އޯޓިޒަމްގެ އެންމެ މަތީ ލެވަލް ހުންނަ ކުއްޖެއް ކަމަށްވާ އއ. ތޮއްޑޫ، ދޮން މޫނިމާގޭ ޢަލީ ރަޢީފް ކީރިތި ޤުރްއާން ހިތުދަސްކޮށްފައި ވަނީ ވަޒީފާއެއްގައި ވެސް އުޅެމުން ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ރައީފް ޤުރުއާން ހިތުދަސްކޮށް ސަނަދު ހާސިލްކުރެއްވީ ދާދި ފަހުންނެވެ.
ރައީފް ގުރުއާން ހިތުދަސްކުރުމަށް ކުރި އުނދަގޫ ދަތުރު "ސަން"އަށް ހިއްސާކުރަމުން ރަޢީފްގެ މަންމަ އާބިދާ ބުނީ ރައީފްއަކީ ކުޑައިރު ވާހަކަ ދެއްކި ކުއްޖެއް ނޫން ކަމަށެވެ. އޭނާ އަކީ އޯޓިޒަމް ވަރަށް މައްޗަށް ހުންނަ ކުޖެއް ކަމަށާއި ކުޑަކޮށް ވެސް ވާހަކަ ދައްކަން ފެށީ އުމުރުން ނުވަ އަހަރުގައި ކަމަށެވެ.
އާބިދާ ބުނީ ރަޢީފްއަކީ އޯޓިޒަމް ކުއްޖަކަށް ވުމުން ކިޔަވައިދިނުމުގައި ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމުގައެވެ. އެގޮތުން ރައީފަށް ވާހަކަ ދެއްކެން ފެށުމުން ގަލަން ޖެއްސުމުން ކިޔެވޭ ހަތިމެއް ދިން ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ.

ރަޢީފް އޭނަގެ މަންމައާއެކު--- ފޮޓޯ/ ރައީފްގެ އާއިލާ
އޯޓިޒަމް ހުންނަ ކުއްޖަކަށް ވުމުން ސްކޫލަށް ނުވެއްދި ގިނަ ދުވަސްތަކެއް ވިފަހުން އެކަން ވާގޮތް ވީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއްވެސް ކުއްޖަކު ބާކީނުކުރާ ސިޔާސަތުގެ ދަށުން އުމުރުން 11 އަހަރުގައި ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
އާބިދާ ބުނީ އުމުރު ހަމަވެ ސްކޫލުން ކަނޑާލުމުން ވަޒީފާއަށް ވެސް ވެއްދީ ނުކުޅެދުންތެރިކަން ހުންނަ ކުދީންނަށް ހުޅުވާލާފައި އޮތް ވަޒީފާގެ ފުރުސަތުގެ ތެރެއިން ކަމަށެވެ. ސްކޫލުންނާއި ވަޒީފާގެ މައިދާނުން ވެސް ރަޢީފަށް ޤުރުއާން ހިތުދަސް ކުރުމަށް ވަރަށް ބޮޑަށް ހިތްވަރު ލިބުނު ކަން އާބިދާ ފަހަގކުރިއެވެ.

ރައީސުލް ޖުމްހޫރިއްޔާ ރައީފްގެ ބޮލުުގައި ހާފިޒުކަމުގެ ތާޖު އަޅުވަނީ--- ފޮޓޯ/ ރައީފްގެ އާއިލާ
"ހިތުދަސްކުރާ ކުލާސް އޮންނާނީ 5:30 އިން ފެށިގެން 8:00 އަށް ސްކޫލުން ވެސް ބުނާނެ ޤުރުއާން ކްލާސް ނިންމާފަ އަންނާށޭ ސްކޫލަށް. ވަޒީފާއިން ވެސް ރައީއަށް ދިން ނޯޕޭވެސް ހަމަ ކޮމެޓީއަށް ކިޔާދިން ދުވަސްކޮޅަށް. ހަމަ ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު." ރަޢީފްގެ މަންމަ އާބިދާ ބުންޏެވެ.
ރަޢީފް ސާބިތު ކޮށްދިނީ އޯޓިޒަމް ހުރުމަކީ މުޖްތަމައުން ބާކީވެ އެކަރި ވާންޖެހޭ ސަބަބެއް ނޫންކަމެވެ. އޭނާގެ މަންމަ ދައްކައިދިނީ ދަރިން ބެލުމުގައި ނަމޫނާ މިސާލެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީތު ޑރ. މުޙަންމަދު ޝަހީމް އަލީ ސައީދު ވަނީ ހާފިޒުކަމުގައި ހޯދި ކާމިޔާބީއަށް ރަޢީފަށް ޝުކުރު އަދާކޮށްފައެވެ.