ބީއެމްއެލްގެ ވެރިންގެ މުސާރަ ހާމަކުރާކަށް ނުޖެހޭނެ: ސުޕްރީމް ކޯޓު

ބީއެމްއެލްގެ ބޯޑު: ސުޕްރީމް ކޯޓުން ވަނީ ބީއެމްއެލްގެ ވެރިންގެ މުސާރަ ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމައިފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވެރިންގެ މުސާރަ އަކީ ޒާތީ މައުލޫމާތެއް ކަމަށާއި އެ މައުލޫމާތު ހާމަކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިފަދައިން ނިންމީ، ބީއެމްއެލްގެ ވެރިންގެ މުސާރައާ ގުޅިގެން އައިމަން ލަތީފު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އޭނާ އެދިފައި ވަނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލް ވަކިވަކިން ދިނުމަށެވެ. އަދި ބޭންކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މަގާމުތަކުގެ ތަފުސީލު ދިނުމަށް ވެސް އައިމަން އެދިފައިވެއެވެ.

އޭގެ ކުރިން އޭނާ އެ މައުލޫމާތު ދިނުމަށް އެދި ބޭންކަށް ހުށަހެޅުމުން ބޭންކުން އެ މައުލޫމަތު ދީފައެއް ނުވެއެވެ.

އެހެންވެ އައިމަން އެ މައްސަލަ އައިކޮމްއަށް ހުށަހެޅުމުން އައިކޮމް އިން ނިންމީ ބޭންކުން އެ މައުލޫމާތު އައިކޮމްއަށް ދޭން ޖެހޭނެ ކަމަށެވެ. މި ނިންމުމާ މެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އިސްތިއުނާފު ކުރަން ބީއެމްއެލްއިން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ.

ހައިކޯޓުން ވެސް ނިންމީ އައިކޮމްއިން މި މައްސަލައިގައި ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސިއޫދު ހާމަކުރައްވާފައިވާ ރައުޔުގައި ވަނީ، ބީއެމްއެލްއަކީ ދައުލަތުގެ އިދާރާއެއް ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރަން ފެންނަ ކަމަށެވެ. އަދި، އައިމަން ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއްކަމަށް ވާތީއާއި، އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތަކަށް ވާތީ، އެއީ ދޫކުރަން ޖެހޭ މައުލޫމާތެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މި ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ.

comment ކޮމެންޓް