ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުންދާ ކްރޮއޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޫކާ މޮޑްރިޗް އެ ކްލަބްގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އުމުރުން 38 އަހަރުގެ މޮޑްރިޗް 2012 ވަނަ އަހަރު އިންގްލިޝް ޕްރިމިއާ ލީގުގެ ޓޮޓްނަމް ހޮޓްސްޕާއިން ރެއާލްއަށް ބަދަލުވީ ފަހުން މިހާތަނަށްވަނީ އެކްލަބާއެކު 26 ތަށި ހޯދާފައެވެ. އޭގެތެރޭގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ހަ ތައްޓާއި ލަލީގާގެ ތަށި ހަތަރު ފަހަރު ކާމިޔާބު ކުރުން ހިމެނެއެވެ.
ދެހާސް އަށާރަ ވަނަ އަަހަރު ބޭއްވި ފީފާ ވާލްޑް ކަޕްގައި ދެއްކި މޮޅުކުޅުމުގެ ސަބަބުން އެފަހަރުގެ ބެލޮން ޑިއޯ އިނާމް ލިބުނު މޮޑްރިޗްވަނީ މިހާތަނަށް ރެއާލްއަށް 534 މެޗު ކުޅެދީ 39 ލަނޑު ޖަހައިދީފައެވެ. އެންމެ ފަހުން ނިމުނު ސީޒަންގައި މޮޑްރިޗްވަނީ ހުރިހާ މުބާރާތެއް އެއްކޮށް 46 މެޗުގައި ރެއާލްއަށް ކުޅެދީފައެވެ.
މިދިޔަ ސީޒަންގައި އޭނާ މެޗުގެ ފަހު ބައިގައި ކުޅެން އަރައި އޭނާގެ ހުނަރާއި ތަޖުރިބާގެ އަލީގައި ޓީމަށް މުހިންމު ކާމިޔާބީތަކެއް ހާސިލްކުރުމުގައި އެހީތެރިވި މަންޒަރު ފެނުނެވެ.
ރެއާލްއާއެކު މޮޑްރިޗް ހަދާފައިވި އެއްބަސްވުންވަނީ މިދިޔަ ސީޒަނާއެކު ނިމުމަކަށް އައިސްފައެވެ. އަދި އޭނާ އެއްބަސްވުން އާކޮށްފައިމިވަނީ މިސީޒަންގައި އެޓީމުން ފެނިދާނެކަމާމެދު ކޮންމެވެސް ވަރަކަށް ސުވާލު އުފެދިފައިވަނިކޮށެވެ.
ނިމިދިޔަ ސީޒަނާއެކު ރެއާލްގެ މެދުތެރެއިން އެންމެ މުހިންމު ދައުރެއް އަރާކުރި އެއް ކުޅުންތެރިޔާ ކަމުގައިވާ ޖަރުމަނުވިލާތުގެ ޓޯނީ ކްރޫސް މިފަހަރުގެ ސީޒަންގައި އެޓީމުގައި ނެތުމުން އެޓީމުގެ މެދުތެރެއިން ކޯޗު ކާލޯ އެންޗެލޮޓީއަށް ބޭނުންވާ ތަޖުރިބާ ހިއްސާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިޔަކަށް ވާނީ މޮޑްރިޗް ކަމުގައި ބެލެވެއެވެ.
މޮޑްރިޗް އޭނާ ރެއާލްގައި ހޭދަކުރާ 13 ވަނަ ސީޒަނަށް ކުރިމަތިލާއިރު އާ ސީޒަނަށް އެޓީމު ވަރުގަދަ ކުރުމުގެ ގޮތުންވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ފޯވަޑް ކަމަށްވާ ފަރަންސޭސިވިލާތުގެ ކެޕްޓަން ކިލިއަން އެމްބާޕޭ އެޓީމަށް ގެންގޮސްފައެވެ. އަދި ބްރެޒިލްގެ އަރަމުން އަންނަ ތަރި އެންޑްރިކްވެސް މިސީޒަންގައި ފެންނާނީ ރެއާލް މެޑްރިޑުންނެވެ.
ކާމިޔާބު ފުޓްބޯޅަ ކެރިއަރެއްގެ އެންމެ ފަހު މަރުހަލާ ކަޑައްތު ކުރަމުން އަންނަ މޮޑްރިޗްވަނީ ވަރަށް ފަހުން ނިމުނު ޔޫރޯ މުބާރާތުގައި ވާދަކުރި ކްރޮއޭޝިއާ ޓީމު ކުޅުނު ތިން މެޗުގައި ވެސް ކުޅެފައެވެ.