ފިލްމު 'ކަލްކީ' ބޮކްސް އޮފީހުގައި 1،000 ކްރޯޑު ފަހަނައަޅައިފި

ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މިދިޔަ މަހު ރިލީޒްކުރި ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ"އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 1،000 ކުރޯޑު ރުޕީސް (120 މިލިއަން އެމެރިކާ ޑޮލަރު)އަށް އަރައިފިއެވެ.

މިދިޔަ ޖޫން މަހުގެ 27 ގައި ސިނަމާތަކުގައި ދައްކަން ފެށި ފިލްމު "ކަލްކީ"އަކީ ތެލުގޫ ޑައިރެކްޓަރު ނާގް އަޝްވިން ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމު 1،000 ކުރޯޑު ރުޕީސް ފަހަނައަޅައި ދިއުމާ ގުޅިގެން ނާގް އަޝްވިން ބުނެފައި ވަނީ މި ފިލްމަށް މިހާބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދުނީ މާ ބޮޑު ލޭ އޮހޮރުވުމަކާ ނުލައި ކަމަށާއި މިއީ ވަރަށް ޒުވާން އުމުރުގެ ޓީމެއްގެ މަސައްކަތް ކަމުގައެވެ.

ފިލްމަށް ބޮކްސް އޮފީހުގައި ކާމިޔާބު ހޯދޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް ބެލުންތެރިންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބޭނެކަމަށް އުއްމީދު ނުކުރާ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ ޕަދުކޯން ފިލްމު 'ކަލްކީ'ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވަނީ--ފޮޓޯ/ވެރައިޓީ
ފިލްމަށް ލިބުނު ކާމިޔާބީއާ ގުޅިގެން ނާގް އަޝްވިން ކުރި ޕޯސްޓަކީ ފިލްމު "އެނިމަލް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީއަށް އަމާޒުކޮށް ލިޔުނު ޕޯސްޓެއް ކަމަށް ބުނެ ބައެއް މީހުން ކޮމެންޓު ކުރަން ފެށުމުން ނާގް އަޝްވިން ވަނީ ޕޯސްޓު ފޮހެލާފައެވެ. ނާގް އަޝްވިންގެ ޕޯސްޓަކީ އެއްވެސް މީހަކާ ދިމާކުރުމުގެ ގޮތުން ކުރި ޕޯސްޓެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ވަނީ ޑައިރެކްޓަރުގެ ދިފާޢުގައި ވާހަކަ ދައްކާފައެވެ.

ޖުމްލަ 600 ކްރޯޑު ރުޕީސް (71 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމު "ކަލްކީ"ގެ ލީޑް ތަރިން ކަމަށްވާ ޕްރަބާސް، ދިޕިކާ ޕަދުކޯންގެ އިތުރުން އަމީތާބް ބައްޗަން، ކަމާލް ހަސަން އަދި ދިޝާ ޕަޓާނީ ވަރަށް މުހިއްމު ރޯލެއް ފިލްމުގައި ވަނީ ކުޅެފައެވެ.

މީގެއިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ބަތަލާ މްރޫނާލް ތާކުރު، ވިޖޭ ދެވެރަކޮންދާ، ދުލްކާރު ސަލްމާން، އެސް އެސް ރާޖާ މޮލީ އަދި ރާމް ގޯޕާލް ވަރުމާ ވަނީ ފެނިފައެވެ. މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކުން ފެނުމުގެ ފުރުސަތު ބޮޑީ ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް