ޔޫރަޕިއަން ޔޫނިއަން (އިީޔޫ)ގެ އިތުރުން ތިން ގައުމެއްގެ އައު ސަފީރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފަތްކޮޅު އަރުއްވައިފިއެވެ.
އެގޮތުން މިއަދު ފަތްކޮޅު އަރުއްވާފައި ވަނީ ސްވިޒަލޭންޑް، ނިއުޒިލޭންޑް އަދި އެންގޯލާގެ އައު ސަފީރުންނެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހުރިހާ ސަފީރުން ވަޑައިގެންނެވީ، ރަސްމީ ޢިއްޒަތުގައި ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.
އައު ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން އެމަނިކުފާނު ވަނީ އެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ.
ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަންއާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ޔޫރަޕިއަން ޔޫނިއަންގެ އައު ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯއާ މަޝްވަރާކުރައްވާފައެވެ. އެގޮތުން ސަމޯއާ އެއްބަސްވުމުގައި ސޮއިކުރެއްވުމާ ގުޅިގެން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމާގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އީޔޫއިން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ސްވިޒަރލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑރ. ސިރީ ވޯލްޓް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުން--- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ ސްވިޒަލޭންޑްގެ އައު ސަފީރު ޑރ. ސިރީ ވޯލްޓާއި ނިއުޒިލޭންޑުގެ ސަފީރު ޑޭވިޑް ޕައިންގެ އިތުރުން އެންގޯލާގެ އައު ސަފީރު ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިނާއި މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް މަޝްވަރާ ކުރައްވާފައި ވެއެވެ.

ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޭވިޑް ޕައިން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް އެރުވުން--- ފޮޓޯ/ ރައީސް އޮފީސް
ސްވިޒަލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ސްވިޒަލޭންޑް ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯ ސިޓީގައެވެ.