ދުރުގައި ވާން ނޭދުނަސް ހިތް... 28

"ކިހިނެއްވީ؟" ނިހާދު އެހެން ބުނެލި ވަގުތަކީ ޒައިނާވެސް ކޮޓަރިން ނުކުތް ވަގުތެވެ. އޭނާ ވެސް އެދިމާލަށް ގޮސް މަޑުކޮށްލިއެވެ. ޒައިނާއަށް ބަލާލާފައި ނިހާދު އެ ސިޓީ އުރައިގައި ހިފިއެވެ. ކޯޓުން އައި މީހާ ދިން ފޮތުގައި ސޮއިކޮށްލުމުން އެމީހާ ދިޔުމާއެކު، ނިހާދު އެ ސިޓީއުރައަށް ބަލާލާފައި ޒައިނާއަށް އަވަސް ނަޒަރެއް ދިނެވެ.

އެއީ މާދަން ނޫން އަނެއް ދުވަހު ކޯޓުގައި އޮތް އަޑު އެހުމަށް އޭނާއަށް ކިޔާފައިވާ ޗިޓެވެ. ޒައިނާ އެންމެފަހުން ވަރިވާން ކޯޓަށް ސިޓީ ލީއެވެ. އެފަދަ ހިތްވަރެއް ޒައިނާ ހޯދީ ކިހިނެއްހެއްޔެވެ؟ ޔަޤީނުންވެސް އެ ފިރިހެނާއާ ޒައިނާއާ ދެމެދު ކޮންމެވެސް ގުޅުމެއް އެބައޮތެވެ. އެހެން ނޫނީ އެ ފިނޑި އަންހެން ކުއްޖާއަށް މިވަރުގެ ކަމެއް ކުރާކަށް ނުކެރޭނެއެވެ. ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކުގެ ސަބަބުން، ނިހާދުގެ ރުޅިގަނޑުގައި ހުޅު ހިފަމުން ދިޔައެވެ. އެ ރުޅީގެ މައްޗަށް އަމިއްލަ ނަފްސަށް ބާރު ނުރޯފުވުނީ ޒަައިނާގެ ހަމަޖެހިފައިވީ މޫނު ފެނުމުންނެވެ. ޒައިނާ އާ ދިމާލަށް އެ ދިޔަ ބާރުމިނުގައި ގޮސް ޖަހަން އަތް މަޅާލި ނިހާދުގެ އަތުގައި ޒައިނާ ހުށިއާރުކަމާއެކު ހިފެއްޓިއެވެ.

"އަނިޔާކުރުން ނޫންކަމެއް ކުރާކަށް ނޭނގޭތަ؟" ޒައިނާ އަތް ފޮޅުވާލަމުން ނިހާދާ ކުރިމަތިލިއެވެ.

"އަހަރެން ވަރިކުރިއްޔާ ވަރިވާނީ… ކަލެއަށް ހީވަނީތަ އެހާ ފަސޭހައިން އަހަރެންގެ ކިބައިން ސަލާމަތްވާނެހެން؟" ޒައިނާއަށް ބަލާލަމުން ނިހާދު އެހެން ބުނެލީ ދަތްކުނޑިވިކާލައިގެން ހުރެއެވެ.

"ކިތަންމެ އުނދަގުލަސް ވަކި ހިސާބަކަަށް ދިޔައިމަ ކޯޓުން ވަރިކޮށްދޭނެ." ޒައިނާ ހުރީ ދޫދޭގޮތަކަށް ނޫނެވެ.

"ލަދެއް ނުގަނޭތަ؟ މަމީ ކަލޭގެ ފިރިމީހާއޭ. ހިލޭ ފިރިހެނަކަށްޓަކާ ހާދަ ވަރެކޭ ދޯ ވެފަ ތި ހުންނަނީ. އޭނައާ ކަލެއާ ދެމެދު ގުޅުމެއް ނުވާނަމަ ތިހާ ފުއްޕާކަށް ނުކެރޭނެކަން މަށަށް އެނގޭ.." ދެން ނިހާދު ޒައިނާއަށް ރައްދުކޮށްލީ ހުތުރު ބަހެކެވެ.

"އަދިވެސް އަހަރެންގެ ހިލޭ މީހުންނާ ގުޅުން ބާއްވަނީ. މަގޭ ކުރިމަތީގައި ހިލޭ އަންހެނުން ގޮވައިގެން ތި އުޅެ…" ޒައިނާގެ ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް ނިހާދުގެ ހޫނު ހަމަލާއެއް ޒައިނާގެ ކޯތާފަތަށް އަމާޒުވިއެވެ. ނަގައިގަތް ދިލައިގެ ސަބަބުން ޒައިނާއަށް އޭނާގެ ކޯތާފަތުގައި އަތް އަޅާލެވުނުއިރު އޭނާގެ ދެލޮލުން ފެން ވެސް އަތުވެއްޖެއެވެ.

"އަނިޔާކުރޭ! ކޯޓުގައި އަހަރެން މި ހެކި ތައް ދެއްކީމަ ވަރިނުކޮށްދޭނެކަމަށް ނިހާދު ހީކުރަނީތަ؟" ރަތްވެފައިވާ ކޯތާފަތް ނިހާދަށް ދައްކައިލުމާއެކު، ޒައިނާ ބުންޏެވެ.

އިތުރަށް ޒައިނާއަށް ގޯނާއެއް ކުރަން ނިހާދު ފަސްޖެހުނެވެ. ޒައިނާ އެބުނީ ތެދެކެވެ. ކޯޓަށް ދިޔުމުގެ ކުރީގައި، ޒައިނާއަށް އިތުރު ގޯނާއެއް ކޮށްފިނަމަ، އެ ހެކީގެ މައްޗަށް ގާޒީ ވަރިކޮށްދީފާނެއެވެ. ޒައިނާ ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ އޭނާ ބޭޒާރުކޮށްފައި ހަމަޖެހިލައިގެން އުޅެވިދާނެކަމަށް ހެއްޔެވެ؟ ނޫނެކެވެ. އޭނާ ޒައިނާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލާނެއެވެ. ނިހާދުގެ މޫނުމައްޗަށް ވެރިވި ޖެހިލުންވުމުގެ އަސަރުތަކުން ޒައިނާއަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް، އޭގެ ފަހުން ނިހާދުގެ އަމަލުތައް ހުންނާނެ ގޮތަކާ މެދު އޭނާ ޖެހިލުންވާގޮތްވިއެވެ. އެ ވިސްނުންތަކުން މީހާގެ ހަމަޖެހުން ނަގައިލަން ބޭނުންނުވި ނަމަވެސް، އެއީ އޭނާގެ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ. ނިހާދުގެ އަނިޔާވެރިކަން އެންމެ ކައިރިން ފެނިފައިވަނީ އޭނާއަށެވެ. ކައިވެނީގެ ކުރިން އޭނާއަށް ފެނުނީ ނިހާދުގެ އަސްލު ސޫރައެއް ނޫނެވެ. އެ ދެއްކުންތެރިކަމުގެ ފަރުދާގައި ނިހާދު ފޮރުވާފައި އޮތީ، އަނިޔާވެރިކަމާއި، ބޭވަފާތެރިކަމެވެ. އެކަމުން އޭނާއަށް ތަކުލީފާ ވޭން ލިބުން ނޫންކަމެއް ނުވިއެވެ. އެ އަނިޔާއަށް ކެތްކޮށްގެން އުޅޭތާ އެތަކެއް ދުވަހެކެވެ. އެހެންނަމަވެސް، މިހާރު އޭނާ ބޭނުންވަނީ އަމިއްލަ ނަފްސަށްޓަކާވެސް ނިހާދުގެ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާށެވެ. ޙަޔާތުގެ މި ގިލަންވެރިކަމުން މިންޖުވާން އޭނާ ބޭނުމެވެ. މިނިވަންކަމާއެކު ދިރިއުޅުމުގެ އުފާ ހާސިލް ކުރަން ބޭނުމެވެ. އަދި ރަނގަޅު މީހަކާ އިނދެ ދިރިއުޅުމެއް ފަށަންވެސް ބޭނުމެވެ.

އެ ޚިޔާލު ހިތަށްވެރިވުމާއެކު އޭނާގެ ލޮލުގެ ކުރިމަތީގައި އިޝްފާންގެ ސޫރަ ކުރެހިގެން ދިޔަހެން ޒައިނާއަށް ހީވިއެވެ. އޭނާގެ ދިރިއުޅުމަށް މީހަކު ގެންނަ ނަމަ، އެއީ އިޝްފާންއަށް ވެދާނެހެއްޔެވެ؟

"ހީކުރަނީތަ އެއީ މާ ރަނގަޅު މީހެކޭ. ހަމަހޭގައި އޭނަ ހުންނަނީ ކިތަށް ގަޑިއިރުތޯ އަހާ ސުވާލުކޮށްލަބަލަ!" އައި ރުޅީގައި ކޮފީ ޖޯޑު އަތުގެ ކޮޅަށް ހޫރާލާފައި ގެއިން ނުކުމެގެން ދަމުން ޒައިނާއަށް އިވޭ ވަރަށް ނިހާދު ބުންޏެވެ.

"އަހަންނަކަށް ތިޔެއް ނޭނގެ، އެކަމަކު އެނގޭކަމަކީ އޭނަ ނިހާދުހާ އަނިޔާވެރި ނުވާނެކަން." އެބަސްތައް ޒައިނާގެ ދުލާ ހިސާބަށް ގެންނަން އޭނަ ނުކުޅެދުނީ ނިހާދު އެ ބުނި ކަމަކީ ދެންމެ އޭނާއަށް ވިސްނާނުލެވުނު ކަމަކަށް ވީތީއެވެ. އިޝްފާންއަކީ ޑްރަގްގެ ވަބާގައި ޖެހިފައިވާ ޒުވާނެކެވެ. ވީއިރު، އޭނާ ނިހާދަށްވުރެ ވަކި ރަނގަޅުވެދާނެހެއްޔެވެ؟ އިޝްފާން، އޭނާގެ ފަރާތުން އެއްވެސް ކަމަކށް އުންމީދުނުކުރުމަށް އެ ބުނި ސަބަބަކީ އެއީ ހެއްޔެވެ؟ އިޝްފާންގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވެދާނެތީހެއްޔެވެ؟ އިޝްފާން ޑްރަގްގެ ތެރެއަށް ވަންނަން ދިމާވި ސަބަބަކީ ކޮބައިހެއްޔެވެ؟ އެ މޫނުމަތީގައި އަބަދުވެސް ސިއްރުވެރިކަމެއް ވެއެވެ. އެކަކަށްވެސް ހާމަކުރަން ބޭނުންނުވާ ކަންތައްތަކެއް އިޝްފާންގެ ސިކުނޑީގައިވާ ފަދައެވެ. އެހިތުގައި އޭނާއާ މެދު އިޙްސާސްތަކެއް ނުވާނަމަ، އޭނާ ފެނުމުން އިޝްފާންގެ މޫނުމައްޗަށް ވެރިވާ އަސަރުތަކުގެ މާނައަކީ ކޮބައިހެއްޔެވެ؟ އިޝްފާންގެ ސިއްރަކީ ކޮބައިހެއްޔެވެ؟ އެހާ ފޮރުވަން ބޭނުންވާ ހަޤީގަތަކީ ކޮބާހެއްޔެވެ؟

****

ވަރުބަލިގޮތަކަށް ދެލޯ ހުޅުވާލި އިޝްފާން ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއިރު ހެނދުނު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އާފުރިލަމުން ފޯނު އެނދުމަތީގައި ބާއްވާލަމުން އަނެއްކާވެސް އިޝްފާން ދެލޯ މަރާލިއެވެ. ހީވަނީ ތެދުވާނެހާ ހިތްވަރުވެސް ނެތްހެންނެވެ. މުޅި މީހާގެ ގައިގައި ރިއްސަމުން ދިޔައިރު، މެއާ ދިމާލުގައި ވެސް ރިހުމެއް ހުއްޓެވެ. އިރުކޮޅަކު އެހެން އޮވެލުމަށްފަހު، ތެދުވެލަން އުޅުނު ވަގުތު، ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލުމާއެކު، ދެލޯ މަރާލެވުނީ އެހެންވެގެންނެވެ. މުޅި އަތާ ފައިގައި ވެސް ތުރުތުރުއެޅުމެއް ވިއެވެ. ގައިގައި ވަރު ނެތުމުގެ ސަބަބުން އެހެން އެތައް އިރަކު އިޝްފާން އިނެވެ. ނިދިބަރުވެފައި ވީނަމަވެސް، ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން ނިދޭގޮތެއް ވެސް ނުވިއެވެ.

މެެންދުރު އަތަށް އަޅާލިއިރު، ކުޑަކޮށް ލުއިވިހެން ހީވިއެވެ. ފެންވަރާ ތާޒާވެލައިގެން ނުކުމެ އޮރެންޖު ޖޫސްތައްޓެއް ހަދާލައިގެން ބޯލައިގެން ގޮސް އިޝްފާން ޖައްސާލީ ސޯފާގައެވެ. ފޯނު ނަގާ އޭނާ ގުޅާލީ ނާއިލްއަށެވެ.

"ހަލޯ މަގޭ ސްޓަފް ކޮޅު ލިބިއްޖެތަ؟ ފަވައްޓެ ބުނި މިއަދު ފޮނުވާނަމޭ. މަ ޕޭވެސް ކޮށްފަ އޮންނާނީ." ފޯނު ނެގުމާއެކު އިޝްފާން ބުނެލިއެވެ.

"އާނ. ލިބިއްޖެ. ސޭމްޓައިމް ސޭމް ޕްލޭސްއަށް އާދޭ…" ނާއިލް ކަންތައްކުރަންވީ ގޮތް ކިޔައިދިނެވެ.

"މަށަށް އޭތި ގެނެސްދެވިދާނެތަ؟ ގެއާ ހިސާބަށް؟ އިތުރަށް ލާރިވެސް ދީފާނަމޭ…" އިޝްފާން އެދުނެވެ. ހަޤީގަތުގައި އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ.

"ނުލިބުނީމަ މާ ބޮޑަށް ސިކުވީތަ؟ މައްސަލައެއް ނެތް. މިރޭ ތަންކޮޅެއްލަހުން މަ ސަމާހު ފޮނުވާނަން." އިޝްފާންގެ ސަބަބުން އެމީހުންނަށް ވަރަށް ފައިދާވެއެވެ. އެހެންކަމުން އިޝްފާންގެ އެދުމަށް ދެކޮޅު ހަދަން ނާއިލް ބޭނުންނުވީއެވެ. އިންޖެކްޝަންތައް ގެނަސްގެން ވިއްކާ ކޮންމެ ފަހަރަކު ފަވާދުގެ ފަރާތުން އެމީހުންނަށް ވެސް ބޯނަސް އެއް ލިބޭ ވިއްޔާއެވެ.

"އާނ. އަންނަމުން މައެ އަށް ގުޅާލާ…" ފޯނުގައި ހުއްޓާ އިޝްފާންއަށް އިތުރު ފޯނެއް އައުމާއެކު އޭނާ ސްކްރީނަށް ބަލާލިއެވެ. ގުޅީ ސަވާއެވެ. "އޯކޭ ދޯ! ބޭއްވީ އޭ"

"ހަލޯ. އާނ ދޮންތާ!" ނާއިލްގެ ފޯނު ކޯލު ކަނޑާލަމުން އިޝްފާން ސަވާގެ ކޯލަށް ޖަވާބު ދިނެވެ.

"ހާދަ ގޮތަކަށް، ބަލީތަ؟" އިޝްފާންގެ އަޑުން ވަރުބަލިކަމާއި، ބަލިކަން ސަވާއަށް ނަގައިގަނެވުނެވެ.

