ދުރުގައި ވާން ނޭދުނަސް ހިތް... 26

"ރާއްޖޭން ބޭރަށް ނުދަންޏާ ރާއްޖެތެރޭ ރަށަކަށް ނަމަވެސް ދާން ޖެހޭނީ." ފަތުޙީ އޭނާގެ ފަހު ބަސް އިއްވާލިއެވެ.

ދެބަފައިންގެ ޒުވާބު ހޫނު ވާން ފެށުމުން މަސްލަހަތަށް ވިސްނާލާފައި މަދީހާ އިޝްފާންއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މި މާޙައުލު ދޫކޮށްލާފައި އެހެން ތަނަކަށް ދެވުމުންވެސް އިޝްފާންއަށް ކުޑަ ހިތްހަމަޖެހުމެއް ލިބި އޭނާގެ އަމިއްލަ ނަފްސާ މެދު ވިސްނާ ފިކުރުކޮށްލުމަށް ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ލިބިދާނެކަމުގައި މަދީހާއަށް ހީވުމާއެކު އެކަމަށް އޭނާ އެއްބާރުލުން ދިނީއެވެ. މިވަގުތު އިޝްފާންއަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތްކަމުގައި އޭނާގެ އަމިއްލަ ނަފްސަށް ގަބޫލުކުރެވޭތީވެސް އެކުގައެވެ. އަދި އެ ވަގުތު ލިބުމުން އިޝްފާންގެ އުޅުމަށް ހެޔޮ ބަދަލުތަކެއްވެސް އަތުވެދާނެ ކަމުގެ އުންމީދުގައެވެ.

"އޭރުވެސް މަށަށް އެނގޭ މި ފަތުޙީއާ ދިމާލަށް ބަސް ބުނަން މަން…" އެހިސާބަށް ބުނެފައި އިޝްފާން މަޑުޖެހިލިއެވެ. "އެކަކަށްވެސް އޭނައާ ދެކޮޅަށް ބަހެއް ބުނަން ނުކެރޭނެކަން."

"އިޝްފާން. ހިނގާބަލަ ދޮންތައާ އެކު." ސަވާ ބޭނުންވީ އިޝްފާން އެތަނުން ގެންދާށެވެ. އެހެންނަމަވެސް، ސަވާގެ އަތް ފޮޅުވާލާފައި އިޝްފާން ވާހަކަ ދެއްކިއެވެ.

"ދޮންތަވެސް ތިއުޅެނީ އަހަރެން ފޮނުވާލަންތަ؟ މީނަގެ ސަބަބުން ދޮންތައަށް އިންސާފު ނުލިބުނީ. އަހަރެން ޖަލަށްދާން ޖެހުނީ. އަހަރެންނަށް އެކަން ކުރަން މަޖުބޫރުވީ." އިޝްފާންގެ އެ ޖުމްލައާއެކު، ސަވާ ހިމޭންވިއެވެ. އޭނާގެ ދުލުގައި އޮތް ބަސްވެސް ޖެހުނީ ދިރުވާލާށެވެ. ހަމަ އެ ހިނދު އެ ހިތި ހަނދާންތައް ވެރިވި އޭނާގެ ދެލޯ ފެންފަޅިވެގެން ދިޔައެވެ. އާއެކެވެ. އެ ހިތުގައިވާ ޒަޚަމްތައް ފިލުވާނީ ކިހިނަކުން ހެއްޔެވެ؟ ބޭރަށް ނުފެނުނެއް ކަމަކު އެ ޒަޚަމްތައްވަނީ އޭނާގެ ހިތުގެ އެންމެ ފުނުގައެވެ. އެ ހަނދާންތައް އަދިވެސް އޭނާގެ ހިތުން ލޭ އޮހޮރުވާލައެވެ. ސަވާއަށް އައި ކުއްލި ބަދަލު ފެނި އިޝްފާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"އިޝްފާން! ކީއްވެތަ އަބަދު އެ ކަންތައް ހަނދާންކުރުވަނީ؟ ޒުވާބެއް ހިނގާ ކޮންމެ ފަހަރަކު އެ ވާހަކަ ތި ދުލާ ހިސާބަށް ނުގެނަސް ނުވަނީތަ؟ އަހަންނަށް އަދިވެސް އުނދަގޫވެޔޭ. ތަދުވެޔޭ…" މޭގައި އަތް އަޅާލަމުން ސަވާއަށް ރޮވެން ފެށުނެވެ. އޭނާގެ އާއިލާގެ ހަމަޖެހުން އެކީ ގެއްލިގެން ދިޔައީ އެ ހާދިސާއަށްފަހުކަމުގައި ގަބޫލުކުރެވޭ ސަވާގެ ހިތުގައި ރިއްސަމުން ދިޔައެވެ. އަބަދާ އަބަދު ޒުވާބު ކުރާ އަޑު އިވި އޭނާ ވަރުބަލިވެއްޖެއެވެ. އެހެންކަމުން މިއަދު އޭނާއަށް ކެތްނުކުރެވި އެ ލަފުޒުތައް ބުނެވުނީއެވެ. ގަސްތަކު ނޫނެެވެ.

"އަހަރެން މިތަނުން ދިޔައިމަ ދޮންތަ ހިތްހަމަ ޖެހޭނެތަ؟" އެތަނުގައި ހުރިއްޔާ ހުރިހާ ދުވަހަކު އިޝްފާންއަށް އެ ވާހަކަ ފަތުޙީއާ ދިމާލަށް ބުނެވޭނެކަން އޭނާއަށް އެނގެއެވެ. އޭނާ ފަހަރެއްގައިވެސް އެކަން ކުރަނީ ސަވާއަށް އެ ޚިޔާލުތައް ގެނުވައިގެން އިތުރަށް ހިތްދަތިކުރާކަށް ނޫނެވެ. އެކަމަކު އެކަން ހަނދާންވާ ކޮންމެ ފަހަރަކު އަންނަ ރުޅީގައި ބުނެވެނީއެވެ.

"މީހަކު ހިތްހަމަ ޖެހޭތޯ ނޫނީ ނުޖެހޭތޯ ބަލާކަށް އިޝްފާން ނުޖެހޭނެ. އަހަރެން މި ބުނަނީ މިތަނުގައި އިތުރަށް ނުހުރެވޭނެޔޭ. އަހަރެން ފޮނުވާތާކަށް ދާން ޖެހޭނީ. އެތަނުގައި އިތުރު މައްސަލައެއް ޖެހިއްޖެނަމަ ދެން ކަންތައް ކުރަންވީ ގޮތް ވެސް އެނގޭނީ މަށަށް." ފަތުޙީގެ ވާހަކައަށް އިޝްފާން މިފަހަރު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހިމޭންކަން އިޚްތިޔާރުކުރިއެވެ.

"އެރަށަށް ގޮސް އެތަނުގައި ނެތް މީހެއްހެން އުޅޭ. އެއްވެސް މައްސަލައެއްގަ ބެދިގެން ނުވާނެ!" ފަތުޙީ އިންޒާރަކަށްފަހު އިންޒާރެއް އިޝްފާންއަށް ދިނެވެ. އެންމެ ފަހުން ފަތުޙީގެ ކުރިމަތީގައި އިސްޖަހާލަން އިޝްފާންއަށް މަޖުބޫރުވިއެވެ. ސަވާގެ ވާހަކަތަކުންވެސް އޭނާއަށްވަނީ އަސަރުކޮށްފައެވެ. އެހާ އަވަހަށް ބަލި ގަބޫލުކުރެވުނު ސަބަބަކީވެސް އެއީ ކަންނޭނގެއެވެ.

"ވާހަކަ ދައްކާ ނިމުނީތަ؟ އެހެންވިއްޔާ ދަނީ." އެހެން ބުނެލާފައި ބާރުބާރަށް ސިޑިއާ ދިމާލަށް އިޝްފާން ދިޔައެވެ. އެ ހިސާބަށް ގޮސްފައި ފަސްއެނބުރި ސަވާއަށް ބަލާލާފައި ދެން ސިޑިން އަރައިގެން ދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުގައި އިށީނުމާއެކު ދެލޯ މަރާ ފިއްތާލަމުން އެތެރެ ހަށީގައި އުފެދުނު ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ރުޅިއައިސް އިން ވަރުން މުޅި މީހާގެ ހަށިގަނޑުގައި މަޑު ތުރުތުރު އެޅުމެއް ވެސް ވިއެވެ.

ހަށި ފުރާ ނޭވާއެއް ލުމާއެކު، އޭނާ އެނދުން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. އެހެން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ފަތުޙީ ވަނެވެ.

"މާދަމާ ފުރަން ތައްޔާރުވޭ." ފަތުޙީ ބުންޏެވެ.

"ކިހާ އިރަކު؟" އިޝްފާން އެހެން އަހާލިއިރުވެސް ހަރުކަށި ގޮތެއް އެ އަޑުގައި ހުއްޓެވެ.

"ހެނދުނަށް ތައްޔާރުވެގެން ހުރޭ." އެހެން ބުނެލާފައި ފަތުޙީ ކޮޓަރިން ނުކުމެ ދޮރު ޖެހިއެވެ. އިޝްފާން އޭނާގެ އަލަމާރި ކައިރިއަށް ގޮސް އޭގައި ހުރި ޖީންސްއާއި ގަމީސްތައް ނަގާ އެނދުމައްޗަށް އުކާލިއެވެ. މާގިނަ އެއްޗެއް ގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ގެންދާނެ މަދު އަންނައުނު ކޮޅު ވަކިކޮށްލާފައި އެއްޗެހި އަޅާނެ ދަބަހެއް ހޯދާލިއެވެ. ޖަލުން ނުކުތްއިރު އޭނާ އެއްޗެހި އަޅައިގެން ގެނައި ދަބަސް ނަގާފައި އޭގައި ނުނަގާ ހުރި އެއްޗެހިތައް އެނދުމައްޗަށް އަޅާލި ވަގުތު އޭގެ ތެރެއިން ވެއްޓުނު ފައިލެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ފައިލު ހުޅުވާލުމާއެކު، އިޝްފާން އޭގައި ލިޔެފައިވާ އެއްޗެއް ކިޔާލިއެވެ. އެ ހިނދު އެ މޫނުމަތިން ހިތާމައިގެ އަސަރު ފެނިލިހެން ހީވިއެވެ. ކަމަކާ ކަންބޮޑުވެ ދެރަވެފައިވީ އަސަރުތައް ހިނދުކޮޅަކަށްވެސް އޭނާގެ މޫނުމައްޗަށް ވެރިވެގެން ދިޔައެވެ. އެއަށް ބަލަހައްޓައިގެން އިންއިރު، ދެލޯ ފެންކަޅިވެގެން ދިޔަކަން ރޭކާލީވެސް ލޯ މައްޗަށް ފުސްވަމުން ދިޔުމުގެ ސަބަބުނެވެ. އެހެންނަމަވެސް، އެ ގޮތުގައި މާ ގިނަ އިރު ވިސްނަން އިނދެވޭ ގޮތެއް ނުވިއެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު، އޭނާ ނިކަން އަވަސް އަވަހަށް އެ ފައިލު ހެދުންތަކުގެ ދަށަށް ލާ ފޮރުވިއެވެ.

"އިޝްފާން!" އެތެރެއަށް ވަނީ ސަވާއެވެ.

"ހޫމް. ސޮރީ ދޮންތާ… އަހަރެން މިއުޅެނީ ދާން. އެކަކަށްވެސް އުނދަގުލެއް ނުވާނެ އޭރުން." އިޝްފާން އެހެން ބުނެލާފައި އޭނާގެ ދެލޯ ފުހެލިއެވެ.

އިޝްފާން ހަޤީގަތުގައި ދެރަވެފައި ހުރި ވަރު ސަވާއަށް އިޙްސާސްވީ ދެނެވެ. އިޝްފާންގެ އެ ރުޅިވެރިކަމުގެ ފަހަތުގައި ފޮރުވިފައިވަނީވެސް ހިތާމަޔާއި ހިތްދަތިކަމެވެ. އެއީ ހަމަ ކުޑައިރުގެ އިޝްފާންއެވެ. އިޝްފާން ބަދަލެއް ނުވެއެވެ. އޭނާގެ އުޅުމަށް ބަދަލު އައީ ޙާލަތާއި ވަގުތުގެ ސަބަބުންނެވެ. އޭނާގެ ހިތުގެ ރިހުންތަކަށް ހައްލެއް ނުލިބުމުން ގޯސް މަގު ޚިޔާރުކުރެވުނީއެވެ. ކުޑައިރެކޭ އެއްގޮތަށް އަދިވެސް އިޝްފާން ބޭނުންވަނީ ލޯތްބާއި އޯގާތެރިކަމެވެ. އެކަމުން މަޙްރޫމްވަމުންދާތީ ހިތުގެ ރިހުންތައް ރުޅިވެރިކަމުގެ ސިފަ ހިޔާރުކުރަނީއެވެ.

"ސޮރީ…" ސަވާ ވެސް ބުނެލިއެވެ.

"އިޓްސް އޯކޭ… ދޮންތަގެ މައްސަލައެއް ނޫން." އިޝްފާން އެހެން ބުނެލިއެވެ. އޭނާގެ ހިތާމަތައް ސިއްރުކުރަމުން އެއްޗެހިތައް ތަރުތީބުކުރާކަމަށް ހެދުނެވެ.

"ތި ދަބަހަށްތަ އެއްޗެހި އަޅަނީ؟" ސަވާ ސުވާލުކޮށްލީ ޓައިލްސްތަކު މަތީގައި އޮތް ދަބަހަށް އިޝާރާތްކޮށްލާފައެވެ.

"އާނ…" އޭނާގެ އަތުގައި އޮތީ އެ ދަބަސް އެކަނިކަމުން އިޝްފާން ބުނެލިއެވެ.

"ތި ދަބަސް ކުޑައެއްނު. ހެދުންތައް އަޅާފަ ދެން ބޭނުންވާ އެއްޗެހި ނޭޅޭނެ. ތަންކޮޅެއް ބޮޑު ދަބަހެއް އޮންނާނެ ދޮންތަ އަތުގަ. ގެނެސްދެންތަ؟" ސަވާ ސުވާލުކޮށްލުމާއެކު އިޝްފާން ބޯ ޖަހާލިނަމަވެސް، އަނގައިން ނުބުނެއެވެ.

"މި އަންނަނީ ހިފައިގެން." އެހެން ބުނެލާފައި ސަވާ އިޝްފާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

"ދޮންތާ…" އިޝްފާން ގޮވާލުމުން ސަވާ ފަސް އެނބުރިލިއެވެ.

"ތެންކިއު…" މާނަފުން ގޮތަކަށް އެހެން ބުނެލާފައި، އިޝްފާން ހިނިތުންވެލިއެވެ.

އޭގެ އިރުކޮޅެ އްފަހުން ސަވާ ދަަބަސް ހިފައިގެން އައިސް ދީފައި ދިޔުމުން އިޝްފާން އެންމެ ފުރަތަމަވެސް ލީ އޭނާ ދެންމެ ގެންގުޅުނު ފައިލެވެ. އެއަށްފަހު، އޭނާ ބޭނުންވާ އަންނައުނާއި އެހެނިހެން އެއްޗެހި އެޅިއެވެ.

ޖެހިގެން އައި ދުވަހު މޫސުން ގޯސްކަމުން ހެނދުނު ފުރަން އޮތް ލޯންޗް މެންދުރު ފަހަށް ލަސްކުރިއެވެ. އިޝްފާން ލޯންޗު ދޮށަށް ދިޔައީ ޑްރައިވަރާ އެކީގައެވެ. އޭނާ ލޯންޗަށް އަރާ އިށީނދެލިއެވެ. މީހުން އަރާ ހަމަޖެހިލުމުން ލޯންޗް ދުއްވާލުމާއެކު، އިޝްފާން އޭނާ އަޅައިގެން އިން ތޮފިން މޫނު ނިވާކޮށްލިއެވެ.

* * * * *

މާޒީގެ ޚިޔާލުތަކުން އިޝްފާންއަށް ނުކުމެވުނީ އޭނާގެ ފައިކައިރިން އެއްޗެއް ހަރަކާތްކުރާހެން ހީވެގެންނެވެ. ސިހިފައި ބަލާލިއިރު، ބޮޑު ރަތް ކަކުންޏެވެ. އިޝްފާން ފައިން އެ ކަކުނި ދުރަށް ލަމުން ތެދުވެލިއެވެ. އޭރު އުދަރެސްމަތީގައި ރަތްވިލާ ލާ އިރުއޮއްސިއްޖެއެވެ. ގަޑި ބަލާލިއިރު، ހައެއްޖަހާ ބޮޑުވެއްޖެއެވެ. އޭނާ ތެދުވެގެން މަގަށް ނުކުމެ އަވަށު ތެރެއަށް މިސްރާބުޖެހިއެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން އޯކިޑްވިލާއާ ހިސާބަށް އާދެވުނީ ގާތްގަނޑަކަށް ފަނަރަ މިނެޓް ހާއިރުންނެވެ. އޭރު ޒައިނާމެންގެ ގޯތިތެރެވެސް ވަނީ ދިއްލާފައެވެ. އޭނާ އެ ގޯއްޗަށް ނަޒަރު ހުއްޓާލައިގެން ހުރެފައި، ގެއަށް ވަދެ ސޯފާގައި އޮށޯވެލިއެވެ.

ޒައިނާއާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތަކަކީ ލޯތްބެވެ. އެ ފުން އިޙްސާސްއަށް ފުރަގަސްދޭނެގޮތެއް އިޝްފާންއަކަށް ނޭނގެއެވެ. ކިތަންމެ ވަރަކަށް ދެކޮޅު ހެދިނަމަވެސް، އެ އިޙްސާސްތަށް އެކަކަށްވެސް ނުފެންނާނެހެން ހިތުތެރޭގައި ކަފުންކޮށް ވަޅުލުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ޒައިނާއަކީ އެހެން މީހެއްގެ ހައްޤެކެވެ. އެ އަންހެން ކުއްޖާގެ މައްޗަށް އޭނާގެ އެއްވެސް ހައްޤެއް ނުވާއިރުވެސް، އެ އަނިޔާއިން ޒައިނާ ސަލާމަތްކުރަން އޭނާ ހާދަ ބޭނުމެވެ. ދެރައީ ޒައިނާއަށް ހިމާޔަތް ދޭން ކިތަންމެ ބޭނުންވިނަމަވެސް، އެކަން ކުރެވެން ނެތުމެވެ. އަމިއްލަ ޙަޔާތުގެ ސިއްރުތަކާއި، ވޭންތަކުގެ ސަބަބުން ޒައިނާއަށް އުފާވެރި ޙަޔާތެއް ހޯދައިދިނުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. އެހެންނަމަވެސް، އެ ލޯތްބަށް އޭނާ ފުރަގަސްދޭނީ ކިހިނެއްހެއްޔެވެ؟ ޒައިނާއަށްޓަކައި އެހިތުގައި ޖަހަމުންދާ ވިންދުތައްހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ ޒައިނާ ދުށުމަށް އޭނާގެ ދެލޯ އެދޭ އެދުން ހުއްޓުވާނީ ކިހިނަކުން ހެއްޔެވެ؟ އިޝްފާންގެ ދެލޮލުން އައި ކަރުނަތައް ވެސް އޭނާގެ ހިތުގެ ރިހުން ރަމްޒުކޮށްދެމުން ދިޔައެވެ. ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެމުން ދިޔަ ނަމަވެސް، އެ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ރޯން ފެށުމުން އަރުތެރެ ބެދި ކެއްސަން ފެށިއެވެ. ރޯގާގެ އަސަރު އަދިވެސް ހުރީތީ ނޭވާއަށްވެސް ކޮންމެވެސް ވަރަކަށް އުނދަގޫވާހެން ހީވިއެވެ. އެ ރަށަށް އައިފަހުން އިޝްފާން އެފަދަ ގޮަތަކަށް ރުއި އެއީ ފުރަތަމަ ފަހަރެވެ. އަދި މި ފަހުން އޭނާ އެހާ ހިތްދަތިވެގެން ރޮއިފައެއްވެސް ނުވެއެވެ.

މާ ބޮޑަށް ކެއްސަން ފެށުމުން ތެދުވެގެން ގޮސް ޒައިނާ ދިން ބޭސް ފުޅި ނަގާ ތައްޓަކަށް އެތިކޮޅެއް އަޅާލަފައި ފެން ހޫނުކުރަން ޖަގު ޖައްސާލި އިޝްފާންއަށް އެ ބޭސް ފުޅި ގެނެސްދިން ދުވަހުގެ ހަނދާނެއް ވެރިވިއެވެ. އެހިނދު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ފެން ހޫނުވުމުން ފެން ފޮދެއް ޖޯޑަށް އަޅާލާ ބޭހާ އެއްކޮށްލާފައި ބޮއިލުމުން ލުއިވިއެވެ. ދެން އިޝްފާން ގަސްތުކުރީ ނިދާލުމަށެވެ.

ހަފްތާއެއްހާ ދުވަސްވީއިރު ކެއްސުން މަޑުވިނަމަވެސް، މާ ބޮޑަށް ވަރުބަލިވާން ފެށިއެވެ. ސޯފާގައި ޖައްސާލައިގެން ފޯނާ ކުޅެން އޮވެފައި އިޝްފާން ގޭގެ ޖޯއްޔަށް ނުކުމެލިއެވެ. އޭރު އިރު އޮއްސެން ކައިރިވެއްޖެއެވެ. ޒައިނާވެސް އެމީހުން ގޭ ގޯތިތެރޭގައި ހުރި ޖޯލީގައި އޮށޯވެލައިގެން އޮތެވެ. އިޝްފާން ނުކުތްތަން ފެނުމާއެކު، ޒައިނާ ޖޯލިން ތެދުވިއެވެ.

އިޝްފާން ކުޑަކޮށް ހަށިގަނޑު ސީދާކޮށްލީ ޒައިނާ އެ އަންނަނީ އޭނާއާ ދިމާލަށްކަން އެނގުމުންނެވެ.

"ކިހިނެއް؟" ޒައިނާ އައިސް އިސްވެ އިޝްފާންއާ ވާހަކަ ދެއްކުމުން އިޝްފާން ރަނގަޅޭ ބުނެލިއިރުވެސް އެ އަޑުން ބަލިކަށިކަން ޒައިނާއަށް ފާހަގަވިއެވެ.

"މާ ބޮޑަށް ބަލީތަ؟" ޒައިނާ ދެވަނަ ސުވާލެއް ކޮށްލިއެވެ.

"އުހުމް. ބައްޔެއް ނޫން. ހީވަނީ ރޯގާގެ ސަބަބުންހެން. ވަރުގަދަ ރޯގާއެއްނު." އިޝްފާން ބުނެލިއެވެ.

"އިށީންނަން…." ޖޯއްޔަށް އިޝާރާތްކޮށްލި އިޝްފާންއެހެން ބުނެލީ ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށެވެ.

"ނޫނޭ.... އަސްލު މިއައީ ބުނަންވެގެން މީ.... ތެންކިއު.." ޒައިނާ ހިނިތުންވެލިއެވެ. އެ ހިިތުންވުން ފެނި އިޝްފާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ބޭއިޚްތިޔާރުގައެވެ. އަޅައިގެން ހުރި އާދައިގެ ބުރުގާއާ އާދައިގެ ކަޅު ހެދުމުގައިވެސް ޒައިނާ ފެންނަނީ ނުހަނު ރީތިކޮށެވެ. އެ ސާދާ ކަމުގައިވެސް އެ ރީތިކަން ފަނޑެއް ނުވެއެވެ. އިޝްފާންގެ ހިތުގައި ޖަހަން ފެށި ވިންދުވެސް ބާރުވެލިފަދައެވެ. އަމިއްލަ ޖަޒުބާތުތައް ހަމައަކަށް އަޅުވަން އިޝްފާން މަސައްކަތްކުރިއެވެ.

"ކޮންކަމަކަށް؟" އިޝްފާންއަށް ޒައިނާ އެހެން ބުނަން ޖެހުނު ސަބަބެއް ނުވިސްނުނެވެ.

ޒައިނާ އިރުކޮޅަކު އިޝްފާންއަށް ބަލަހައްޓައިގެން ހުރެފައި ދެން ހާމަކޮށްލި ވާހަކައަކުން އިޝްފާން ހުއްޓުން އަރާގޮތްވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު