"ހާދަ ދުވަހެއް ކޮށްލާފަ ތިއައީ. އާދޭ އިށީންނަން. ދައްތަ އެބަ އަންނަން ލިމްޔާއަށް ގޮވާލާފަ" އަމީރާ އަވަސްވެގަތީ ލިމްޔާއަށް ގޮވަން ދާށެވެ. ރަޔާން އައުމުން ލިމްޔާ އުފާވާނެވަރު އަމީރާއަށް އެނގެއެވެ.

********

"ދައްތަ މަޑުކުރޭ! އަޅުގަނޑު ގޮސްލާނަން" ރަޔާން އެދުނެވެ.

"ލިމްޔާ ވެއްޖެ ކޮޓަރީގަ" އަމީރާ ބުނެލިއެވެ.

ލިމްޔާ އޮތީ ވާހަކަފޮތެއް ކިޔާށެވެ. ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ތެދުވެގެން ގޮސް ދޮރު ހުޅުވީ ފަހަރެއްގައިވެސް ދޮރުމަތީގައި ރަޔާން ހުރެދާނެކަމަކަށް ނޫނެވެ. ރަޔާން ފެނުމުން ލިމްޔާ ވަގުތުން ދޮރު ޖެހިއެވެ. ހަމަ އެސިކުންތުގައި އަނެއްކާވެސް ދޮރު ހުޅުވިއެވެ. ލިމްޔާ ހުރީ ފެނުނު މަންޒަރު ގަބޫލުނުކުރެވިފައެވެ.

"ރެން؟.." ގަބޫލުނުކުރެވިފައި ހުރި ކަހަލަ ގޮތަކަށް ލިމްޔާ ގޮވާލިއެވެ.

"ކިހިނެތް ތިހަދަނީ؟ އަހަންނަށް ޖެއްސުންކުރަނީތަ؟..." ސަމާސާ ރާގަކަށް ރަޔާން ބުނެލިއެވެ.

"ނޫން މި މި.." ލިމްޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އިށީންނާކަށްވެސް ނުބުނާނަންތަ؟" ކޮޓަރީގައި ހުރި ސޯފާއަށް އިޝާރާތްކުރަމުން ރަޔާން އަހައިލިއެވެ.

"އާދޭ އިށީންނަން" ލިމްޔާ ދޮރުމަތިން ދުރަށްޖެހުނެވެ.

ރަޔާން ހިނގައިގަތުމުގެ ކުރިން ފައިދަށުގައި އޮތް ފިހިގަނޑު ނެގުމަށް ލިމްޔާ އަވަސްވެގަތެވެ. ލިމްޔާ އަށް ހަދާލެވުނު ގޮތަކުން ފިހިގަނޑުގައި އަޅައިގަނެފައި ރަޔާން އަރިއަޅާލީ ލިމްޔާ އާއި ދިމާއަށެވެ. ލިބުނު ސިހުމުގައި ގުޑިލަންވެސް ނޭނގިފައި ލިމްޔާ ހުރީ ރަޔާން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

********

ކުދިކިޔަމުން ޔަލްވީ ފިހާރައާއި ދިމާއަށް ހިނގައިގަތެވެ. އޭނާއަށް ވެގެންވާނަމަ، އެ ރަށުގައި ގެއިންވެސް ނުނިކުތީހެވެ. ނަފީސާ ނިދާފައި އޮތުމުން ޔަލްވީއަށް ގޮވަން ނުކެރުނީއެވެ.

"އައްދިއްޔޯއި" ފިހާރައަށް ވަދެވަދެ ހުއްޓާ، ޔަލްވީ އަޅައިގަތީ މުސްކުޅިފުރައިގެ އަންހެނެއްގެ ގައިގައެވެ. އެމީހަކު ނުކުތީ ފިހާރައިން އެއްޗެއް ގަނެގެންނެވެ. ޔަލްވީ ދެލޯ އަޅައިލަމުން އެމީހަކަށް ބަލައިލިއެވެ. އޭގެ ފަހުގައި އެމީހާގެ އަތުގައި އޮތް ކުޑަ ކޮތަޅަށް ނަޒަރު ހުއްޓައިލިއެވެ.

"ވަރަށް ތަދުވިތަ؟ ދައްތައަށް ނުފެނުނީ. މާފުކުރޭ!" ރަޒީނާ ހާސްވެފައި ޔަލްވީގެ ކޮނޑުގައި ފިރުމައިލަން އުޅުނެވެ. ޔަލްވީ ދުރަށްޖެހުނެވެ.

"ހިނގާއިރު ބަލާލުމެއްވެސް ނޯވޭދޯ. މުސްކުޅިވީމަވެސް ގޭގަ އޮންނަން ނޭނގިގެން ފިހާރަތަކަށާ ސެލޫންތަކަށާ ތަންތަނަށް ދުވެވޭތޯ ބަލާ!" ޔަލްވީ ހުރީ ރުޅިގަދަވެފައެވެ. "އަދި ދެލޯ ބޮޑުކޮށްގެން ބަލަން އެބަ ހުރެއެއްނު. ރާއްޖެތެރޭ މީހުންނަށް ހީވާ ކަހަލަ މި މީހުންމީ މާ މޮޅު ބައެކޭ. ހުރިހާ ކަމެއް އެނގޭ މީހުންނޭ. ހާދަހާވާ ފޫއްސެއްވެޔޭ މި ރާއްޖެތެރޭ މީހުންދެކެ"

ރަޒީނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޔަލްވީގެ ހެދުން އެޅުމުގެ ވައްޓަފާޅި އާއި ބަހުރުވަ ހުރި ގޮތުން އެއީ އާދައިގެ ކުއްޖެއް ނޫންކަން ރަޒީނާއަށް އެނގުނެވެ. ރަޒީނާގެ ހަޔާތުގައި ވީހާ ދުވަހަކު، އޭނާގެ ގަދަރަށް އުނިކަމެއް ލިބޭފަދަ އެއްވެސް ވާހަކައެއް މީހަކު ދައްކާތީ އަޑު އިވިފައެއް ނުވެއެވެ. ރަޒީނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ހިތުގައި ޖެހުނެވެ.

"ހަމަ މިހާރު އެ ދައްތަގެ ކިބައިން މާފަށް އެދޭ!" ނިމާލުގެ އަޑު އިވުމުން ޔަލްވީ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ވޮލެޓު ދޫވެގެން ވެއްޓުނެވެ.

ދަރިފުޅުގެ ބަސްމަގު ހުރިގޮތުން ނިމާލު ހުރީ ކަންބޮޑުވެ، ލަދުގަނެފައެވެ. ޔަލްވީގެ ސަބަބުން އެންމެންގެ ކުރިމަތީގައި ނިމާލުގެ އަގު ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ޔަލްވީއަކީ އެއްވެސް ކަމަކަށް ވިސްނާ ކުއްޖެއް ނޫނެވެ. ހިތަށް އެރިއްޔާ ހިތަށް އެރި ކަމެއް ކޮށްލައެވެ.

"ސޮރީ" އެއްޗެއް ނުބުނެ ކުޑައިރުކޮޅަކު ހުރުމަށްފަހު ޔަލްވީ ބުނެލިއެވެ. މާފަށް އެދުނުއިރު އޭނާ ރަޒީނާއާއި ދިމާއަށް ބަލައިވެސް ނުލައެވެ.

ޔަލްވީ ހުރީ ތުން ފިއްތާލައިގެންނެވެ. ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ. އޭނާއަށް ވެގެންވާނަމަ އެމީހާގެ ކިބައިން ދުވަހަކުވެސް މައާފަކަށް ނޭދުނީހެވެ.

"އަހަރެންގެ ދަރިފުޅުގެ ފަރާތުން ވީ ކަންތަކަށް މާފަށް އެދެން" ނިމާލު ރަޒީނާގެ ކިބައިން މައާފަށް އެދުނެވެ.

ރަޒީނާ ހިނިތުންވެލިއެވެ. ވެއްޓިފައި އޮތް ޔަލްވީގެ ވޮލެޓު ނަގައި ދިއްކޮލިއެވެ.

"އެއީ އެވަރުގެ ކަމެއް ނޫން. ދައްތަގެ ހިތް ހަމަ ސާފު" ޔަލްވީ އާއި ދިމާއަށް ނަޒަރު ހުއްޓާލަމުން ރަޒީނާ ބުނެލިއެވެ.

ރަޒީނާ ދިޔަ މަންޒަރު ބަލަން ހުރި ނިމާލު ޔަލްވީއަށް ބަލައިލީ ނުރުހިފައެވެ. ދަރިފުޅުގެ ވިޔާނުދާ އުޅުމުގެ ސަބަބުން އެހެން މީހުންނާއި ކުރިމަތިލާން ނިމާލު ޖެހިލުންވެއެވެ.

********

ރަޔާން އަރިއަޅާލި ނަމަވެސް ފާރުގައި ހިފަހައްޓާފައި ހަށިގަނޑު ސީދާ ކޮށްލިއެވެ.

"ލިމް ކިހިނެތް ތިހެދީ؟ ކިރިޔާ އެއްނު މި ސަލާމަތްވީ" ރަޔާން ހިނިގަނޑެއް ޖަހާލިއެވެ.

"ސޮރީ" ލިމްޔާ މަޑުމަޑުން މާފަށް އެދުނެވެ.

"ޔޫ އޯކޭ؟" ލިމްޔާ މާ މަޑުން ހުރުމުން ރަޔާން އަހައިލިއެވެ.

"ޔެސް. ރެން ކަމަކުތަ ތިއައީ؟" ލިމްޔާ މަސައްކަތްކުރީ ރަޔާނާއި ހަތަރުކަޅި ހަމަނުކުރާށެވެ. އޭނާގެ ދެލޮލުން އެއްވެސް ކަމެއް ސިއްރުނުވާނެތީއެވެ.

"ކަމަކުތަ ލިމް ކައިރިއަށް އަންނަން ޖެހެނީ މިހާރު؟" ދިމާކުރާ ރާގަކަށް ރަޔާން ބުނެލިއެވެ.

"ނޫން. ރެން ބޭނުން ގަޑިއަކު ހަމަ އަންނަންވީ. އެހެންޏާ މިގަޑީ ނާންނާތީ އަހާލީ. ހިނގާ ބޭރަށް...." ލިމްޔާ ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ.

ރަޔާންއާއިއެކު އެކަނި ކޮޓަރީގައި ހުންނަންވެއްޖެނަމަ، ލިމްޔާގެ ހިތް ބޭޒާރުވެގެން ހިނގައިދާނެތީ އޭނާ ޖެހިލުންވިއެވެ. ލިމްޔާ ކޮޓަރިން ނުކުތުމަށް ހިނގައިގަތުމުން ރަޔާންވެސް ފަހަތުން ހިނގައިގަތެވެ. ލިމްޔާގެ ފަހަތުން ހިނގައިގަތް ރަޔާންއަށް ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ލިމްޔާގެ ކޮޓަރި ތަރުތީބުވެފައި ސާފުތާހިރެވެ. ރަޔާންއަށް ހިތާއިހިތުން ލިމްޔާއަށް ތައުރީފުކޮށްލެވުނެވެ.

ދެމީހުން ގޮސް ވަނީ ކާގެއަށެވެ. ރަޔާން ކާމޭޒުކައިރީގައި އިށީނުމުން، ލިމްޔާ ކޮފީއެއް ތައްޔާރުކުރިއެވެ.

"މީ މިއަދު ލިމް ހެދި ޕުޑިންއެއް. ރަހަ ބަލާލަބަލަ. ރެންއަށް ވަރަށް މީރެއްނު ޕުޑިން" ކޮފީ ތައްޓާއިއެކު ލިމްޔާ ރަޔާނަށް ޕުޑިން ފޮއްޗެއް ގެނެސްދިނެވެ.

ރަޔާންގެ ކުޅު ދިޔާވިއެވެ. ލިމްޔާ ސަމުސާ ގެނައުމުގެ ކުރިން އޭގެން އެއްބައި ކާލިއެވެ.

"ޔަމީ. ލިމް ހާދަ މޮޅޭ" ރަޔާން ތައުރީފުކުރިއެވެ.

ލިމްޔާގެ ހިތް އުފަލުން ފޮޅުނެވެ. މުޅި އުމުރު ރަޔާންއަށް ކައްކާފައި ކާންދޭން ޖެހުނަސް ލިމްޔާއަށް އެކަން ކުރެވިދާނެއެވެ. އެކަމަކު، ދެރައީ ރަޔާން އޭނާގެ މީހަކަށް ނުވާނެތީއެވެ. ރަޔާންގެ ކައިވެންޏަށްފަހު، ދެމީހުންގެ އެކުވެރިކަމަށް ދުރުކަމެއް އަންނާނެއެވެ. ކުރިން އުޅުނުހެން ނޫޅެވޭނެއެވެ.

"އަދި ގެނެސްދެންތަ؟" ރަޔާން ޕުޑިންކޮޅު ހުސްކޮށްލުމުން ލިމްޔާ އަހައިލިއެވެ.

ރަޔާން ބޯޖަހާލުމުން ލިމްޔާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިތުރު ޕުޑިން ފޮއްޗެއް ގެނެސްދިނެވެ. ލިމްޔާ ހުރީ އުފާވެފައެވެ. ރަޔާން ހިތްހަމަޖެހޭ ކަންކަން ކޮށްދެވުމުން ލިމްޔާގެ ހިތަށްވެސް ހަމަޖެހުން ލިބެއެވެ.

"ލިމް ހާދަ މޮޅޭ ކައްކަން. އަހަރެން ހިތަށް އަރާ ލިމް އަހަރެންގެ ގެޔަށް އެއްކޮށް ގެންދަ....." ރަޔާން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަން މަޖުބޫރުވިއެވެ. އޮޅިގެން ނަމަވެސް ބުނެވެން އުޅުނީ ރަގަޅު ވާހަކައެއް ނޫނެވެ.

"އެބަ އަންނަން ފެންތައްޓެއް ހިފައިގެން" ލިމްޔާ ބޭނުންވީ ރަޔާންގެ ނަޒަރުން ސަލާމަތްވާށެވެ.

ލޮލުގައި ގިނަވެގަތް ކަރުނަތައް ފޮރުވަމުން ލިމްޔާ ގޮސް ބަދިގެއަށް ވަނެވެ. ރަޔާން އިނީ ދެރަވެފައެވެ. އޭނާގެ ސަބަބުން ލިމްޔާގެ ހިތް ޒަހަމުވީއެވެ. ރަޔާންއަށް އޭނާގެ ބޮލުގައި އަތުން ޖަހާލެވުނެވެ.

ބަދިގެތެރޭގައި ލިމްޔާ ހުރީ މޭގައި އަތް ޖައްސާލައިގެންނެވެ. ރަޔާން ބޭނުންނަމަ، އޭނާ ރަޔާންއަށްޓަކައި މުޅި އުމުރުވެސް ހުސްކުރަން ތައްޔާރެވެ. އެކަމަކު، އެފުރުސަތު ލިމްޔާއަށް ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ކިތަންމެ ދެރަވި ނަމަވެސް ކެތްކުރުން ނޫންގޮތެއް ލިމްޔާއަކަށް ނެތެވެ.

ލިމްޔާ ދިއްކޮށްލި ފެންތަށީގައި ހިފިއިރު، ރަޔާންގެ ނަޒަރު ހުއްޓިފައިވަނީ ލިމްޔާގެ މޫނަށެވެ. ހިނިތުންވެގެން ހުރި ނަމަވެސް ލިމްޔާގެ ހިތުގެ ހާލު ރަޔާންއަށް ހާމަވިއެވެ. ލިމްޔާ އިސްޖަހައިލިއެވެ. ރަޔާންއާއި ހަތަރުކަޅި ހަމަކުރަން އޭނާއަށް އުނދަގުލެވެ.

"ފަހުން އަންނާނަން އިނގޭ. އެބަޖެހޭ ތާކަށް ގޮސްލަން. މީގެ ޕުޑިން އެއް އަދި ހަދާދެއްޗޭ. ވަރަށް މީރު" އެއްނޭވާއިން ފެންތަށި ބޮއެ ހުސްކޮށްލާފައި ރަޔާން ތެދުވިއެވެ.

********

"ދަރިފުޅާ ޔަލްވީ" ކޮޓަރިއަށް ވަންނަންދިޔަ ޔަލްވީ ފެނުމުން ނިމާލު ގޮވައިލިއެވެ. "ބައްޕަ އުއްމީދުކުރަން ބައްޕަ ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް ދަރިފުޅު ނުކުރާނެ ކަމަށް..."

ރަޔާންމެންގެ ގެއަށް ދިޔުމަށް ހަމަޖެހިފައިވާ ވަގުތު ކުޑަތަންވަމުންދާތީ ނިމާލުގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. ޔަލްވީ ކަންތައް ކުރާނެގޮތެއް ނޭނގޭތީއެވެ. ނިމާލަށް ޔަލްވީއަށް އިތުބާރެއް ނުކުރެވެއެވެ.

"އެއީ ތެދެއް ދަރިފުޅާ. އެމީހުން އެއްޗެއް އަހައިފިއްޔާ ނޫނީ ދަރިފުޅު ވާހަކަ ނުދެއްކިއްޔާ މަންމައަށް ރަނގަޅީ. އިނގޭ.." ނަފީސާ ބުނެލިއެވެ.

މަންމަ އާއި ބައްޕަގެ ވާހަކަތަކުން ޔަލްވީގެ ބޮލަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ. ބޯޖަހާލުމަށްފަހު ޔަލްވީ ކޮޓަރިއަށް ވަނީ ކަންތައްކުރާނެ ގޮތަކާއިމެދު ވިސްނަމުންނެވެ.

"ދަރިފުޅާ! އަދިވެސް ތައްޔާރު ނުވެވޭތަ؟ ހިނގާ އަވަހަށް ނުކުންނަމާ. ގަޑިއަކަށް ތަނަކަށް ދާން އޮތިއްޔާ ވަގުތަށް ދެވޭތޯ ބަލަންވާނެ. ހިނގާ. އަވަސްކުރޭ!" ޔަލްވީގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލަމުން ނިމާލު ބުނެލިއެވެ.

"މި ބައްޕަވެސް ދޯ. މީހަކަށް ފިޔަވަޅެއް އަޅާނުލެވޭނެ. މިޔަށްވުރެ ބޮލަށް ފަސޭހަވާނެ ތޯއްޗެއް އެ ރަޔާންއަކާ އިނދެގެން ބައްޕަގެ ކައިރިން ސަލާމަތްވިޔަސް. އުހުނ. އޭރަށްވެސް އަހަރެންގެ އެހެން އުފާތަކުން މަހުރޫމުވާނެ.... ނެތް ރަނގަޅު އެއްގޮތެއްވެސް.... ބޯހަލާކު...." ކުދި ކިޔަމުން ޔަލްވީ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު