ދުރުގައި ވާން ނޭދުނަސް ހިތް... 30

ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އޭނާ ގުޅާލީ އިޝްފާންއަށެވެ. ސަވާ ބޭނުންވީ އެ ޚަބަރު އެންމެ ފުރަތަމަ އިޝްފާންއަށް ދޭށެވެ. އެހެނީ އޭނާއަށް އެ ފިޔަވަޅު ކުރިއަށް އެޅުމުގެ އެންމެ ބޮޑު ހިތްވަރު ދިނީ އިޝްފާންއަށް ވީތީއެވެ.

އޭނާ ގުޅާލިއިރު އިޝްފާންގެ ފޯނު ބިޒީއެވެ. އެހެންކަމުން ސަވާ ގަސްތުކުރީ އޭގެ އިރުކޮޅެއްފަހުން ގުޅާލާށެވެ.

ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އިޝްފާން އިންތިޒާރުކުރަމުން ދިޔައީ ސަމާހުއަށެވެ. ކެތްމަދުވެފައިވާ ފަދައަކުން އިރުއިރުކޮޅަކާ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލައެވެ. އެހެން ހުއްޓާ އޭނާއަށް ސަމާހުގެ ފޯނު ކޯލު ލިބުނެވެ.

"ކޮބާ ކައެ؟ މިހުރީ ތިގޭ ބޭރުގަ." ފޯނު ނެގުމާއެކު، ސަމާހު ބުނެލިއެވެ.

"މަޑުކުރޭ މި ނިކުތީ…" އިޝްފާން ފޯނު ބާއްވާފައި ގޮސް ދޮރު ހުޅުވާލާ ބޭރަށް ނުކުމެލިއެވެ.

"މި އޮތީ…" ސަމާހު އޭނާގެ ޖީބުން ނެގީ ކޮތަޅެކެވެ. އެ ވަނީ ރަނގަޅަށް ޓޭޕްއަޅާ ބަންދުކޮށްލާފައެވެ.

"އޯކޭ… ތޭންކްސް." އިޝްފާން ބުނެލިއެވެ.

"ކައެ ހަމަ ރަނގަޅަށްވެސް ސިކުވެފަ ތަ؟" އިޝްފާންގެ އަޑުގައިވި ބަލިކަށިކަމުން ސަމާހު ސުވާލުކޮށްލިއެވެ.

"ނޫނޭ… މީ… ރޯގާ…" އެ ސުވާލަށް ޖަވާބު ދީފައި އިޝްފާން ގެއަށް ވަދެ ދޮރު ލައްޕާލީ ސަމާހުވެސް ދާން ހިނގައިގަތުމުންނެވެ.

އިޝްފާން ގޮސް އިށީނީ ސޯފާގައެވެ. ޕެކެޓު ކަނޑާލުމަށްފަހު، ކުރިމަތީގައި ހުރި މޭޒުމަތީގައި، އޭގައި ހުރި އެއްޗެހިތައް ބެހެއްޓިއެވެ. ސިރިންޖު ނަގާފައި ކުޑަ ފުޅީގައި ހުރި އެއްޗެހި އެއަށް ނެގުމަށްފަހު، ވާއަތަށް ޖަހާލަން ތައްޔާރުވި ވަގުތު، ސަވާ ގުޅުމުން އެ މަސައްކަތްހުއްޓާލާފައި، ސަވާގެ ފޯނުކޯލު ނަގަން އިޝްފާންއަށް މަޖުބޫރުވިއެވެ.

"ހެލޯ… ދޮންތާ… ހާދަ ލަސްވެފަ ހުއްޓާ! ހުރިހާކަމެއް ރަނގަޅުތަ؟" ފޯނު ނެގި ގޮތަށް އިޝްފާންއަށް ސުވާލުކޮށްލެވުނެވެ.

"ޔެސް… ހުރިހާކަމެއްވެސް ރަނގަޅު. އައި އެމް ސޯ ހެޕީ…" ސަވާގެ އަޑުގައިވި ހަމަޖެހުމާއި އުފާވެރިކަން އިޝްފާންއަށް އިޙްސާސްވުމާއެކު، އެ އުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެނގެން އޭނާ ކެތްމަދުވިއެވެ.

"ހާދަ އުފާވެފަހެން ހީވެޔޭ… ތި ދޭން އުޅޭ ޚަބަރެއް އަހަންނަށް ދީބަލަ…" މިހުރިހާ ދުވަހު އިޝްފާން އެދެމުން ދިޔައީ ސަވާގެ ކިބައިން އެ އުފާވެރިކަން ފެނުމަށެވެ.

"އެންމެ ފުރަތަމަ އިޝްފާންއަށް ތެންކިއު. އަހަރެން ރީހާންއާ ބައްދަލުކޮށްފަ ހުރިހާ ވާހަކައެއް ކިޔައިދީފިން… އެންޑް…." ސަވާ މަޑުޖެހުނެވެ.

"އެންޑް ހީ އެކްސެޕްޓެޑް ޔޫ… ދޯ.." އިޝްފާންގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

"ޔެސް…" ސަވާގެ ޖަވާބާއެކު، އިޝްފާންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ދޮންތައަށް ލިބެން އޭނާ ބޭނުންވި ފަދަ އުފާވެރިކަމެއް ލިބިއްޖެއެވެ. މިވަގުތު ސަވާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ބަލާލަން އޭނާ ވަރަށް ބޭނުމެވެ. އެއީ މި ފާއިތުވެދިޔަ އަހަރުތަކުގައި އޭނާގެ ހިތުގެ އެދުމެވެ. މިއަދު އެކަން ހާސިލްވުމުން ހަމަ ހަޤީގަތުގައިވެސް އިޝްފާންގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ. ދުޢާއަކީ ދޮންތަގެ އުފާވެރިކަން އަބަދުގެ އަބަދަށް ދެމިހުރުމެވެ. އެ ހިނިތުންވުން އުމުރު ދުވަހަށް އެ ތުންފަތްމަތީގައި ދައުރުވެ ދައުރުވެ ހުރުމެވެ.

"އަހަރެން ބުނީމެއްނު ރީހާން، ދޮންތަ ގަބޫލުކުރާނެޔޭ. އޭނަ ވަރަށް ލޯބިވެޔޭ ދޮންތަ ދެކެ. އަހަރެން ވެސް ދޮންތައަށްޓަކާ ވަރަށް އުފާވަން. ކޮން އިރަކުން ދެން މެރީ ކުރަނީ؟" އިޝްފާންގެ ސުވާލާއެކު، ސަވާގެ މޫނު ލަދުން ރަތްވި ނަމަވެސް، އެ އިޙްސާސް ފާޅުނުކޮށްވޭތޯ އޭނާ މަސައްކަތްކުރިއެވެ. ރީހާންއެކޭ އެއްގޮތަށް ސަވާވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން ނަމަވެސް، އެވަރު ކަމެއް ކުރާއިރު، ދެ ޢާއިލާ ބައްދަލުވެ، ކަންތައްތައް ނިންމުމަށް ވަގުތު ބޭނުންވާނެކަން އޭނާއަށް އެނގެއެވެ.

"އިޝްފާން…. އަހަރެމެން މެރީ ކުރަން ނިންމާފަ އެންމެ ފުރަތަމަ ބުނާނީ އިޝްފާން ކައިރީގައި. އޯކޭ އެއްނު." ސަވާ ބުންޏެވެ.

"ލަސްކުރާނެކަމެއް ނެތޭ. އަހަންނަށް ޔަޤީން ފަތުޙީ ދޮންތައަށް ވަލީ ދޭނެކަން. ލޯޔަރެއް، އަނެއްކާ އަމިއްލަ ބިޒްނަސް އެއް އޮވޭ!" އިޝްފާން ޔަޤީންވާ ފަދައަކުން ބުނެލިއެވެ.

"އިޝްފާން، ކޮންމެ ގޮތެއް ވިޔަސް ބައްޕަ ވާނީ ބައްޕައަކަށްނު. މީ އެއް ނޫނެއްނު އަހަރެމެން ތާ އަބަދު އުޅެން އޮތް ދުނިޔެއަކީ…. ބައްޕަ ކުށެއް ކުރިނަމަ އެ ކުށަށް ބައްޕައަށް ވެސް ސަޒާ ލިބޭނެ ދުވަހެއް ވޭ. ދަރީންނަކީ އަމާނާތަކަށް ވާއިރު ދަރީންގެ ހައްޤުތައް އަދާނުކުރެވޭ ނަމަ އެކަމަށް ބައްޕައާ ސުވާލުވެވޭ ދުވަސް އަންނާނެ. ކޮންމެ ގޮތަކަށް ކަންތައްވީނަމަވެސް، އަހަރެމެންނަށް އަހަރެމެންގެ ބައްޕައެއް ބަދަލެއް ނުކުރެވޭނެއެއްނު." އިޝްފާންގެ ދުލުން ފަތުހީއަށް ބައްޕަ ނުކިޔާނެކަން އެނގޭ ޙާލުވެސް ސަވާ މަސައްކަތްކުރީ އިޝްފާންއަށް ވިސްނައިދެވޭތޯއެވެ.

"ދެން އޭނަގެ ވާހަކަ ނުދައްކަބަލަ، ވާން އުޅޭ ޅިޔަނުގެ ސްޓޯރީ ކިޔައިދީބަލަ. ވަރަށް އުފާވެފަތަ އޭނަ ހުރީ؟" އިޝްފާންގެ ސުވާލާއެކު ސަވާ ލަދުން މޯޅިވިއެވެ.

"ކިހިނެއްވީ؟…. އަސްލުވެސް އަވަހަށް މެރީކޮށްބަލަ. އަހަރެން ދުނިޔޭގައި ހުއްޓާ ދެކެން ބޭނުންވާ ދުވަސް އެއީ…" ލުއި ހުނުމަކާއެކު އިޝްފާން ބުނެލިއެވެ.

"ބިޒީ ވެއްޖެ. ބޭއްވީ އިނގޭ…" އިޝްފާން އޭނާއާ ދިމާކުރަން ފެށުމުން ސަވާ އެންމެ ފަހުން އިޝްފާންއާ އިތުރަށް ވާހަކަ ދައްކަން މަނާވެގަތެވެ.

"ޅިޔަނު ގުޅަނީ ތަ؟…" ފޯނު ބާއްވަމުން އެންމެފަހު ވަގުތުވެސް އިޝްފާން ސަވާއާ ދިމާކޮށްލިއެވެ.

އިޝްފާން މޭޒުމަތީގައި ހުރި އިންޖެކްޝަން ތަކަށް ބަލާލިއެވެ. އެވަގުތު، އޭނާއަށް ބުނެދޭން ނޭނގޭ ގޮތެއް ވެގެން ދިޔައެވެ. ވިސްނުމެއްގައި އެއަށް ބަލަހައްޓައިގެން އެެތައް އިރަކު އިޝްފާން އިނެވެ. ހީވަނީ ކުރެވެން އުޅޭ ކަމާ މެދު ސިކުނޑީގެ އެތެރޭގައި ހައިޖާނުގަނޑެއް އުފެދިފައިވާހެންނެވެ. ނުފެންނަ ބަޔަކު ސިކުނޑީގެ ތެރޭގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ހެންނެވެ. އެކަންތައްނުކުރުމަށް އިޝްފާންގެ ޒަމީރު އޭނާއަށް މަޖުބޫރުކުރަން ފެށިއެވެ. ނަފްސުގައިވި އުނދަގޫކަމާއި އެކުވެސް، ފުރަތަމަ ފަހަރަށް އޭނާ ސިރިންޖު އަތަށް ޖަހާލަން ޖެހިލުންވާން ފެށިއެވެ. އެއީ އޭނާ ނުކުރާކަމެއް ނޫނެވެ. މަސްތުވާތަކެއްޗަކީ އެއާ ނުލާ އޭނާއަށް ނޫޅެވޭ އެއްޗެއްކަމުގައި އިޝްފާން ވަނީ އޭނާގެ ސިކުނޑިއަށް ވިސްނައިދީފައެވެ. އެހެންކަމުން މީގެ ކުރިން، އޭނާ އެކަން ކުރަނީ އެއްވެސް ވިސްނުމެއް، ފިކުރެއް ނެތިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިންވެސް އޭނާ އެކަން ކުރާކަށް ޖެހިލުމެއް ނުވިއެވެ. އެހެންނަމަވެސް، މިހާރު އެބަ ފަސްޖެހެވެއެވެ. ސިކުނޑީގެ ކަނަކުން މީގެ ކުރީގެ ވިސްނުން ބަދަލުކުރަން މަސައްކަތްކުރާ ފަދައެވެ.

ސޯފާއިން ތެދުވުމާއެކު އިޝްފާން އެ އިންޖެކްޝަންގެ އިތުރުން ދެން ހުރި ހުރިހާ އެއްޗެއްވެސް ޑަސްބިނަށް އަޅާލުމަށްފަހު ވަނީ ކޮޓަރިއަށެވެ. ފެންވަރާ ތާޒާވެލައިގެން ނިދަން އޮށޯވެލި އިތުވެސް އޭނާއަށް އުނދަގޫވަމުން ދިޔައެވެ. މުޅި ގައި ކަހާވަރުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ދާހިތްލާފައި ހުރިނަމަވެސް، މީހާގެ ހަށިގަނޑަށް އާދަޔާ ޚިލާފަށް ފިނިވަމުން ދިޔައެވެ. އެ އުނދަގޫތަކަށް ކެތް ނުވާން ފެށުމުން ޑަސްބިނަށް ލީ އެއްޗެހި މަތިން އޭނާ ހަނދާންވާން ފެށިއެވެ. ފުންމައިގެން އެނދުން ތެދުވުމާއެކު، ބާރުބާރަށް ގޮސް ކޮޓަރިން ނުކުތް އިޝްފާން ދިޔައީ ޑަސްބިނާ ދިމާލަށެވެ. ޑަސްބިން ހުޅުވާލާފައި އިންޖެންޝަން ނެގުމަށްފަހު، އަތަށް ޖަހާލިއެވެ. އިޝްފާން ބޭނުންވީ އެ ހިނދުން ހިނދަށްވެސް އޭނާއަށް ވަމުން ދިޔަ އުނދަގޫތަކުން މިންޖުވުމަށެވެ.

އެއަށްފަހު އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ސީލިންގަށް ބަލަހައްޓައިގެން އިޝްފާން އޮތްއިރު، އޭނާގެ ލޯ ކުރިމަތިން، ޒައިނާގެ ސޫރަ ސިފަވާހެން ހީވާން ފެށިއެވެ. އަތް އުފުލާލުމަށްފަހު، ޒައިނާގެ އަތުގައި ހިފައްޓާލަން އުޅުނު ވަގުތު ޒައިނާ ގެއްލިއްޖެއެވެ. އިޝްފާންގެ ދެލޮލަށް ކަރުނަތައް ޖަމާވީ ބޭއިޚްތިޔާރުގައެވެ.

"ޒައިނާ….." ވޭނީ އާހަކާއެކު ޒައިނާގެ ނަން އިޝްފާންގެ ދެ ތުންފަތް ފޫއަޅުވާލާފައި ނުކުތްއިރު، އޭނާގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކިތައް ބާލީހަށް އޮބިގެން ހިނގައްޖެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ދޫވެއްޖެއެވެ.

"ސޮރީ…" ނިދެމުން ދިޔައިރު އެންމެ ފަހު ބަހަކަށް އެ ދުލުން ބޭރުވިއެވެ. ހީވާކަހަލައެވެ. އިޝްފާން އަމިއްލަ ނަފްސާއި ޒައިނާގެ ކިބައިންވެސް މާފަށް އެދެނީއެވެ. ދުވަހަކު އެކުގައިނުވެވޭނެކަން އެހިތަށް ފަހުމްވާތީ ކަންނޭނގެއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ވެސް އިޝްފާންގެ ބޮލަށް އެނބުރުން އަރާވަރުން ތެދުވެވޭގޭގޮތެއް ނުވިއެވެ. އަނެއްކޮޅުން މީހާގެ ނޭވާވެސް ހުރީ ކުރުވެފައެވެ. ފުންނޭވާތަކެއް ލާން މަސައްކަތް ކުރިނަމަވެސް، މެއަށް އަރާ ތަދާއެކު އެކަން ކުރަން އޭނާއަށް ދަތިވިއެވެ. ކުރީ ދުވަހެކޭ އެއްގޮތަށް ހެޑްބޯޑުގައި ލެނގިލައިގެން އިޝްފާން އިނެވެ. އެހެންނަމަވެސް، އެތައް އިރެއްވީއިރުވެސް މިއަދު، އެ ތަކުލީފުތައް ލުއިވާގޮތެއް ނުވިއެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކު އޭނާއަށް ހީވަނީ އިތުރަށް ބަލި ބޮޑުވާހެންނެވެ. ކެތްނުކުރެވޭ ވަރުވުމުން ރަށުގެ ސިއްޚީ މަރުކަޒަށް ދާ ޚިޔާލު އިޝްފާންގެ ސިކުނޑިއަށް ވެރިވި ނަމަވެސް، އެ ޚިޔާލު ދޫކޮށްލަން އޭނާއަށް މަޖުބޫރުވީ އެ ހުރެވުނު ޙާލަތުގެ ސަބަބުންނެވެ. މިވަގުތު ޑޮކްޓަރަށް ދައްކަން ގޮސްފިނަމަ، އޭނާ މަސްތުވާތަކެތި ބޭނުންކުރިކަން ސިއްރެއް ނުވާނެއެވެ. އެހެންކަމުން އަޅަމުންދިޔަ ވޭނާއެކުވެސް އެކަން އެގޮތަށް ކުރަން އޭނާގެ ނަފްސު އުޒުރުވެރިވީއެވެ. ބައްޕަގެ ނުފޫޒާއެކު މާ އުނދަގުލަކާ ނުލާ ސަލާމަތް ވާނެކަން އެނގުނު ނަމަވެސް، އެ ކަން މުޅި ރަށުތެރެއަށް ފެތުރި އެ ޚަބަރު ޒައިނާގެ ކަންފަތާ ހަމައަށް ފޯރަން އިޝްފާން ބޭނުންނުވީއެވެ. ޒައިނާއަށް އޭނާގެ އެފަދަ ނޭދެވޭ އަމަލުތަކުގެ ވާހަކަ އަޑު އިވެން ބޭނުންނުވީއެވެ. އެ ފަދަ ޚަބަރެއް އިވިއްޖެނަމަ ޒައިނާގެ ހިތުގައި އޭނާއާ މެދު ކިލަނބުކަމެއް އުފެދިދާނެތީ އިޝްފާން ވަނީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އޭނާ މަސްތުވާ ތަކެތި ބޭނުންކުރާކަން ޒައިނާއަށް އެނގޭނެކަން އިޝްފާންއަށް އެނގުނު ނަމަވެސް، އަލުން އެފަދަ ކަމެއް ތަކުރާރުވާން އޭނާ ބޭނުމެއް ނޫނެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް މީހަކު އޭނާއާ މެދު ދެކޭނެ ގޮތް އިޝްފާންއަށް މުހިންމުވެއްޖެއެވެ. ޒައިނާގެ ކަންފަތަށް އެފަދަ ވާހަކައެއް ފޯރުމަށްވުރެ އެ ވޭނުގައި ކެތްކުރުންވެސް އިޝްފާންއަށް މާ ރަނގަޅީ އެހެންވެ ކަންނޭނގެއެވެ.

*****

ކޯޓުން ނުކުތް ޒައިނާއަށް ނިހާދު ބަލައިލީ މަލާމާތުން ފުރިގެންވީ ނަޒަރަކުންނެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް އުނގުޅާލުމާއެކު ޒައިނާއަށް ބަލާލާފައި ބުމަ އަރުވާލި ނިހާދު ޒައިނާއާ ކައިރިއަށް ޖެހިލިއެވެ.

"ކީކޭ އަހަރެން ބުނީ؟ އެހާ ފަސޭހައިން އަހަރެންގެ ކިބައިން ސަލާމަތް ވެވިދާނެތަ؟ ތި ކުރި ކުށުގެ އަދަބު ވަރަށް ހިތިކޮށް ލިބޭނެ." ޒައިނާގެ ކަންފަތް ދޮށުގައި މަޑުމަޑުން ނިހާދު ބުނެލުމާއެކު، ޒައިނާއަށް ދަތްކުނޑި ވިކާލެވުނެވެ. އެހެންނަމަވެސް، އިތުރު އެއްޗެއް ނުބުނެ އޭނާ ކެތްކުރިއެވެ. ނިހާދު ދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން، ނިހާދާ އަނގައިން ބުނަން ކީއްކުރަން، ނިހާދާ ދިމާލަށް ބަލައިލާކަށްވެސް ޒައިނާ ބޭނުމެއް ނުވިއެވެ.

ކޯޓުން ގެއަށް އައިސް ވަނުމާއެކު ނިހާދު ޖަހައިލީ ހިނިގަނޑެކެވެ. ކަލޭ ހީކުރީ އަހަރެންގެ ކިބައިން ސަލާމަތްވެގެން ތި ގެންގުޅޭ އާޝިޤާއާ އެކު ދެވޭނެކަމަށްތަ؟" ނިހާދު ޒައިނާއަށް މަލާމާތްކުރަމުން ދިޔައެވެ. ޣާޒީގެ ކުރިމަތީގައި ނިހާދު އޭނާގެ މައުސޫމްކަން ދައްކާލާފައި، ޒައިނާއާއެކު އުޅެން ބޭނުންކަމަށް ބުނުމުން ކޯޓުން ޒައިނާ ވަރިއެއް ނުކޮށްދިނެވެ. ނަސޭޙަތް ދިނީ ދެމީހުން އެކުގައި ދިރިއުޅެވޭތޯ ބެލުމަށް ބުނެއެވެ.

"ނިހާދު ހީކުރީ އަހަރެން ހުއްޓާލާނެކަމަށްތަ؟ އަދިވެސް ފޯމު ލާނަން." ނިހާދަށް ދޫދޭން ޒައިނާ ބޭނުމެއް ނޫނެވެ. އަނގައިން ޗޮކެއް ކަނޑާލާފައި ނިހާދު ގެއިން ނުކުންނަން ހިނގައިގަތީ އޭނާއަށް ލިބުނު ކާމިޔާބީއާ މެދު އުފާ ކުރާ ޙާލުގައެވެ.

*****

އޭގެފަހުން ދެ ދުވަސް ފާއިތުވިއިރުވެސް އިޝްފާންއަކަށް ލުޔެއް ނުލިބުނެވެ. އެންމެފަހުން އޭނާ ނިންމީ ޑޮކްޓަރަށް ދައްކާށެވެ. ފެންވަރާލައިގެން ނުކުމެ، އާދައިގެ ޓީޝާޓަކާއި ސޯޓެއް ލައިގެން ސިއްޚީ މަރުކަޒަށް ދިޔުމަށްޓަކައި އިޝްފާން ގެއިން ނުކުމެލިއެވެ. ގައިގައި ވަރު ނެތްނަމަވެސް، ހިތްވަރަށް އިޝްފާން ހިނގަމުންދިޔައެވެ. ނަސީބަކުން ސިއްޚީ މަރުކަޒުވެސް ހުންނަނީ މާ ދުރަކު ނޫނެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު، މަގުމަތިން ހިނގާމީހުން ފެންނަނީ ފުދޭވަރަކަށް މަދުންނެވެ. ވަރުދެރަ މަޑު ހިނގުމެއްގައި އިޝްފާން ގޮސް ސިއްޚީ މަރުކަޒަށް ވަދެ ކައުންޓަރާ ކައިރިވެލިއެވެ. އެއަށްފަހު، އޭނާ ޑޮކްޓަރަށް ދައްކާލަން ބޭނުންވާކަމުގައި ބުންޏެވެ. ވީގޮތާ ބެހޭގޮތުން ނަރުސްކުއްޖާ ސުވާލުކުރުމުން އިޝްފާން ކުރު ގޮތަކަށް ޖަވާބު ދިނެވެ.

"ހުން އައި ފަހުން ވީ ގޮތެއް. ގައިގަ ވަރެއް ނުހުރޭ، ބޯ އަނބުރާފަ ނޭވާވެސް ކުރުވެފަ ހުންނަނީ…" އިޝްފާން ބުނެލިއެވެ.

"ދުރުވޭ…" ނަރުސްކުއްޖާ އެހެން ބުނެލުމަށްފަހު، އިޝްފާން ގޮވައިގެން ގޮސް ވައިޓަލް ބެލިއެވެ. އޭރުވެސް ހުމުގެ އަސަރު ކޮންމެވެސް ވަަރަކަށް ހުއްޓެވެ. އަދި ބީޕީވެސް ހުރީ ދަށްކޮށެވެ. މެމޯ ހެއްދުމަށްފަހު ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބުނީ އެޑްމިޓްވުމަށެވެ. ގެއަށް ފޮނުވޭ ވަރަށްވުރެ ބޮޑަށް ބީޕީ ދަށްކަމުގައި ބުނެފައި، ނޭވާލާން އުނދަގޫވާ ސަބަބު އިތުރަށް ބަލަން ޖެހޭނެކަމުގައި ބުނެފައި ޑޮކްޓަރު ލަފާ ދިނީ އައިވީ ފެށުމަށެވެ.

އެޑްމިޓްކޮށް އިންޖެކްޝަންޖަހާ އައިވީ ފެށުމުން ގައިގެ ރިހުމަށް ލުޔެއް ލިބުނުހެން އިޝްފާންއަށް ހީވިއެވެ. އޭގެ އިރުކޮޅެއްފަހުން ނަރުސްކުއްޖަކު އައިސް އިޝްފާންގެ ލޭ ނެގިއެވެ. އައިވީ ހުސްވި ނަމަވެސް، ރިޕޯޓްތަައް ރެޑީ ވަންދެން އެޑްމިޓް ކޮށްފައި ބާއްވާނެ ވާހަކަ ބުނެފައި ނަރުސްކުއްޖާ ދިޔައެވެ.

އިޝްފާން ހުރީ އެއްވެސް މީހެއް ކައިރީގައި އޭނާ އެޑްމިޓްކުރި ވާހަކަ ބުނާކަށް ނޫނެވެ. އެހެންނަމަވެސް، ޖެހިގެން އަދި ދުވަހު ވެސް ދޫކޮށްނުލުމުން އެ ވާހަކަ ކޮންމެވެސް މީހެއްގެ ގާތުގައި ބުނަން އިޝްފާންއަށް މަޖުބޫރުވިއެވެ. އޭނާ ސަވާއަށް ގުޅާލާފައި އެޑްމިޓްކުރި ވާހަކަ ބުނުމުން ސަވާ ފަތުޙީ އާ މަދީހާ ކައިރީގައި އެ ވާހަކަ ބުންޏެވެ. ދޫކޮށްލާނެ ދުވަހެއް ނޭނގޭތީ އިޝްފާންގެ ކައިރީގައި އިތުރު މީހަކު ހުރުމުގެ މުހިންމުކަން އެނގޭތީ އެމީހުން ނިންމީ ސަވާ އެރަށަށް ފޮނުވުމަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު