ކުޑަ ދުވަސްކޮޅެއްގެ ތެރޭ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ބޮޑު މަޝްހޫރުކަމެއް ލިބުނު ކުރީގެ ފިލްމީ ތަރި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަވަތީ ފިލްމީ ދާއިރާ ދޫކޮށްލަން ނިންމައިފިއެވެ.
ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ރިއާއަށާއި ބަތަލާގެ އާއިލާއަށް އާއްމުންގެ ނަފުރަތާއި ނުރުހުމުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވިއެވެ. ރިއާގެ ދިރިއުޅުން މިކަމާ ގުޅިގެން އައި ހަލަބޮލިކަމާ އެކު ވަރަށް ގިނަ ދުވަސްވަންދެން އޭނާއާއި އާއިލާ ވަނީ އާއްމުންނާއި އެކަހެރިކޮށް ދިރިއުޅުމުގެ ދުވަސްތައް ހޭދަކޮށްފައެވެ. ސުޝާންތުގެ ސިންގް މަރުވެފައިވާ އޮއްވާ ފެނުނު މައްސަލަގަނޑުގެ ތެރޭ މަސްތުވާތަކެތީ މައްސަލަތަކެއް ފެންމަތިވެ އެކަމުގެ ތުހުމަތުތަކުގައި ރިއާއާއި އޭނާގެ ކޮއްކޮ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ.
މި ހުރިހާ ހަލަބޮލިކަމުގެ ތެރެއިން ކޮންމެ ވެސް ވަރެއްގެ ހިމާޔަތެއް ލިބުމުން ރިއާ ބޭނުންވީ ފިލްމީ ދާއިރާއިން ދުރަށް ގޮސް އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތެއް ފެށުމަށެވެ. އޭގެ ފެށުމުގެއްގެ ގޮތުން ދާދި ފަހުން ރިއާ ވަނީ އަމިއްލަ ޕޮޑްކާސްޓް ޝޯއެއް ފަށާ މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި އާއްމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފަށާފައެވެ.
މިދިޔަ ހޮނިރު ދުވަހު އާއްމުކުރި ރިއާގެ ޕޮޑްކާސްޓު ޝޯގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ބަތަލާ ސުޝްމިތާ ސެންއެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރިއާ ބުނީ، ވަރަށް ގިނަ ބަޔަކު އޭނާ އާމްދަނީ ހޯދާ ގޮތާ މެދު ސުވާލު އުފައްދާ ކަމަށާއި އެފަދަ މީހުންނަށް ބުނެލަން އޮތީ ފިލްމުތަކުގައި އެކްޓުކުރުމުގެ މަސައްކަތް އޭނާ ހުއްޓާލާފައިވާ ކަމަށެވެ.
ދިރިއުޅުމުގައި އާމްދަނީ ހޯދަނީ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ބައިވެރިވެ، އާއްމުން ހޭލުންތެރި ކުރުވުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް މަދު ފިލްމުތަކުން ފެނިފައިވާ ބަތަލާ ވަނީ ބުނެފައެވެ.
އާއްމުންގެ ގިނަ ބައެއްގެ ނުރުހުން ރިއާއަށް ރައްދުވީ ނަމަވެސް ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ރިއާގެ ދިފާއުގައި ނުކުމެ ވަކާލާތު ކުރިއެވެ. އެހެންނަމަވެސް، އަމިއްލަ ނަފުސުގެ ހިތްހަމަޖެހުމަށާއި ނަފުސާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގެ ގޮތުން ރިއާ ނިންމާފައިވަނީ ފިލްމީ ދާއިރާ ދޫކޮށްލުމަށެވެ. ރިއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ސުޝާންތު ސިންގް މަރުވެފައިވަނީ 2020ވަނަ އަހަރުގެ ޖޫން މަހުއެވެ.