"އެއްގޮތަކަށްވެސް އުއްމީދު ކަނޑާލާ މާޔޫސްނުވާށެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ ހިތާމައަކީ މުސީބާތަކީ އިމްތިހާނެވެ. ކެތްތެރިވެ، ތަގުދީރަށް ރުހި، ހެއްދެވި ފަރާތަށް ވަކީލުކުރާށެވެ. ތިބާއަށް ދެެއްވާފައިވާ އެތައް ގިނަގުނަ ނިއުމަތްތަކަށް ޝުކުރުވެރިވާށެވެ. އޭރުން އާޚިރުގައި ނަސީބާއި އެތައް ރަހުމަތެއް ލައްވާނެއެވެ."

***

ބުރިޖުގެ ތަނބުތަކުގައި ރާޅުތައް ބިންދަމުން ދިޔައިރު ވިދުވަރުގެ އަލިން ހިނދު ހިނދުކޮޅުން އަލިވެގެން ދިޔައެވެ. އެއިން ކޮންމެ ހިނދުކޮޅެއް ވެސް ހީވީ ކާރިސާގެ އައްސޭރިއަށް އެނބުރެމުން ދިޔަހެންނެވެ. ތިރީގައިވި ހަލަބޮލި ފެންގަނޑަށް ނަޒަރު ހުއްޓިފައި ހުރި މާޒިމް ހުރީ ރެއިލިންގނީ ގެ މަތީ ހުސް ފައިގައެވެ. ފައިގެ އިނގިލިތަށް ބާރުކޮށްލައިގެންނެވެ.

"މޮޔަވީތަ؟...."ކޮންމެވެސް މީހަކު މާޒިމް ގެ ގައިގައި ހިފައި ދަމައިގަތެވެ. ރެއިލިން މަތީ ކޮޅަށް ހުރި މާޒިމް ވެއްޓި ޖެހުނީ ބިންމަތީގައެވެ. ބްރިޖު މަތީގައި ދިއްލާފައި ހުރި ބޮކިތައް ވެސް ނިވި ދިއްލެން ފެށިއެވެ.

އޭނަ އެމީހަކަށް ނަޒަރު ހިންގައިލިއިރު ފެނުނީ ޒުވާން ފުރައިގެ ދިގު މީހެކެވެ. ހުދު ޖުއްބާއެއް ލައިގެން ހުރި އިރު އެމިހާގެ ފައިތިލަވެސް ނުފެނެއެވެ. ނަމަވެސް އެ ފަނޑު އަނދިރީގައިވެސް އެމީހާ އަލި ނޫރެއް ފަދައެވެ.ހުދު ފޮތިގަނޑަކުން މޫނުމަތި ނިވާކޮށްގެން ހުރި އިރު ފެންނަން ހުރީ ހަމަ އެކަނި މަޑު ނޫ ލޮލެވެ. ވިދުން ގަދައެވެ. ތަނުގައި ހިފާފައި ހުރީ މަޑު ލުއި ފިނިފެންމަލެއްގެ ވަހެވެ.

" ކީއްކުރަން ސަލާމަތްކުރީ؟" މާޒިމް ގޮތް ހުސްވެފައި އިން މީހެއް ފަދައިން ސުވާލުކުރިއެވެ.

" ތިއީ މާތް ﷲ ގެ މިލްކެއް....އަހަރެމެން މަޚުލޫގުންނަށް އޮތް ބާރެއް ނޫން އެއީ ހިތު ހުރި ގޮތަކަށް ނަފްސާއި މެދު ކަންތައް ކުރުމަށް....އެކަލާނގެ އެއްވެސް މީހަކަށް އެމީހަކަށް ނުއުފުލޭނޭ ބުރައެއް ނުޖައްސަވާނެ...." ބަރު އަޑެއް ނަމަވެސް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުއެވެ.

" ތިހެން އަނގައިން ބުނެލުމަށް ވަރަށް ފަސޭހަ ވާނެ...." މާޒިމް ޖަހާލީ ހިނިގަނޑެކެވެ. އޭނަ މޮޔަ މީހެއް ހެން ހޭންފެށިއެވެ. އެވަގުތު އެ ޒުވާނާ މާޒިމް ގެ އަތުގައި ހިފައި ތެދު ކުރިއެވެ. މާޒިމް ގަދަ ހެދިއެއް ކަމަކު އޭނާ އަށް ވުރެ ބާރު ނުދެއްކުނެވެ.

"ދޫކުރޭ....ކަލޭ ބޭނުމީ ފައިސާ ތަ؟ބޭނުންވަރަކަށް ފައިސާ ދީފާނަމޭ...." މާޒިމް ބޭނުންވީ އެކަނި ވުމަށެވެ. އެ ޒުވާނާ ނޫން އެހެން އިތުރު އެއްވެސް މީހެއް އެތަނަކު ނެތެވެ. އޭނާ މާޒިމް ދަމަމުން ކަހަލަ ގޮތަކަށް ގެނެސް ކާރަށް ލުމަށްފަހު ކާރަށް އެރިއެވެ.

" ވައި ޑިޑް ޔޫ ސޭވް މީ؟"މާޒިމް ހުސް ބެލުމަކަށް ގެއްލިފައި އިނދެ ކާރު ދުއްވަން އިން ޒުވާނާ އާއި ސުވާލުކުރިއެވެ.

" އަނދިރިކަމެއްގެ ތެރޭގައި އަހަރެންވެސް ވިން...މަރުގެ ތުންފަތް މަތީން ސަލާމަތް ކޮށްދިނީ ހިދާޔަތުގެ އަލި މަގު.....އަހަރެން ވަކީލު ކުރީ އަހަރެމެން އެންމެން ހެއްދެވި ޚާލިޤު ވަންތަ ﷲ އަށް...."

" ހައިރާން ނުވޭ...މާޒިމް އަށް ތި ދިމާވި ކަމަކުން އަދި އަމިއްލަ ނަފްސު ނަގާލަން ނުޖެހޭ....ﷲ އަށް ވަކީލު ކުރޭ....އެކަލާނގެ އަށް ފުރިހަމައަށް ބަރޯސާކުރުމުން ނޫނީ ތި ހިތަށް ތަސައްލީ އެއް ނުލިބޭނެ...ހުރިހައި ކަމެއްގެ ހައްލު ވަނީ އެ ފަރާތުން...." ޒުވާނާ ކާރު މަޑުކޮށްލީ މާޒްވިލާއަށެވެ. މާޒިމް އަށް އެވަގުތު އެ ޒުވާނާގެ މޫނަށް ބަލައިލެވުނެވެ. މޫނު ވަނީ ނިވާވެފައެވެ. ފެންނަން ހުރީ ހަމަ އެކަނި އެ ލޮލެވެ. އެ ނޫކަން ގަދަ ލޮލެވެ. ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ބަލައިލެވުނެވެ. މާޒިމް ގެ ގައިން ހީބިހި ނަގައިދިޔައެވެ. ހީވީ އެ ޒުވާނާގެ ފައި ތިރީގައި ނުޖެހޭހެންނެވެ. ވަގުތުން މޫނު އަނބުރާލެވުނެވެ.

" ތިއީ ކާކު؟އަހަރެންގެ ނަން އެނގުނީ ކިހިނެއް؟" މާޒިމް ގެ އަޑުގައި ތުރުތުރެއްވިއެވެ. ގެއާއި ހަމަޔަށް ފޯރިކަން އެނގުމުން އިތުރަށް ހާސްވިއެވެ. ގެއަށް ވަދެ އުރުޖުވާން އާއި ކުރިމަތިލާން ވީ ގޮތެއް އޭނާ އަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

" އަހަރެންގެ ނަމަކީ އުވެއިސް.....އަހަރެން މާޒިމް ދަންނަން...ހެޔޮ އެދޭ ފަރާތެއް....އެހީވީ ﷲ އަށް ޓަކައި...."

އެޒުވާނާގެ އަޑަށް މާޒިމް އެނބުރި ބަލައިލިއެވެ. އެ ޒުވާނާ އެ ކާރުގައި ނެތް އިރު ކާރުން ފޭބި ގޮތެއްވެސް ނޭގެއެވެ. ކާރުގެ ދޮރުވެސް ހުރީ ތަޅުލާފައެވެ. ލުއި ފިނިފެންމަލުގެވަސް މެނުނީ އެ ޒުވާނާގެ އެއްވެސް ހިލަމެއް އެ ކާރުގައި ނެތެވެ. ތެމި ފޯވެފައި ހުރި މާޒިމްއަށް އޭނާގެ ގައިން ހީ ފިލުވުމަށް އުނދަގޫ ވިއެވެ. މިއަދު އޭނަޔާއި ކުރިމަތިލާން ޖެހިފައިވީ އާދަޔާޚިލާފް ކަންތައްތަކެވެ. ކާރުން ފައިބަން ވެސް ނޭނގިފައި އިނދެވުނެވެ. އަމިއްލަ ނަފްސު ނަގާލަން އުޅެވުމުގެ މޮޔަކަން ސިކުނޑިޔަށް ނަގައިގަނެވުނެވެ. އެ ޒުވާނާ އަކީ އިންސާނެއް ނޫން ކަމުގައި ވިޔަސް އޭނާ އެކޮށްދިން ކަމަށް ހިތުން ޝުކުރު އަދާކުރެވުނެވެ. އެ ފަދަ މަރަކުން މަރުވުމުން އެކަމުން ލިބޭނެ އެއްވެސް މަންފާއެއް ނެތް ތާނގައި އުރުޖުވާން އަށް ދެވޭ ހިތާމަ މާ ބޮޑުވާނެ އޭ ހިތަށް އެރިއެވެ. ގަޑި ބަލައިލިއިރު ގަޑިން ދަންވަރު ތިނެއް ޖަހަން ކައިރިވަނީއެވެ. ކޮންމެ ގޮތެއް ވިޔަސް މިކަމަށް ވެސް ހައްލެއް އޮންނާނެ ކަމަށް ހިތުގެ އަޑިން ގަބޫލުކުރެވުނެވެ. ހުރިހައި ކަމެއްގައި ވެސް އެދެންވީ ﷲ އަށެވެ. ކޮންމެވެސް ވަރަކަށް އޭނައަށް އަށް ހެޔޮ ވިސްނެން ފެށިއެވެ. މިއަދު އޭނާޔަށް ދިމާވި ކަންތައް އުރުޖުވާން އަށް ތެދާއި އެކީ ކިޔައިދޭން ބޭނުންވިއެވެ. މި ދުނިޔޭއިން އެކަކުވެސް އޭނާ ދައްކާ ވާހަކ ގަބޫލު ނުކުރިކަމުގައި ވިޔަސް އުރުޖުވާން ގަބޫލުކުރާނެ ކަމަށް ހިތް ބުނަމުން ދިޔައެވެ. ކޮންމެ އަކަސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކި ކާރުން ފޭބީ ގެޔަށް ވަނުމަށެވެ.

ކުއްލިއަކަށް ވައިބާރުވެ ނާމާން އަޑެއް މުޅި ސަރަހައްދުގައި ހިފައިފިއެވެ.

ތަޅުދަނޑި ފަތީގެ އަޑު ޖެހުމާއެކު އިންތިޒާރުގައި ނިދި ޖެހި ޖެހި އިން އުރުޖުވާން ލޯ ފޮހެލައިފާ އަވަސް އަރުވާލައި ދޮރު ހުޅުވިއެވެ.

"މާޒް...." ލޯ މަތިން ނިދީގެ އަސަރު ނެތް ކަމަށް ހަދަން އޭނަ މަސައްކަތް ކުރިއެވެ. މިހާ އިރު ވަންދެން އޭނަ ސޯފާގައި އިނީ މާޒިމް ގެ އިންތިޒާރުގައެވެ. އަހްމަދުވެސް އުރުޖުވާން އެކަނި ކޮށްފައި ނުދާން ސޯފާގައި އޮތްވާ އޭނާއަށް ނިދުނީއެވެ. ލޯ ވިދަ ވިދާހުރި އުރުޖުވާން ގެ މޫނަށް ކަންބޮޑުވުން ގެނުވިއެވެ. ތެމި ފޯވެގެން ހުރިއިރު މާޒިމް ހުރީ ފައިވާނެއްވެސް ނުލައެވެ. އުޅަނބޮށިން ވެސް ހަން މަށައިގެން ގޮސް ހުރިއިރު ގަމީހުގެ ގޮށް ވެސް ހުރީ ނެއްޓިފައެވެ. މާޒިމް އަށް އުރުޖުވާން ފެނުމާއެކު ބައްދާލެވުނެވެ.

"އައިމް ސޮރީ...." މާޒިމް އަށް ރޮވުނެވެ. އުރުޖުވާން ފެނުމާއެކު އޭނާ އަށް ކުށްވެރިކަން އިހުސާސްކުރެވުނެވެ. އަނެއްކާވެސް އޭނަ އަށް އިހުސާސްކުރެވުނީ އޭނާ އަށް މި ހިނދުކޮޅުގައި އުރުޖުވާން އާއި ކުރިމަތިލާން ނުޖެހުނު ނަމއެވެ. އެ ކުށްވެރި އިހުސާސުން ހިތް ބަރުވިއެވެ. ވާނުވާ ނޭނގި އުރުޖުވާން ހުއްޓުން އެރިއެވެ.

" ކަމެއް ވީތަ؟އެކްސިޑެންޓެއްތަ؟ހާދަ ހުން ގަދަ ވެފަ..." މާޒިމް ގެ ހަށިގަނޑު ހޫނުކަމުން އޭނަ ފިކުރުބޮޑުވިއެވެ. ހިވީ ގައިގައި އަލިފާން ޖަހާފައި ހުރީހެންނެވެ. މާޒިމް ހުރީ އުރުޖުވާން ގެ ގައިން ދޫ ކުރާގޮތަކަށް ނޫން ކަމުގައި ވިޔަސް އުރުޖުވާން އެ އަތު ތެރެއިން ދެމިގެންގޮސް އަވސް ވެގަތީ ތުވާއްޔެއް ނެގުމަށެވެ. އުރުޖުވާން އައި އިރުވެސް މާޒިމް ހުރީ އިސް ދަށަށް ޖަހައިލައިގެން ގެޔަށް ނުވަދެއެވެ.

"މާޒް....އަޅެ ވާހަކަ ދައްކަބަލަ...އައިމް ސްކެއަޑް...ކިހިނެއްތަ ވީ؟" އުރުޖުވާން މާޒިމް ގެ ގައިގައި ތުވާލި އޮޅާލަމުން ގެޔަށް ވެއްދިއެވެ. މާޒިމްގެ ދޫބަންދުވިއެވެ. އުރުޖުވާން އަށް ހަގީގަތް ކިޔައިދޭނެ ހިތްވަރު ގެއްލުނެވެ. ސޯފާގައި ނިދިފައި އޮތް އަހްމަދު ސިއްސައިގެންގޮސް ހޭލެވުނީ އުރުޖުވާން ގެ އަޑަށެވެ.

" މާޒިމް....ކިހިނެއް ވެފަ؟" އަހްމަދުވެސް ހުރީ ހައިރާންވެފައެވެ.

"މާޒް ވަރަށް ހުން ގަދަ.....ނޭނގޭ ކިހިނެއް ކަމެއް ވެސް ހަދަންވީ...ވާހަކަ އެއްވެސް ނުދައްކާ...މިހާ ހުން ގަދަ ވީމަ ކަންނޭނގެ..." އުރުޖުވާން އަވސް ވެގަތީ ފަހަދް އަށް ގުޅުމަށެވެ. މިވަގުތު އުރުޖުވާން އިނީ ގޮތް ހުސްވެފައެވެ. މާޒިމް ވާހަކަ އެއް ނުދައްކާތާ ހުރީ ގެއްލި ހުއްޓުން އަރާފައެވެ. ޑޮކްޓަރަކަށް ނޫނީ ފަރުވާ އަވަހަށް ދިނުމަށް ނޭނގޭނެ އޭ ހިތާ ގުޅާލީ ފަހްދު އަށެވެ. މިއޮތް ފަދަ ވިއްސާރައިގައި ހޮސްޕިޓަލަށް ދާންވެސް އެހާ ވަގުތު ނަގާނެއެވެ. ސަބީހާ މަރުވި ދުވަހުގެ ހަނދާން އުރުޖުވާން ސިކުނޑީގައި ކުޅެވެމުން ދިޔައެވެ. ފަހަދް އަށް ގުޅަން އިންދާ މާޒިމް ގެ ގައިން ވަރު ދޫވެ އުރުޖުވާން އުނގުމައްޗަށް މާޒިމް ވެއްޓުނެވެ. އަހްމަދު ވެސް ހަދާނެ ގޮތެއް ނޭނގި މާޒިމް ގެ ކޯތާފަތުގައި އަތުން ތަޅަމުން ގެންދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު