ދުރުގައި ވާން ނޭދުނަސް ހިތް... 33

"އިޝް…" ޒައިނާގެ ބަސްހުއްޓުނީ ދޮރު ހުޅުވާލި އަންހެން ކުއްޖާ ފެނިފައެވެ. އެއާއެކު އޭނާ ގެ ހަރަކާތްވެސް ހުއްޓިއްޖެއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކަކުލުން ތިރިއަށް އަންނަ ކުރުތާ ހެދުމެއް ލާފައި ހުރިއިރު، ހުރީ ޝޯލް އެއް އަޅައިގެންނެވެ. ހަންގަނޑުގެ ކުލަ އަލިވެފައި ރީއްޗެވެ. ހަމަ ގައިމުވެސް އެއީ މިރަށު ކުއްޖެއް ނޫނެވެ. އަނެއްކާ އިޝްފާން އެގެއިން ދިޔައީހެއްޔެވެ؟ އިތުރު ބަޔަކު އެގެއަށް އައީ ހެއްޔެވެ؟ އެ އަންހެން ކުއްޖާ އޭނާއާ ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން ޒައިނާ ލަދުގަންނަ ގޮތް ވިއެވެ.

ދޮރު ހުޅުވާލުމާއެކު ފެނުނު އަންހެން ކުއްޖާގެ ސަބަބުން ސަވާއަށް ވެސް ވަނީ ހައިރާންކަމެއް ވެރިވެފައެވެ. އިޝްފާންގެ ނަން ބުނަން އުޅެފައި އޭނާ ފެނުމުން އެ އަންހެން ކުއްޖާ ހުއްޓުން އެރި ގޮތް އޭނާއަށް ރަނގަޅަށް ފާހަގަވިއެވެ. އެ އަންހެން ކުއްޖާއާ އިޝްފާންއާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އެގޮތަށް އެގެއަށް އިޝްފާން ހޯދަން އަންނަހާ އެ ގުޅުން ގާތީ ހެއްޔެވެ؟ އެ އަންހެން ކުއްޖާގެ މޫނުމަތިން ހިނދުކޮޅަކަށް ނަމަވެސް، އޭނާއަށް ފެނުނު ބޭޤަރާރުކަން ފިލައިގެން ދިޔައީ އޭނާ ފެނުމުންނެވެ. އެހެންކަމުން ސަވާގެ ހިތުގައި އިތުރު ސުވާލުތައް އުތުރި އަރަން ފެށިއެވެ.

"ކީއްކުރަން؟" ލަސްލަހުން ސަވާ ސުވާލުކޮށްލިއެވެ. އިސްވެ ވާހަކަ ދައްކަން ގަސްތުކުރި ނަމަވެސް، އެ ކުއްޖާއާ ކުރާނެ ސުވާލެއް އޭނާގެ ޚިޔާލެއް ނައީތީ ހަމަ އެކަނި އަހާލެވުނީ އެހެންނެވެ.

"މީ… ސޮރީ… އަހަރެން ހީކުރީ އެހެން މީހެއް ކަމަށް އުޅޭނީ." އަނެއްކާ އެ އަންހެން ކުއްޖާއާ އިޝްފާންއާ ގުޅުމެއް ވަނީބާއޭ ވެސް ޒައިނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް، އެ ފަދަ ގޮތަކަށް ސިކުނޑިއަށް ވިސްނައިދޭން ބޭނުން ނުވާތީ، އޭނާ ޤަބޫލުކުރަން ބޭނުންވި ގޮތަށް ޖުމްލަތައް އަތުރައިލީއެވެ.

"އިޝްފާން ކަމަށްތަ؟" ސަވާ ސުވާލުކޮށްލިއެވެ.

"އޭނ.. ކީކޭ؟" އިޝްފާންގެ ނަން އިވުމާއެކު ޒައިނާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ސިކުނޑިއަށް ވިސްނައިދިން ގޮތާ އިދިކޮޅަށް ކަންތައް ވުމުން މާޔޫސްވިއެވެ. އިޝްފާން، އެ ދެމީހުންގެ ގުޅުމަށް ފުރުސަތު ނުދެވޭނެޔޭ ބުނި ސަބަބަކީ މިއީ ހެއްޔެވެ؟ އެއީ އިޝްފާންގެ އަންހެނުން ހެއްޔެވެ؟ނުވަތަ ލޯބިވެރިޔާ ހެއްޔެވެ؟ އޭނާގެ ފުށުން އެއްވެސް ކަމަކަށް އުންމީދު ނުކުރަން ބުނި ސަބަބު އެހެރީ އޭނާގެ ކުރިމަތީގައި ކަމުގައި ސިކުނޑިން ސިގްނަލް ދޭން ފެށުމުން އެތަނުގައި ހުންނަން ޒައިނާއަށް ދަތިވިއެވެ.

"އަހަރެން މީ ސަވާ…" ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވި މަޑުމޮޅިކަމާއި މާޔޫސްކަން ދެނެގަންނާކަށް ސަވާއަށް އުނދަގުލެއް ނުވިއެވެ. އެ މޫނުމައްޗަށް ވެރިވެފައިވާ އަސަރުތައް ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، އެ އަސަރުތައް ފޮރުވަން އެ އަންހެން ކުއްޖާ ނުކުޅެދިފައިވާ މިންވަރުވެސް ސަވާއަށް ފާހަގަވިއެވެ. އެ ދެމެދުގައިވި ނުތަނަވަސްކަން ދުރުކޮށްލުމުގެ ނިޔަތުގައި ސަވާ އޭނާގެ ތަޢާރަފެއް ދިނެވެ. އެ އަންހެން ކުއްޖާއާ އިޝްފާންއާ ދެމެދު ކޮންމެވެސް ކަހަލަ ގުޅުމެއް ވަނީ އޭ ސަވާގެ ހިތް ބުނަމުން ދިޔައީތީ އޭނާގެ ހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހާލިއެވެ. މާޒީގެ ހަނދާން ނައްތާލަން އިޝްފާންވެސް އެބަ ޖެހެއެވެ. އެ ޙަޔާތުން ރަނގަޅު އަންހެން ކުއްޖަކަށް ޖާގަ ދޭން އެބަ ޖެހެއެވެ. ނޫރާވެސް ވަނީ މީހަކާ އިނދެ ދިރިއުޅުމެއް ފަށާފައެވެ. އޭނާ ދެން އަލަކުން ދެން އިޝްފާންގެ ޙަޔާތަކަށް އޭނާ ނާންނާނެއެވެ. ކުރިމަތީގައި ހުރި އަންހެން ކުއްޖާއާ އިޝްފާންއާ އެފަދަ ގުޅުމެއް ވާނަމަ، އެއީ ހެޔޮ ފާލެކެވެ.

"ޒައިނާ…" ސަވާ ސަލާމްކޮށްލަން ދިމާކޮށްލި އަތުގައި ހިފާލަމުން ޒައިނާ ބުންޏެވެ.

"އިޝްފާން ދަންނަންތަ؟ ރައްޓެއްސެއްތަ؟" ސަވާ ސުވާލުކޮށްލިއެވެ.

"ނޫން. އާނ… މީ… އެހެރީ އަހަރެންގެ ގެ." އަތުން އިޝާރާތްކޮށްލަމުން ޒައިނާ އެހެން ބުނެލީ އުނދަގުލުންނެވެ.

"ނެއިބާރސް ދޯ…" ސަވާ ބުނެލިއެވެ.

"މީ… އަހަރެން ގޯތިތެރޭގަ އުޅޭއިރު އިޝްފާން ވަރަށް ފެންނާނެ. މި ހިސާބުގަނޑުގައި މީހުން އުޅޭ އިތުރު ގެއެއްވެސް ނުހުންނާނެ. މި ދޭތެރެއިން ބަލިކޮށް އުޅެފަ ނުފެނުނީމަ ބަލާލަން ވެގެން އަސްލު…." އޭނާއަށް އިޝްފާން އެނގޭ ގޮތުގެ ތަފްސީލެއް ދޭން ޒައިނާ މަސައްކަތްކުރިއެވެ.

"އެހެންތަ! އިޝްފާން ވަރަށް ބަލިކޮށް އުޅެނީ. އެޑްމިޓް ކޮށްފައި އޮންނަތާ ތިން ދުވަސް ވެއްޖެ." ސަވާ އެހެން ބުނެލުމާއެކު، ޒައިނާގެ މޫނުމަތިން ހާސްކަމެއް ފެނިލިއެވެ. އޭނާއަކީ އިޝްފާންގެ ކާކުކަން ބުނަން އުޅެފައިވެސް ސަވާ މަޑުޖެހުނެވެ.

"އެހެންވެގެންތަ ތިއައީ؟"

ޒައިނާ ބެލީ އާދައިގެ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ. އެހެންނަމަވެސް، ކުރިމަތީގައި ހުރީ އިޝްފާންއާ ކޮން ގުޅުމެއް އޮތް މީހެއްކަން ނޭނގޭތީ އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. އެ ހިތް އެދެމުން ދިޔައީ އެކަން އޮޅުން ފިލުވުމަށެވެ. އެހެންނަމަވެސް، ހިތުގެ އިޙްސާސްތައް ކޮންޓްރޯލްކުރަން ޒައިނާ މަސައްކަތްކުރިއެވެ. އެފަދަ ސުވާލެއް އޭނާ ސަވާ އާ ކޮށްފިނަމަ ސަވާ ހީކުރާނީ ކީކޭކަށް ހެއްޔެވެ؟ އެއީ އެންމެ ރަނގަޅު ގޮތަށް ނުވާނެތީ އެކަން ކުރަން ޒައިނާ ފަސްޖެހުނެވެ. ހަމައެއާއެކު ހިތަށް ވަމުން ދިޔަ އުނދަގޫތައް ބޮޑުވެ މޭ ވެސް ހީވަނީ ފިތެމުން ދިޔަހެންނެވެ. ނަފްސުވެސް ހީވަނީ ގޮތްހުސްވެ މާޔޫސްކަމުން ހައްޔަރުވެ ބަނދެވެމުން ދިޔަހެންނެވެ. އިޝްފާންއާ މެދު އެހިތުގައިވާ އިޙްސާސްތައް އޭގެ އެންމެ ފުރިހަމަ މިނުގައި ވަޒަންކޮށްލުމުގެ ފުރުސަތު ޒައިނާއަށް ލިބިއްޖެއެވެ. އެހިތުގައި އިޝްފާންއަށް ދެވިފައިވާ މަޤާމުވެސް، އޭނާއަށް ފަހުމް ވެއްޖެއެވެ. އެހެންނަމަވެސް، އަދި އޭނާ އަކީ މީހެއްގެ އަނތްބެކެވެ. އިތުރު މީހަކާ ގުޅުމެއް ބޭއްވުމުގެ ހައްޤެއް އޭނަގެ ނެތެވެ. އެހެންނަމަވެސް، އެހިތް އޮތީ އޭނާގެ އިޚްތިޔާރަކު ނޫނެވެ. ހިތަކީ އަބަދު އިންސާނާއަށް ކިޔަމަން ވާ އެއްޗެއް ނޫނެވެ. ބޭއިޚްތިޔާރުގައި އުފެދޭ ޖަޒުބާތުތަކުގެ ގިނި ނިއްވާލަން އެހާ އުނދަގުލީ އެހެންވެގެންނެވެ. އެހެންނަމަވެސް، އަމަލުތައް، އަމިއްލަ މީހާގެ ބާރުގެ ދަށުގައި ގެންގުޅުމަކީ އިންސާނާއަށް ލިބިގެންވާ އިޚްތިޔާރެކެވެ. ހިތުގެ އެދުންތަކާ ދެކޮޅު ހެދުމަކީވެސް އިންސާނާއަށް ކުރެވޭނެ ކަމެކެވެ. މިއަދު އޭނާގެ މި ގޭގެ އޮޅި ދޮށަށް އެ ގެނައީ އެ ހިތުގައިވާ އިޙްސާސްތަކުގެ ބާރުގައެވެ. އެހެންނަމަވެސް، އިތުރަށް ފިޔަވަޅެއް އެޅުމުގެ ބޭނުމެއް ނެތްކަން އޭނާއަށް ވިސްނިއްޖެއެވެ. ދެން އޮތް ގޮތަކީ އަމިއްލައަށް ވެސް އިޝްފާންއާ ދުރުގައި ހުރުމެވެ. ކެތް ނުކުރެވުނަސް އިޝްފާންއާ ދުރަށް ދިޔުމެވެ.

"އިޝްފާން ރަނގަޅުތަ؟" ވީ ގޮތް އަހަން ކިތަންމެ ބޭނުންވި ނަމަވެސް، އެހެން އަހަން ޒައނާގެ ދޫ ހަރަކާތް ނުކުމުން އޭނާއަށް އަހާލެވުނީ އިޝްފާންގެ ޙާލެވެ.

"މިހާރު ރަނގަޅު. ހަމަ ރޯގާގެ ކަންތައް." ޒައިނާގެ ހިތުގައިވީ އެއްޗެއް އެނގުނު ފަދައިން ސަވާ ބުނެލިއެވެ.

"އެހެންތަ! ދެން…ދަނީ އިނގޭ…" އިތުރު އެއްޗެއް ބުނާނެ ހިތްވަރު ނުލިބުމުން އެންމެ ފަހުން ޒައިނާ ފަސް އެނބުރި ގެއާ ދިމާލަށް ހިނގައިގަތެވެ. އިޝްފާންގެ އިތުރު ވާހަކައެއް ސަވާ ކައިރިން އަހާނެ ހިތްވަރުވެސް ޒައިނާގެ ނެތީއެވެ. އޭނާ ވަނީ ބަލިކަށިވެފައެވެ. ހިތުން ކުރެވުނު އުންމީދުތައް ފެނަށް ދިޔަ އިޙްސާސްއެއް ޒައިނާއަށް ކުރެމުން ދިޔައިރު، ބޭއިޚްތިޔާރުގައި އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ފަސް އެނބުރުމެއް ވެސް ނެތި ބާރު ފިޔަވަޅުތަކެއްގައި، ގޮސް ގެއަށް ވަނުމާއެކު ލޮލުގެ ތެރޭގައި ޖަމާވެފައި ހުރި ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބަގަތެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟ ލިބުން ނެތް ލޯތްބަކާ ދިމާލަށް އޭނާގެ ހިތް ދީލާލައިގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެ ހިތަށް މިހާ ވޭން މި ލިބެނީ ކީއްވެގެންހެއްޔެވެ؟ ހިތުގައި އުފެދުނު ޝަކުވާތައް ކަރުނައިގެ ސިފައިގައި ބަންޑުން ވަމުން ދިޔަ ޒައިނާގެ މުޅި ދުނިޔެވެސް ހީވަނީ ހުއްޓިފައި ވާހެންނެވެ.

ޒައިނާ ގެއަށް ވަނުމުން ސަވާ ވެސް ގެ ތަޅުލާފައި ދިޔައީ ފިހާރައަށެވެ. ކައްކަން ބޭނުންވާ ބައެއް ސާމާނާއި، ތަރުކާރީ ސޫޕެއް ތައްޔާރުކޮށްލަން ބޭނުންވާ ސާމާނު ހިފައިގެން، ގެއަށް އައިިސް ސަވާ އިޝްފާންއަށް ކާ އެއްޗެހި ތައްޔާރުކޮށްލިއެވެ. އަދި ގެނައި އޮރެންޖުތަކުން ތާޒާ ޖޫސް ވެސް ތައްޔާރުކުރިއެވެ. އެއަށްފަހު ފެންވަރާ ތާޒާވެލިއެވެ.

