިލިމާލޭގައި ތަރައްގީ ކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމާ ގުޅޭ ގޮތުން އިއްޔެ މަޝްވަރާކޮށްފިއެވެ.
ވިލިމާލެ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާ ސަރުކާރާ ހަވާލުކޮށްފައި ވަނީ މެއި މަހުގެ 22ގައެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ހޮސްޕިޓަލްގެ ފިސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމާއި އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކަންކަމާ ގުޅޭ ގޮތުން މި މަޝްރޫއުގެ މުހިންމު ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޖެންސީއާއި މާލެ ސިޓީގެ ހޮސްޕިޓަލްތަކުގެ ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުންނާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމުން ބައިވެރިވެފައިވެއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދަނީ ޗައިނާއާއި ރާއްޖޭގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަމަށެވެ.
މީގެއިތުރުން، މި މަޝްރޫއު ސަބަބުން ދިވެހިންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ގަބޫލު ކުރައްވާކަމަށް ވަންގް ލިޒިން ވިދާޅުވިއެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އަޅަން ނިންމިކަން ސަރުކާރުން ހާމަކުރީ ނިމިދިޔަ ޑިސެންބަރު މަހުގެ 27ވަނަ ދުވަހެވެ. އޭރު އެ މަޝްރޫއު އިއުލާންކުރެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.
މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަވައި ރައްޔިތުންނާ މުޚާތަބު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި މަޝްރޫއުއަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ހޮސްޕިޓަލް އަޅަން ބޭނުންވާ ބިން ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލާ އެކު ވިލިމާލޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.