ބެލޮން ޑިއޯ ކާމިޔާބު ކުރާނީ ކޮށް ކުޅުންތެރިއެއްބާ؟

--

މި ހިނގާ 2023-2024 ވަނަ އަަހަރުގެ ފުޓްބޯޅަ ސީޒަން މިވަނީ މިހާރު ނިމުމަކަށް އައިސްފައެވެ.

އަދި އާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ޔޫރަޕްގެ ގިނަ ކްލަބްތަކުން މިހާރުވަނީ ފަށައިފައެވެ.

މިހާރު ގިނަ ބައެއްގެ ހިތުގާ އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ މި ފަހަރުގެ ބެލޮން ޑިއޯ ކާމިޔާބު ކުރާނީ ކޮން ކުޅުންތެރިއެއްބާއެވެ. އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ލިބިގެންދާ މި އިނާމް މިފަހަރު ލިބިގެންދާނީ ކާކަށްތޯ ހިތާހިތާ ސުވާލުކުރާ ފަރާތްތައް ވަރަށް ގިނަ ވާނެއެވެ.

އަދި އެ އިނާމް މި ފަހަރު ލިބެންޖެހޭނީ މިވެނި ކުޅުންތެރިޔަކަށް ކަން ނިންމައިގެން ތިބި ފުޓުބޯޅައަށް ލޯބި ކުރާ ފަރާތްތައް މަދެއް ނުވާނެއެވެ. މި ފަހަރު ވެސް ބެލޮން ޑިއޯއަށް ވާދަކުރާ ކުޅުންތެރިންގެ އަދަދު މަދެއް ނުވާނެއެވެ.

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބީއާއެކު ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ތަރި ވިނިޝިއަސް ޖޫނިއާ އާއި އިންގްލަންޑްގެ އަރަމުން އަންނަ ތަރި ޖޫޑް ބެލިންހަމް އަށް އަމިއްލަ ޓީމުތަކާއެކު ސަރަހައްދީ މުބާރާތް ކާމިޔާބު ކުރެވޭގޮތް ނުވުމާއެކު މި ތައްޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓް ވަނީ އިތުރަށް ފުޅާވެގެން ގޮސްފައެވެ.

މި ފަހަރު މި ބަލާލަނީ މީގެތެރެއިން އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ބައެއް ކުޅުންތެރިންނަށެވެ.


ޑާނީ ކާވަހާލް – ރެއާލް މެޑްރިޑް، ސްޕެއިން
އުމުރުން 32 އަހަރުގެ ކާވަހާލް އަކީ މިފަހަރުގެ ޔޫރޯގެ ކުރިން ބެލޮން ޑިއޯ އިނާމަށް ވާދަ ކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނިދާނެ ކުޅުންތެރިއެއްކަމަކަށް ބެލެވިފައެއް ނުވެއެވެ.

ނަމަވެސް ޔޫރޯ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދުމާއެކު އޭނާ މިވަނީ އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގާއި ޔޫރޯ މިހާތަނަށް ކާމިޔާބުކުރި 12 ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.

ކާވަހާލްވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖެހުމުގެ އިތުރުން ޔޫރޯ މުބާރާތުގައި ވެސް ސްޕެއިންއަށް ލަނޑުޖަހާދީފައެވެ. އޭނާ ނިމިދިޔަ ސީޒަންގައި 54 މެޗު ކުޅުނު އިރު ހަތް ލަނޑު ޖަހައި އަށް އެސިސްޓް ކޮށްފައިވެއެވެ.

އަދި ލަލީގާ އާއި ޗެމްޕިއަންސް ލިގުގެ އިތުރުން ސްޕެނިޝް ސުޕާ ކަޕާއި ޔޫރޯ މުބާރާތްވެސް ވަނީ މިދިޔަ ސީޒަންގައި ކާމިޔާބު ކޮށްފައެވެ. ކާވަހާލްއަށް ބެލޮން ޑިއޯ ލިބިގެން ހިނގައްޖެނަމަ އޭނާ ވެގެންދާނީ މިއީނާމް ލިބިގެންދާ ފުރަތަމަ ފުލް ބެކަށެވެ. އަދި އޭނާގެ ވާހަކައިން އޭނާ މިއިނާމަށް އުންމީދު ކުރާކަންވަނީ ޔޫރޯ ތެރޭގައި ވަރަށް ރަނގަޅަށް ހާމަވެގެން ގޮސްފައެވެ.

ލެމީން ޔަމާލް – އެފްސީ ބާސެލޯނާ، ސްޕެއިން
އުމުރުން 16 އަހަރުގެ ޔަމާލް ވަނީ ނިމިދިޔަ ޔޫރޯ މުބާރާތުގައި އެންމެ ގިނަ ބައެއްގެ ދުލުކުރިއަށް އައި ނަމެއްގެ ގޮތުގައި ވެގެންގޮސްފައެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

މިފަހަރުގެ ޔޫރޯގައި އެންމެ ފާހަގަ ކޮށްލެވޭ ކުޅުމެއް ގެނެސްދިން ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި މިޒުވާން ކުޅުންތެރިޔާ ވަނީ ހިމެނިގެން ގޮސްފައެވެ. ކްލަބް ލެވެލްގައި ނިމި ދިޔަ ސީޒަންގައި 50 މެޗު ބާސާއަށް ކުޅެދީ ފާހަގަ ކޮށްލެވޭ ސީޒަނެއް ޔަމާލް ނިންމާލީ ޔޫރޯގައި އެއަށްވުރެ ފާހަގަ ކޮށްލެވޭ ކާމިޔާބު މުބާރާތަކާއެކުއެވެ.

މިގޮތުން ޔޫރޯ މުބާރާތެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިއެއްގެ އިތުރުން މި މުބާރާތުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން އެމުބާރާތް ކާމިޔާބުކުރިވެސް އެންމެ ޒުވާން ކުޅުންތެރިޔާއަށް ޔަމާލްވަނީ ވެގެން ގޮސްފައެވެ. އޭނާ ވަނީ ޔޫރޯގެ ސެމީފައިނަލް މެޗުގައި ފަރަންސޭސިވިލާތާއި ދެކޮޅަށް ވަރަށް ފުރިހަމަ ލަނޑެއް ޖެހުމުގެ އިތުރުން ހަތަރު ލަނޑު ޖެހުމަށް އެހިތެރިވެދީފައެވެ.

ޔަމާލްއަށްވަނީ ޔޫރޯގައި ދެއްކި މޮޅު ކުޅުމާއެކު މުބާރާތުގެ ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ލިބިގެން ގޮސްފައެވެ. ނިމިދިޔަ ސީޒަންގައި ޔަމާލްވަނީ 64 މެޗު ކުޅެ 10 ލަނޑު ޖަހާ 14 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ބެލޮން ޑިއޯ މިހާތަނަށް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔަކީ 1997 ވަނަ އަހަރު އުމުރުން 21 އަހަރުގައި އެއިނާމް ހާސިލްކުރި ބްރެޒިލްގެ ރޮނާލްޑޯއެވެ.


ލިއޮނެލް މެސީ – އިންޓާ މައޭމީ، އާޖެންޓީނާ
މިފަހަރުގެ ބެލޮން ޑިއޯއަށް ވާދަކުރާ އެންމެ ދުވަސްވީ ކުޅުންތެރިޔަކީ އާޖެންޓީނާގެ އުމުރުން 37 އަހަރުގެ ލިއޮނެލް މެސީއެވެ. އޭނާއަކީ ބެލޮން ޑިއޯގެ ތާރީހްގައި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.

މިގޮތުން އަށް ފަހަރު މަތިން މެސީ ވަނީ މިއިނާމް ހާސިލްކޮށްފައެވެ. މިގޮތުން މިދިޔަ ސީޒަންގައިވެސް މިއިނާމް ހާސިލްކޮށްފައިވަނީ މެސީއެވެ. ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި މިފަހަރު ވެސް މިއިނާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި މެސީގެ ނަން ހިމެނިގެންދާނެއެވެ.

ނަމަވެސް އޭނާއަށް މިއިނާމް ލިބިއްޖެނަމަ އެކަމާއި ހައިރާން ވާނެ ފަރާތްތަށްވެސް މަދެއް ނުވާނެއެވެ.

މީގެ ސަބަބުތަކުގެ ތެރޭގައި ނިމިދިޔަ ސީޒަންގައި ކްލަބް ލެވެލްގައި އަނިޔާގެ ސަބަބުން އެންމެ މޮޅު ކުޅުން ދެއްކިފަވާކަމަށް ގަބޫލް ނުކުރެވޭއިރު ނިމިދިޔަ ކޮމެބޯލް ކޮޕާ އެމެރިކާގައި ވެސް މެސީ ފެނިގެންދިޔައީ އެންމެ ފިޓްކޮށެއް ނޫނެވެ.

އަދި އެ މުބާރާތުގައި ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ. މިދިޔަ ސީޒަންގައި މެސީ ވަނީ 39 މެޗު ކުޅެ 28 ލަނޑު ޖަހާދީ 17 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި ކާމިޔާބުކުރެވުނީ އާޖެންޓީނާ ޓީމާއެކު ކޮޕާ އެމެރިކާގެ ތަށި އެކަންޏެވެ.

ވިނީޝިއަސް ޖޫނިއާ – ރެއާލް މެޑްރިޑް، ބްރެޒިލް
އުމުރުން 24 އަހަރުގެ ވިނީޝިއަންއަކީ ނިމިދިޔަ ސީޒަންގައި ރެއާލްއަށް ހޯދި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި އެއް ކުލުންތެރިޔާއެވެ. މިގޮތުން އޭނާގެ އެހީތެރިކަމާއެކު ރެއާލްއިން ވަނީ ލަލީގާގެ އިތުރުން ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކޮށްފައެވެ.

އަދި އޭނާ ސީޒަން ނިންމާލީ ރެއާލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައެވެ. އެއީ 24 ލަނޑާއި 11 އެސިސްޓާއެކުއެވެ. ނަމަވެސް ކްލަބް ލެވެލްގައި ހޯދި ކާމިޔާބީ އޭނާއަށްވަނީ ޤައުމީ ޓީމާއެކު ތަކުރާރު ކުރެވޭގޮތް ނުވެފައެވެ. މިގޮތުން ކޮޕާ އެމެރިކާގެ ކުއާޓާ ފައިނަލުން ބްރެޒިލްވަނީ އުރުގުއާއީ އަތުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔަންޖެހިފައެވެ. މިދިޔަ ސީޒަންގައި މިއާއެކު ވިނީޝިއަސްއަށް ކުޅެވިފައިވަނީ 49 މެޗުގައެވެ. އަދި 26 ލަނޑު ޖެހިއިރު 11 ލަޏޑު ޖެހުމަށް އެހީތެރިވެދިނެވެ.

ޖޫޑް ބެލިންހަމް – ރެއާލް މެޑްރިޑް، އިންގްލަންޑް
މިދިޔަ ސީޒަންގައި ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް އިން ރެއާލް މެޑްރިޑަށް ބަދަލުވެ އުމުރުން 21 އަހަރުގެ ބެލިންހަމްވަނީ ގިނަ ބަޔަކު ހީކުރިވަރަށްވުރެ ވެސް ކާމިޔާބު ސީޒަނެއް ހޭދަކޮށްފައެވެ.

އަދި މިދިޔަ ސީޒަންގައި ރެއާލް އިން ހޯދި ކާމިޔާބީގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިއެއްގެގޮތުގައި ފާހަގަ ކުރެވިފައިވަނީ ބެލިންހަމްއެވެ. އޭނާވަނީ 23 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީ 13 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މީގެތެރޭގައި ލަލީގާގައި ރެއާލް އާއި އެންމެ ވާދަވެރި ބާސާ އާއި ލީގުގައި ވާދަކުރި ދެމެދުގެ ވެސް އެންމެ ފަހު ވަގުތު އެދެމެޗުން މޮޅުވި ލަނޑު ޖަހައިދީފައިވަނީވެސް ބެލިންހަމްއެވެ.

ނިމިދިޔަ ޔޫރޯގައިވެސް ބެލިންހަމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސް އިންގްލަންޑް ފައިނަލާއި ހަމައަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެތެރެއިން ވެސް އެންމެ ފާހަގަވެގެންދިޔަ އެއް ވަގުތު ކޮޅަކަށް ވެގެން ގޮސްފައިވަނީ ފަހު 16 ޓީމުގެ ބުރުގައި ސްލޮވާކިއާ އާއި ބައްދަލުކުރި މެޗުގެ އިތުރު ވަގުތުގައި ބޯމަތިން ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑެވެ.

އަދި މިމުބާރާތުގެ ފައިނަލްގައި އިންގްލަންޑަށް ފައިނަލްގައި ސްޕެއިންގެ މައްޗަށް ކުރި ހޯދުނުނަމަ ބެލޮން ޑިއޯ ލިބުން އެންމެ ހައްގު ކުޅުންތެރިޔަކަށް އޭނާ ވެގެންދިޔައީސް ކަމުގައި ދެކޭ ފަރާތްތަށް ވަރަށް ގިނަ އެވެ. އަދި މިހާރު ބެލޮން ޑިއޯ ލިބޭ ކުޅުންތެރިންގެ ލިސްޓް ކުރިއަށްވުރެ ފުޅާވެގެންދިޔަ ނަމަވެސް އެ އިނާމް އޭނާއަށް ލިބޭނެކަމަށް ގަބޫލް ކުރާ ފަރާތްތަށް އަދިވެސް މަދެއް ނޫނެވެ.

ރޮޑްރީ ހެނާންޑޭޒް – މެންޗެސްޓާ ސިޓީ، ސްޕެއިން
އުމުރުން 28 އަހަރުގެ ރޮޑްރީއަކީ މި ވަގުތު އޭނާ ކުޅޭ ހޯލްޑިން މިޑްފީލްޑް ރޯލުގައި އެފަދަ ދެވަނައެއް ނެތް ވަރުގެ ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ.

މިދިޔަ ސީޒަންގައި ކްލަބާއި ޤައުމަށް އޭނާއަތުން ގެންލިފައިވަނީ އެންމެ މެޗެކެވެ. އެއީ އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަ ޔުނައިޓެޑާއި ދެކޮޅަށް ކުޅެ ސިޓީ ބަލިވި މެޗު އެކަންޏެވެ.

އޭނާ މިދިޔަ ސީޒަންގައި ބަލިވި ހަތަރު މެޗާއި އެއްވަރަށް އޭނާވަނީ ތަށި ކާމިޔާބު ކޮށްފައެވެ. ރޮޑްރީވަނީ މިދިޔަ ސީޒަންގައި ސިޓީއާއެކު އިންގްލިޝް ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޔުއޭފާ ސުޕާ ކަޕާއި ފީފާ ކްލަބް ވާރލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އަދި އޭނާ މިވަނީ ސްޕެއިން އާއި ޔޫރޯ މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން މިފަހަރު ބެލޮން ޑިއޯ ލިބުން އެންމެ ހައްގު ކުޅުންތެރިޔަކީ ރޮޑްރީކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ.

އޭނާ ޔޫރޯގައި ދެއްކި ކުޅުމާއެކު އޭނާއަށްވަނީ އެމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބިފައެވެ. މި އިނާމް ރޮޑްރީއަށް ލިބިގެން ހިނގައްޖެނަމަ ވާނީ މި އިނާމް ލިބޭ ސިޓީގެ ފުރުސަތަ ކުޅުންތެރިޔާއަށެވެ. ރޮޑްރީ ވަނީ މިދިޔަ ސީޒަންގައި 63 މެޗު ކުޅެ 12 ލަނޑު ޖަހާ 14 އެސިސްޓް ކޮށްފައެވެ.

މިއީ މި ފަހަރު މި އިނާމް ލިބޭނެކަމަށް އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވާ ކުޅުންތެރިންނެވެ. މިއިން ކޮންމެ ކުޅުންތެރިޔަކަށް އެއިނާމް ލިބިގެންދިޔަ ނަމަވެސް އެއިނާމް އެކުޅުންތެރިޔަކަށް ހައްގު ވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރާނެއިރު އެކަމަށް ފާޑު ކިޔާނެ ފަރާތްތަށްވެސް ގިނަވެގެންދިއުން ގާނެއެވެ. މިފަހަރުގެ ބެލޮން ޑިއޯގެ އިނާމް ދިނުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބާ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު