ރ. އުނގޫފާރު ހޮސްޕިޓަލް ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައި ހުރި ބިންތަކުގެ މުއްދަތު ހަމަވުމުން އެތަން ތަނުން ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިވާނެހެން ބިންތައް ހުސްކުރަން ކައުންސިލުން އެންގުމުން އެކަމާ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އުނގޫފާރަކީ އަތޮޅުގެ ރީޖަން ހޮސްޕިޓަލް ހުންނަ ރަށް ކަމަށްވުމާއެކު، އެ ރަށަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ޒިޔާރަތް ކުރާ ރަށެކެވެ. އެހެންކަމަށްވާއިރު، ވިޔަފާރި ކުރުމާއި ކެއިން ބުއިމުގެ ހުރިހާ ޚިދުމަތެއްގެ މައިގަނޑު ސަރަހައްދަކީ އެ ރަށުގެ ހޮސްޕިޓަލް ސަރަހައްދެވެ.
އެކަމަކު، އެ ރަށަށް ޚިދުމަތްތަކަށް ދާ ފަރާތްތަކާއި ރައްޔިތުންނަށް ވިސްނާ ނުލައި ކައުންސިލުން ވަނީ ވިޔަފާރި ކުރާ ތަންތަން މި މަހުގެ 30 ކުރިން ހުސްކުރުމަށް އަންގާފަައިވާކަމަށް އެ ކަމުގެ ކަންބޮޑުވުން "ސަން"އާ ހިއްސާކުރި މީހަކު ބުންޏެވެ.
އޭނާ ކިޔަދިން ގޮތުގައި، ފުރަތަމަ އެ ރަށު ކައުންސިލްގެ މަޤްސަދަކަށް ވެފައި އޮތީ ވިޔަފާރި ކުރާ ތަންތަނުގެ ޚިދުމަތްތައް ނުހުއްޓޭ ގޮތަށް އެކަން ކުރުން ކަމަށެވެ.
އެގޮތުން، އެ ރަށުގައި ވިޔަފާރިތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައި ހުރި ބިންތަކުގެ މުއްދަތު މިދިޔަ އަހަރު ތެރޭގައި ހަމަވެގެން، އެ މުއްދަތު 18 މަސްދުވަހަށް އިތުރުކޮށްދިނުމަށް ކައުންސިލުން ދައުވަތެއް ދިން ކަމަށް އޭނާ ބުންޏެވެ.
"ދެން އެގްރިމަންޓުގައި ސޮއިކުރުމަށް އެއް ދުވަހަށް ވެފައި އިންދާ މި ބުނަނީ މިހާރު އެކަން މަޑު ޖައްސައިލައިފީމޭ. އެއް އަހަރު ދުވަހަށޭ ސޮއިކުރާނީ. ދެން އަނެއްކާ އެއް އަހަރު ދުވަހަށް ސޮއިކުރަން ހަމަ އެއް ދުވަހަށް ވެފައި އޮއްވާ މި ދެނީ ތިން މަސްދުވަހު ނޯޓިސްއެއް ދީފައި މި ބުނަނީ ތަން ހުސްކުރާށޭ،" އޭނާ ކިޔައިދިނެވެ.
އޭނާ ބުނީ، ވިޔާފާރި ކުރާ ބިންތައް ހުސްކުރުމަށް ކައުންސިލުން ތިން މަސްދުވަހުގެ ނޯޓިސް އެއް ދިން އިރު ނިންމާފައި އޮތީ އެ ތިން މަސް ދުވަސް ތެރޭ ބިޑިންގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބިންތަކުގެ މުއްދަތު ހަމަވުމުން އަލުން އެ ބިންތަކުގެ ބިޑަށް ހުޅުވާލުމުން ކުރިން އެތަން ހިންގި ފަރާތްތަކަށް ވެސް ބިޑަށް ކުރިމަތިލައިގެން ކާމިޔާބު ކުރެވޭނެއެވެ. ނޫނީ އެހެން ފަރާތެއް ބިޑު ކާމިޔާބު ކުރިޔަސް ވިޔަފާރި ކުރާ ތަންތަނުގެ ޚިދުމަތްތަކެއް ނުހުއްޓޭނެއެވެ.
ނަމަވެސް، ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ކައުންސިލަށް ބިޑިންގެ މަސައްކަތްތައް ނުނިންމުނުކަން ފާހަގަކޮށް އޭނާ ބުނީ، ކައުންސިލުން ނިންމީ އެ މަސައްކަތް ނިންމަން އިތުރު ދޮޅު މަސްދުވަސް އިތުރުކުރަން ކަމަށެވެ.
"އެހެން އިތުރުކުރަން ނިންމާފައި ވީ ގޮތަކީ ބިޑިންގެ މަސައްކަތެއް ނުނިމުނީ. ދެން ދެވަނަ ފަހަރަށް ވެސް ނުނިމިގެން ކައުންސިލުން ނިންމީ އިތުރު ނުކުރަން. ދެ އަހަރު ދުވަހަށް ހިންގާ ތަންތަނާއި 25 އަހަރު ދުވަހަށް ހިންގާ ތަންތަން މި ހުންނަނީ. ދެ އަހަރު ދުވަހަށް ހިންގާ ތަންތަން އެބަހުރި މީހާރު ހިންގާ ފަރާތްތަކުން އެތަންތަން ނަގާފައި. އެކަމު އެގްރިމަންޓެއް ނެތިއްޔާ ނުއެއް ހިންގޭނެ އެއްނު،" އޭނާ ބުނެއެވެ.
މިހާރު އެރަށު ކައުންސިލުން ނިންމާފައި އޮތީ އެ ބިންތައް ހުސްކުރުމަށް ފަހު، ބިޑިންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށް އޭނާ ބުންޏެވެ.
އެހެންކަމަށްވުމުން، މިވަގުތު ވިޔަފާރި ކުރަމުންދާ ބައެއް ފަރާތްތަކަށް ބިން އެވޯޑްކޮށްފައިވީ ނަމަވެސް ބިން ވަނީ ހުސްކުރަން ޖެހިފައެވެ.
އަދި އެގްރިމެންޓްގެ ކަންކަން ނިމުމުން އަލުން މުދާތައް ހިފައިގެން ވަންނަންޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް މިކަމުގެ ތަކުލީފު ބޮޑުވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
އެގޮތަށް ބިންތައް ހުސްކުރުމުން ވިޔަފާރި ކުރާ ތަންތަނުގެ ޚިދުމަތްތައް މެދުކެނޑި، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭނެއެވެ.
އެހެންވެ، އެ ރަށުގެ ވިޔަފާރި ކުރާ ބިންތަކުން ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާ ގޮތަށް މިކަން ކުރުމުން ނޫނީ އެ ތަންތަނުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަން ފާހަގަކޮށްލެވެއެވެ.