ނުދައްކާހުރި އެތައް ވާހަކައެއް، ފުއާދުގެ ބަޔޯގްރަފީ ނެރެނީ

ފުއާދު ތައުފީގު: އޭނާގެ ބަޔޯގްރަފީއެއް މި މަހު ނެރެނީ -- ސަން ފޮޓޯ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގުގެ ހަޔާތުގެ ތަފުސީލީ ވާހަކަތައް ހިމެނޭ ބަޔޯގްރަފީ ފޮތެއް ނެރެން ތައްޔާރުވެއްޖެއެވެ.

މި މަހު ނެރެން ހަމަޖެހިފައިވާ 190 ސަފުހާގެ މި ފޮތުގައި މިހާރު އުމުރުން 69 އަހަރުގެ ފުއާދުގެ ހަޔާތުގެ މުހިންމު ހުރިހާ ވާހަކަތަކެއް ހިމެނޭނެއެވެ. ފުއާދުގެ ތުއްޕުޅުއިރުގެ ދުވަސްތަކުން ފެށިގެން ސްކޫލު ދުވަސްތަކާއި މަތީ ތައުލީމު ހާސިލުކުރެއްވި ދުވަސްތަކުގެ އިތުރުން ގައުމީ ޚިދުމަތުގެ ދުވަސްތަކެވެ.

މި ފޮތް ލިޔުއްވާފައިވަނީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު - ޑިރެކްޓާ ނިއުސް، އަޙްމަދު ސާއިލު ޢަލީއެވެ. ތަޅަމުދިގޭ މުހައްމަދު ތައުފީގާއި ހާޖަރޭގޭ ސިއްތިގެ ފުއާދު ތައުފީގު ދިވެހީން ދަންނަން ފެށީ ތަފާސްހިސާބަށް ކުޅަދާނަ މީހެއްގެ ގޮތުގައެވެ. ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން އޭނާ ބޯހިމެނުމުގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދެވިއެވެ. ސާކުގެ ސެކްރެޓިއޭޓުގައި ވެސް ވަޒީފާ އަދާކުރެއްވިއެވެ.

ދިވެހީންގެ އިހުތިރާމު އޭނާ އެންމެ ބޮޑަށް ހޯއްދެވީ އިލެކްޝަންސް ކޮމިޝަނުގައި ކުރެއްވި މަސައްކަތުންނެވެ. ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވެ، ދެފުށް ފެންނަ ގޮތަށް އިންތިޚާބުތައް ބާއްވަން ގާނޫނު ލާޒިމުކުރުމުން، އެ މަސައްކަތް ފުރިހަމަކޮށް ގެންދެވުމުގައި ފުއާދު އަދާކުރެއްވި ދައުރު، ދިވެހި ތާރީހުގައި ވަނީ ލިޔެވިފައެވެ.

މި ފޮތް ލިޔުއްވި ސާއިލު ވިދާޅުވި ގޮތުގައި ފުއާދުގެ ޚިދުމަތްތެރި ހަޔާތަކީ ގިނަ އިބުރަތްތަކެއް ލިބެނެވި ކަމެކެވެ. އެ ގޮތުން، ސިޔާސީ ގޮންޖެހުންތަކާއި، ވާދަވެރިކަމުގައި ފިތި، އެކަށީގެންވާ ގޮތަށް މަސައްކަތްނުކުރެއްވޭ ހާލަތުގައި ވެސް ފުއާދު ދެއްކެވި ހިތްވަރު ފޮތުގައި ބުނެދީފައިވާނެ ކަމަށް ސާއިލު ވިދާޅުވިއެވެ.

ފުއާދާއި އޭނާގެ ބަޔޯގްރަފީ ލިޔުއްވި އަހުމަދު ސާއިލު އަލީ: މި މަހު ބަޔޯގްރަފީ ނެރެނީ --

"ވެރީންނަށް ރައްޔިތުންގެ އިތުބާރު ކުޑަވެފައިވާ ޒަމާނެއްގައި ފުއާދަކީ، ދިވެހީންނަށް ލިބުނު މުތެއް. އެއީ ހިންގުމާއި، ރޭވުމާއި، ތަންފީޒުކުރެއްވުމުގައި އެފަދަ ދެވަނައެއް ނެތް ފަދަ ފަސްމީރުކުރި ރުކެއް. މި ފޮތަކީ އޭނާގެ ހަޔާތުނާމާ. އެންމެ ތުއްތުއިރުން ފެށިގެން މިއަދާ ހަމަޔަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ހިމެނޭނެ. ހިތާމަތަކާއި، އުފާތައް ވެސް. ތަޖުރިބާތަކާއި، ގޮންޖެހުންތައް ވެސް. ކާމިޔާބާއި، ފިލާވަޅުތަކާއި ލޯތްބާއި، ބޭވަފާ ވެސް،" ސާއިލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފޮތުން ލިބޭނެ އެންމެ ބޮޑު މެސެޖަކީ އެންމެން ލޯބިވާ އަދި އިހުތިރާމުކުރާ މީހަކަށްވާން ފުއާދު ގެންގުޅުއްވި ޕްރިންސިޕަލްތަކެވެ. އަދި، ގޮންޖެހުންތަކާއި ހިތާމަތަކާ ކުރިމަތިވުމުން ފުއާދު އަމަލު ކުރައްވާ ގޮތަކީ އިބުރަތަކަށް ފުދޭނެ ކަންކަން ކަމަށް ސާއިލު ވިދާޅުވިއެވެ.

"ފޮތް މިހާރު ފާސްކޮށް ޕްރިންޓިންގެ މަސައްކަތުގައި މި އުޅެނީ. މި މަސް ތެރޭގައި މި ފޮތް ނެރުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. ފަސޭހަކަމާ އެކު ބައްލަވައިލެއްވުމުގެ އިންތިޒާމު ހަމަޖައްސާނަން އަޅުގަނޑުމެން،" ސާއިލު ވިދާޅުވިއެވެ.

މި ފޮތް ލިޔުއްވި ސާއިލުގެ ލިޔުންތެރިކަމުގެ ދައުރު ފެށުނީ ނޫސްވެރިކަމުގެ ތެރެއިންނެވެ. އެ ރޮނގުން ވެސް ކުރިއަށް ގޮސް އޭނާ ވަނީ މިހާތަނަށް ދެ ފޮތެއް ލިޔެ ޝާއިއުކޮށްފައެވެ. އެއީ، އާންމުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބުނު، އޭނާގެ އަމިއްލަ ނަފުސާނީ ހަޔާތުގެ މައްޗަށް ލިޔުނު "އެ ދުވަސް ގެނެވޭނެ" ފޮތާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނާއިބު އޮނަރަބްލް ފައިޞަލް ނަސީމްގެ ހަޔާތްޕުޅުގެ މައްޗަށް ލިޔުނު 'ފައިޞަލް ނަސީމް' ފޮތެވެ. ފުއާދުގެ ބަޔޯގްރަފީއަކީ ސާއިލުގެ ތިންވަނަ ފޮތެވެ.

comment ކޮމެންޓް