މަންމާފުޅުގެ ޖަނާޒާއަށް ސަރުކާރުން ދިން އެއްބާރުލުމަށް ޞާލިޙްގެ ޝުކުރު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މުއުމިނާ ހުސެއިންފުޅުގެ ކަށުނަމާދުގައި އެމަނިކުފާނު ---- ފޮޓޯ/ ރަައީސް ޞާލިޙް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ މަންމާފުޅު، މޫމިނާ ހަސަންފުޅުގެ ޖަނާޒާގެ އިންތިޒާމުތަކަށް ސަރުކާރުން ދިން އެއްބާރުލުމަށް އެ މަނިކުފާނު މިއަދު ޝުކުރު އަދައިކުރައްވައިފިއެވެ.

ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރުގެ ފަރާތުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އިސްވެ ހުންނަވައިގެން، މަންމާފުޅުގެ ޖަނާޒާއަށް ހަމަޖައްސައިދެއްވި، އެންމެހާ އިންތިޒާމުތަކަށް އެމަނިކުފާނާއި އާއިލާގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އޭގެއިތުރުން، މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންވައި، ހެޔޮ ދުއާ ކޮށްދެއްވައި، ތައުޒިޔާ ކިޔުއްވި ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދައިކުރައްވާފައެވެ.

ކުރީގެ ރައީސް ޞާލިހްގެ މަންމާފުޅު، މޫމިނާ ހަސަންފުޅު އަވަހާރަވީއިރު އުމުރުފުޅުން 80 އަހަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމަނިކުފާނުގެ މަންމާފުޅުގެ ޖަނާޒާގައި އިމާމުވެ ނަމާދުކުރެއްވީ ލޯފަން ދަރިކަލުން މޫސާ މުހައްމަދު ސޯލިހް (މޫސަބެ)އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މޫސަބެ ސަންދޯކުގެ ކުރިމަތީ ބެހެއްޓުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެހީތެރިވެދެއްވައެވެ. މި ޖަނާޒާ ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައި ރޭގެ މަޣްރިބް ނަމާދަށް ފަހުއެވެ.

މޫސައަކީ ކީރިތި ޤުރުއާން ހިތުދަސް ބޭފުޅަކަށްވާއިރު، އެ އާއިލާގައި ހިމެނިވަޑައިގަންނަވާ ލޯފަން ތިން ބޭފުޅުންނަކީ ވެސް ޤުރުއާން ހިތުދަސް ބޭފުޅުންނެވެ. އެ ތިން ބޭފުޅުން ވަނީ މިދިޔަ އަހަރު އިމާމު ކޯސް ފުރިހަމަކުރައްވައިފައެވެ.

މޫމިނާ ހަސަންފުޅަށް 12 ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ސޯލިހާއި ފާތިމަތު މުޙައްމަދު ސޯލިހުގެ އިތުރުން ލޯފަން ތިން ބޭފުޅެއްް ހިމެނެއެވެ.

comment ކޮމެންޓް