ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އައިޑީޕީ އުނިކޮށްދިނުމަށް ހުށަހެޅި މައްސަލަ މަދަނީ ކޯޓުން ނުބެލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފި

10:00


ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ނަން އުނިކުރަން އަމުރު ކޮށްދިނުމަށް އެދި އައިޑީޕީގެ ކުރީގެ ރައީސް އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ކުރި ދައުވާ މަދަނީ ކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަދަނީ ކޯޓުގައި މިއަދު ބުނެފި އެވެ.


ޑިސެމްބަރު 12، 2005ގައި އުފެއްދި އައިޑީޕީގެ ކުރީގެ ރައީސް އަދި އިދިކޮޅު ޑީއާރްޕީގެ ނައިބު ލީޑަރު އުމަރު ނަސީރު މަދަނީ ކޯޓުގައި ދައުވާ ކުރީ އޭނާގެ ބެލުމުގެ ދަށުން ކޮންގްރެސްއެއް ބާއްވައި އުވާލާފައިވާ އައިޑީޕީގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި އެވެ.


    ކޯޓުގައި އުމަރު ނަސީރުގެ ދައުވާ އަށް ޖަވާބު ދިނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީއެއްގެ މައްސަލައެއް މަދަނީ ކޯޓުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އުމަރު ނަސީރު މި މައްސަލާގައި ދައުވާ ކުރައްވަން ބޭނުންފުޅުވާ ނަމަ  މައްސަލަ ހުށަހަޅުއްވަން ޖެހޭނީ ހައިކޯޓަށް ނުވަތަ ސުޕްރީމް ކޯޓަށް ކަމަށެވެ. މަދަނީ ކޯޓުގައި މައްސަލަ ބަލާ ނަމަ އެފަދަ ޕްރެސިޑެންޓެއް  ގާއިމުވާން ޖެހޭނެ ކަމަށާއި އެ ހާލަތު ގާއިމުވެފައި ނުވާ ކަމަށެވެ. ކޮމިޝަނުން ސިޔާސީ ޕާޓީއެއްގެ ތޮބީއަތުގައި އެ ޕާޓީއެއްގެ މައްސަލައެއް ދާންޖެހޭނީ ހައިކޯޓަށް ކަމަށެވެ.


    "ދައުވާ އަށް އަޅުގަނޑުމެން ޖަވާބުދާރީވާނީ ކޯޓުން މި މިއީ މަދަނީ ކޯޓުގައި ކުރިޔަށް ގެންދެވޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ނިންމަވައިދެއްވުމުން. އެހެން ވީމާ އަޑުޅުގަނޑުމެން އެދެނީ މި މައްސަލަ ބާތިލުކޮށްދެއްވުމަށް،" އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވި އެވެ.


    މަދަނީ ކޯޓުގެ ގާޒީ ހާތިފު ހިލްމީ ވިދާޅުވީ މި މައްސަލަ ދެން ކުރިޔަށް ގެންދާނީ ކޮމިޝަނުން އެދޭ ފަދައިން މިއީ މަދަނީ ކޯޓުގައި ބެލިދާނެ މައްސަލައެއްތޯ ބެއްލެވުމަށް ފަހު އެކަމަށް ގޮތެއް ނިމުމުން ކަމަށެވެ.


    ސިޔާސީ ޕާޓީއެއްގެ މައްސަލަ މަދަނީ ކޯޓުގައި ބެލިދާ ފަދަ ޕްރެސިޑެންޓެއް ގާއިމުވެފައި ނެތް ކަމަށް  އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ސޯޝަލް ލިބެރެލް ޕާޓީ (އެސްއެލްޕީ) ރަޖިސްޓްރީގެ މައްސަލަ ބަލައި ނިޔާ ކަނޑައަޅާފައި ވަނީ މަދަނީ ކޯޓުންނެވެ.


އުމަރު ނަސީރު ރައީސް ކަން ކުރެއްވި އައިޑީޕީ އުވާލި ކަމަށް އޭނާގެ ފަރާތުން އިއުލާނު ކުރީ މި އަހަރު ޖެނުއަރީ މަހުގެ ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސް އަކުން ޕާޓީ އުވާލުމަށް ފާސް ކުރުމަށް ފަހު އެވެ. ޕާޓީ އުވާލީ ހާޒިރުވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެނެވެ.


އޭގެ ފަހުން ފެބުރުއަރީ 6، 2010ގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އައިޑީޕީ އުވާލުމަށް އެ ޕާޓީން ހުށަހެޅި ނަމަވެސް ގާނޫނީ ހަމަތަކުން ބަލާއިރު އައިޑީޕީ އުވައި ނުލެވޭ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު