މިދިޔަ މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެ، ޑެންގީގެ ކޭސްތައް ދަށަށް

މީހަކު މާސްކު އަޅައިގެން: މިދިޔަ މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެ، ޑެންގީގެ ކޭސްތައް ދަށަށް -- ސަން ފޮޓޯ/ފަޔާޒް މޫސާ

މިއަހަރުގެ މެއި މަހާ އަޅާ ބަލާއިރު ނިމިދިޔަ މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށާއި ޑެންގީގެ ކޭސްތައް ދަށްވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ މެއި މަހާއި މިދިޔަ މަހުގެ ރޯގާގެ ކޭސްތަކުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު އަރިދަފުސް ރޯގާގެ 32،738 ކޭސް ރިޕޯޓްކޮށްފައިވާއިރު، މެއި މަހު އެ ބަލިން ރިޕޯޓްކޮށްފައި ވަނީ 22،983 ކޭސްއެވެ.

މިދިޔަ މަހު އިންފުލުއެންޒާއަށް 395 މީހުން ޓެސްޓުކޮށްފައިވާއިރު، އެމީހުންގެ ތެރެއިން ޕޮޒިޓިވްވީ 137 ކޭހެވެ. އޭގެތެރެއިތުރުން، މި އަހަރުގެ މިހާތަނަށް 1753 މީހުން އެ ބައްޔަށް ޓެސްޓު ކުރެވިފައިވާ ކަމަށާއި މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 337 ކޭސް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރޯގާ ޖެހިފައިވާ ބަޔަކު ފަރުވާކުރަން ފްލޫ ކްލިނިކްގައި: މިދިޔަ މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެ، ޑެންގީގެ ކޭސްތައް ދަށަށް --- ފޮޓޯ/ ފަޔާޒު މޫސާ

ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މެއި މަހު ބޭރަށް ހިންގުމުގެ 3508 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، ނިމުނު ޖޫން މަހު އެ އަދަދު ވަނީ އިތުރުވެފައެވެ. މިގޮތުން، މިދިޔަ މަހު އެކަނި ވެސް ބޭރަށް ހިންގުމުގެ 5179 ކޭސް އެޗްޕީއޭއަށް ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ މަހު ބޭރަށް ހިންގުމުގެ ކޭސްތައް އިތުރުވެފައިވީ ނަމަވެސް ޑެންގީގެ ކޭސްތައް ވަނީ ދަށަށް ގޮސްފައެވެ. އެ ބަލި ޖެހިގެން 623 ކޭސް މިދިޔަ މަހު ރިޕޯޓްކުރިއިރު، އޭގެ ކުރީ މަހު ރިޕޯޓްކުރީ 675 ކޭހެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ދުވަސްވަރު ފެތުރެމުންދާ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން ވަރަށް މުހިންމެވެ.

އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: މިދިޔަ މަހު އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެ، ޑެންގީގެ ކޭސްތައް ދަށަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ބަލި ޖެހިފައިވާ މީހުންގެ ގާތަށް ޒިޔާރަތް ނުކުރުން
  • ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބޭނުން ކުރުން
  • ތިން ދުވަހަށްވުރެ ބަލި އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން
  • ބަލިވެގެން ހޮސްޕިޓަލަށް ދާއިރު، ބަލިމީހާއެކު ވީހާވެސް މަދުން މީހުން ދިޔުން
  • ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން

މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ މި ދުވަސްވަރު ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުން އަންނާތީ އެކަމަށް ސަމާލުވުމަށް އިލްތިލާސް ކޮށްފައެވެ. މިގޮތުން، ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި، ލޮލު ރޯގާއާއި ފާނަބަސަނދުގެ އިތުރުން ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ހިމެނެއެވެ.

comment ކޮމެންޓް