ކަމަނާގެ ރޯލަށް އައްޒަ 17 ކިލޯ ބަރުވި

އޮލިމްޕަހުގައި އަންނަ މަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޑްރާމާ ފިލްމު "ކަމަނާ" އަކީ ލީޑް އެކްޓަރު މަރިޔަމް އައްޒައަށް އެކި ގޮތްގޮތުން ވަރަށް ޚާއްސަ ފިލްމެކެވެ. މި ފިލްމާއެކު ލީޑް ރޯލުން ކަމްބެކް އެއް ހެދުމަށް އައްޒަ ތައްޔާރުވާއިރު މި ފިލްމަށްޓަކައި އައްޒަގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހުނެވެ. އެންމެ ޚާއްސަގޮތެއްގައި އޭނާގެ ބަރުދަނަށެވެ.

އަންނަ މަހު ފަހު ކޮޅުގައި ނެރޭ ކަމަނާއަކީ 2019 ވަނަ އަހަރަށް ފަހު އައްޒަ މައިގަނޑު ލީޑުން ފެންނަ ފުރަތަމަ ފިލްމެވެ. މިއީ އައްޒަ އިންތިޒާރު ކުރަމުން އަންނަ ބޮޑު ކަމްބެކްއެކެވެ.

އެއާއެކު މި ކަމްބެކް އަކީ ވަރުގަދަ ކަމްބެކް އަކަށް ހެދުމަށްޓަކައި އެއާ ގުޅޭވަރު ރޯލެއް ވެސް ހޯދުމަށް ބޭނުންވިއެވެ. ކަމަނާ ވެގެން ދިޔައީ މިކަމަށް އެންމެ ފުރިހަމަ ފުރުސަތަށެވެ.

ކަމަނާއަކީ މާބަނޑު އަންހެނަކަށް ދިމާވާ ގެވެށި އަނިޔާގެ ވާހަކަތައް ކިޔައިދޭ ފިލްމެކެވެ. އެއާއެކު މާބަނޑު އަންހެން ރޯލަކަށް އެންމެ ފިޓުވުމަށްޓަކައި ހަށިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އައްޒަ ބޭނުން ވެސް ވިއެވެ. އެއާއެކު ކަމަނާގެ ރޯލަށްޓަކައި އައްޒަގެ ބަރުދަނަށް 17 ވަރަކަށް ކިލޯ ވަނީ އިތުރުކޮށްފައެވެ.

އައްޒަ، "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާއަށް ބަރުދަން އިތުރު ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހުނެވެ.

"އައްޒަ ވަރަށް ފަސޭހައިން ވެއިޓް ގެއިން ވާނެ. އެހެންވެ، ހަމަ ޖެހުނު އެއްޗެއް ކައި ހެދީ ހަމަ ބަރުދަން އިތުރު ކުރުމަށްޓަކައި. ފިލްމު ބައްދަލުވުންތަކުގައި ޓީމުން ވެސް ޗޮކްލެޓް ކަހަލަ އެއްޗެހި ހަމަ ދީގެން ގިނައިން ކެއީ ހަމަ ފިލްމަށް،" އައްޒަ ކިޔައިދިނެވެ.

އައްޒަ ބުނެފައިވަނީ ކަމަނާގެ ރޯލަށް އޭނާގެ ބަރުދަން 17 ކިލޯ އިތުރު ކޮށްލާފައިވަނީ ދެ މަހުގެ ތެރޭގައި ކަމަށެވެ.

"މާ ބަނޑުވުމާ އެކު ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އާދޭ. އެހެންވެ ހަމަ ހުރި ގޮތަށް ހުރެ އެ ރޯލު ކުޅެން ބޭނުން ނުވީ. ވީހާވެސް އަސްލާ އެއްގޮތް ވާނެ ގޮތަށް ހަށިގަނޑު ބަހައްޓަން ބޭނުންވީ،" އައްޒަ ކިޔައިދިނެވެ.

މާބަނޑު ރޯލަށް ޝޫޓިންތައް ނިމިފައިވަނީ މިދިޔަ ފެބްރުއަރީ މަސްް ހިސާބުގައެވެ. އެއަށްފަހު އައްޒަ މިހާރު ވަނީ އޭނާގެ ކުރީގެ ބަރުދަނަށް އަނބުރާ ހަށިގަނޑު ގެނެސްފައެވެ.

އައްޒަ ބުނިގޮތުގައި ކުރީގެ ހުރި ބަރުދަނަށް ހަށިގަނޑު ގެނައީ ގާތްގަނޑަށް ފަސް ވަރަކަށް މަސް ތެރޭގައެވެ. ހަށިގަނޑު ކުރީގައި ހުރި ގޮތަށް ހެދުމަށްޓަކައި އައްޒަ ގެންގުޅުނީ ސްޓްރިކްޓް ޑައިޓެކެވެ.

އައްޒަ ބުނިގޮތުގައި ކައި އުޅޭ އެއްޗެހި ބަލައި ހަށިގަނޑަށް އެންމެ ބޭނުންވާނެ އެއްޗެހި ހޯދުމަށް ވަރަށް އިސްކަމެއް ދީފައިވާނެއެވެ. އަދި، އޭގެ އިތުރުން ކޮންމެ ދުވަހަކު އެއްވެސް ވަރަކަށް ހުއްޓާލުމެއް ނެތި ޖިމަށް ވެސް ގޮސްފައިވާނެ ކަމަށް އައްޒަ ވަަނީ ހާމަކޮށްފައެވެ. އައްޒަގެ ހަށިގަނޑު ކުރީގެ ހުރި މިނަށް ތިރިކޮށްލާފައިވަނީ ވަރަށް ޑިސިޕްލިން އާއެކުގައެވެ.

comment ކޮމެންޓް