ފިނިފެންމަލުގެ ކުލަތަކުން ރަމްޒުކޮށްދޭ މާނަތައް އެނގޭތަ؟

އެކި ކުލައިގެ މާތަކުން ތައްޔާރުކުރެވިފައިވާ މާބޮނޑިއެއް--ފޮޓޯ/ބްލޫމްސްބައިދަބޮކްސް

ފިނިފެން މަލަކީ ޒަމާނުއްސުރެ ގިނަ ބައެއްގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރީތި މަލެކެވެ.

ތަފާތު އެކި ކުލަތަކުން ފިނިފެންމާ ލިބެން ހުންނައިރު މިއިން ކޮންމެ ކުލައެއްވެސް ރަމްޒުކޮށްދެނީ ތަފާތު މެސެޖަކާ އެކު ތަފާތު އިހުސާސްތަކެކެވެ.

މާ ބަގީޗާތައް ހައްދާ އެކްސްޕާޓް ބާނީ ކެލީ ކީޓިން ބުނެފައިވާ ގޮތުގައި ގިނަ ބައެއްގެ ލޯތްބާއި ޤަދަރު ހޯދާފައިވާ ފިނިފެން މަލަކީ ތައްޔާރުކުރާ ކޮންމެ މާބޮނޑިއަކުން ވެސް ހާއްސަ ޖާގައެއް ހޯދާ މަލެއް ކަމަށެވެ.

އާއްމުގޮތެއްގައި މާ ވިއްކާ ފިހާރަތަކުން ފެންނަ ހުންނަ ފިނިފެންމަލުގެ ކުލަތަކަކީ، ރަތް ކުލަ، ފިޔާތޮށި ކުލަ، ނޫ ކުލަ، ރީނދޫ ކުލަ، ދަނބު ކުލަ، އޮރެންޖު ކުލަ، ހުދު ކުލަ އަދި ކަޅު ކުލައެވެ. މީގެއިތުރުން ބައެއް ކުލަތަކުގެ އެކި ޝޭޑުތައް ވެސް ވިއްކަން ހުރެއެވެ.

އެކި ކުލަތައް ހިމެނޭ މާ ބޮނޑި މީހަކަށް ހަދިޔާ ކުރާނަމަ އެ ކުލަތަކުގެ މާނަ އެނގުން މުހިއްމު--ފޮޓޯ/ޕިންޓްރެސްޓް

ރަތް ކުލައިގެ ފިނިފެންމާ

ރަތް ކުލައަކީ ވެސް ކުލައިގެ ޒާތުގައި ލޯތްބާ ގުޅި ލާމެހިފައިވާ ކުލައެއް ކަމުން މި ކުލައިގެ ފިނިފެން މަލަކީ ލޯތްބާއި، ޖޯޝާއި އިހުތިރާމު ރަމްޒުކޮށްދޭ ކުލައެކެވެ. ރަތް ކުލައިގެ ފިނިފެން މަލަކީ ކައިވެނީގެ ހަފުލާތަކުގައި އަދި ލޯބިވެރިން ފާހަގަކުރާ ތަފާތު އެކި މުނާސަބާތަކުގައި ބޭނުންކުރުމަށް އެންމެ އެކަށީގެންވާ ކުލައިގެ ފިނިފެން މަލެވެ. ރަތް ކުލައިގެ އިތުރުން ތަންކޮޅެއް ގަދަ ރަތް ކުލައަކީ އާ ފެށުންތަކާ އެކު މާޒީއަށް އަލްވަދާއު ކިޔަން ތައްޔާރުވާ ތައްޔާރުވުންތައް ރަމްޒުކޮށްދޭ ކުލައެކެވެ.

ނޫ ކުލައިގެ ފިނިފެންމާ

މި ކުލައިގެ މަލަކީ ހިތުގައި ފޮރުވިފައިވާ ފުން އިހުސާސްތައް ސިއްރުކުރެވިފައިވާ ކަމުގެ ސިގްނަލެއްގެ ގޮތުގައި ބޭނުންކުރާ ކުލައެއް ކަމަށް އެކްސްޕާޓް ބާނީ ކެލީ ކީޓިން ވަނީ ބުނެފައެވެ.

ކަޅު ކުލައިގެ ފިނިފެންމާ

ރާއްޖޭގެ މާ ފިހާރަތަކުން ވެސް ފެންނަ މި ކުލައިގެ ފިނިފެންމާ ރަމްޒުކޮށްދެނީ ކުލައިގެ ގޮތުން ވެސް ޑްރާމާއެވެ. މިއީ ހިތާމައިގެ ކުލައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކުލައެއް ނަމަވެސް ކަޅު ކުލައިގެ ފިނިފެންމަލަކީ އަމިއްލަވަންތަކަށް ރަމްޒުކޮށްދީ މީހާގެ ހިތްވަރުގަދަކަން ރަމްޒުކޮށްދޭ އެއްޗެކެވެ.

ރީނދޫ ކުލައިގެ ފިނިފެންމާ

ރީނދޫ ކުލައިގެ ފިނިފެންމަލަކީ އެކުވެރިކަމާއި އުފާވެރި ދުޅަހެޔޮކަން ރަމްޒުކޮށްދޭ އެއްޗެކެވެ. ހެޔޮއެދޭ ނުވަތަ ލޯބިވާ ރަހުމަތްތެރިއެއްގެ ދުވަސް އުޖާލާކޮށްލަދިނުމުގެ ގޮތުން ނުވަތަ ރަހުމަތްތެރިކަން ފާހަގަކޮށްލުމުގެ ގޮތުން ވެސް މި ކުލައިގެ މާބޮނޑިއެއް ހަދިޔާކުރެވިދާނެއެވެ.

ކުލަތަކުގެ ތެރެއިން އާއްމުގެ މެދުގައި އެންމެ މަގުބޫލު ކުލައަކީ ރަތް ކުލައިގެ ފިނިފެންމާ--ފޮޓޯ/ޕިންޓްރެސްޓް

ދަނބު ކުލައިގެ ފިނިފެންމާ

ހިތްގައިމު ދަނބުކުލައިގެ ފިނިފެންމަލުގެ ފަހަތުގައި ދެ މާނައެއް ފޮރުވިފައިވެއެވެ. ލިބޭ ކާމިޔާބީތަކުގައި މަރުހަބާ ދަންނަވާނަމަ މިއީ އެ މުނާސަބަތަށް އެންމެ އެކަށީގެންވާ ކުލައިގެ ފިނިފެންމާ ކަމަށް ކެލީ ކީޓިން ބުނެފައިވެއެވެ. ހަމައެއާއެކު މި ކުލަ އަކީ ފުރަތަމަ ނަޒަރުން ވެވޭ ލޯބި ރަމްޒުކޮށްދޭ ކުލައެއްވެސް މެއެވެ.

ފިޔާތޮށި ކުލައިގެ ފިނިފެންމާ

މި ކުލައިގެ ފިނިފެންމަލުން ނާޒުކުކަން ރަމްޒުކޮށްދެއެވެ. ތައުރީފާއި ލޯބި ރަމްޒުކޮށްދޭ ފިޔާތޮށި ކުލައިގެ ތަފާތު އެކި ޝޭޑުތަކުން ތިމާގެ މުހިއްމުކަން ރަމްޒުކޮށްދޭއިރު އެހެންމީހުންނަށް ޝުކުރުވެރިވެ އެ މީހުންގެ އަގުވަޒަންކުރާކަން މި ކުލައިގެ ޝޭޑްތަކުން ރަމްޒުކޮށްދެއެވެ. މި ޝޭޑުގެ ކުލަތަކުގެ ފިނިފެންމަލަކީ މަންމައިންގެ ދުވަސް ފަދަ މުނާސަބާތަކަށް އެންމެ އެކަށޭނެ ކުލައެވެ.

ހުދު ކުލައިގެ ފިނިފެންމާ

ހުދުކުލައިގެ ފިނިފެންމަލަކީ އޭގެ ވަހުން ވެސް ވަރަށް ގިނަ ބައެއްގެ ހިތުން ޖާގަ ހޯދާފައިވާ މަލެކެވެ. ހުދު ކުލައިގެ ފިނިފެންމާ ރަމްޒުކޮށްދެނީ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމާއި ހިތުގެ އިހުލާސްތެރިކަމެވެ. ހަމައެއާއެކު އާ ގުޅުމެއްގެ ފެށުމެއް ފާހަގަކުރާ ނަމަ ހުދުކުލައިގެ މާބޮނޑިއަކީ ކޮންމެހެން ވެސް އެ މުނާސަބާއަކަށް ގެންދަން އެންމެ ރަނގަޅު އެކައްޗެވެ.

މި ނޫނަސް ތަފާތު އެކި ކުލަތަކުގެ ފިނިފެންމާ ލިބެން ހުރިއިރު މިއިން ކޮންމެ ކުލައަކީ ވެސް ވަރަށް މުހިއްމު މެސެޖުތަކެއް ރަމްޒުކޮށްދޭ ފުން މާނައެއް އެކުލެވޭ ކުލަތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު