މިދިޔަ ޖޫން މަހުގެ 27 ގައި ސިނަމާތަކުގައި ދައްކަން ފެށި ފިލްމު "ކަލްކީ 2898AD"ގެ ދެވަނަ ބައިގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ފިލްމުގެ ދެވަނަ ބައި ވަރަށް ތަފާތު ވާނެ ކަމަށް ޑައިރެކްޓަރު ނާގް އަޝްވިން ބުނެފިއެވެ.
ގާތްގަނޑަކަށް 72 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް މިހާތަނަށް 84 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ބާހޫބަލީ"އިން އާއްމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޕްރަބާސް ލީޑު ރޯލު ކުޅޭ މި ފިލްމުގެ މުހިންމު ތަރިންގެ ތެރޭ އަމީތާބް ބައްޗަން، ދީޕިކާ ޕަދުކޯން، ދިޝާ ޕަޓާނީ އަދި ތަމަޅަ އެކްޓަރު ކަމަލް ހަސަން ހިމެނެއެވެ.
މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އުފެއްދުންތެރި ސައިންސް ފިކްޝަން ތެލުގޫ ފިލްމު ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ "ކަލްކީ 2898AD" ރިލީޒްކުރުމާ އެކު ބޮކްސް އޮފީހުގައި ލިބުނު ހޫނު ތަރުހީބުން ބެލުންތެރިންގެ ތައުރީފު ފިލްމުގެ މުޅި ކްރޫއަށް އަންނަނީ ލިބެމުންނެވެ. އިންޑިއާގައި ވާހަކަ ދައްކާ ހުރިހާ ބަހުރުވައަކުން ފިލްމު ރިލީޒްކުރި ބައިނަލްއަޤުވާމީ މާކެޓުގައި ފިލްމަށް ލިބެމުން އަންނަ ތަރުހީބާ އެކު ނާގް އަޝްވިން ނިންމާފައިވަނީ މި ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ވީހާ ވެސް އަވަހަށް ފެށުމަށެވެ.
ޑައިރެކްޓަރު ނާގް އަޝްވިން ވެރައިޓީއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ފިލްމުގެ ދެވަނަ ބައިން ޕްރަބާސް، އަމީތާބް ބައްޗަން އަދި ކަމަލް ހަސަންގެ ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ކަމަށެވެ.
މި ފިލްމުގެ ފުރަތަމަ ބައިގެ މަސައްކަތް ފެށިއިރު މިއީ ކިހާ ވަރެއްގެ މަސައްކަތެއް ކަމަށާއި ފިލްމުގެ ވީއެފްއެކްސް ވަރުގަދަ ކުރުމަށް އެހާ ބޮޑު މަސައްކަތެއް ކުރަން ނުވިސްނި ނަމަވެސް ފަހުން ބޭނުންވީ ވީހާ ވެސް ފުރިހަމައަށް ފިލްމުގެ ވީއެފްއެކްސް ސީންތައް ނިންމަން ކަމަށް ނާގް އަޝްވިން ވަނީ ބުނެފައެވެ.
ޕްރަބާސްގެ ފިލްމުތަކަށް ޖަޕާން އަދި ޗައިނާގައި ބޮޑު މާކެޓެއް އޮތުމުން "ކަލްކީ" އެ ޤައުމުތަކުގައި މި އަހަރުގެ މެދުތެރޭ ރިލީޒްކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ނާގް އަޝްވިން ވަނީ ބުނެފައެވެ.