ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނަ ބޮޑުކުރައްވަން ރައީސް އިއުލާނުކުރައްވައިފި

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޘުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށްވުރެ ދެ ގުނަ ބޮޑުކުރައްވަން ނިންމަވައި އެ ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މީގެކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށެވެ.

ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އަންނަކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން އެ ކަމަށް ޚާއްސަ ހޭދައެއްކުރުން ކަމަށެވެ.

"އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އަވަސް މުއްދަތެއްގައި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމަށް ބިމެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.

އަދި ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި އަންނަ އަހަރުން ފެށިގެން ހަދާނެކަމަށް ވެސް ވިދާޅުވިއެވެ.

ހާފިޘުންނަށް މިހާރު ލިބެނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. އެހެންކަމުން ދެން އެ އިނާޔަތް 4،000 އަށްވުރެ މަތިވާނެއެވެ.

ހާފިޘް ކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ޚާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޘުންނަށް ލިބޭނެއެވެ.

comment ކޮމެންޓް