ކޮޓަރިން ނުކުމެފައި ދަބަސްތެރޭގައި ވޮލެޓް އޮތްތޯ ބަލާ ޗެކްކޮށްލި ސަވާ އޭގެ ތެރޭގައި ކަރުދާސްކޮޅެއް އޮތުމުން، އެ ނަގާ ބަލާލިއެވެ. އެއީ ބިލްކޮޅެކެވެ. ސިޓިން ރޫމުގައި ހުރި ޑަސްބިން ހުޅުވާލާފައި އޭގެ ތެރެއަށް އެ ކަރުދާސްކޮޅު ލާން އުޅުނު ވަގުތު އޭގެ ތެރޭގައި ހުރި ސިރިންޖާއި އިންޖެކްޝަންތައް ސަވާގެ ލޮލުގައި އަޅައިގަތެވެ. ރަނގަޅަށް އޭނާ އެ އެއްޗެއްސަށް ބަލާލިއެވެ. އެއީ ބާރުގަދަ ޑްރަގްގެ ބާވަތްތަކެކެވެ. އެ ރަށުގައި ހުރެވެސް އިޝްފާން މަސްތުވާތަކެތި ބޭނުން ކުރާކަން އެނގި ސަވާގެ ބޮލުގައި ރިއްސާލިއެވެ. އިޝްފާން އެ ބަލިވަނީ އޭގެ ސަބަބުންކަން ސަވާއަށް އެނގުނެވެ.

އިޝްފާން ދެކެ ހިތްހަމަ ނުޖެހުނު ސަވާ ދެރަވެސް ވިއެވެ. އެ ވަބާއިން އިޝްފާން މިންޖުކުރާނީ ކިހިނެއް ހެއްޔެވެ؟

ބަދިގެ ބަޔަށް ވަދެ އިޝްފާންއަށް ގެންދަން ތައްޔާރުކުރި އެއްޗެހި ހިފައިގެން ނުކުމެ ސަވާ ގޭ ދޮރު ތަޅުލިއެވެ. އެއަށްފަހު ސިއްޚީ މަރުކަޒަށް ދިޔައެވެ.

ކަރުތެރެ ފާރުވެފައި ހުރުމުން އިޝްފާންއަށް ސޫޕްވެސް ބޮވުނީ ވަރަށް ކުޑަކޮށެވެ. އިރުކޮޅަކުން ޑޮކްޓަރު އަތުވެއްޖެއެވެ.

"އިޝްފާންގެ އެހީތެރިޔާ ދެއްތޯ؟" ޑޮކްޓަރު ހީނާ ސަވާއަށް ބަލާލިއެވެ.

"ލައްބަ…" ސަވާ ބޯ ޖަހާލިއެވެ.

"އިޝްފާންގެ ލޭގައި އަދިވެސް އިންފެކްޝަންގެ އަސަރު އެބަ ހުރި. މިހާރުވެސް އައިވީކޮށް އެންޓިބައޮޓިކް ދެމުން މިދަނީ. މިކޮޅުގައި މިވަގުތު ހެދެން ހުރި ހުރިހާ ޓެސްޓެއް ހެދިއްޖެ. ވެދާނެ ރޯގާގެ ސަބަބުން ކަމަށް ވީ ގޮތެއްކަމަށްވެސް. އެކަމަކު މާ ބޮޑު ކުރިއެރުމެއް ނުލިބެންޏާ މާލެ ގޮސް ޚާއްސަ ޑޮކްޓަރަކަށް ދައްކާލަން ފެންނަނީ…" ޑޮކްޓަރ ހީނާ އޮޅުން ފިލުވައިދިނެވެ.

"ޑޮކްޓަރ. މިހާރު ކުރިއަށް ވުރެ ރަނގަޅެއްނު. މީ ހަމަ ރޯގާ…." އިޝްފާން މާލެ ދާން ބޭނުން ނުވާފަދައަކުން ބުނެލިއެވެ.

"މިހާރު މިއުޅޭ ހުމަކީވަރަށް ވަރުގަދަ ހުމެއް. ނަސީބަކުން ޑެންގޫ ނޫނީ ކޮވިޑެއް ނޫން. އެ ހުރިހާ ޓެސްޓަކަށް ނެގެޓިވް. އެހެންވީމަ ހޯޕް ފުލީ އިންޝާ ﷲ ވަރަށް އަވަހަށް ރަނގަޅު ވެދާނެ." ޑޮކްޓަރު ބުނެލިއެވެ.

"ގެއަށް ދޫކޮށްލާނީ ކޮން އިރަކުންތޯ؟" ސަވާ ސުވާލުކޮށްލިއެވެ.

އެތަނުގައި ހުރި ނަރުސް ކުއްޖާގެ ކައިރިން ޑޮކްޓަރު ހީނާ އިޝްފާންގެ ހުން ބަލާލުމަށެވެ.

"ނޯ ފީވަރ." ނަރުސް ކުއްޖާ ޑޮކްޓަރަށް ބަލާލިއެވެ.

"މިރޭ ވަންދެން އޮބްޒަވޭޝަންގައި ބާއްވާފައި، އިތުރަށް ހުން ނާންނަންޏާ ދޫކޮށްލާނަން." ހުރިހާ ކަމެއް އޮޅުން ފިލުވާލަ ދީފައި ޑޮކްޓަރު ދިޔުމުން، ސަވާ ގޮނޑީގައި އިށީނދެލިއެވެ. ފުރަތަމަ ފަށާނީ ކޮން ވާހަކައެއްކަން ނޭނގި އޭނާއަށް އިޝްފާންއަށް ބަލަހައްޓައިގެން އިނދެވުނެވެ. ފަށަންވީ ޒައިނާގެ ވާހަކަ ހެއްޔެވެ؟ ނޫނީ ސިޓިން ރޫމުގެ ޑަސްބިނުން އޭނާއަށް ފެނުނު މަސްތުވާތެކެއްޗާއި އިންޖެކްޝަންގެ ވާހަކަތައް ހެއްޔެވެ؟

"ދޮންތާ… ކިހިނެއްވީ؟" ސަަވާ ވާހަކަ ބުނަން ބޭނުންވެގެން އުޅޭހެން ހީވެ އިޝްފާން ސުވާލުކޮށްލިއެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު، ސަވާ އިޝްފާންއަށް ބަލާލިއެވެ.

"މިއަދު އިޝްފާން ހޯދަން އަންހެން ކުއްޖަކު އައި." ސަވާ އެހެން ބުނެލުމާއެކު އިޝްފާންއަށް އޭނާގެ ހަށިގަނޑު ސީދާކޮށްލެވުނެވެ.

"ކާކު؟" އެއީ ޒައިނާކަން ޔަޤީންވާ ޙާލު އިޝްފާން ސުވާލުކޮށްލިއެވެ.

"ޒައިނާ ކިޔަނީ؟ ވަރަށް ކަންތައްބޮޑުވެފަ ހުރީ. ޝީ ވޯސް… އައި ޑޯންޓް ނޯ.. ވޮރީޑް އެބައުޓް ޔޫ…" ޒައިނާގެ މޫނުމައްޗަށް ވެރިވި ކުލަވަރުތައް ހަނދާން ކުރަމުން ސަވާ ބުންޏެވެ. އިޝްފާންގެ ތުންފަތް މައްޗަށް ލުއި ލުއި ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. ޒައިނާ އޭނާއާ މެދު ވިސްނާކަން އެނގުމުން އެހިތުގައި އުފާވެރިކަމުގެ ވިންދެއް ޖަހާޅިއެވެ.

"އެއީ ހަމަ އެކަނި އަވެއްޓެރިއެއްތަ؟ ނޫނީ އިތުރު ގުޅުމެއް އޮންނަނީތަ؟" ޚިޔާލީ ދުނިޔެއިން އިޝްފާންއަށް ނުކުމެވުނީ ސަވާގެ ސުވާލާއެކުގައެވެ.

"ހަމަ އެކަނި އަވެއްޓެރިއެއް…" އިޝްފާން އެހެެން ބުނެލި ނަމަވެސް، ޒައިނާ އަކީ ހަމައެކަނި އޭނާގެ އަވައްޓރިއެއް ނޫނެވެ. އެހެންނަމަވެސް، އޭނާގެ ހިތުން ޖާގަ ދެވުނު އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖަކަށްތަކައި އޭނާގެ ހިތުގައި އިންތިހާ ދަރަޖައަށް ލޯބި އުފެދިފައިވާ އަންހެން ކުއްޖާާއެވެ. އެހެންނަމަވެސް ތަޤުދީރުގައި އޭނާއަށް ލިބެން ނެތް އަންހެން ކުއްޖެކެވެ. އެ ޙިޔާލުތަކުން އިޝްފާންގެ މޫނުމައްޗަށް މާޔޫސްކަމެއް ވެރިވެގެން ދިޔައެވެ.

"ދޮންތަގެ ހިތެއް ނުބުނޭ ތިހެންނެއްއެޗް… ކީއްވެ ތި ސިއްރުކުރަނީ. ދޮންތަ ފެނުމުން ޒައިނާގެ މޫނުމަތިން ފެނުނު އަސަރުތަކާއި، އިޝްފާންގެ މޫނު މަތިން ތި ފެންނަމުންދާ އަސަރުތައް ބުނެދެނީ އެހެން ވާހަކައެއް. ޔޫ ލަވް ހާރ..." އިޝްފާންގެ ހިތުގެ ޙާލު އެނގޭ ފަދައަކުން ސަވާ ބުނެލިއެވެ.

"ޝީ ޑޯންޓް ޑިސާރވް އަ ޕާރސަން ލައިކް މީ." އެހިތުގެ ރިހުންތަކުން ކުޑަ މިންވަރެއް އިޝްފާން ހާމަކޮށްލިއެވެ.

"ދެން ބީ ސަމްވަން ހޫމް ޝީ ޑިސާރވްސް. ޓްރައި…" ސަވާ އޯގާތެރިކަމާއެކު ބުނެލިއެވެ.

"އިޝްފާން އެކޭ އެއްގޮތަށް އެ އަންހެން ކުއްޖާގެ ލޮލުންވެސް ފެންނަނީ ލޯބި. އިޝްފާންއަށް ޓަކައިވާ ފުން އިޙްސާސްތަކެއް..." އިޝްފާން އެއްޗެއް ނުބުނުމުން ސަވާ އިތުރުކޮށްލިއެވެ.

"އައި ރިއަލީ ޑޯންޓް ޑިޒާވް ހާރ. އަހަރެންގެ ސަބަބުން ޒައިނާގެ ދިރިއުޅުން ހަލާކުވުން ނޫންކަމެއް ނުވާނެ! އައި އޯލްރެޑީ ޓޯލްޑް ހާރ ދެޓް … އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުންމީދު ނުކުރަން އޭނަ ކައިރީގައި ބުނިން." އަނެއްކާވެސަ އިޝްފާންއަށް ބުނެވުނެވެ.

" އިޝްފާން އޭނަ ދުރުކޮށްލީތަ؟ ޔޫ ޑިސާރވް އަ ބެޓަރ ލައިފް. ޕްލަސް އޭނަ ކީއްވެ އިޝްފާން ހޯދަން އަންނަންވީ އިޝްފާން އަމިއްލައަށް އޭނަ ދުރުކޮށްލުމުން. އޭނަގެ ހިތުގައި ޖެނުއިން އިޙްސާސްތަކެއް ނުވާނަމަ ނާންނާނެ." ސަވާ އިޝްފާން ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ. އެހާ ދުވަސްފަހުން ކޮންމެވެސް ވަރަކަށް ކަންތައްތައް ހިއްސާކޮށްލެވުމުން އިޝްފާންއަށް ލުއި ވިއެވެ.

"ދެން ބުނެބަލަ! މި ރަށު ކުއްޖެއް ދޯ އެއީ… ބޮޑު އާއިލާއެއްތަ؟ އެ ގޭ އެހެން ކުދިން ފެނޭތަ؟ ނޫނީ ތި ދެމެދުގައި ގުޅުމެއް އޮތްކަން އެމީހުންނަށް ޝައްކުވޭތަ؟" ސަވާ ބުނެލިއެވެ. އެ ސުވާލާއެކު އިޝްފާންގެ މޫނުމަތި ބަނަވިއެވެ.

"ދޮންތާ! އިޓްސް ކޮންޕްލިކޭޓް. އަސްލު… އަސްލު އަހަރެމެން ދެމެދު ތި ހީކުރާ ކަހަލަ ގުޅުމެއް ނެތް. ޝީ. ޝީ އިޒް މެރީޑް…" އިޝްފާން ހާމަކޮށްލި ވާހަކަ އަކުން ސަވާއަށް ޝޮކެއް ލިބިގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު