މެންބަރުންނާ އެކު ފުރާ އެންމެންނަށް ވީއައިޕީ ޚިދުމަތް ނުދޭ ގޮތަށް ބަދަލުކޮށްފި

ވިހިވަނަ މަޖިލިސް: ސަމޯއާ އެގްރީމެންޓަށް ރުހުން ދޭން އާދިއްތަ ދުވަހަށް ވަނީ ޖަލްސާއެއް އެޖެންޑާކޮށްފައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓޫ (ވީއައިއޭ)ގެ ވީއައިޕީ ލައުންޖުން ޚިދުމަތްދޭ ގޮތަށް ފާސްކުރުމަށް ފަހު، މިރޭ އެ މައްސަލަ ކޮމިޓީން ބޭރުކޮށްލައިފިއެވެ.

މީގެ ކުރީން އަމަލު ކުރަމުން އައިސްފައިވާ ގޮތުން، މަޖިލިސް މެންބަރާއި، އޭނާގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި ދަރީންގެ އިތުރުން މައިންބަފައިންނަށް ވެސް ވީއައިއޭގެ ވީއައިޕީ ލައުންޖުން ޚިދުމަތްދެއެެވެ. އެ ޚިދުމަތަށްވާ ބިލު މަޖިލީހުން ދައްކަންޖެހޭއިރު، މިއީ ވަރަށް ކުރީއްސުރެން އަމަލު ކުރަމުން އައިސްފައިވާ އުސޫލެކެވެ.

އެހެން ނަމަވެސް ނިމިދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފައި އޮތީ، މަޖިލިސް މެންބަރުންނާ އެކު ފުރާ ހުރިހާ އެންމެންނަށް ވީއައިއޭގެ ވީއައިޕީ ލައުންޖުން ޚިދުމަތް ދިނުމަށެވެ.

މިއަދު ބޭއްވި އާންމު ކޮމިޓީގައި އެ އުސޫލު ފާސްކުރީ 19ވަނަ މަޖިލީހުން އެ ގޮތަށް ފާސްކޮށްފައިވާތީއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތުން، މިރޭ އާންމު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ އެ ނިންމުން މުރާޖަޢާ ކުރުމަށެވެ.

މިރޭގެ ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ވަނީ، މަޖިލިސް ރައީސްގެ ލަފާފުޅުގެ މަތިން، 19ވަނަ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައިވާ ހުށަހެޅުން ބާތިލުކޮށް، 18ވަނަ މަޖިލީހުގައި އެ ކަން ކުރަމުން އައި ގޮތަށް ބަދަލު ކުރުމަށް ހުށަހަޅުއްވާފައެވެ. އަދި އިސްލާހު އޮތް ގޮތަށް ނުބާއްވައި، އެ މައްސަލަ ބޭރުކޮށްލުމަށް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރިޔާޒެވެ.

މަޖިލިސް މެންބަރުންނާ އެކު ފުރާ އެންމެނަށް ވީއައިއޭގެ ވީއައިޕީ ލައުންޖުން ޚިދުމަތް ދޭގޮތަށް 19ވަނަ މަޖިލީހުން ފާސްކުރީ މެންބަރުންނަށް ލިބިދޭ އިމްތިޔާޒުގެ ދަށުންނެވެ.

މިއަދު ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލައި، ކޮމިޓީން މިރޭ ފާސްކުރީ 2020ވަނަ އަހަރު އަމަލު ކުރަމުން އައި ގޮތަށް މެންބަރުންނާއި މެންބަރުންގެ އާއިލާއަށް އެކަނި ވީއައިޕީ ލައުންޖުން ޚިދުމަތް ލިބޭ ގޮތަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު