ޔަލްވީ ފުންމައިގެން ތެދުވިއެވެ. މޭޒުމަތީގައި ބަހައްޓާފައިވާ ބިއްލޫރި ތަށިތައް ނަގާ ހޫރައިލިއެވެ. ތަށިތައް ގޮސް މުށިތަކުގެ މަތީގައި ޖެހި ތަޅައިގެން ދިޔަ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ނަފީސާއަށް އިނދެވުނީ، ދެކަންފަތް މަތީ އަތްއަޅައި، ދެލޯ މަރާލައިގެންނެވެ.

********

"ކީއްވެތަ އެއްވެސް ކަމެއްގަ މަންމަގެ އެއްވެސް ބާރެއް ނޯންނަނީ؟" ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ޔަލްވީ ނަފީސާއަށް ބަލައިލިއެވެ. "އަބަދު ބައްޕަ ބުނާގޮތް. މަންމަ ބޭނުންތަ މަންމަގެ ދަރިފުޅު އެނުލަފާ މީހާގެ އަޅަކަށްވެގެން އުޅޭތަން ބަލަން؟"

"ދަރިފުޅާ! މަންމަވެސް އެގޮތް ބޭނުންވެގެނެއް ނޫނޭ..." ނަފީސާ މަސައްކަތްކުރީ ޔަލްވީ ހަމައަކަށް އަޅުވާށެވެ.

"އެކަހަލަ ރާއްޖެތެރޭ މީހަކާ އިންނާކަށް ބޭނުމެއް ނޫން. ބައްޕަ ހީކުރަނީ ޔަލްވީއަށް އިންނާނެ މީހުން ނުވާނެ ކަމަށްތަ؟ ވާނެ. ފުއްޓައްކެތް ޖަހާލިޔަސް އެކަހަލަ ކިތަންމެ ރަޔާންއެއް މި ޔަލްވީގެ ފަހަތުން އަންނާނެކަން ޔަގީން" ޔަލްވީގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.

"ދަރިފުޅާ މަޑުން. މީހަކަށް އަޑުއިވިދާނެ" ނަފީސާ ހާސްވެގެން ވަށައިގެން ހޯދައިލިއެވެ.

"ހެވޭ އަޑުއިވުނަސް" ފަރުވާކުޑަ ރާގަކަށް ޔަލްވީ ބުނެލިއެވެ. "މިބުނީނު ކައިވެންޏެއް ނުކުރާނަމޭ. ނުކުރާނަމޭ. ނުކުރާނަމޭ. މަންމައަށް އަޑުއިވިއްޖެތަ؟"

ތަށި ވެއްޓި ތެޅުނު އަޑަށް ނަރުސްކުއްޖަކު ދުވެފައި ގޮސް ޔަލްވީ އޮތް ވޯޑަށް ވަނެވެ. އޭރު ޔަލްވީ އިނީ އައި ރުޅިން ހަށަމް ބަނދެލައިގެންނެވެ.

"ކިހިނެއްތޯ ވީ؟" ނަރުސްކުއްޖާ ހާސްވެފައި ސުވާލުކުރިއެވެ.

"މާބޮޑުކަމެއް ނުވޭ. ތައްޓެއް ތަޅައިގެން ދިޔައީ" ގަދަކަމުން ހިނިތުންވެލަމުން ނަފީސާ ބުނެލިއެވެ. "ދައްތަ މިތަން ސާފުކޮށްލާނަން.."

"ނޫނޭ" ނަރުސްކުއްޖާ ދެކޮޅުހެދިއެވެ. "އަޅުގަނޑު ގޮސް މަސައްކަތުމީހާ ފޮނުވާނަން ސާފުކުރަން"

"ދަރިފުޅު ތިހެން ނޫޅެބަލަ" ނަރުސްކުއްޖާ ދިޔުމުން ނަފީސާ ބުނެލިއެވެ. "މަންމަ ބައްޕައާ ވާހަކަ ދައްކާނަމޭ. ދެން ރުޅި މަޑުކޮށްބަލަ. މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ ތިހެން ހެދީމަ..."

********

ލިމްޔާ ހޮސްޕިޓަލަށް ދިޔައިރު، އަވަސްފަރުވާދޭބައިގެ ބޭރުގައި ރަޔާން އިނެވެ. ނިތްކުރީގައި އެއް އަތުން ހިފަހައްޓާލައިގެން އިންއިރު، ރަޔާންގެ މޫނުން ފެންނަމުންދިޔައީ މާޔޫސްކަމެވެ. ރަޒީނާއަށް ކަމެއް ދިމާވެއްޖެނަމަ، ރަޔާން ދެރަވާވަރު ލިމްޔާއަށް އެނގެއެވެ. ލިމްޔާ ރަޔާންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. ރަޔާން ކުރަމުން އައި ހިތްވަރު އެލުނެވެ. ދެލޮލަށް ކަރުނަ ޖަމާވިއެވެ.

"މަންމައަށް... ކިހި..ނެތް މިވީ.." ރަޔާންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

އެއްފަހަރާ އެތައް ކަމެއް ދިމާވުމުން ރަޔާންގެ ބޮލުގައި ގަދަޔަށް ރިއްސަމުން ދިޔައެވެ. ޔަލްވީގެ ކަންތަކާއި ބޯގޮވާފައި ހުއްޓާ މަންމައަށް އެހެން ދިމާވުމުން ރަޔާންއަށް ހަތަރު އުދަރެސް ފެނުޖެހުނު ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ.

"ލިމްއަކަށް ވެސް ނޭނގެ އަސްލު ވީގޮތެއް މާ ބޮޑަކަށް. ސިތާރާ ދައްތަ ބުނީ އޭނަ ކޮންމެސް ވާހަކައެއް ދައްކަން ހުއްޓާ ހަމަ ހުރެފަ މަންމަ ވެއްޓުނިއްޔޯ. ލިމް ނާހަން ކޮން ވާހަކައެއްތޯ ދެއްކީ.." ލިމްޔާ ތަފްސީލް ދިނެވެ.

ސިތާރާގެ ވާހަކަ ބުނުމުން ރަޔާން ނުތަނަވަސްވިއެވެ. ސިތާރާ އެގެއަށް ދާނީ ކޮންމެވެސް ވާހަކައަކައިގެންނެވެ. ރަށުތެރޭގައި އެދުވަހު ފަލަ ސުރުހީއަކަށް އޮންނާނީ ރަޔާންގެ ވާހަކަ ކަން އޭނާއަށް އެނގެއެވެ.

"ޑޯންޓް ވޮރީ. އިންޝާﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. ރަޔާން ދެރަވެފަ ހުރިތަން މަންމައަށް ފެނިއްޖެއްޔާ މަންމަ ކިހާ ދެރަވާނެ. ދެން ސްމައިލް" ރަޔާންގެ ކައިރީގައި އިށީންނަމުން ލިމްޔާ ވާހަކަ ދެއްކިއެވެ.

ލިމްޔާގެ ވާހަކަތަކުން ރަޔާން ކުޑަކޮށް ހަމައަކަށް އެޅުނެވެ.

"އަހަރެން މީ ވަރަށް ގޯސް މީހެއް ދޯ..." އަމިއްލަ ނަފުސު ކުށްވެރިކުރާ ރާގަކަށް ރަޔާން އަހައިލިއެވެ.

ލިމްޔާގެ ހިތުގައި ރިއްސާލިއެވެ. ރަޔާން މާނަކުރީ ކޮން ކަމަކަށްކަން އޭނާއަށް އެނގެއެވެ. ހުރިހާވެސް މައްސަލައަކީ ޔަލްވީއެވެ. ޔަލްވީއަކީ ތެދުވެރިކަމެއްނެތް އަންހެންކުއްޖެކެވެ.

"ކާކު ބުނީ ރެން އަކީ ގޯސް މީހެކޭ؟ ރެން އޭ ކިޔައިގެން މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، ރެން އެއްބަސް ނުވާހާ ހިނދަކު ލިމްއެއް ގަބޫލެއް ނުކުރާނަން..." ލިމްޔާ މަސައްކަތްކުރީ ރަޔާންގެ ހިތަށް ފިނިކަމެއް ހޯދައިދެވޭތޯއެވެ. "މީހުން ފާޑުފާޑުގެ އެއްޗެހިވެސް ކިޔާނެ. އެކަހަލަ ވާހަކަތަކަށް ބީރު ކަންފަތެއް ދިނީމަ އެންމެ ރަނގަޅުވާނީ. ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވެއެއްނު"

********

އައިވީފުޅި ހުސްވުމާއިއެކު ޔަލްވީ ގެއަށް ދޫކޮށްލެވުނެވެ. އޭރު ޔަލްވީ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ޔަލްވީ ހަމަޖެއްސުމަށް ނަފީސާއަށް އެތައް ކަމެއް ކުރަންޖެހުނެވެ. ގެއަށް އައި މަގުމަތީގައި ޔަލްވީ ދިޔައީ ލޮލުގެ އިޝާރާތުން ނަފީސާއަށް ބައްޕަގެ ކައިރީގައި އެވާހަކަ ދެއްކުމަށް ހަނދާންކޮށްދެމުންނެވެ. ޔަލްވީ އެކަން ހުއްޓީ، ނަފީސާ ބޯޖަހާލުމުންނެވެ.

"ނިމާލު ކުރަން ތިޔަ އުޅެނީ ރަނގަޅު ކަމެއްތަ" ކޮޓަރިއަށް ވަންގޮތަށް ނަފީސާ ފެށީ ކައިވެނީގެ ވާހަކައެވެ. "އަހަންނަކަށް ހިއެއްނުވޭ އެ ރަޔާންއާ ކައިވެނި ކުރުވައިގެން ޔަލްވީއަށް ރަގަޅު ދިރިއުޅުމެއް ފެނިދާނެ ހެނެއް"

"އަހަރެން އެގޮތަށް ނިންމީ ވަރަށް ވިސްނާފައޭ ނަފީސާ" ނިމާލު ކުޑަކޮށް ހިތްހަމަނުޖެހުނެވެ. "ދެން އިތުރަށް މިނިންމުން ބަދަލުކުރަން މަސައްކަތް ނުކުރޭ! އަހަންނަށް އެނގޭ ޔަލްވީ ބުނެގެންކަން ނަފީސާ ތިވާހަކަ ތި ދައްކަނީ. ޔަލްވީ ކައިރީ ބުނޭ އޭނައަށް ދެރަވާ ގޮތަކަށް އަހަރެން އެއްވެސް ކަމެއް ނުކުރާނެއޭ..."

ނިމާލު ފަހު ޖުމްލަ ބުނެލީ ތަންކޮޅެއް ބާރަށެވެ. ޔަލްވީ އަޑުއަހަން ހުންނާނެކަން އެނގޭތީ ޔަލްވީއަށް އަޑު އިއްވާލުމުގެ މަގުސަދުގައެވެ.

ދޮރުގައި ކަންފަތް ޖަހައިގެން ހުރި ޔަލްވީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރުޅި އައިސްގެން ބިންމަތީގައި ދެފައި ތަޅަންފެށީ ކުޑަކުއްޖަކު ފަދައިންނެވެ. އެންމެފަހުން ފަޔަށް ތަދުވެގެން ދޮރުކައިރީ އިށީނެވެ. ދެ ކަކުލުގައި ބޯއަޅާލުމާއިއެކު ޔަލްވީއަށް ރޮވެން ފެށުނެވެ.

ނަފީސާ އެތައް އިރަކު ގޮވުމުންވެސް ޔަލްވީ ދޮރު ހުޅުވާ ހިޔާލެއް ނުކުރިއެވެ. ނަފީސާދެކެ ޔަލްވީ ހިތްހަމަނުޖެހުނީ މަންމައަށް އެއްވެސް ކަމެއް ކޮށްނުދެވޭނެއޭ ހިތަށް އެރުމުންނެވެ. ނަފީސާގެ އަނގައިގައި ލޭ ރަހަ ލަންދެން ގޮވިއިރު ވެސް ޔަލްވީ ދޮރު ނުހުޅުވިއެވެ.

ރަޔާންގެ ސޫރަ ހިތަށް ސިފަވުމުން ޔަލްވީ ވަކިން ރުޅިގަދަވިއެވެ. ދެން ކުރެވޭނެ ކަމަކާއިމެދު ވިސްނި ވަރަކަށް ޔަލްވީގެ ހިތުގައި ބަދަލުހިފުމުގެ ރޫހު އާލާވާން ފެށިއެވެ. ރަޔާންގެ ކިބައިން ބަދަލު ހިފާނޭ މޮޅު ގޮތެއް ޔަލްވީގެ ސިކުނޑިއަށް އައެވެ. ހިތަށް ލިބުނު ހަމަޖެހުމުގައި ޔަލްވީ ދެލޯ ފޮހެލިއެވެ.

********

ރަޒީނާ ގެއަށް ދޫކޮށްލި ނަމަވެސް މުޅިން ހަމައަކަށް ނޭޅޭތީ، ގިނައިން އަރާމުކުރުމަށް ޑޮކްޓަރު ލަފާދިނެވެ. ލިމްޔާ އޭނާގެ މަންމަގެ ކައިރިން ހުއްދަ ހޯދުމަށްފަހު އެރޭ ރަޔާންގެ ގޭގައި މަޑުކުރުމަށް ނިންމިއެވެ. ރަޒީނާގެ ކަންތައްތަކުގައި އެހީވާނެ އިތުރު މީހަކު ނެތުމުންނެވެ. ހީކުރިވަރަށްވުރެ ފަސޭހައިން ލިމްޔާގެ މަންމަ އެއްބަސްވިއެވެ. ލިމްޔާ ހީވީ އުފަލުން އުދުއްސައިލަން އުޅުނު ހެންނެވެ. ރަޔާން އާއިއެކު އެއްގެއެއްގައި ވަގުތު ހޭދަކުރުމަކީ ލިމްޔާ ދެކޭ ހުވަފެނެކެވެ.

"މަންމާ! ކުޑަކޮށްވެސް ލުއިވާހެން ހީވޭތަ؟" މަންމަގެ ގައިމަތީގައި ރަޖާގަނޑެއް އަޅާލަދެމުން ރަޔާން ސުވާލުކުރިއެވެ.

"މަންމަ އޭރުވެސް ބުނީމޭ އެއީ ބަޔަކު ރާވައިގެން ކުރި ކަމެކޭ. ދަރިފުޅު އެކަހަލަ ވިޔާނުދާ ކަމެއް ނުކުރާނެއޭ. މަންމަ ދަރިފުޅަށް އިތުބާރު ކުރަން. މަންމައަކަށް ކެތެއް ނުވާނެ ދަރިފުޅަށް ދެރަގޮތެއް ވާތަން ދެކޭކަށް..." ރަޒީނާ ދައްކަންފެށި ވާހަކައަކުން ރަޔާންގެ މޫޑު ކުރިއަށްވުރެ ގޯސްވިއެވެ.

ނިމާލު ދިން އިންޒާރު ކަންފަތް ކައިރީ ތަކުރާރުވަމުންދާހެން ރަޔާންއަށް ހީވަނީއެވެ. މަންމަ ބަލިވި ސަބަބު އެނގުމުން ރަޔާން ޔަލްވީދެކެ ވަކީން ފޫހިވިއެވެ. މިއަދު މަންމައަށް ބޮޑުކަމެއް ދިމާވިނަމަ ރަޔާންއަށް އޭނާގެ އަމިއްލަ ނަފުސަށް ދުވަހަކު ވެސް މައާފު ނުކުރެވޭނެކަން އޭނާއަށް އެނގެއެވެ.

"މާތްﷲ ގެ އިރާދަފުޅުން މަންމަ ދެރަވާ ކަހަލަ ކަމެއް ނުކުރާނަން...." ރަޔާން ޔަގީންކަން ދިނެވެ. ރަޒީނާ ހިތުންވެލަމުން، ރަޔާންގެ ބޮލުގައި ފިރުމާލިއެވެ.

********

ރޭގަނޑުގެ ވަގުތެވެ. ނަފީސާ ބޭރަށް ނުކުތްއިރު، ޔަލްވީ އިނީ ސޯފާގައި ދެފައި ވަށްކޮށްލައިގެން އައިސްކްރީމް ތައްޓެއް ކާށެވެ. ޓީވީއިން ދައްކަމުންދިޔަ ކާޓޫނު ބަލާފައި ޔަލްވީ ހެނީއެވެ. ނަފީސާ ހުރީ ބަސްހުއްޓިފައެވެ. މުޅި ދުވަހު ރުޅިގަދަވެގެން އުޅުނު ޔަލްވީއަށް ވީ ކިހިނެއް ހެއްޔެވެ؟ ހިނގައިގަންނަންވެސް ނޭނގިފައި ނަފީސާ ހުއްޓާ، ޔަލްވީ ފަސްއެނބުރި ބަލައިލިއެވެ.

"މަންމާ އައިސްބަލަ" ޔަލްވީ ނަފީސާއަށް ގޮވިއެވެ.

ލިބުނު އުފަލެއްގެ ބޮޑުކަމުން ނަފީސާއަށް ޔަލްވީގެ ކައިރިއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ދަރިފުޅު އެހާ ލޯބިން ގޮވާލާނީ މަދު ފަހަރަކުއެވެ. ނަފީސާ ހުންނަނީ ޔަލްވީ ކަމެއްގެ ވާހަކަ ނުބުނެގެންނެވެ.

"ބަލާބަލަ އޭތި އުޅޭގޮތެއް..." ޔަލްވީ ހެމުން ނަފީސާއަށް ޓީވީ ދެއްކިއެވެ.

"ދަރިފުޅު ކޮން ދުވަހަކުންތަ ބޮޑުވާނީ؟..." ވަރަށް ލޯބިން ޔަލްވީގެ ބޮލުގައި ފިރުމައިލަމުން ނަފީސާ ސުވާލުކުރިއެވެ.

"މާދަމާއިން ފެށިގެން.." ޔަލްވީ ހިނިގަނޑެއް ޖަހައިލިއެވެ.

ނަފީސާގެ ދެލޯ ފުރުނީ އުފާވެރިކަމުގެ ކަރުނައިންނެވެ. ޔަލްވީ އެހެން އުޅޭނީ ވަރަށް ހިތްހަމަޖެހުނީމައި ކަން ނަފީސާއަށް އެނގެއެވެ. އޭނާގެ ހިތް އެދުނީ އަބަދުވެސް ދަރިފުޅު އުފަލުގައި ހުރުމަށެވެ.

********

ރަޒީނާއަށް ކާންދީފައި ލިމްޔާ ނުކުތްއިރު، ރަޔާން ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

"މަންމައަށް ނިދިފަ އޮތީ މިހާރު" ލިމްޔާ ހިނިތުންވެލިއެވެ.

"ތޭންކްސް" ޝުކުރުވެރިކަމުގެ ނަޒަރަކުން ލިމްޔާއަށް ބަލަންހުރެ ރަޔާން ބުނެލިއެވެ. "ލިމްގެ ތި އިހުސާންތެރިކަން އަހަރެން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަން"

ލިމްޔާ ތަށިތައް ދޮވެފައި ގޮސް ރަޔާންގެ ކައިރީގައި ސޯފާގައި އިށީނެވެ. ޓީވީއިން ދައްކަމުންދިޔައީ ފަހުގެ ފިލްމެކެވެ.

"ރިމޯޓު ދޭންވީ؟..." ރިމޯޓު ދައްކައިލަމުން ރަޔާން ސުވާލުކުރިއެވެ.

ލިމްޔާ އަވަސް އަވަހަށް ބޯ ހޫރައިލިއެވެ. ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވި ވަގުތުކޮޅެއް ފާއިތުވެގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު