ދުރުގައި ވާން ނޭދުނަސް ހިތް... 29

"އަހަރެންގެ ހަޤީގަތް އެނގުމުންވެސް ރީހާން އަހަރެން ގަބޫލުކުރާނަންތަ؟" ބްރިޖުގެ މެދާ ހިސާބަށް ދެވުމާއެކު، ކާރު ތެރޭގައި ވީ ހިމޭންކަން ފޫދުއްވާލާފައި ފުރަތަމަ ވާހަކަ ދެއްކީ ސަވާއެވެ.

ސަވާގެ އެ ސުވާލާއެކު ރީހާންއަށް ކުޑަ ހައިރާންކަމެއް ލިބުނު ނަމަވެސް، އޭނާ އެ އަސަރުތައް ކުޅަދާނަ ކަމާއެކު ފޮރުވާލަމުން ހިނިތުންވެލިއެވެ.

"އަހަރެން ސަވާ ގަބޫލުނުކުރާނެޔޭ ހީވަނީތަ؟ އެހާ ލޯބިވާއިރު، ސަވާއަށްޓަކާ އަހަރެން މި ކުރި އިންތިޒާރު ހެއްކަކަށް ނުފުދޭތަ؟" ރީހާންގެ އަޑުން ސަވާއާ މެދު އެ ހިތުގައި ވާ ލޯބި ފާޅުވަމުން ދިޔައެވެ. އެ އަޑުން އެކަނިވެސް ސަވާއަށް ބުނދޭން ނޭނގޭ ގޮތްތަކެއް ވެގެން ދިޔައެވެ. ރީހާން އޭނާ ދެކެ ވާ ލޯބި ފުރަތަމަ ފަހަރަށް ސަވާއަށް އަންދާޒާކޮށްލެވުނެވެ. ހަމައެއާއެކު ރީހާން، އަމިއްލައަށް އޭނާއާ ދުރުކޮށްލެވުނުކަމަށްޓަކާ އޭނާގެ ހިތުގައި ރިއްސާލިއެވެ.

"ކޮންމެ ކަމަކަށްވިޔަސްތަ؟"އިސްޖަހާލަމުން އަހާލި ސަވާ ދެއަތް ދެއަތާ މޮޑެމުން ދިޔައީ ހިތް އަވަސްވެފައިވާ ޙާލުގައެވެ. އަދިވެސް އޭނާ ބިރުގަންނަނީއެވެ. ކީއްވެކަމެއް ނޭނގެއެވެ.

"ސަވާ….. އަހަރެން މިހުރީ އަޑު އަހަން. އަހަރެން ސަވާ ދޫކޮށްލާފަ ދާނެ ވަރު ރީޒަންއެއް ސަވާއަކަށް ނުދެއްކޭނެ." ރީހާން ސަވާގެ އަތުގައި ހިފައްޓާލާފައި ސަވާއަށް އަވަސް ނަޒަރެއް ދިނަސް، އޭނާ ނިކަން އަވަހަށް ކުރިމައްޗަށް ބަލާލިއެވެ. އޭރު ހަނދާނަށް އަންނަމުން ދިޔައީ އިޝްފާން އޭނާގެ ގާތުގައި ބުނެފައިވާ ޖުމްލަތަކެވެ.

"ސަވާއަށް ތިހާ އުނދަގޫވަންޏާ އަހަރެން މިވަގުތު އެ ވާހަކަ އެނގޭކަށް ބޭނުމެއް ނޫން. ޖަސްޓް ޓެލްމީ ވެން ޔޫ ފީލް ކޮމްފޮޓަބަލް." އެހާ ދުވަސް ފަހުން ދިމާވުމުން ބޮޑު ވާހަކައެއް ބުނަން އުނދަގޫވާނެކަން ރީހާންއަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވީ އެ ވަގުތު ސަވާއަށް ދޭށެވެެ. އެއްވެސް ގޮތަކުން ސަވާއަށް އިތުރު ތަކުލީފެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

"ރީހާން އަހަރެން ދެކެ ހަމަ އެހާ ލޯބިވޭތަ؟" ސަވާ ކިތަންމެ މަޑުމަޑުން ބުނެލި ނަމަވެސް، ރީހާން އަށް އެ އަޑު ރީތިކޮށް އިވުނެވެ. ސަވާ އިސް އުފުލާލާ ރީހާންއަށް ބަލާލިއިރު، އެ ދެލޮލުގައި ވިދަމުން ދިޔައީ ކަރުނައިގެ މުތީތަކެވެ. އެ ވޭނުން ފުރިގެންވި ނަޒަރުގައި ވި ރިހުމުން އެހާ ތަކުލީފެއް ސަވާ ތަޙައްމަލް ކުރަން ޖެހުނު ސަބަބެއް ނޭނގުނު ނަމަވެސް، ސަވާގެ ޙަޔާތުގައި އޭނާއަށް ނޭނގި ވަރަށް ބައިވަރު ކަންތައްތަކެއް ހިނގައިފިކަން ރީހާންއަށް ޔަޤީންކުރެވުނެވެ.

"ޝައްކުކުރަނީތަ؟ އެފަދަ ފުރުސަތެއް އަހަންނަށް ދެވުނީތަ؟" ކުޑަ ހިނދުކޮޅަކަށްވެސް ރީހާންގެ އަޑުން ހިތާމައިގެ އަސަރު ފާޅުވެލިއެވެ. ސަވާ އެއްޗެއް ބުނަން ނުކުޅެދުނެވެ. އޭނާ އިސްޖަހާލައިގެން އެއިން ގޮތަށް އިނީއެވެ. ބްރިޖުން ފައިބައިގެން ހައިވޭއިން ދުއްވާފައި ގޮސް ހުޅުމާލެ އެރި އިރުވެސް އެ ދެމެދުގައި ވީ ހިމޭންކަމެވެ. އިރުއިރުކޮޅަކާ އެކަކު އަނެކަކަށް ބަލާލި ނަމަވެސް، އިސްވެ އަނގައިން ބުނާނެ ހިތްވަރު ދެމީހުންގެ ނެތް ފަދައެވެ. އަނގައިން ނުބުންޏެއް ކަމަކު ދެ ނަޒަރު ބައްދަލުވެލާ ކޮންމެ ފަހަރަކު އެތައް ވާހަކައެއް ބުނެދެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބީގެ ބަޔާން އެ ނަޒަރުން އެކަނިވެސް އިއްވާފަދައެވެ.

"ކައިފިންތަ؟" ސަވާ އެއްޗެއް ނުބުނާނެކަން ޔަޤީންވެ އެންމެ ފަހުން ރީހާން އެ ހަމަހިމޭންކަން ފޫދުއްވާލިއެވެ. އޭނާ ސަވާއަށް ބަލާލުމަށްފަހު، ހިނިތުންވެލަން މަސައްކަތްކުރިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ސަވާ ނޫނެކޭ ބުންޏެވެ. އެހެންކަމުން ރީހާންވެސް އިތުރު އެއްޗެއް ބުނުމެއްނެތި ހުޅުމާލޭގެ މަޝްހޫރު އިންޑިއަން ރެސްޓޯރެންޓެއް ކަމުގައިވާ "އިންޑިއަން ފުޑް" ރެސްޓޯރެންޓާ ދިމާލަށް ކާރު ދުއްވާލިއެވެ. އެ ހިސާބަށް އަރާ ހަމަވެފައި ރީހާން ސަވާއަށް ގޮވާލިއެވެ.

"ސަވާ…" ރީހާން ގޮވާލުމުންވެސް ސަވާއަށް އަޑެއް ނީވުނެވެ. އެއަށްވުރެ ބޮޑަށް އޭނާ އިނީ ވިސްނުމަކަށް ގެއްލިފައެއެވެ. ސިކުނޑީގައި ހައިޖާނުގަނޑުގެ ތެރޭގައި ޣަރަގުވަމުން ދިޔަ ސަވާ ސިއްސައިގެން ދިޔައީ ރީހާން އޭނާގެ އަތުގައި މަޑުމަޑުން އަތް ޖައްސާލުމުންނެވެ.

"ނޫން…" ނުވިސްނާ އިން ސަވާއަށް ލިބުނު ސިހުމުގައި ރީހާންގެ އަތް ފޮޅުވާލެވުނެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާއަށް ރީހާންއަށް ބަލާލެވުނެވެ.

"ރިލެކްސް. އިޓްސް މީ…" ސަވާއަށް ވެފައި އިން ގޮތުން ރީހާންއަށް ނިކަން އަވަސް އަވަހަށް ބުނެވުނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވި ހިނދު ސަވާގެ ދެލޮލުގައިވި ކަރުނަތައް ރީހާންއަށް އުނދަގޫކުރުވިއެވެ.

"ކީއްވެ ތި ނަޒަރުން އަހަންނަށް ތި ބަލަނީ؟ ކީއްވެ މިރޭ ތި ނޫން މޫނެއް އަހަންނަށް ނުފެންނަނީ… ކީއްވެ މިރޭ ތި ކަރުނަތައް ތަކުރާރުކޮށް ތި ލޮލަށް ޖަމާވަނީ؟" ރީހާންގެ ސުވާލާއެކު ސަވާ ތުންފަތުގައި ދަތް އަޅާލަމުން ކަރުނަތައް ހިންދާލަން މަސައްކަތްކުރިއެވެ. ރީހާން އޭނާ ގަބޫލުކުރިއެއްކަމަކު ރީހާންއާއެކު ކައިވެންޏެއް ކޮށްގެން އުފާވެރި ދިރިއުޅުމެއް އޭނާ އުޅޭނީ ކިހިނަކުން ހެއްޔެވެ؟ ރީހާންގެ އަތުގެ ބީހުން ދެންމެ އިޙްސާސްވި ވަގުތު ވެސް އޭނާގެ މުޅި ނަފްސަށް އުނދަގޫވެގެން ދިޔައެވެ.

"އަހަރެން ރީހާންއާއެކީ އުޅެން ބޭނުންވިޔަސް، އެކަން… އައި ކާންޓް…. އައި…" ހިތުގައި ވި އެއްޗެއް ދުލަށް ހާމަކުރުމުގެ ކުޅަދާނަކަން ނެތް ފަދައިން ސަވާ އާގަންނަން ފެށިއެވެ.

"ދެން ކީއްވެ އަހަންނާ ބައްދަލުކުރަން އައީ؟ އަހަންނަށް އުންމީދެއް ދިނީ؟ އަހަރެންގެ ލޯބި ކީއްވެ ތިގޮތަށް ތި އިމްތިޙާނު ކުރަނީ؟" އެތެރެހަށީގައި އުފެދުނު އުދާސްތައް ރީހާން އަށް ބޭރުކުރެވެން ފެށިއެވެ. ހިތުގައި އުފެދުނު ޝަކުވާތައް ބަސްތަކެއްގެ ސިފައިގައި އެމުނި އެކުލެވިގެން އެ ދުލުން ބޭރުކޮށްލެވުނީ ރިހުމާއި އާދޭހާއެކުގައެވެ. އެތައް ވޭނަކާ އެކުގައެވެ.

މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލުމަށްފަހު ރީހާން ފުން ނޭވާއެއް ލިޔެވެ. ސަވާއަށް ބަލާލުމުންވެސް އިތުރު ޖަވާބެއް ނުލިބުނެވެ. އެންމެ ފަހުން ރީހާން ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުންނަން ވެގެން އުޅުނެވެ. އޭނާގެ ނަފްސު ހީވަނީ ފިތޭހެންނެވެ. އެހެންކަމުން އޭނާ ބޭނުންވީ ކާރުން ފައިބާ ހަށިގަނޑަށް ކުޑަ ލުޔެއް ދޭށެވެ. ހައްޓަށް ފަސޭހަކޮށްލާށެވެ. އެހެންނަމަވެސް، އެ ފުރުސަތު އޭ ނުލިބުނީ ސަވާ އޭނާގެ އަތުގައި ހިފެއްޓުމުންނެވެ. ރީހާން ސަވާއަށް ބަލާލާފައި ދޮރު ޖަހާ ސީޓުގައި އިށީނެވެ.

"ޖަސްޓް ޓެލް މީ. ސަވާ ބޭނުންވަނީ ކޮން ކަމެއް؟ ހެޔޮނުވާނެ! އަހަންނަށް މިހެން ނުހަދާ…." ދެރަވެފައި ހުރިވަރުން އަމިއްލަ ނަފްސު ދެކެވެސް ރީހާން ރުޅި އަންނަ ގޮތްވިއެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް ކޮންޓްރޯލް ނުކުރެވުނު ވަގުތު ކޮޅެކެވެ. އަތުން ހުންގާނުގައި ޖަހާ ބޯ ޖަހާލި ރީހާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"ރީހާން…" ސަވާ ރީހާންއަށް ގޮވާލުމާއެކު، ސަވާއާ ކުރިމަތިނުލާ ހުންނާކަށް ރީހާންގެ ހިތަކަށް ކެތެއް ނުވިއެވެ. އޭނާ ސަވާއަށް ބަލާލުމާއެކު، ސަވާ އޭނާގެ އަތުގައި މަޑުމަޑުން ހިފައްޓާލިއެވެ. އެއަށްފަހު ރީހާންއާ ހަތަރު ކަޅި ހަމަލިއެވެ.

"ސޮރީ… ސޮރީ ރީހާން. ވަރަށް ބޮޑަށް ސޮރީ… އަހަރެން ރީހާން ދޫކޮށްލީ ކޮންމެހެން ބޭނުންވެގެންނެއް ނޫން. އެކަމަކު އޭރު…. އަހަންނަކަށް ނޭނގެ މި ވާހަކަ ބުނާނެގޮތެއް. އަދިވެސް އެ ކަންތައް… ރީހާން…. އައި…." އުނދަގުލުން ވާހަކަ ދެއްކި ސަވާ އޭނާގެ ކަރުނަތައް ދިރުވާލަން މަސައްކަތްކުރިއެވެ. މިހާ ހިސާބުން ބަލިކަށިވާކަށް އޭނާ ބޭނުމެއް ނޫނެވެ. ހިތްވަރުކޮށްފައި އަނެއްކާވެސް ވާހަކަ ފެށީ އެހެންވެގެންނެވެ. ސަވާ ބުނާނެ އެއްޗަކަށް އިންތިޒާރުކުރަމުން ދިޔަ ރީހާންގެ ހިތްވެސް އިންތިހާ ބާރުމިނުގައި ތެޅެމުން ދިޔައެވެ.

"އައި ވޯޒް ރޭޕްޑް…" ސީދާ ރީހާންގެ ދެލޮލަށް ބަލަން ހުރެ ހާމަކޮށްލި ސަވާގެ ދެލޮލުން ކަރުނަތައް އޮހޮރެން ފެށި ނަމަވެސް، އޭނާ އެ ނަޒަރު ރީހާންއާ ވަތްކެއް ނުކޮށްލައެވެ. އެ ޖުމްތައް ދުލުން ބޭރުކޮށްލިއިރު، އޭނާގެ މުޅި ހަށިގަނޑުގައި އުފެދުނު ބިރުވެރިކަމުގެ އަސަރު ހަށިގަނޑަށްވެސް ފޯރަން ފަށައިފިއެވެ. ދެ ތުންފަތް ތުރުތުރު އަޅަން ފެށުމުން ތުންފަތުގައި ދަތް އަޅާލި ސަވާ އޭނާގެ އަމިއްލަ ނަފްސުގެ ކޮންޓްރޯލް އޭނާގެ ދަށަށް ގެންނަން މަސައްކަތް ކުރަމުން ދިޔައެވެ.

ސަވާގެ ޖުމްލަ އަޑު އިވުނު ރީހާންގެ ކަންފަތް ދޮށުގައި ހީވީ ބޮމެއް ގޮށްވާލިހެންނެވެ. އިވުނު އަޑު އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. ސަވާ އޭނާ އާ ދުރުވި ސަބަބަކީ އެއީ ހެއްޔެވެ؟ ސަވާ ހީކުރީ ކީކޭކަމަށްހެއްޔެވެ؟ އޭނާގެ ހިތުގައި ވާ ލޯތްބަކީ އެހާ ފަސޭހައިން ފުހެވޭނެ އެއްޗެއްކަމަށް ހެއްޔެވެ؟ އެކަމުގެ ސަބަބުން އޭނާ ސަވާ ދޫކޮށްލަފާނެކަމަށް ހެއްޔެވެ؟

ބޮލުގައި ދެ އަތުން ހިފައްޓާލުމާއެކު މައްޗަށް ބަލާލަމުން ރީހާން ހަށިފުރާ ނޭވާއެއް ލިއެވެ. ސަވާއަށް ބަލާލާފައި އެއްޗެއް ބުނަން އުޅުނު ނަމަވެސް، އެންމެ ބަހެއްވެސް އޭނާގެ ދުލުގެ ކުރިއަކަށް ނަޔެވެ. ހީވަނީ ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ކަރު ބުޑުގައި ތާށިވެފައި ހުރިހެންނެވެ. ހިތް ދިރުވާލަންވެސް ރީހާންއަށް އުނދަގޫވެގެން ދިޔައެވެ.

"ރީހާން…" ރީހާންއަށް އައި ބަދަލުތައް މާނަ ކުރާނެގޮތެއް ނޭނގި ސަވާއަށް އިނދެވުނެވެ. "އަހަންނާއެކު އުޅެން ބޭނުން ނުވިޔަސް މައްސަލައެއް ނެތޭ… ޔޫ ކޭން ޖަސްޓް... ލީވް މީ…" ހިތުގައި އަތް އަޅާފައި ސަވާ އެހެން ބުނެލިއިރު، އެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ.

"ވަޓް އިސް ރޯންގް ވިތް ޔޫ ސަވާ…" ސަވާގެ އެ ޖުމްލަތަކުގެ ސަބަބުން ރީހާންގެ ގާތަށް އައީ ރުޅިއެވެ. ކުއްލިއަކަށް ސަވާއަށް ބަލާލާފައި އެހާ ބާރަށް ބުނެވުނީވެސް އެހެންވެގެންނެވެ.

"ރީ…" ސަވާގެ ވާހަކަ ރީހާން މެދު ކަނޑާލިއެވެ.

"އޯ ގޯޑް! ކީއްވެތަ އަހަރެން ކައިރީގަ ނުބުނީ… އެންމެ ފަހަރަކުވެއް އަހަންނާ ބައްދަލުނުކުރީ ކީއްވެތަ؟ ވައި؟ ވައި ޑިޑް ޔޫ ޑޫ އިޓް؟ އަހަންނަށް އިތުބާރު ނުކުރެވުނީތަ؟ އަހަރެންގެ ލޯތްބަށް އިތުބާރު ނެތީތަ؟ އެކަމުގެ ސަބަބުން އަހަރެން ސަވާ ދޫކޮށްލަފާނެކަމަށް ހީވީތަ؟ އަހަރެން މީ މޮޔައެއްގަ؟ ޔޫ ރިއަލީ ތޯޓް ދެޓް އައިވިލް ލީވް ޔޫ… " ރީހާންގެ އަޑު ބާރެވެ. އެހެންނަމަވެސް، އެ އަޑުގައި ހަރުކަށިކަމެއް ނުވެއެވެ. ހަޤީގަތުގައި އެ ހިތުގައިވީ ޝަކުވާއެވެ.

"ނޫން… އެހެންނެއް ނޫން…" ސަވާއަށް ރޮވެނީއެވެ.

"ދެން ވައި؟…" ސަވާގެ ދެކޮނޑުގައި ހިފާ އޭނާއާ ދިމާލަށް އަނބުރާލަމުން ރީހާން ބުންޏެވެ. "ލުކް އެޓް މީ…"

ސަވާ ދެފަރާތަށް ބޯ ހޫރާލީ ރީހާންއަށް ބަލާލުމުގެ ހިތްވަރު ނެތުމުންނެވެ.

"ޕްލީޒް… އެންމެ ފަހަރަކު…. ސަވާ… ޕްލީޒް ބޭބީ…" ރީހާންގެ އާދޭސްތަކުގެ ކުރިމަތީގައި ސަވާ ބަލިކަށިވިއެވެ. އޭނާ އެންމެ ފަހުން ރީހާންއަށް ބަލާލިއެވެ. ސަވާގެ ދެލޮލުގައި ވި ކަރުނަތައް ރީހާން ލޯތްބާއެކީގައި ފުހެދިނެވެ. ދެންމެ އޭނާއަށް ކަންތައް ކުރެވުނު ގޮތުން ރީހާން މާފަށް ވެސް އެދުނެވެ.

"އައި އެމް ސޮރީ…" ރީހާން ބުންޏެވެ. ނޫނެކޭ ބުނުމުގެ ގޮތުން ސަވާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"އައި ވޯޒް އެމޯޝަނަލް، އެންޑް ހާރޓް. އެހެންވެ އެގޮތަށް ކަންތައް ކުރެވުނީ. ސަވާ އަހަރެން ގާތު ނުބުނެ ދިޔައިމަ. އަހަރެން ސަވާ ދޫކޮށްލަފާނެކަމަށް ހީވީމަ. އައި ވުޑް ނެވަރ ލީވް ޔޫ…އޭގަ ސަވާގެ ކުށަކީ ކޮބާ؟ ނެތެއްނު. ދެން ކީއްވެ.. އެކަހަލަ ވިސްނުން ގެންގުޅޭ މީހެއް ނޫން އަހަންނަކީ. އައި އެމް ސޮރީ އެގެއިން. ސަވާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކާ. އައި ވިލް ގިވް ޔޫ ޓައިމް." ސަވާގެ ހިތުގެ އަޑުވެސް އެހުމަކީ މުހިންމުކަމެއްކަން އެނގި ރީހާން އެހެން ބުނެލިއިރު އޭނާ އިނީ ސަވާގެ ކޯތާފަތުގައި އަތް ޖައްސާލައިގެންނެވެ.

"އަހަރެން ބިރުގަތީ ރީހާން. އަހަރެންގެ އަމިއްލަ ނަފްސު ދެކެވެސް، ރީހާން އަހަރެން ދޫކޮށްލަފާނެތީ އެކަންޏެއް ނޫން. މީހަކު އަހަރެންގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް އަހަރެން ސިއްސައިގެން ދޭ. އެ ޚިޔާލުތައް ވެރިވޭ. ވިއިރު މީހަކާ އިނދެގެން އަހަރެން އުޅޭނީ ކިހިނެއް؟ އައި އޭމް ސްޓިލް އޮން ތެރަޕީ. އެ ހާދިސާއށް ފަސް އަހަރު ވީއިރުވެސް…" ހިތުގައި އެތައް ޝަކުވާތަކެއް ވީ ނަމަވެސް، ދުލާ ހަމައަށް އޭނާއަށް ގެނެވުނީ މަދު ލަފުޒުތަކެކެވެ. މާ ބޮޑަށް ރޮވެން ފެށުމުން އޭނާ ވާހަކަ ހުއްޓާލިއެވެ.

"ޝްޝްޝް… އިތުރަށް އެއްވެސް ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫން. ސަވާ ބުނަން ބޭނުންވާ ހުރިހާއެއްޗެއް އަހަންނަށް އެނގިއްޖެ. ދެން ހުއްޓާލާ…" ސަވާގެ ކަރުނަތައް ފުހެދެމުން ރީހާން ބުނެލިއެވެ.

"ރީހާން. އައި އެމް ސޮރީ… " ސަވާ ބުންޏެވެ.

"އިޓްސް އޯކޭ، އިޓްސް އޯކޭ… އިތުރަށް އެ ވާހަކަ ދައްކާނެ ކަމެއް ނެތް. އެކަމަކު…" އެހާ ހިސާބަށް ބުނެފައި ރީހާން ހުއްޓާލިއެވެ.

"އެކަމަކު…" ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ ސަވާ އެދުނީ ރީހާންގެ ޖުމްލަ ފުރިހަމަކުރުމަށެވެ.

"އަހަރެން ބޭނުން އެއީ ކާކުކަން އެނގެން؟" ރީހާން އެދުނެވެ.

"އޭނަ ދުނިޔެއަކު ނެތް." ސަވާ އިސްޖަހާލިއެވެ.

"މަރުވީތަ؟ " ރީހާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ސަވާ ބޯ ޖަހާލިއެވެ. ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވި ނަމަވެސް، އިޝްފާންގެ ވާހަކަ ބުނަން އޭނާ ފަސްޖެހުނެވެ.

"އޭނަ ދުނިޔޭގައި ހުރިނަމަ އަހަރެންގެ އަތުން ނަމަވެސް އޭނަ މަރުވީސް…" ރީހާންއަށް ބުނެވުނެވެ. އޭނާ އެންމެ ލޯބިވާ ކުއްޖާއަށް އެ އަނިޔާ ދިން މީހަކަށް ހަމަޖެހިލައިގެން އުޅޭކަށް ލާހިކެއް ނޫނެވެ.

"އަހަރެންގެ ބޮޑުބޭބެ…" ވިސްނާލަމުން ސަވާ ރީހާން ކުރިން ކުރި ސުވާލަށް ޖަވާބު ދިނެވެ.

"އޭ...." ނުވިސްނާ އިން ރީހާންއަށް ބުނެވުނެވެ.

"އެކަން ކުރީ އަހަރެންގެ ބޮޑު ބޭބެޔޭ… ބުނަން ބޭނުންވާ ބައިވަރު ވާހަކަތައް އެބަހުރި. އެކަމަކު… އަހަންނަށް ނޭނގެ…" ސަވާއަށް ބުނެވުނެވެ.

"ސަވާ ބުނަން ބޭނުން އިރަކުން ބުނަންވީ. އަހަރެން އަބަދުވެސް އަޑު އަހާނަން. އޯކޭ؟" ރީހާން ހިނިތުންވެލިއެވެ. ސަވާވެސް ރީހާންއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"އަދިވެސް ހަމަ ކުރީގެ ސަވާ. އެހާ ލޯބި. ބުރުގާ އެޅީމަ ވަކިން ރީތި." ރީހާން ސަވާއަށް ތަޢުރީފްކޮށްލިއެވެ. އޭނާ ބޭނުންވީ މައުޟޫ ކޮންމެވެސް އެހެން ދިމާލަކަށް އަނބުރާލާށެވެ. ލަދުން އިސްޖަހާލި ސަވާއަށް ބަލަހައްޓައިގެން ރީހާން އިނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ.

"އަހަރެންގެ ހިތް ދެވުނު ހަމަ އެކަނި ކުއްޖަކީ ތީ! ކިހާ ދުވަހެއް ވެއްޖެ އިންތިޒާރުކުރާތާ! ކީއްވެ އިސްޖަހަނީ؟ މިރޭ އަހަރެން ބަލަން ބޭނުންވާ ވަރަކަށް ބަަަލަން ފުރުސަތު ދީ…" ރީހާން އިތުރަށް ސަވާ ލަދުގަންނުވާލިއެވެ.

"ދެން ރީހާން…" ސަވާއަށް ބުނެވުނެވެ.

"އަހަންނާ އިންނާނަންތަ؟" ސަވާއަށް ބަަލަން އިނދެ ރީހާން ބުނެލިއެވެ.

"އަހަންނަށް ބަލާލާފަ ޖަވާބު ދީބަލަ. އޯލްރެޑީ ވަރަށް ދުވަހު އިންތިޒާރުކޮށްފިން… ދެން އިތުރަށް މަޑުކުރާކަށް ބޭނުމެއް ނޫން." ރީހާން އިއްވީ އޭނާގެ ހިތުގެ އަޑެވެ. އާބަސްދޭން ސަވާ ޖެހިލުންވިކަން އެނގުނު ރީހާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ސަވާ ވިސްނާ ކަންތައް އަހަންނަށް އެނގެޔޭ. އައި ވިލް ގިވް ޔޫ ޓައިމް. އައި ވިލް ޓޭކް ކެއަރ އޮފް އެވްރީތިންގ…" ރީހާން ގެ އަޑުގައި ވަނީ ސާބިތުކަމެވެ. އެ ދެލޮލުން ސަވާއަށް ފެނުނީ ތެދުވެރިކަމެވެ. އެއީ އޭނާގެވެސް އެދުމެވެ. ބިރުގަންނަނީ އަމިއްލަ ނަފްސަށް އިތުބާރު ނެތީތީއެވެ.

"އަހަރެން ސަވާގެ ޖަވާބަކަށް އިންތިޒާރުކުރާނަން." ރީހާން ބުނެލިއެވެ.

"ޔެސް. އައި ވިލް… އައި ވިލް މެރީ ޔޫ…" ހިތުގައި އުފެދުނު ބިރުވެރިކަމާ ކުރިމަތިލާފައި އެހެން ހުރިހާ ކަމެއް ހަނދާންނައްތާލާފައި އަމިއްލަ ހިތުގެ އަޑު ސަވާ އެހިއެވެ.

"ތެންކިއު…" ސަވާއަށް ބަލާލި ރީހާން ބުނެލިއެވެ. "އެހާ އަވަހަށް ޖަވާބު ނުދިނަސް އޯކޭ ވާނެ... އަހަންނަށް އިންތިޒާރުކުރެވޭނެޔޭ…" ރީހާން ހީނލިއެވެ.

"އަހަންނަށް ޔަޤީންވާކަމެއްގެ ކީކުރަން މަޑުކުރަންވީ…" ސަވާ ޖަވާބު ދިނެވެ. ރީހާން ސަވާގެ އަތަށް ބޮސް ދިނެވެ.

އެރޭ ރީހާންއާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލާފައި، ސަވާ ގެއަށް އައި އިރު އޭނާގެ ހިތްވަނީ އުފަލުން ފުރިފައެވެ. ހިނިތުންވެލައިގެން ހުރި ގޮތުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ ފަސްބަޔަށް ޖަމާވެފައިވާހެންނެވެ.

ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް އޭނާ ގުޅާލީ އިޝްފާންއަށެވެ. ސަވާ ބޭނުންވީ އެ ޚަބަރު އެންމެ ފުރަތަމަ އިޝްފާންއަށް ދޭށެވެ. އެހެނީ އޭނާއަށް އެ ފިޔަވަޅު ކުރިއަށް އެޅުމުގެ އެންމެ ބޮޑު ހިތްވަރު ދިނީ އިޝްފާންއަށް ވީތީއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު