ދުރުގައި ވާން ނޭދުނަސް ހިތް... 31

ދޫކޮށްލާނެ ދުވަހެއް ނޭނގޭތީ އިޝްފާންގެ ކައިރީގައި އިތުރު މީހަކު ހުރުމުގެ މުހިންމުކަން އެނގޭތީ އެމީހުން ނިންމީ ސަވާ އެރަށަށް ފޮނުވުމަށެވެ.

ޖެހިގެން އަންނަ ދުވަހު ފުރަން ހަމަޖެހުމުން އެރޭ ކޮންމެހެންވެސް، ރީހާން އާ ބައްދަލުކުރަން ސަވާ ބޭނުންވިއެވެ. އެހެންކަމުން ދަބަހަށް އެއްޗެހި އަޅާ ތައްޔަރުކޮށްފައި އޭނާ ރީހާންއަށް ގުޅާލިއެވެ.

"ހެލޯ…" ރީހާން ފޯނު ނެގިހެން ހީނުވެ ސަވާ ބުނެލިއެވެ.

"ޔެސް ބޭބް. ކިހިނެއްވީ؟ މާ މިސްވީތަ؟" ރީހާންގެ އަޑުގައި ސަވާ ލަދުގަންނުވާލާފަދަ ޖާދުލެއް ވެއެވެ. ބުނެލާ ކޮންމެ ޖުމްލައަކުން ސަވާއަށްޓަކައި އެ ހިތުގައިވާ ލޯބި ފާޅުވަމުން ދެއެވެ.

"ހޫމް ވަރަށް ބޮޑަށް. ލެޓްސް މީޓް…" ހިނިތުންވެލަމުން ސަވާ ބުނެލިއެވެ.

"މި ވަގުތު ކުޑަ ކަމެއްގަ އޮފީހުގަ މި އިނީ. ގާތްގަނޑަކަށް ބައިގަނޑިއިރު ތެރޭ ފްރީ ވާނެ. އޯކޭތަ؟" ރީހާން އިނީ އޮފީހުގައެވެ. އޭނާ މިވަގުތު ނަގައިގެން އުޅޭ ކޭސްއެއްގެ މައުލޫމާތުތަކެއް ބެލުމުގައެވެ. އެހެންނަމަވެސް، ސަވާގެ އެދުމަށް ދެކޮޅު ހަދަން ބޭނުންނުވާތީ ރީހާން އެދުނެވެ.

"އޯކޭ ވާނެ. ރެޑީ ވެގެން ހުންނަނާން. ގެ ކައިރިއަށް އައިސްފަ ގުޅާލީމަ ފައިބާނަން." ސަވާގެ ތުންފަތްމަތީގައިވެސް ވަނީ ނުފިލާ ހިނިތުންވުމެކެވެ. ރީހާންއާ އެކު މި ހޭދަވި ދުވަސްކޮޅުގައި ރީހާންގެ ފަރާތުން ޝަކުވާއެއް ކުރާނެ އެއްވެސް ފުރުސަތެއް އޭނާއަކަށް ނުލިބެއެވެ. އޭނާގެ ކޮންމެ ކަމެއްގައި ރީހާން ފަރުވާތެރިއެވެ. އެހާ އޯގާތެރިއެވެ.

"ވެއިޓް…." ސަވާ ފޯނު ބާއްވަން އުޅުމުން ރީހާން ބުނެލިއެވެ.

"ކިހިނެއްވީ؟" ރީހާން އޭނާ މަޑުކުރުވި ސަބަބު އެނގުނެއްކަމަކު، ސަވާ ނުވާކަމަކަށް ހަދާފައި ސުވާލުކޮށްލިއެވެ.

"ލަވް ޔޫ.." ރީހާންގެ ލޯބިވެތި އަޑުން ސަވާގެ ހަށިގަނޑުގެ ހުރިހާ ސެލްއަކަށްވެސް އަސަރުކުރި ފަދައެވެ. ޖަޒުބާތުތައް އޭނާގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރު ފޯރުވައިފިއެވެ.

"މީ ޓޫ…" އެހެން ބުނެލާފައި ސަވާ ފޯނު ބޭއްވާ މޭގައި ޖައްސާލިއިރުވެސް، އޭނާގެ ތުންފަތްމަތީގައި ފުޅާ ހިނިތުންވުމެއް ވިއެވެ. ރީހާންގެ އެ ފިރިހެންވަންތަ ސޫރަ އޭނާގެ ލޯ ކުރިމަތީގައި ސިފަވާން ފެށުމާއެކު، އެ ފުރިހަމަކަމާމެދު ސަވާއަށް ވިސްނާލެވުނެވެ. އެ ކަސްރަތީ ހަށިގަނޑާއި މޫނެވެ. އަބަދު އެ ހުންނަ ސްމާރޓްކަމެވެ. އެ ދެލޮލުން އޭނާއަށް ކުރާ އަސަރުތަކެވެ. އެ އަތުގެ ބީހުން އިޙްސާސްވާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑުގައި އެ އުފައްދާ ކަރަންޓް އޮއިވަރެވެ. އެ ބަސްތަކުގައިވާ ފޮނިކަމާއި ލޯބިކަމެވެ. އެ ލޮބިވެތި އަދާތަކާއި ސަވާއަށްޓަކައި އެ ހިތުގައިވާ މަޤާމެވެ. އެ ހުރިހާކަމަކާއި ވިސްނިވަރަކަށް ސަވާގެ ކޯތާފާތް ރަތްވަމުން ދިޔައެވެ. އެކަނި ހުރެ ހިނިތުންވަމުން ދިޔަ ސަވާ ސިހުނީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. މޭމަތީގައި ފޯނު ޖައްސާލައިގެން ހުރި އަތް ތިރިކޮށްލަމުން އޭނާ ދޮރާ ދިމާލަށް ބަލާލިއިރު ހުރީ މަދީހާއެވެ. މަދީހާގެ ތުންފަތް މަތީގައި ވީ ހިނިތުންވުމެކެވެ.

"ދަރިފުޅުގެ މޫނުމައްޗަށް ވެރިވެފައިވާ ތިޔަ ހިނިތުންވުމުގެ ފަރުދާގައި ހުރީ ކާކު؟" މަދީހާ އައިސް ސަވާގެ ބޮލުގައި ފިރުމާލިއެވެ.

"ތީ މަންމަ ހާދަ ދެކެން ބޭނުންވި ހިނިތުންވުމެކޭ…" މަދީހާގެ ދެލޯ ފެންކަޅިވިއެވެ. ފަސް އަހަރު ފަހުން ދަރިފުޅުގެ ފުށުން އެފަދަ އުފާވެރިކަމެއް ފެނުމުން އުފާނުވާނީ ކޮން މަންމައެއް ހެއްޔެވެ؟ ކޮންމެ ނަމާދެއްގެ ފަހަތުގައި އޭނާ ކުރި ދުޢާ އިޖާބަ ވީ ހެއްޔެވެ؟ ސަވާގެ ޙަޔާތަށް އަލުން ބަހާރު މޫސުމް އަންނަނީ ހެއްޔެވެ؟ އެ ހިތްދަތިކަމުން އަރައިގަނެ އުފާވެރި ދިރިއުޅުމެއް ފެށުމުގެ މަގު ކޮށެނީ ހެއްޔެވެ؟

"މަންމަ ބޭނުން ދަރިފުޅުގެ ތި އުފާވެރި ކަމުގެ ފަހަތުގައި ހުރި ޒުވާނާއާ ބައްދަލުކޮށްލަން." މަދީހާ ހާމަކުރީ އޭނާގެ ހިތުގެ އެދުމެވެ.

"ވަރަށް އަވަހަށް މަންމަމެންނާ ދިމާކުރަން ގެންނާނަން." ސަވާ ބުންޏެވެ. "އެކަމަކު މަންމާ… މަންމަ ބޭނުމެއް ނުވޭތަ އެއީ ކީއްކުރާ ކޮންތާކު އުޅޭ މީހެއްކަން ބަލާކަށް."

"މި މަންމަ ދަރިފުޅަށް ފުރިހަމައަށް އިތުބާރުކުރަން. ދަރިފުޅު ކަތި ފިޔަވަޅެއް ނާޅާނެކަން މަންމައަށް ޔަޤީން. މަންމަގެ ތަރުބިއްޔަތުގައި ކޮންމެވެސް ކަމެއް އުނިވަނީޔޭ އަބަދު ހިތަށް އަރާ އިޝްފާން އުޅޭ ގޮތް ފެނިފަ. އެކަމަކު އެ ކަމުން ލިބޭ ވޭނަށް ލުޔެއް ލިބެނީ ތިއީވެސް މި މަންމަ ތަރުބިއްޔަތު ކުރި ދަރިއަކަށް ވާތީ. ދަރިފުޅާ! މި ހުރިހާ ދުވަހު ދަރިފުޅު ތި ކުރި ހިތާމަތައް ނިމުން އެއީ މަންމަ އެންމެ ބޭނުންވާ ކަންތައް. އެ ނޫން އެހެން އެއްވެސް ކަމެއް މަންމަ ބޭނުމެއް ނުވޭ. ދަރިފުޅު މަންމަ ކައިރީގައި ނުބުންޏެއް ކަމަކު މިހުރިހާ ދުވަހު ތި ޙަޔާތަށް ކުއްޖަކު ގެންނަން ބޭނުންނުވި ސަބަބު ވެސް މަންމައަށް އެނގޭ. އަދި އެކަން ގުޅިފައިވަނީ އެ ހާދިސާއާކަންވެސް އެނގޭ. އެހެންވީމަ މަންމަ އެކަމަށް ބާރު ނޭޅީ. އެއީ އެކަމުން އަރައިގަތުމަކީ ކިހާ އުނދަގޫކަމެއްކަން އެނގޭތީ. ދަރިފުޅު އެ ހިތާމަތަކުން ދުރަށް ގެންދަން ކުޅަދާނަ ޒުވާނެއް ވިއްޔާ އެ ޒުވާނާގެ ކޮންމެވެސް ތަފާތުކަމެއް ހުންނާނެ. ޚާއްސަކަމެއް ހުންނާނެ! އެހެންވީމަ ދަރިފުޅު އޭނަ ޚިޔާރުކުރާނީ. ވީއިރު މިއަދު ދަރިފުޅަށް ތި ލިބޭ އުފާވެރިކަމަށްވުރެ ބޮޑުކަމެއް މަންމަ ބޭނުންވާނެތަ؟ މަންމައަށް ޔަޤީންވޭ އެއީ ގޯސް މީހަކަށް ނުވާނެކަން. އޭނަގެ ޝަޚްސިއްޔަތުގެ ވަރުގަދަކަން މަންމައަށް އިޙްސާސްވޭ އެބަ. އެހެންވީމަ މަންމަ ބޭނުމެއް ނުވޭ އެއީ ކޮން ވަޒީފާއެއްގެ މީހެއްކަމާ އޭނާއަށް ލިބޭ އާމްދަނީ ބަލާކަށް. ދަރިފުޅުގެ އުފަލަށް އިސްކަން ދޭ މީހެއްނަމަ މަންމަ އެމީހަކާ ގަބޫލު." މަދީހާ އޭނާގެ ހިތުގެ އިޙްސާސްތައް ސަވާގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ޖަޒުބާތުގައި ޖެހި ވަރަށް ބައިވަރު ވާހަކަ އޭނާއަށް ދެއްކިއްޖެއެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކައެއް ވެސް ސަވާ ކެތްތެރިކަމާއެކު އަޑު އެހިއެވެ. އޭނާއަށް މަންމަ ކުރާ އިތުބާރު އެނގި އެކަމަށް ވެސް އޭނާ ޝުކުރުވެރިވިއެވެ.

"މަންމާ…." ސަވާ މަދީހާގެ ގައިގައި ބައްދާލިއިރު އޭނާގެ ދެލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ. އެ މަންމަގެ ދެލޮލުން އޭނާއަށް އެތަކެއް ޖަޒުބާތުތަކެއް ފެނިއްޖެއެވެ. އެތަކެއް ވާހަކަތަކެއް އެ ނަޒަރުން ބުނެދީފިއެވެ.

"މަންމައަށް މާފުކުރޭ! މަންމަ ތި ދެކުދިން ދެކެ ކިތަންމެ ލޯބިވިޔަސް، ބައްޕައެއްގެ ލޯތްބެއް ހޯދައެއް ނުދެވުނު. އެކަމަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ. " މަދީހާއަށް އޭނާގެ ހިތުގެ އުދާސްތައް ސަވާގެ ކައިރީގައި ބަންޑުން ކުރެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް، ހިތުގައި އެ ހުރިހާ އެއްޗެއް ބަހައްޓައިގެން ހުރުމަށް އުނދަގޫވެ އެންމެފަހުން ކެތް ނުކުރެވުމުން ކަރުނަޔާއެކު އެ ވާހަކަތައްވެސް ހިއްސާކުރެވުނީއެވެ.

"ޔޫ އާރ އަ ގުޑް މަދާރ. އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. އަދި އިޝްފާންއާ މެދުވެސް ކަންބޮޑުުނުވޭ. އަޅުގަނޑު އެރަށަށް ގޮސްފައި އިންޝާ ﷲ އިޝްފާންއަށް ވިސްނައިދޭނަން." ސަވާ މަދީހާގެ ހިތްހަމަ ޖައްސާލަދިނެވެ. އޭނާ އަމިއްލަ ނަފްސަށްވެސް ވަޢުދުވިއެވެ. މާޒީގެ ސަބަބުން އެ ލިބުނު ގިލަންވެރިކަމާއި ކުރިމަތިލާ އުފާވެރިކަން އޭނާގެ ޙަޔާތަށް މަރުޙަބާ ކިޔަން ފުރުސަތު ދޭ ފަދައިން އިޝްފާންވެސް އެ ވިޔާ ނުދާ އުޅުން ދޫކޮށްލަން އެހީވެވުނު ކޮންމެ އެހީއެއް ވާން ސަވާ ނިންމިއެވެ.

"ދެން ހުއްޓާލަބަ..." ސަވާ މަދީހާގެ ކަރުނަތައް ފުހެދިނެވެ. " މަންމައަށް އެނގޭތަ؟ މީގެ ކުރިންވެސް އޭނަ މަންމައަށް ފެނިފަ ހުންނާނީ…" ސަވާ ވާހަކަ އަނބުރާލިއެވެ.

"ފެނިފައޭ… ކޮންތާކުން… މަންމަ ހަނދާ ……… އޭރު… މިގެއަށް އައި…." ސަވާ އެހެން ބުނުމުން މާޒީގެ ހަނދާންތައް މަދީހާގެ ހަނދާނާ ގުޅުމަށް އިރުކޮޅެއް ނެގިއެވެ. ހައިރާންކަމާއެކު މަދީހާ ސަވާއަށް ބަލަން ފެށުމުން ހިނިތުންވެލާފައި ސަވާ ބޯ ޖަހާލިއެވެ.

"އެހާ ދުވަސްވީއިރުވެސް… އޭނަ އެހެން މީހަކާ ނީނދޭތަ؟" މަދީހާއަށް އެހެން އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. މި ޒަމާނުގައި ފިރިހެން ކުއްޖަކު އަންހެން ކުއްޖެއްގެ އިންތިޒާރުގައި ތެދުވެރިކަމާ، ވަފާތެރިކަމާއެކު އެހާ ގިނަ ދުވަހު ހުރުމަކީ ނާދިރުކަމެވެ. އަދި އެވެސް ކައިވެނީގެ ކުރިންނެވެ. ލޯބީގެ ދަޢުވާ ކުރާ ގިނަ ޒުވާނުންގެ ޙާލަކީވެސް އެއީއެވެ. ކައިވެނީގެ ކުރިން އެކަކަށްވުރެ ގިނަ މީހުންނާ ގުޅުން ބާއްވައެވެ. އަދި ކައިވެނީގެ ފަހުންވެސް އަނބިމީހާ ހިލޭ ފިރިހެނުންނާ ވާހަކަ ދެއްކުމާއި، ފިރިމީހާ ހިލޭ އަންހެނުންނާ ވާހަކަ ދައްކާލެއް މަދެއް ނޫނެވެ. ގިނަ ޢާއިލާތައް ރޫޅި ރާއްޖޭގައި ވަރި އެހާ ގިނައީ އެހެންވެގެންނެވެ. އެކަކު އަނެކަކަށް ތެދުވެރިވެ، ވަފާތެރިވެ، އިތުބާރު ކުރާނަމަ އެ ދެމެދުގައި ލޯބި ވާނެއެވެ. ގުޅުމެއް ބިނާވާނީ އެ ހުރިހާކަމެއްގެ މައްޗަށެވެ. އެއިން އެއްވެސް ކަމަކަށް އުނިކަމެއް އަތުވެއްޖެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެއެވެ. އެހެންވެއްޖެނަމަ ބައެއް ފަހަރު އަނިޔާވެރިކަމަށް ފުރުސަތު ދެވެއެވެ. އާޚިރު ނަތީޖާއަކަށް ވަނީ ވަރިއެވެ. ދުލުން ބުނެލަން ފަސޭހަ، ލުއި ލަފުޒަކަށް ވިޔަސް އެ ލަފުޒުގައި ވާ ބަރުކަން ގިނަ މީހުންނަށް އިޙްސާސް ވެސް ނުކުރެވެނީއެވެ.

މަދީހާ ސަވާއަށް ހައިރާންކަމާއެކު ބަލަން ފެށުމުން، ސަވާ ބޯ ޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ.

"ހީޒް އަ ލޯޔަރ. އޭގެ އިތުރުން އަމިއްލަ ބިޒްނަސް އެއްވެސް އޮވޭ." ސަވާ ބުނެލިއެވެ.

"ދަރިފުޅުގެ ހޮވުން ފުރިހަމަ." މަދީހާ ބުނެލިއެވެ.

"ތެންކިއު މަންމާ…" ކަރުނައިގެ ތެރެއިން ސަވާ ހިނިތުންވެލިއެވެ. ޖަޒުބާތީ އެ ވަގުތުކޮޅު ވެގެން ދިޔައީ އެއްވެސް ހުރަހެއް ނެތި ސަވާއާ މަދީހާ އެކަކު އަނެކަކާ ވާހަަކަ ދައްކާ ހިތުގެ އުދާސްތައް ފާޅުކޮށްލި ވަގުތުކޮޅަކަށެވެ. މަދީހާ ދިޔުމުން ސަވާ ގަޑި ބަލާލިއެވެ. އޭރު ނުވަގަޑި ބައިވަނީއެވެ. އޭނާ ނިކަން އަވަސް އަވަހަށް ތައްޔާރުވެލިއެވެ. ކަކުލުން ތިރިއަށް އަންނަ ޕީޗް ކުލައިގެ ދޫ ހެދުމަކާއި، ހަމަ އެ ކުލައިގެ ހަރުވާޅަކާއި ފްލޯރަލް ޝޯޅެއް އެއް އަޅާލައިގެން ތައްޔާރުވެލި ސަވާ ތުންފަތުގައި ޖެއްސީ މަޑު ފިޔަވާތޮށި ކުލައެކެވެ. އެސްފިޔަތަކުގައި ކުޑަކޮށް މަސްކަރާ އަޅާލުމުން އެ ލޮލަށް އިތުރު ފުރިހަކަމެއް ގެނެސްދެއެވެ. އެސްފިޔަތަކުގެ ހިޔާ ދެލޮލަށް އެޅިފައިވާ ގޮތްވެސް އެހާ ފުރިހަމައެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި، ޒާރާ ބްރޭންޑްގެ ސެންޓު ފުޅި ނަގާ ގަޔަށް ބުރުވާލުމާއެކު، ކޮޓަރީގެ ތެރޭގައި ސެންޓްގެ މީރުވަސް ހިފާލިއެވެ. އެއީ އޭނާ ކުރީގައި އެންމެ ގިނައިން ޖެހި ސެންޓެވެ. އޭރު ރީހާންއަށް އެ ސެންޓުން މީރުވަސް ދުވާތީ އުޅޭ ހަނދާން އާވިއެވެ. ލޯގަނޑު ކުރިމަތީގައި އަމިއްލަ މީހާގެ ސޫރައަށް ބަލަހައްޓައިގެން ހުވަފެނީ ދުނިޔެއެއްގައި ހުރި، ސަވާ ސިހުނީ ފޯނު ރިންގް ވުމާއެކުގައެވެ.

"ހެލޯ. މިހާރު މި ފޭބީ." ރީހާންއަށް ޖަވާބު ދެމުން އަތް ދަބަސް ނަގާ އޭގެ ތެރެއަށް ވޮލެޓް ލަމުން ސަވާ ކޮޓަރިން ނުކުތެވެ. ސިޑިން ތިރިއަށް ދަމުން ކޮނޑުގައި ދަބަސް އަޅުވާލާފައި ބުރުގާ ވެސް ރީތިކޮށްލިއެވެ. އެޕާރޓްމެންޓުން ނުކުމެ ލިފްޓަށް އަރާ އޭނާ ތިރިއަށް ގޮސް ގެއިން ނުކުތްއިރު، ރީހާން ކާރުގައި އޭނާގެ އިންތިޒާރުގައި އިނެވެ. ސަވާ ފެނުމާއެކު، ރީހާން ކާރުން ފައިބައިގެން ގޮސް އާދައިގެ މަތިން ކާރުގެ ދޮރު ހުޅުވާލަ ދިނެވެ. ސަވާގެ އެ ފުރިހަކަމުން އޭނާއަށް ކަޅިވެސް ޖަހާ ނުލާ ބެލެން ފެށުނެވެ. ސަވާއަށްވެސް ވީ އެފަދަ ގޮތެކެވެ. ރަނގަޅަށް ރީހާންއަށް ބަލައިލެވުމާއެކު، އޭނާގެ މޫނު ލަދުން ރަތްވިއެވެ. ދެ ކޯތާފަތަށް ޖަންބުކުލައެއް ވެރިވެ މުޅި މީހާގެ ހަށިގަނޑު ފިނިވެލިއެވެ. ރީހާންގެ އެ ތޫނު ނަޒަރުން އޭނާ ލަދުން މަރުވާ ވަރުވިއެވެ. އެހެންނަމަވެސް އޭނާއަށްވެސް ރީހާންއަށް ބެލެނީއެވެ. ރީހާން ހުރީ ރަސްމީކޮށެވެ. ކޯޓު ފަޓްލޫނުގައި ހުރުމުން ވަކިން ފިރިހެންވަންތައެވެ. ރީހާންގެ ޝަހްސިއްޔަތާއި އެ ހުންނަ ސިފަތަކަކީ އަންހެން ކުދިންގެ ހިތްތައް ފިދާވާނެ ފަދަ ފިރިހެންވަންތަ ސިފަތެކެވެ.

ސަވާ ކާރަށް އަރާ އިށީނުމާއެކު ރީހާން ވެސް ގޮސް ކާރަށް އަރާ އިށީނދެ ކާރު ދުއްވާލިއެވެ.

"ރީހާން ކައިރީގައި ވާހަކައެއް ބުނަން ވެފަ އެބައޮތް." ސަވާ ވާހަކަ ފެށިއެވެ.

"ކިހިނެއްވީ ބޮޑު ކަމެއް ވީތަ؟" ރީހާން ކުޑަކޮށް ހާސްވާގޮތްވިއެެވެ.

"ނޫން. އިޝްފާން ހުރީ ރާއްޖެތެރޭ ރަށެއްގައޭ ބުނީމެއްނު. އޭނަ އެޑްމިޓްކޮށްގެން އުޅޭތީ މަންމަމެން ބޭނުންވަނީ އަހަރެން އެކޮޅަށް ފޮނުވަން. މާދަމާ ފުރާގޮތަށް ހަމަޖައްސާފަ ބައްޕަ އޮތީ." ސަވާ ބުނެލިއެވެ.

"ސަވާ ދިޔަޔަސް އަހަންނަށް މައްސަލައެއް ނެތޭ. އަހަރެން އެހާ ކޮންޓްރޯލިން އެއް ނުވާނެ. އެއީ ސަވާގެ ފެމިލީއެއްނު. " ރީހާން ބުނެލިއެވެ.

"ތެންކިއު… ދިޔުމުގެ ކުރިން އަހަރެން ބޭނުންވީ ބުނެލަން." ސަވާ ހިނިތުންވެލިއެވެ.

"އެކަމަކު އަހަރެން ވާހަކައެއް އަހާލަންތަ؟" ރީހާން ސަވާއަށް އަވަސް ނަޒަރެއް ދިނެވެ. ސަވާ ބޯ ޖަހާލީ ހުއްދަ ދިނުމުގެ ގޮތުންނެވެ.

"އިޝްފާން ކީކުރަނީ އެ ރަށުގަ؟" ރީހާން ސުވާލުކޮށްލުމުން ސަވާ އިޝްފާންގެ ހުރިހާ ވާހަކައެއް ކިޔައި ދިނެވެ. އިޝްފާން މީހަކު މަރާލި ވާހަކަ ފިޔަވައެވެ. އެ ވާހަކަ ބުނާނެ ގޮތެއް ނުވިސްނޭއިރު، އެ ހިތްވަރެއް ވެސް ސަވާއަކަށް ނުލިބެއެވެ.

"އެހެންވީމަ އިންތިހާބު ނިމުނީމަ މިކޮޅަށް އަންނާނެ ދޯ އިޝްފާން. ސަވާ ބޭނުމިއްޔާ އޭގެ ފަހުން މެރީ ކުރެވިދާނެ....... މާ އަވަސް އަރުވާ ނުލިޔަސް." ރީހާން ބުނެލިއެވެ. ރީހާން ކަންތައްތަކާ ވިސްނާވަރު ސަވާއަށް އިޙްސާސްވުމުން އެކަމުން އިތުރު އުފަލެއް އޭނާގެ ހިތަށް ލިބުނެވެ.

މަދީހާ ޓެރެސްގައި ހުރި ގޮނޑީގައި އިށީނދެލައިގެން ފޯނުން ޚަބަރު ކިޔަން އިންދާ ފަތުޙީ އައިސް ގޮނޑިއެއްގައި އިށީނެވެ.

"ކޮފީއެއް ގެނަސްދެންތަ؟" މަދީހާ ފޯނުން ނަޒަރު ވަކިކޮށްލާ ފަތުޙީއަށް ބަލާލިއެވެ.

"ނޫނޭ…. ބޭނުމެއް ނޫން." އެހެން ބުނެލާފައި ފަތުޙީ ފުން ނަޒަރަކުން މަދީހާއަށް ބަލާލިއެވެ.

"ސަވާ ކޮބާ؟" އޭނާ ސުވާލުކޮށްލިއެވެ.

"ބޭރަށް ގޮސްވީ؟" މަދީހާއަށް ހައިރާންކަމެއް ލިބުނަސް އޭނާ އެ އަސަރުތައް ފޮރުވާލަމުން ބުނެލިއެވެ.

"ސަވާ ދިޔައީ ކާކާކަން އެނގޭތަ؟" ފަތުޙީ ދެވަނަ ސުވާލެއްވެސް މަދީހާއަށް އަމާޒުކޮށްލިއެވެ. އެއާއެކު މަދީހާއަށް އަނެއްކާވެސް ސުވާލުގެ ނަޒަރަކުން ފަތުޙީއަށް ބަލައިލެވުނެވެ. ފަތުޙީގެ މޫނުގައިވާ އަސަރުތަކުން ކޮންމެވެސް ކަމެއް ފަތުޙީއަށް އެނގިއްޖެކަމުގައި މަދީޙާއަށް ޔަޤީން ކުރެވުނެވެ. ފަތުހީގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި މަދީހާއަށް އިނދެވުނީއެވެ.

"މަދީހާއަށް އެނގޭ ދޯ ސަވާ މިރޭ ބޭރަށް ދިޔައީ އެކުވެރިއަކާ އެކީ ނޫންކަން…" މިރޭ އޭނާ ބޭރުގައި ހުއްޓާ ފެނުނު މަންޒަރު ގެ ހަނދާން އާކުރަމުން ފަތުޙީ ބުންޏެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު