'ޕިރް އާއީ ހަސީން ދިލްރުބާ' އަންނަ މަހު ނެޓްފްލިކްސްއަށް

ބަތަލާ ތާޕްސީ ޕައްނޫއާއި ވިކްރާންތު މަސޭ މުހިއްމު ރޯލަކުން ފެންނާނެ ސީކުއަލް "ޕިރް އާއީ ހަސީން ދިލްރުބާ" ކުރިއަށް އޮތް އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއާކުރާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމަކީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމު "ހަސީން ދިލްރުބާ"ގެ ސީކުއަލްއެކެވެ. ޖޭޕްރާދު ދެސާއީ އަދި ކަނިކާ ދިލޮން ޑައިރެކްޓް ކުރާ މި ސީކުއަލްއިން 2021ވަނަ އަހަރު ރިލީޒްކުރި ފުރަތަމަ ފިލްމުގެ ހަނދާންތައް އާ ކުރުވާނެ ކަމަށާއި ދެވަނަ ފިލްމު ފެށޭނީ "ހަސީން ދިލްރުބާ"ގެ ވާހަކަ ނިންމާލި ހިސާބުން ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ތުރިލާ ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ އިންޑިއާގެ އާގަރާގައެވެ. ތާޕްސީއާއި ވިކްރާންތުގެ އިތުރުން އެކްޓަރު ޖިމީ ޝޭރްގިލް އަދި ސަނީ ކޯޝަލް މުހިއްމު ރޯލެއް ކުޅެފައިވާ "ޕިރު އާއީ ހަސީން ދިލްރުބާ"އަކީ މި އަހަރު ރިލީޒްކުރާނެ ވަގުތަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެވެ.

އެކްޓަރު ވިކްރާތު، ސަނީ ކޯޝަލް އަދި ތާޕްސީ ފިލްމު "ޕިރް އާއީ ހަސީން ދިލްރުބާ"ގެ ބައެއް މަންޒަރުތަކުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޚާއްސަކޮށް ފުރަތަމަ ފިލްމު ނިންމާލި ހިސާބުން ދެން ފިލްމުގައި ވާނެ ގޮތެއް ބަލާލުމުގެ ޝައުގުވެރިކަން ބެލުންތެރިން ވަނީ އެކި ފަހަރުމަތިން ފާޅުކޮށްފައެވެ. މި ފަހަރުގެ ސީކުއަލްގެ ނިމުން އުފާވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ފިލްމުގެ ފުރަތަމަ ބައިން ތާޕްސީއާ ވިކްރާންތުއާ އެކު މުހިއްމު ރޯލަކުން ފެނިފައިވަނީ އެކްޓަރު ހަރްޝްވަރުދަން ރަނޭއެވެ.

ފިލްމު "ޕިރް އާއީ ހަސީން ދިލްރުބާ"އަށް ފަހު ތާޕްސީ ބޮޑު ކާސްޓަކާއެކު މަސައްކަތްކުރަމުން އަންނަ ފިލްމު "ކޭލް ކޭލް މޭ" އޮގަސްޓް މަހުގެ 15ގައި ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަކްޝޭ ކުމާރުއާ އެކު ތާޕްސީ ފެންނާނެ މި ފިލްމަކީ ކޮމެޑީ ޑްރާމާ ފިލްމެކެވެ.

comment ކޮމެންޓް