މޯލްޑިވިއަންގެ އެއާބަސް ބޯޓަށް މައްސަލައެއް ދިމާވެ، ދަތުރު ކެންސަލްކޮށްފި

މޯލްޑިވިއަންގެ އެއާބަސް ބޯޓު --- ސަން ފޮޓޯ: އަޙްމަދު އައިމަން އަލީ

މޯލްޑިވިއަންގެ އެއާބަސް މަތިންދާބޯޓަށް މައްސަލައެއް ދިމާވެ، ދަތުރުތަކެއް ކެންސަލްކޮށްފިއެވެ.

މޯލްޑިވިއަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ދަތުރު ކެންސަލް ކޮށްފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މިއަދު ދަތުރުކުރުމަށް ހަމަޖެހިފައިވާ އެއާބަސް ބޯޓަށް ކަމަށެވެ.

މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެމުން އެ ކުންފުނިން ބުނީ މި ދަތުރު ކެންސަލް ކޮށްފައި ވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެއާބަސް މަރުކާގެ މި ބޯޓަކީ މިދިޔަ މަހުގެ ތެރޭގައި މައްސަލައެއް ދިމާވެ ސާވިސް ކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި މިއަދުގެ ދަތުރުތައް ކެންސަލް ކޮށްފައި ވަނީ ސާވިސްއަށް ފަހު ޓެސްޓުކުރުމުގެ ތެރޭގައި އިތުރު މައްސަލައެއް އުޅޭތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ދަތުރު ކެންސަލް ކުރުމާ ގުޅިގެން އެ ބޯޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ މީހުން، ބޭނުންވާނަމަ އެހެން އެއާލައިނަކުން ދަތުރު ކުރުމަށް ނުވަތަ މޯލްޑިވިއަނުން އެންމެ އަވަހަށް ޑާކާއަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާ ފްލައިޓުން ދަތުރު ކުރުމުގެ ފުރުސަތު ދީފައި ވާކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މީގެ އިތުރުން ޓިކެޓަށް ފުލް ރީފަންޑު ބޭނުންވާ މީހުންނަށް އެ ކަންވެސް ހަމަޖައްސައިދެމުން އަންނަ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.

މޯލްޑިވިއަން އެތެރޭގެ އުދުހުންތަކާއި ބަންގްލަދޭޝްގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދުތަކާއި ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރުތައް ބާއްވައެވެ.

comment ކޮމެންޓް