"ނޫނޭ. އަނެއްހެން އޯކޭ. ރޯގާ ޖެހިފަ އަދި ރަނގަޅުނުވާތީ ކަންނޭނގެ." އިޝްފާން ބުނެލިއެވެ.

"އެހެންތަ! މީ…" ސަވާ މަޑުޖެހުނެވެ.

"ކިހިނެއްވީ؟ ކަމަކުތަ؟" ސަވާ އެއްޗެއް ނުބުނުމުން އިޝްފާން ގޮވާލިއެވެ. "ދޮންތާ!"

"މީ... ދޮންތަ ނަންބަރު ބަދަލުކުރީމެއްނު، މި ނަންބަރު ރީ… ރީހާންއަށް ދިނިންތަ؟" އެހެން އަހާލިއިރު ސަވާގެ އަޑުގައި ޖެހިލުންވުމެއްގެ އަސަރުވިއެވެ. ހީވަނީ އިޝްފާންއަށް ޝައްކުކުރަން ބޭނުންނުވެ ހުރެ އެ ސުވާލުކޮށްލިހެންނެވެ.

"ކިހިނެއްވީ؟ އޭނަ ގުޅީތަ؟" އިޝްފާންއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ.

"އިޝްފާންދޯ ދިނީ؟" ސަވާއަށް ބުނެވުނެވެ. "ކީއްވެ ދިނީ؟ އިޝްފާންއަށް އެނގޭނެ ކީއްވެގެންކަން ދޮންތަ ބޭނުންނުވަނީ…"

"ދޮންތާ! ރިލެކްސް! އަހަރެން ނުދިނެއްކަމަކު ނަންބަރު ހޯދަން ބޭނުންވާ މީހަކު ކޮންމެ ގޮތަކަށްވެސް އެކަންތައް ކުރާނެއެއްނު. ބިލީވް މީ. އަހަރެން ނުދެން. ޓު ބީ އޮނެސްޓް، އަހަރެން ވާހަކައެއް ބުނަންތަ؟" އިޝްފާން ސަވާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"ހޫމް." ކުޑައިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ސަވާ ބުނެލިއެވެ.

"ދޮންތަ ދެކެ ރީހާންއަށް ވުރެ ލޯބިވާ މީހަކު ލިބޭނެހެނެއް އަހަންނަކަށް ހިޔެއް ނުވޭ. މިހާ ދުވަސްވީއިރުވެސް، ދޮންތަމަތިން ހަނދާންނައްތާނުލާނީ ކަމެއް ވީމައެއްނު. މި ޒަމާނުގައި ފިރިހެނުންނަކީ އެގޮތަށް ތިބޭނެ ބައެއް ނޫން. ދޮންތަ މީހަކާ ކައިވެނި ކުރަން ބޭނުންނުވަނީ ކީއްވެކަން އަހަންނަށް ވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ، ދޮންތަ ބިރުގަންނަނީ. އެ ހާދިސާގެ ސަބަބުން އަދިވެސް ދޮންތަ ހުންނަނީ ޓްރޮމަޓައިޒްވެފައި. އެހެންވީމަ ތި ހަޔާތަށް ފިރިހެނަކު ގެންނަން ބޭނުންނުވަނީ. އެއީ ދޮންތަ ވެސް ރީހާން ދެކެ ލޯބި ނުވާތީ ނޫންކަން އަހަންނަށް އެނގޭ. އެކަން އަންޑަސްޓޭވެސްވޭ… އެކަމަކު، ދޮންތަ ވެއްޖެ އަމިއްލަ ނަފްސަށް ކޮންމެވެސް ކަހަލަ އުފަލެއް ދޭން. ލުޔެއް ދޭން މަސައްކަތްކުރަން. ޕްލީޒް، ގިވް ހިމް އަ ޗާންސް…" އިޝްފާން އެދެނީ ސަވާގެ އުފާވެރިކަމަށެވެ. ސަވާގެ ހަމަޖެހުމަށެވެ. މިވީ އަހަރުތަކުގައި ސަވާ އުޅުނު ޙާލު އޭނާއަށް ފެނުނެވެ. އެ ދެލޮލުން ކަރުނަ ނުހިކެއެވެ. ބިރުން ނުރޯ ރެއެއް މަދެވެ.

"އެ ހުރިހާކަމެއް… އެ ހާދިސާ އެނގުމުންވެސް ރީހާން އަހަރެން ދެކެ ލޯބިވާނެތަ؟ އަހަރެން މަތިން ފޫއްސެއް ނުވާނެތަ؟" ހިތަށް ވެރިވި ސުވާލު ސަވާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނުކުތްއިރު، އެ ވޭނީ އަޑުގައި މަޑު މަޑު ތުރުތުރު އެޅުމެއްވެސް ވެއެވެ. ރީހާންއަށް ހަޤީޤަތް ކިޔައިދީފިނަމަ، ރީހާން އޭނާ ދޫކޮށްލާފައި ގޮސްފާނެތީ ސަވާ ބިރުގަންނަނީއެވެ. ހިތުގެ އިޙްސާސްތައް ހާމަކުރަން އޭނާ ޖެހިލުންވާ ސަބަބަކީވެސް އެއީއެވެ. ރީހާން އޭނާގެ ލޯތްބަށް އިންކާރުކޮށްފިނަމަ، އޭނާގެ ހިތަށް ލިބޭ ވޭން ބަރުދާސްތެއް ނުކުރެވޭނެއެވެ. ކައިވެންޏާ ހިސާބަށް ދާން ބޭނުންނުވާ އަނެއް ސަބަބަކީ އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ނެތުމެވެ. އަދި ފިރިހެނުންނަށް އިތުބާރު ކުރުމަކީ މިހާރު އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ވީއިރު، ރީހާންއާއެކު އޭނާއަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެހެއްޔެވެ؟ ރެއާ ދުވާލު އޭނާއަށް ވާ އުނދަގޫތަކާއެކު ވެސް ރީހާން އޭނާއާއެކު ކެތްކޮށްފާނެހެއްޔެވެ؟ އެހުރިހާކަމެއް ރީހާންއަށް ކެތްކުރެވިދާނެ ހެއްޔެވެ؟ އޭނާއަށް ބޭނުންވާ ވަގުތު ދެވިދާނެހެއްޔެވެ؟

"ކީއްވެ އަމިއްލަ ނަފްސާ މެދު ތިހާ ހަރުކަށިތިވަނީ؟ ތިހާ އަނިޔާވެރި ތިވަނީ؟ ދޮންތައަށް ލުޔެއް ނުވާނެތަ އެ ވާހަކަ ކިޔައިދެވުނީމަ، އަދި ދޮންތައަށް އެހީތެރިވާނެ މީހަކު ކައިރީގައި ހުރީމަ. ރީހާންއަކީ ޒަމާނަށް ލޯ ހުޅުވިފަ ހުރި ހަރުދަނާ ޒުވާނެއް. އޭނަ މިހާ ދުވަހު އިންތިޒާރުކުރީ ދޮންތަ ދެކެ ހަޤީޤޯ ލޯބިވާތީ އޭ އަހަރެން ބުނާނީ. ހަޤީޤީ ލޯބި ވަންޏާ އެކަމުން އޭނާއަށް ފަރަޤެއް ނުވާނެ. އޭނަ ދޮންތަ ޤަބޫލުކުރާނެ. ދޮންތަގެ ގޮތުގައި…" އިޝްފާންގެ ވާހަކަތައް އަޑު އަހަން ހުރި ސަވާއަށް ރޮވެން ފެށުނީ ބޭއިޚްތިޔާރުގައެވެ.

"ދޮންތާ. ނުރޮއި. އަހަރެން ބުނީތީވެސް، ރީހާންއާ ދިމާކޮށްފަ ހަޤީޤަތް ކިޔައިދީފަ ތި ގުޅުމަށް އަލުން ފުރުސަތު ދީ. އަހަރެން ބޭނުންވޭ ދޮންތަ އުފަލުގައި އުޅޭތަން ބަލަން. އެ ނުލަފާ މީހަ ދޮންތަ އަތުން ފޭރިގަތް ހުރިހާ އުފަލެއް އަލުން ލިބެން އަހަރެން ބޭނުން." އިޝްފާންގެ ބަސްތަކުން ސަވާއަށް ތަސައްލީއެއް ލިބުނެވެ.

ރީހާންއާ އޭނާގެ ގުޅުމަށް އިތުރު ފުރުސަތެއް ދޭން ސަވާ ނިންމިއެވެ. ހިތް ބިރުގަތްނަމަވެސް، އެ ހުރިހާ ބިރަކާކުރިމަތިލާން އޭނާ ނިންމީ ޚުދު އެ ހިތުގައިވެސް ލޯބިވާތީއެވެ. ރީހާން އެހާ ދުވަހު އޭނާގެ އިންތިޒާރުގައި ހުރިއިރު، އޭނާއަށް އެވަރު ކަމެއް ނުކުރެވެންވީ ކީއްވެހެއްޔެވެ؟ ލޯބިވެރިން އެކަކު އަނެކަކަށްޓަކާ ޤުރުބާންވެއެވެ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އުންމީދު ކުރެއެވެ. ތެދުވެރި ވަފާތެރި ލޯބީގެ ސިފައަކީ އެއީ ނޫންހެއްޔެވެ؟ ލޯތްބަށް ފުރުސަތު ދިނުމެވެ. ކުޑަ ކުޑަ އުންމީދުގެ ހުޅުކޮޅެއްގެ އަލީގައިވެސް ގުޅުމެއް އުފެދި، ކުރިއަށް ހިނގައިދާކަމީ ދުނިޔެ ދައްކަމުންދާ ހަޤީގަތެެކެވެ.

ހުރިހާކަމެއް އެނގުމުން ރީހާން އޭނާ ދޫކޮށްލިނަމަވެސް، އަމިއްލަ ނަފުސުގައި ވި ކުށްވެރި އިޙުސާސުން އޭނާ މިންޖުވާނެ ނޫންހެއްޔެވެ؟ އެ ގުޅުން ނިމުނީ އޭނަ ފުރުސަތު ނުދިނުމުންނެވެ. ކުރިން ރީހާންއަށް ކިޔައިދެވުނު ނަމައެވެ.

ދޮންތާ…." ސަވާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އިޝްފާން ގޮވާލިއެވެ.

"ތެންކިއު… އިޝްފާން. ވަރަށް ބޮޑަށް." ސަވާ އިޝްފާންއަށް ޝުކުރުއަދާކުރިއެވެ. ހިތުތެރޭގައި ކިތަންމެ ފޮރުވައިގެން އުޅުނު ނަމަވެސް، ލޯތްބަކީ އަބަދު ސިއްރުކުރެވޭނެ އެއްޗެއް ނޫންކަން އޭނާއަށް އެނގިއްޖެއެވެ. ފާޅުނުކުރިއެއްކަމަކު ލޯބި ފަނޑުނުވާނެކަންވެސް ސަވާއަށް ފަހުމްވެއްޖެއެވެ.

އިޝްފާންގެ ފޯނު ބާއްވާލާފައި ސަވާ ރީހާންގެ ނަންބަރަށް ގުޅާލިއެވެ. އެންމެ ހިނދުކޮޅެއްވެސް ލަސްކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ހެލޯ، ރީހާން!"

"ސަވާ…" އިސްވެ ސަވާ އޭނާއަށް ގުޅުމުން ރީހާންއަށް ހައިރާންކަމެއް ލިބުނެވެ.

"އަހަންނާ ބައްދަލުކޮށްލެވިދާނެތަ؟" ސަވާ އެދުނެވެ.

"ރީހާން…" ރީހާން އެއްޗެއް ނުބުނުމުން ސަވާ ގޮވާލިއެވެ.

"އާނ.އާނ. އަހަރެން މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ. ކޮންތާކަށް ދާންވީ؟" ރީހާންގެ އަޑުން އޭނާ އުފާވިކަން ސަވާއަށް ދެނެގަނެވުނެވެ.

"މިރޭ… ނުވައެއް ޖަހާއިރު. އަހަރެން ބަލާ އާދެވޭނެތަ؟" މާގިނަ ވާހަކައެއް ފޯނުން ދައްކާކަށް ސަވާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ ރީހާންއާ ދިމާކޮށް ވާހަކަ ދައްކާށެވެ.

އިންތިޒާރުގެ ވަގުތު ކުޑަތަންވަމުން ދިޔަވަރަކަށް ސަވާގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. ހިތަށް ބިެރުވެރިކަމެއް ވެސް ވެރިވަމުން ދިޔައެވެ. އެހެންނަމަވެސް، އިޝްފާންގެ ވާހަކަތައް ހަނދާންކޮށްލާފައި އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

ރީހާން އައިސް ސަވާއަށް ގުޅުމުން ސަވާ ތިރިއަށް ފޭބިއެވެ. ޕާކުކޮށްލާފައިވާ ކާރުން ފޭބި ރީހާން ފެނުމާއެކު ސަވާ ހިނިތުންވާން މަސައްކަތް ކުރިނަމަވެސް، އެކަން ކުރަން އުނދަގޫވީ ހިތް އަވަސްވެފައިވީވަރުންނެވެ.

ރީހާން ހިނިތުންވެލިއެވެ. އެހާ ދުވަސްފަހުން ސަވާ ފެނުނުއިރު ސަވާއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީހާ ހިކިފައިވާއިރު، ހީވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅެފައިވާހެންނެވެ. އެހެންނަމަވެސް، އެ ހުރިހާކަމެއް އެއްކިބާކޮށްފައިވެސް، ސަވާގެ ރީތިކަމަށް ބަދަލެއް ނާދެއެވެ. ބުރުގާ އަޅާފައި ހުރުމުން ވަކިން ޗާލެވެ. ލާފައިހުރީ ކަކުލާ ހިސާބަށް އަންނަ ކުރުތާއަކާ ހަރުވާޅެކެވެ. ސަވާ ފެންނަލެއް ފުރިހަަމަކަމުން ރީހާންއަށް ބަލަހައްޓައިގެން ހުރެވުނެވެ.

ރީހާން ކާރުގެ ދޮރުފަތް ހުޅުވާލުމާއެކު، ސަވާ ކާރަށް އަރާ އިށީނެވެ. ރީހާންވެސް ގޮސް އަނެއް ފަރާތުން ކާރަށް އަރާ ސްޓާރޓްކޮށްލިއެވެ.

ރީހާންގެ މިސްރާބުހުރީ ބޮޑުތަކުރުފާނު މަގާ ދިމާލަށެވެ.

"ކޮންތާކަށް ދާނީ؟" ބްރިޖާ ދިމާލަށް ދުއްވަމުން ރީހާން ސުވާލުކޮށްލީ ސަވާ އިތުރު އެއްޗެއް ނުބުނުމުންނެވެ.

"ހިނގާ ހުޅުމާލެއަށް… ދުއްވާލަން…" ސަވާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.

"ސަވާ ބޭނުންގޮތެއް." ރީހާންގެ އެ ފިރިހެންވަންތަ އަޑު އެހާ ދުވަސްފަހުން އިވުމުންވެސް ސަވާގެ ހިތަށް އެނގުނެވެ.

"އަހަރެންގެ ހަޤީގަތް އެނގުމުންވެސް ރީހާން އަހަރެން ގަބޫލުކުރާނަންތަ؟" ބްރިޖުގެ މެދާ ހިސާބަށް ދެވުމާއެކު ކާރު ތެރޭގައި ވީ ހިމޭންކަން ފޫދުއްވާލާފައި ފުރަތަމަ ވާހަކަ ދެއްކީ ސަވާއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު