"ތިބާއަށް އެނގިފައިވާ ކުޑަ ކުޑަ އިލްމެއްވެސް އެހެން މީހުންނަށް ފޯރުކޮށްދޭށެވެ. އެއީ ކުޑަ ހަދީސްއަކަށް ވިނަމަވެސް ހެވެވެ."

***

މާޒިމް ގަދަ ނިދީގައި އޮވެފައިވެސް އުރުޖުވާންގެ އަތުގެ ހިމާޔަތް ބަލައިގަތީ ހިނިތުންވުމެއްގައެވެ. އެ ހިނިތުންވުން އުރުޖުވާންގެ ހިތަށް ލުއި ކަމެއް ދިނެވެ. އުރުޖުވާން އިށީނދެ ސޯފާގައި ބޯ އަޅާލީ މާޒިމް އަށް ކުރިމަތިލައިގެންނެވެ.

" ﷲ ތިބާގެ ހުރިހާ ތަކުލީފެއް ލުއި ކުރައްވާށި.... ތި ކަރުނަ އެޅި ކޮން ކަމެއްކަން އެ އިލާހު ދެނެވޮޑިގެންވޭ....ސާބިތުކަމާއި ކެތްތެރިކަން ތި ހިތުގައި ލައްވާށި...." އުރުޖުވާން އަށް ހިތާ ހިތުން ކިޔާލެވުނެވެ. ނިންޖަށް ގެނބެމުންދިޔަ އުރުޖުވާން ގެ ލޯ މެރެމުން ދިޔައިރުވެސް ނަޒަރުވީ މާޒިމް ގެ މޫނަށް ހުއްޓިފައެވެ. ތުންފަތުގައި ވީ ފަނޑު ހިނިތުންވުމެކެވެ. ފަޖުރުގެ ބަންގީގެ އަޑަށް މާޒިމް އަށް ހޭލެވުނެވެ. ކުރިމަތީ އުރުޖުވާން ނިދިފައި އޮތުމުން ކުއްލިއަކަށް ތެދުވެވުނީ ސިހިފައެވެ. ބޮޑު ބިރެއް ފެނުނު ފަދައިންނެވެ. ނަމަވެސް އުރުޖުވާންގެ އަތުގައި އަޅާފައިވާ ކެވެލި ކޮޅު މާޒިމް ގަމީހުގެ ގިރުއާނުގައި އަޅައިގަތެވެ.

"އައުޗް....." އުރުޖުވާން އަށް އަތަށް ދެމުނުކަމުގެ އިހުސާސް ކުރެވި އަތަށް ތަދު އެރިއެވެ. ލޯ ހުޅުވާލައި ބަލައިލެވުނީ މާޒިމް އަށެވެ. އުރުޖުވާންގެ އަތަށް ވާން ނުކުރުމަށްޓަކައި މާޒިމް ކުޑަކޮށް ގުދުވެލީ ކެވެލި ކޮޅު ނައްޓަން މަސައްކަތް ކުރަމުންނެވެ.

"ލެޓް މީ ޑޫ އިޓް...." އުރުޖުޥާން ލުއި ހިނިތުންވުމެއްގައި ބުނެލީ މާޒިމް ގެ މޫނަށް ނަޒަރު ހުއްޓައިލަމުންނެވެ. އަދިވެސް މާޒިމްގެ މޫނުގައިވީ ނުތަނަވަސްކަމެކެވެ. އުރުޖުވާންގެ ފައިތިލަ އައްސިވެފައި ހުރމުން ތެދުވަން އުނދަގޫ ވާކަން މޫނު މަތީން ހާމަވުމުން މާޒިމް އަވަހަށް އޭނާ އަށް އެހީވިއެވެ.

" އެހާ އުނދަގޫ ކޮށް ނިދަން ނުވާނެ އެއްނު....އުރޫޖް ކިއްވެ މިތާ ނިދީ...." މާޒިމް ކަނބޮޑުވުން ފާޅުކުރިއެވެ. އޭނާގެ ލޮލުން ފާޅުވަނީ ހަމްދަރުދީއާއި އަޅައިލުމެވެ. އުރުޖުވާން ސޯފާއަށް އަންނަ ޖެހުނު ސަބަބު ރަނގަޅަށް އެނގުނެވެ.

" މާޒް ވެސް މިތާ ނިދީމަ....އޭޒް އަ ވައިފް އައި ފޮލޯ ޔޯ ފޫޓްސެޓެޕްސް...." ސޯފާގައި އިށީނދެލަމުން އުރުޖުވާން ހަމަޖެހިލިއެވެ. އެވަގުތު މާޒިމް ގެ ގިރުވާނުގއި ހުރި ލިޕްސްޓިކް ގެ ނިޝާން އުރުޖުވާންގެ ލޮލުގައި އަޅައިގަތުމާއެކު އަތް ދަމައިގަނެވުނެވެ. އަދި ކެވެލި ކޮޅުވެސް ކުދިކުދިވެގެން ދިޔައެވެ.

" އޯކޭ ތަ؟...އުރޫޖް" އުރުޖުވާން އޭނާގެ އަތުކުރީގައި ހިފައިގެން ހުރި ގޮތުން ތަދުވިކަން އެނގުނެވެ. ވާހަކ ދައްކަން ޖެހިލުންވެފައި އިން އުރުޖުވާން އަށް މޫނު އަނބުރާލެވުނީީ އަނެއް ފަރާތަށެވެ. ހަމަގައިމުވެސް އެއީ އޭނާގެ ގެންގުޅޭ ލިޕްސްޓިކްގެ ނިޝާނެއް ނޫނެވެ.

"އުރޫޖް....އޯކޭހެއްޔޭ؟" މާޒިމް ދެވަނަ ފަހަރަށް ވެސް އަހައިލިއެވެ. ބަސް ހުއްޓިފައިން އިން އުރުޖުވާން ކުއްލިއަކަށް ތެދުވެ ދުއްވައިގަތްގޮތަށް ފިޔަވަޅުތައް މަޑުޖެހުނީ ފާހާނާއަށް ވަދެފައެވެ.

"އުރޫޖް ދޮރުހުޅުވަބަލަ....ހޮޑު ލެވެނީތަ؟" މާޒިމް ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ. އަދި ބިންމަތީގައި އޮތް ކެވެލި ކޮޅުނަގައި ޖީބަށް ލިއެވެ. އެއީ ސަބިހާ އުރުޖުވާން ގެ އަތުގައި އަޅުވާލަދިން ވަރަށް ހާއްސަ ކެވެލި ކޮޅެކެވެ. ފާހާނާގެ ލޯގަނޑުކުރިމަތީ އުރުޖުވާން ހުއްޓިލައިގެން ހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލައިލަމުންނެވެ. ލޯ ކަރުނުން ބަރުވެފައި ހުރީ ހިތް ބާރަށް ތެޅޭ ހާލުގައެވެ. ހީވީ ދުނިޔެ ވެސް އެނބުރެނީ ހެންނެވެ. ކަރުނަ ފޮހެލައި މޫނު ދޮވެލުމަށް ފަހު ދޮރު ހުޅުވާލި ވަގުތު ފާރަށް ލެނގިގެން އިންތިޒާރުގައި މާޒިމް ހުރި ތަން ފެނުނެވެ.

" ތެދުތެދަށް ކިޔައިދީފާނަން؟އައި ކާންޓް ޓޭކް ދިސް އެނީމޯ...." އުރުޖުވާން އެންމެ ސިކުންތަކަށް ވެސް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ހިތުގައި ހުރި ޝައްކުތައް ފިލުވަން ބޭނުންވިއެވެ. މާޒިމް މޫނު އަނބުރާލީ އެފަދަ ގޮތަކަށް އުރުޖުވާން ކުރިމަތިލާފާނެ ކަމަކަށް އުއްމީދުނުކޮށްހުރުމުންނެވެ.

" މާޒް.....ޕްލީޒް...." މާޒިމް ގެ އަތުގެ މުލައްދަނޑީގައި ހިފައި ފިތާލިއެވެ. އެ އަޑުގައިވީ އާދޭހެވެ. މާޒިމް ހިންދިރުވާލުމަށް ފަހު އުރުޖުވާން ގެ އަތް ނައްޓާލިއެވެ.

" ޖަސްޓް ސްޓްރެސް...އުރޫޖް ވެސް އެއވެސް ގޮތަކަށް އަމިއްލަ ނަފްސަކަށް ބަލަނީ އެއް ނޫން...މިހާރު ބަނޑުބޮޑުވީމަ ޖެހޭނެ ވަރަށް ސަމާލުވާން...." މާޒިމް އުރުޖުވާން އާއި ވީފަޅިއަށް އެނބުރިލަމުން ވާހަކަ ދެއްކީ ތަންކޮޅެއް ހަރުކަށިކަމާއެކުއެވެ.

"ނޫން ތި ވާހަކަ އެއް ނޫން...މާޒް ކަމެއް ފޮރުވާ އެބަ....ކީއްވެ ރޭގަ ފަރަހް އައީ....ކީއްވެތަ ފަރަހް އަބަދުވެސް އަހަރުމެންގެ ދިރިއުޅުމުގެ ތެރޭގަ އުޅެންވީ....މާޒް އަހަރެން ބޭނުން ޖަވާބެއް...." އުރުޖުވާން އަށް ހިތުގަިއ ވި ހުރިހާ އުދާސް ތަކެއް ބޭރުކޮށްލެވުނެވެ. އިސް ޖަހާލައިގެން މާޒިމް ހުރީ އުރުޖުވާން އާއި ހަތަރުކަޅި ހަމަ ކުރާނޭ ހިތްވަރު ނެތިއެވެ.

" ލުކް އެޓް މީ....." އުރުޖުވާން ގެ އަޑު ބާރުވެގެން ދިޔައެވެ. އެހާ ރުޅިއާއި އެކީ އެހާ ބާރަށް މާޒިމް އަށް ބަހެއް ބުނި ފުރަތަމަ ފަހަރެވެ. މާޒިމް އަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

" އުރޫޖް....ޔޫ އާ ބީންގް ޗައިލްޑިޝް.....ޖެލެސީ ގަވެސް ހައްދެއް އޮންނަންވާނެ...ތިހާ ބޮޑަށް ފަރަހް އާއި މެދު ވިސްނަންވީ ކީއްވެ....އެހެން ނޫނަސް ފަރަހް އެއީ ކުޑައިރުއްސުރެ އެކީ އުޅުނު ރައްޓިއްސެއް...." މާޒިމް ހަގީގަތް ކިޔައިދޭން ބޭނުމެއް ނުވިއެވެ. އޭނާގެ ދޫ އެކަމަށް ފުރުސަތު ދޭން އިންކާރު ކުރާ ހެންހީވިއެވެ. ހިތުގައި އަނދަމުން ދިޔައީ ވޭނެވެ. އެ ބަސްތަކުން އުރުޖުވާން ގެ ހިތަށް ލިބޭނީ ކިހާ ބޮޑު ހިތްދަތި ކަމެއްކަން އެނގޭތީއެވެ. އުރުޖުވާން ގަބުވެފައި ހުއްޓާ މާޒިމް އޭނާގެ ކުރި ކަނޑާލާފައި ގޮސް ފާހާނާއަށް ވަނެވެ. އުރުޖުވާން ގެ ލޯ ފުސް ކުރަމުންދިޔަ ކަރުނަތައް ކޯތާފަތަށް ފައިބައިގަތެވެ. މާޒިމް ގެ ތަބީއަތަށް އެހާ ބޯޑު ބަދަލެއް އެންމެ ދުވަހެއްގެ ތެރޭގައި އައުމީ އޭނާ ހައިރާންކުރުވި ކަމެކެވެ. ހިތުގައިވި ބިރުވެރިކަމަށް ތަސައްލީ ލިބޭނީ ނަމާދުންކަން އޭނާއަށް އެނގުނެވެ. މާޒިމް ފާހާނާއިން ނިކުތް ވަގުތު ނަމާދުގައި ހުރި އުރުޖުވާން ފެނުނެވެ.

" އައި ޑޯންޓް ޑިޒާވް ހަ...." މާޒިމް އަށް ކިޔާލެވުނެވެ. އަވަހަށް ތައްޔާރުވެލައިގެން ނިކުންނަން ބޭނުންވީ އުރުޖުޥާން ނަމާދުކޮށް ނުނިމެނީހެވެ. އެންމެ ހިނދުކޮޅަކަށްވެސް އުރުޖުވާންގެ ލޯ ކުރިމަތީގައި އޭނާއަށް ހުރުމަށް ދަތިކުރުވަމުން ދިޔައީ އިހުސާސްތަކެވެ. ނަމާދުގައި ހުރެވުނަސް އުރުޖުވާންއަށް މާޒިމް ގެ އަވަސް ފިޔަވަޅުތަށް އިހުސާސްކުރެވުނެވެ. މާޒިމް ފިލަނީ ހަގީގަތް ހާމަކުރުމުންނެވެ.

***

" މި ބުނީ ނު ޖަވާބު ދޭށޭ......" ރާޤީ މަދީނާގެ ހަށިގަނޑުތެރޭގައި ހުރި ޖިންނި އާއި ސުވާލުކުރަމުންދިޔައެވެ. މަދީނާ ތުއި އަޑަކުން ހެމުން ދިޔައެވެ. ކެނާންއަށް އަތް މަޅާލެވުނެވެ.

" އޯހޯ.....ކެނާން ތިހާ ރުޅިން...." މަދީނާ ލޯ ބޮޑުކޮށްލަމުން ކެނާން އަށް ލޯ އަޅާލިއެވެ. ކެނާން އެއްޗެއް ބުނަން އަނގަ ހުލުވުމުން ރާޤީ އޭނާއަށް އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް އެދުނެވެ.

" މި ބޭ ގަނޑާ ހެދި ވާހަކައެއްވެސް ދެއްކޭކަށް ނެތް.....ނުވެސް ދޭނަންޖަވާބެއް ތިހެން ހެދީތީ ވެސް....."އޭނަ ބަރު އަޑަކުން ނުލަފާ ހިނގަނޑެއް ޖަހައިލިއެވެ. ރާޤީ ޤުރުޢާން ކިޔަވަން ފެށުމުން އޭނާއަށް އުނދަގޫ ވިއެވެ. އެކި ފަހަރުމަތީން ރޮއެ އާދޭސް ކުރަމުން ދިޔައީ ހަގީގަތް ކިޔައިދޭނެ ކަމަށް ވައުދުވަމުންނެވެ.

" އުވެއިސް ލަވްޑް ހަ......އުވެއިސް އެއީ އަހަރެންގެ މިލްކެއް....އެކަމަކު...މަދީނާ އާއި ހެދި އޭނަ އަހަންނަށް ގެއްލުނީ....ތި ނަބީލާ ގެ ބައްޕަ ހެދި ސިހުރަކުން އުވެއިސް ޖެހުނީ މަދީނާގެ ހަށިފާރަވެރިޔަކަށް ވާން...." އީވޯން ރޮމުން ވާހަކަ ދެއްކިއެވެ. ޤުރުއާން ކިޔެވުމުގެ ސަބަބުން އޭނަ ގައިގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ. އެވަގުތު އެގޭގެ ކުޑަދޮރު ހުޅުވުނެވެ. ބާރު ވައިރޯޅިއެއް ވަދެ މުޅިތަނަށް ވެރިވީ ހީ ފިލުވަން އުނދަގޫ ފިނި ކަމެކެވެ. އެވަގުތު ރާޤީ ޤުރުޢާން ކިޔަވައި ސުވާލުކުރިއެވެ.

"ތިއީ ކާކު؟" ރާޤީ ސުވާލުކުރިއެވެ. އޭނާގެ މޫނު މަތީންވެސް ނުތަނަވަސްކަން ވެރިވިއެވެ. މަދީނާވެސް ފުންމައިގެންގޮސް ތެދުވުނެވެ.

"އުވެއިސް.....އުވެއިސް..." ޖަވާބުދިނީ އިވޯންގެ އަޑުންނެވެ. އެވަގުތު ވަރަށް ބަރު އަޑަކުން އިވުނީ ސަލާމެކެވެ. އެ ކޮޓަރީގައި ތިބި އެންމެންގެ ގަައިން ހީބިހި ނަގއިދިޔައެވެ. މަދީނާ ހޭނެތިގެން ވެއްޓުނެވެ. އީވޯން އޭނަގެ ހަށިގަނޑު ދޫކޮށް އެތަނުން ފިލައިގެން ދިޔައީއެވެ. ރާޤީ އަށް ގެ ސަމާލުކަން ގެއްލުނު ހިނދުކޮޅު ފުރުސަތު ލިބުނީއެވެ.

" އަހަރެން ނެތިން މަދީނާއަށް އެއްވެސް ދެރައެއް ދޭން...އަހަންނަށް ތެދުމަގު ލިބުނު ދުވަހުން ފެށިގެން މަދީނާއަށް އެއްވެސް އުނދަގުލެއް ގޯނާއެއް ނުކުރަން....ޅަ އިރުއްސުރެ މަދީނާގެ ހިޔަންޏެއްގެ ގޮތުގައި އަހަރެން ހަމަޖައްސާފައިހުރީ ގެއްލުން ދިނުމަށް....އެކަމަކު...." އުވެއިސް ގެ އަޑު ކުރަކިވިއެވެ. ޖެހިލުންވީ މަދީނާ ދެކެ ލޯބިވެވުނުކަން ބަޔާންކުރުމަށެވެ. އެކަމަކު ރާޤީ ތަކުރާރުކޮށް ސުވާލުކުރުމުން ތެދު ކިޔައިދިނެވެ. މަދީނާވެސް ހޭވެރިކަންވެ ލޮލުގެ އެސްފިޔަތައް ތަޅުވަންފެށިއެވެ.

"އުވެއިސް....." މަދީާނއަށް ގޮވައިލެވުނެވެ. އެއާއެކު އުވެއިސް އެތަން ދޫކޮށް ދިޔައެވެ. އޭނާއަށް މަދީނާގެ އަޑުޖެހުމުން ނަފްސު ހިފެހެއްޓުމަށް އުނދަގޫ ވެދާނެތީ ބިރުގަތީއެވެ. މަދީނާ ދެކެ އިންތިހާ އާށް ލޯބިވެވުނަސް އެއީ އިންސާނެކެވެ.

"ދެން މިއަދަކަށް ފުދޭނެ...." ކެނާންގެ ރުޅި އިސްކުރެވުނެވެ. ހުރިހާ ވާހަކައެއް އަޑުއަހާފައި މަދީނާ ތަހައްމަލު ކުރަން ޖެހުނު ވޭނާއި މެދު އޭނާ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. އެހާ ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް މަދީނާ ރަނގަޅަށް ނުބެލުނު ކަމުގެ ދެރައެވެ.

" އެ ތެދެއް ދެން ކިޔަވާނެ ކަމެއް ނެތް....އެ އުވެއިސް އިސްލާމްވީ ދޯ.....އެހެންތާ ވާނީ....އެއީ މި އުޅޭ....ހަކީމުގެ ދަރިއެއްވީއާ...ހިނގާ މި ގޭމް ކުޅެން ދޯ....އެންމެ އަވަހަށް މަރުވާނީ ކާކުތޯ ބަލާ ގޭމް...." ނަބީލާގެ އަޑު ކަންފަތުގައި ޖެހުނެވެ. ހުޝަލް އެނބުރުނު ވަގުތު ނަބީލާ އިނީ އެއް އަތުން މެހެކްގެ ކަރުގައި ހިފަހައްޓައި ބާރުކޮށްލައިގެން އަނެއް އަތުން ވަޅި ހިފަހައްޓައިގެންނެވެ. އެންމެނަށް ލިބުނީ ބޮޑު ސިހުމެކެވެ. ހުޝަލް އަށް ދުއްވައިގަނެވުނެވެ.

" ނޯ ނޯ ނޯ.....ހަމަ ކަރަށް ހަރާލާނީ.....އިތުރު އެންމެ ފިޔަވަޅެއް އެޅިޔަސް...." ނަބީލާ އިންޒާރުދިނެވެ. އޭނަ މެހެކް ގެ ކަރަށް ފިތައި ބާރުކޮށްލިއެވެ. މީކާއިލް އެއވެސ ްޖެހިލުމެއް ނެތި ކުރިޔަށް ދިޔައީ އޭނާގެ ދައްތަ ސަލާމަތްކުރުމަށެވެ. މިކާއިލް ގެ އަތުގައި ވަޅިން ޖެހިގޮތަށް ޒަޚަމް ކޮށލްިއެވެ.

" ހީކުރީތަ ނުކުރާނެ ކަމަށް...." ނަބީލާ ރުޅި ގަދަވިއެވެ. އެވަގުތު ރާޤީ ޤުރުޢާން ބާރަށް ކިޔަވަން ފެށުމުން މެހެކްގެ ކަރުން އަތް ވީއްލިއެވެ. އަތުގައި އޮތް ވަޅި ވެސް ދޫވެގެން ވެއްޓުނެވެ. އޭނަ ކަންފަތުގަައި ދެ އަތް އަޅަމުން ކިޔެވުން ހުއްޓުމަށް އެދެމުން ދިޔައެވެ. ހުޝަލް އާއި ކެނާން ނަބީލާގެ ގައިގާ ހިފެހެއްޓިއެވެ. ގަދަހަދަނިކޮށް ގެނެސް އެނދުގައި ބޭއްވުމަށްފަހު ޗޭން އެޅީ މަޖުބޫރުވީވަރުންނެވެ.

މާޒިމް ގެއިން ނިކުމެގެން ދިޔަ ވަގުތު އަހްމަދު އޭނާއަށް ގޮވުމުންވެސް އަޅާނުލާ ދާން ހިނގައިގަތީ އަވަސް ވެފައި ހުރއެވެ. އެކަމަކު އަހަމަދު ދުވަމުންގޮސް އޭނަ އާއި އަރާ ހަމަކުރިއެވެ.

" އަހްމަދުބެ ތަނަކަށް ދާން ލަސްވެފަ....ފަހުން ވާހަކަ ދައްކާނަން...." މާޒިމް ދުރަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.

" ލަސްވިޔަސް މި ބަސް އަޑުއަހާފަ ދޭ....އުރުޖުވާން ގެ ހިތުގައި ޖެހޭ ފަދަ ކަމެއް މާޒިމް ކޮށްފި ދުވަހަކީ މާޒިމް ގެ ހަޔާތުން އުރުޖުވާން މުޅިން ގެއްލޭނެ ދުވަސް...އެކަން ހަނދާނުގައި ބަހައްޓާތި..." އަހަމަދު ދިނީ އިންޒާރެކެވެ. މާޒިމް އަށް އެނބުރިލެވުނެވެ. އަހްމަދުގެ މޫނުގައިވީ ސީރިޔަސް ކަމެވެ.

"ކީއް...ކިއްވެ ތިހެން...." މާޒިމްއަށް ވާހަކަދައްކަން އުދަގޫވިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު