'ރައިހާ'އަކީ ކުރިން ނުލިޔާވަރުގެ ސްކްރީންޕްލޭއެއް: ރިނާ

އެސްއެސް މީޑިއާއިން އުފައްދާ ފުރަތަމަ ޑުރާމާ ސިލްސިލާ، "ރައިހާ"އަކީ މީގެ ކުރިން ލިޔެފައިނުވާ ފަދަ، ތަފާތު ސްކްރީންޕްލޭއެއްގެ މައްޗަށް ބިނާކޮށް ކުޅެފައިވާ ޑުރާމާ ސިލްސިލާއެއް ކަމަށް، ރާއްޖޭގައި ފާހަގަކޮށްލެވޭ ޑްރާމާތަކުގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ލިޔެފައިވާ އާމިނަތު ރިނާޒާ (ރިނާ) މިއަދު ބުނެފިއެވެ.

ރައިހާއަކީ ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ ޑުރާމާ ސިލްސިލާއެކެވެ.

މީގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ރިނާއެވެ. ރިނާ މި އޮތީ މި ޑުރާމާ ސިލްސިލާ ބަލަންވީ ކީއްވެކަން ކިޔައިދީފައެވެ.

ރިނާ ބުނީ، ރައިހާ ޑްރާމާގެ ސްކްރީންޕްލޭއަކީ ލޯބީގެ ކަންތައްތަކެއްގެ އިތުރުން މިހާރު މުޖުތަމައުގައި ހިނގަމުންދާ އެތައް ކަންތައްތަކެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ ސްކްރީންޕްލޭއެއް ކަމަށެވެ.

އެ ގޮތުން، ބެލުންތެރިން މި ޑްރާމާ ބަލަންވީ އެންމެ ބޮޑު އެއް ސަބަބަކީ މި ޑްރާމާ ބަލާލުމުން މިހާރުގެ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންތައްތަކާއި މައިންބަފައިންގެ ބަސް ގަބޫލުނުކޮށް ތިމާގެ އުފަލަކަށްޓަކައި ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ވެސް މުޅި ދިރިއުޅުން ބަދަލުވެދާނެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެތީ ކަމަށެވެ.

އަދި، މި ޑްރާމާއިން މިހާރުގެ ޅަ އުމުރުފުރައިގެ ކުދިންނަށް ރަނގަޅު މެސެޖެއް ލިބިގެންދާނެކަން ވެސް ރިނާ ވަނީ ފާހަގަކޮށްފައެވެ.

ރިނާއަކީ މީގެ ކުރިން ބަލްގިސް، ހަނާ، ޔަޝްނާ ފަދަ މަޝްހޫރު އެތައް ޑުރާމާއެއްގެ ވާހަކައާއި ސްކްރީންޕްލޭ ލިޔެފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. ނަމަވެސް، ރިނާ ބުނި ގޮތުގައި ރައިހާއަކީ ކުރިން ނުލިޔާ ކަހަލަ ތަފާތު ސްކްރީންޕްލޭއެކެވެ.

ވަރަށް ބޮޑަށް މީގެ ތެރެއަށް ވަދެ ވަރަށް ބުރަ މަސައްކަތެއް ކުރަންޖެހުނު. މި ޑްރާމާއަކީ ކުރިން ނުލިޔާކަހަލަ ތަފާތު ކޮންސެޕްޓަކަށް ލިޔެފައިވާ ޑްރާމާއަކަށްވުމުން މި ޑްރާމާގައި ގެނެސްދީފައިވާ ކަންތައްތަކަކީ ވަރަށް ގިނަ މަޢުލޫމާތު ހޯދާ އެކަމަކާގުޅޭ ބައެއްގެ ކައިރިން ލަފާހޯދާ ވަރަށް މަސައްކަތް ކުރެވުނު ޑްރާމާއެއް. ސްކްރީންޕްލޭ ލިޔުމުގައި އަޅުގަނޑުގެ ފިރިމީހާ އަލީ ރަޝީދުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު، އާމިނަތު ރިނާޒާ (ރިނާ)

ރިނާ ބުނި ގޮތުގައި މި ޑްރާމާ ސިލްސިލާ ކުޅެފައި ވަނީ ސްކްރީންޕްލޭއަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތިއެވެ.

ރައިހާ ޑުރާމާ ސިލްސިލާގެ ޕޯސްޓަރެއް--

ރައިހާގެ ސްކްރީޕްލޭ ތައްޔާރުކުރަން ގާތްގަނޑަކަށް ދޮޅުމަސްވަރު ހޭދަކުރެވުނު ކަމަށް އޭނާ ބުންޏެވެ.

ރައިހާ ޑުރާމާ ސިލްސިލާގެ މުހިންމު ރޯލުތައް ކުޅޭ އެކްޓަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ފަންނާނުން ހިމެނެއެވެ. އެއީ، އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާއެވެ.

ޑްރާމާގައި އެކްޓުކޮށްފައިވާ އެކްޓަރުންނާ ގުޅޭގޮތުން ރިނާ ބުނީ، އެކްޓިންއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެހެން ޑްރާމާތަކާއި ޚިލާފަށް މި ޑުރާމާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އުންމީދުކުރަނީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ޑްރާމާއަކަށްވުމަށް ކަމަށް ރިނާ ބުންޏެވެ.

ރިނާ ވަނީ އެސްއެސް މީޑިއާއިން އޭނާއަށް މި ފުރުސަތު ދިނީތީ ޝުކުރު އަދާކޮށްފައެވެ.

"ރައިހާ"ގެ ޓްރެއިލާއާއި ޕޯސްޓަރު، ރަސްމީކޮށް ލޯންޗުކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު އޯޓީޕީ ބައި ސޮލައިޓްގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރަނީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑުރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ. ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތްކުރީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ.

މި ޑުރާމާ ޝޫޓުކޮށްފައި ވަނީ މ. މުލަކުގައެވެ. މި ސީރީޒްގެ 60 ޕަސެންޓު ކާސްޓުންނަކީ މުލަކު މީހުންނެވެ.

comment ކޮމެންޓް