"ކަލެއަށް އޮތް އަދަބަކީ ޔަލްވީ އާއި ކައިވެނި ކުރުން" ނިމާލު ފަހުބަސް އިއްވިއެވެ.

********

"ބައްޕާ!..." ޔަލްވީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު، ދެލޮލަށް ކަރުނަ ޖަމާވާން ހިނދުކޮޅެއްވެސް ނުނެގިއެވެ.

ނަފީސާއަށް ކޮޅަށް ތެދުވެވުނެވެ. ޖަޒުބާތުގައިޖެހި، ކަތިފިޔަވަޅެއް އެޅުމުގެ ކުރިން ނިމާލު ހުއްޓުވަން ނަފީސާ ބޭނުންވިއެވެ.

"ނިމާލު..." ނަފީސާ އެއްޗެއް ބުނަން އުޅުނެވެ.

ނިމާލު އަތުގެ އިޝާރާތުން ނަފީސާ ހުއްޓުވިއެވެ. އެ މައްސަލަ ވަކި ކޮޅެއްގައި ނުޖެހެނީސް، އެކަކުވެސް އިތުރު އެއްޗެއް ބުނަން ނިމާލު ބޭނުމެއް ނުވިއެވެ.

ހިތަށް ލިބުނު ފުން ޒަހަމުގައި ޔަލްވީ އިނީ އެނދުގެ ބެޑްޝީޓުގައި ބާރަށް ހިފަހައްޓައިގެންނެވެ. އޭނާއަށް ވެގެންވާނަމަ، ބެޑްޝީޓާއި ބާލީސް ދަމައިގަނެ، ދުރަށް ހޫރާލައިފީހެވެ. ކަރުނައިގެ ތެރެއިން ރަޔާނަށް ބަލައިލިއިރު، ޔަލްވީގެ ދެލޮލުން ފެންނަމުންދިޔައީ ނަފުރަތެވެ. ކުށްވެރިއަކު ފަދައިން ރަޔާން ހުރީ އިސްޖަހާލައިގެންނެވެ. ކައިވެނީގެ ވާހަކަ ދެއްކުމުންވެސް ރަޔާންގެ މޫނުން އިތުރު އަސަރެއް ނުފެނުނެވެ. ޔަލްވީ ހިތަށް އެރިއެވެ. މައުސޫމުކަން ދައްކައިގެން ހުއްޓަސް، އެހިތުގައި އޮތް ސިއްރެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ނިމާލު އެވަރުކުރިއިރުވެސް، ރަޔާން އަމިއްލަ ދިފާއުގައި އެއްޗެއް ނުބުނީ މާތް މީހަކަށް ވާށެވެ. ހުރިހާވެސް މައްސަލައަކީ ރަޔާނެވެ. ޔަލްވީގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާފައި ނޫނީ ރަޔާން ނުހުއްޓާނެއެވެ.

"މިއަދުން ފެށިގެން އެންމެންވެސް ކައިވެންޏަށް ތައްޔާރުވޭ!..." ނިމާލު އަމުރުކުރިއެވެ.

ޔަލްވީގެ ދެލޮލުން ފައިބަންފެށި ކަރުނަތައް ފެނި ނަފީސާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

"އަހަރެން ތި ކައިވެންޏާ ގަބޫލެއް ނޫން..." ނަފީސާ ހިތްހަމަނުޖެހިފައި ނިމާލަށް ބަލައިލިއެވެ. "އެކަހަލަ ވިޔާނުދާ މީހެއްގެ އަތްމައްޗަށް ޔަލްވީ ދޫކޮށްލާކަށް އަހަންނަކަށް އެއްބަހެއް ނުވެވޭނެ"

ނަފީސާ ރަޔާނަށް ބަލައިލީ ނުރުހިފައެވެ. ދުވަހަކުވެސް އޭނާގެ ހިތް ރަޔާނަށް ހެޔޮނުވާނެއޭ ބުނާފަދަ ނަޒަރަކުންނެވެ.

"ނަފީސާ!..." ވިސްނައިދޭ ރާގަކަށް ނިމާލު ގޮވައިލިއެވެ. "އަހަރެން މި ނިންމުން ނިންމީ ވަރަށް ވިސްނާފަ. އަހަރެމެންގެ ދަރިފުޅުގެ އަބުރާ އިއްޒަތް ނަގާލި މީހަކު މި ހުރިހާ ކަމަކަށް ޒިންމާ ނަގަންޖެހޭނީ..."

"އެކަމަކު، ކައިވެންޏަކީ އޭނައަށް ދެވޭ އަދަބެއް ނޫނެއްނު.. އަހަރެމެންގެ ދަރިފުޅަށޭ ހުރިހާ އަދަބެއް ތި ދެވެނީ... ޔަލްވީ ކިހާ ދެރަވާނެ. ކިހާ ބިރުގަންނާނެ" ނަފީސާއަށް އެއްބަހެއް ނުވެވުނެވެ.

"ދެން އަހަރެން ހަދަންވީގޮތެއް ނަފީސާ ބުނެބަލަ!.." ގޮތް ހުސްވެފައިވާ ރާގަކަށް ނިމާލު އަހައިލިއެވެ.

"ސައުނާގެ ދަރިފުޅުވެސް އެހުރީނު.. އަހަރެން ޝައުނާއާ ވާހަކަ ދައްކަފާނަމޭ ކައިވެނީގެ ކަންތަކާ" ނަފީސާ ހިޔާލުދިނެވެ.

"އެހެން މީހަކާ ކައިވެނި ކުރުވަން ވިސްނިއިރު، ނަފީސާ ވިސްނާލިންތަ ޔަލްވީގެ ހާލަތަށް؟ ކޮން މޫނަކައިގެން އެމީހުންނާ ކުރިމަތިލާނީ؟ ހަގީގަތް ސިއްރުކޮށްގެން ކައިވެންޏެއް ކުރުވިދާނެ. އެކަމަކު އެއީ އެމީހުންނަށް ދެވޭ ކިހާބޮޑު ދެރައެއް. ކިހާ ބޮޑު އޮޅުވާލުމެއް އެއީ" ނިމާލު ދެއްކީ ނަފީސާއަށްވެސް ގަބޫލުކުރެވޭ ކަހަލަ ވާހަކަތަކެކެވެ.

"އެކަމަކު، ކޮންމެސް އެހެން ގޮތެއްވެސް ހޯދިދާނެއެއްނު. އަހަންނަށް ޝައުނާ އެނގޭ. ތެދަށް ހުރިހާ ވާހަކައެއް ކިޔައިދިނީމަ އެމީހުން ގަބޫލުވާނެއޭ" ރަޔާންދެކެ ވީ ފޫއްސަކުން އަމިއްލަ ދަރިފުޅު ރަޔާންގެ އަތްމައްޗަށް ދޫކޮށްލަން ނަފީސާގެ ހިތް ނުރުހެނީއެވެ.

"މީ އެންމެންނަށް އަންގާ ކަހަލަ ކަންކަމެއް ނޫން. ޔަލްވީވެސް އެގޮތް ބޭނުމެއް ނުވޭ. މީ އަހަރެންގެ އެންމެފަހުގެ ނިންމުން. ނަފީސާވެސް ޔަލްވީ ވެސް ޖެހޭނީ މިގޮތާ ގަބޫލުވާން" ނިމާލު ފަހުބަސް އިއްވިއެވެ.

ނިމާލު ފަހުބަސް އިއްވައިފިނަމަ، ކުރިމަތީގައި ބަސްބުނެ ޒުވާބުކުރުމަކީ، ނަފީސާ ކުރި ކަމެއް ނޫނެވެ. ލޯބިވާ ދަރިފުޅާއި ދިމާއަށް ބަލައިލިއިރު ނަފީސާ ހުރީ ގޮތްހުސްވެފައެވެ. ދަރިފުޅުގެ ހައްގުގައި ކަމެއް ކޮށްދެވޭ ވަރަށްވުރެ ނަފީސާ ނިކަމެއްޗެވެ. ދެއަތުން ކަރުނަ ފޮހެމުންދިޔައިރު، ޔަލްވީ އިނީ ހިތް ހުއްޓޭވަރުވެފައެވެ. އަމިއްލައަށް ފޭހުނު އިލޮށިގަނޑު ހެރުނީ އަމިއްލަ ލޮލަށެވެ. ދެން ހަގީގަތް ހާމަކޮށްގެން ވެއްޓޭނީ ޔަލްވީގެ އަގެވެ. ބައްޕަގެ ނިންމުން ކުރިއަށްވުރެ ހަރުކަށިވުން ނޫންކަމެއް ނުވާނެއެވެ.

ޔަލްވީ ރަޔާންދެކެ އެހާ ރުޅި އަންނައިރު، ދެމީހުން ކައިވެނި ކޮށްގެން އެއްތަނެއްގައި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ޔަލްވީ ދޮގުހެދީ އަވަހަށް މާލެދާން ބޭނުންވާތީއެވެ. ނަމަވެސް ކަންތައް ވީގޮތުން އަވަހަށް މާލެދެވޭނެ ކަމާއި ދޭތެރޭވެސް އޭނާއަށް ސައްކެވެ. ޔަލްވީއަށް ވިސްނެމުން ދިޔައީ މުޅިންވެސް ދުނިޔަވީ ފައިދާތަކާއި މެދުގައެވެ. އަބުރާއި އިއްޒަތް އަމިއްލަ އަތުން ވެއްޔާއި މޮޑެވެމުންދާއިރު އެކަމަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ކުރެވެނީ ކިހާބޮޑު ފާފައެއް ކަމާއިމެދު ވިސްނައެއް ނުލެވުނެވެ.

"ބަރާބަރު ހަފުތާއެއްތެރޭ ކައިވެނީގެ ހުރިހާ ތައްޔާރީއެއް ނިމެންވާނެ" ރަޔާންއާއި ދިމާއަށް އެނބުރެމުން ނިމާލް ބުނެލިއެވެ.

ރަޔާންއަށް އިންޒާރު ދީގެންވިޔަސް ނިމާލު ބެލީ ރަޔާން އެކައިވެންޏާއި އެއްބަސްކުރުވޭތޯއެވެ. ރަޔާން މަޑުން ހުރުމުން ކުރި ކުށަށް އިއުތިރާފު ވީކަމުގައި ނިމާލް ނިންމިއެވެ.

ރަޔާން ހުރީ ޖެހި ބުދެއް ހެންނެވެ. ހުރިހާ ކަމެއް ފެށިގެން ނިމުނީ ރަޔާންގެ ކުޑަވެސް ބަހެއް ނެތިއެވެ. ޔަލްވީ އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލީތީ ރަޔާންގެ ހިތުގައި އެތައް ޝަކުވާއެއް އުފެދުނެވެ. އަމިއްލަ އަބުރާއި އިއްޒަތަކީ ރަޔާންއަށް އެހެން ހުރިހާ ކަމަކަށް ވުރެ މުހިއްމު އެއްޗެކެވެ. ރަޒީނާ ރަޔާންއަށް ދަސްކޮށްދިނީ ރީތި އާދަތަކެވެ. ރަޔާން ބޮޑުވީ ރަށު އެންމެންގެ އިހުތިރާމު ލިބިގެންނެވެ. އެހެނަސް މިއަދު އެހެން މީހުންގެ ކުރިމަތީގައި އޭނާއަކީ ކުށްވެރިއެވެ. ކުށެއް ނުކުރިކަމުގައިވިޔަސް، ބޮލުގައި އެޅުނީ ބަރީއަވާން ފަސޭހަ އިލްޒާމެއް ނޫނެވެ.

"މި ކައިވެންޏަށް އެއްބަސް ނުވެއްޖެއްޔާ، ޔަލްވީގެ ނުރުހުމުގަ ވިޔަސް ފުލުހުންނާ ހިސާބަށް އަހަރެން މިމައްސަލަ ގެންދާނަން. ޔަލްވީ އަށްވުރެ ބޮޑަށް މީހުންގެ ކުރިމަތީގަ ބަދުނާމު ވާނީވެސް ކަލޭ. ވަޒީފާ ގެއްލި، ޖަލުގެ ތޭރިތަކުގެ ތެރޭގަ އިންނަންޖެހޭނީވެސް ކަލޭ. އަހަންނަށް ޔަލްވީ ގޮވައިގެން ރާއްޖެއިން ބޭރަށްވެސް ދެވިދާނެ. އެހެންވީމަ، ކަލެއަށް ރަނގަޅުވާނީ އަހަރެން މިބުނާ ގޮތަށް ކަންތައް ކުރުން" ނިމާލު އިންޒާރު ދިނެވެ.

ރަޔާންއަށް ބަލައިލެވުނީ ޔަލްވީއާއި ދިމާއަށެވެ. އެކައިވެންޏާއި ދޭތެރޭގައި ރަޔާން ބުނާނީ ކީކޭ ހެއްޔެވެ؟ ޔަލްވީ ކަހަލަ ކުއްޖަކު ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ހިޔާރުކުރުމަކީ ބުއްދިވެރިކަމެއް ހެއްޔެވެ؟ ޔަލްވީއަކީ ރީތި ކުއްޖެކެވެ. އެކަމަކު، އުޅުމާއި އަހުލާގެއް ނެތްނަމަ، އެ ރީތިކަމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟

"ދަރިފުޅާ! ދެން ހުއްޓާލަބަލަ" ޔަލްވީގެ ކަރުނަތައް ފޮހެދެމުން ނަފީސާ އޯގާތެރިކަމާއިއެކު ބުނެލިއެވެ. އޭނާ ވާހަކަ ދެއްކީ ހަމައެކަނި ޔަލްވީއަށް އިވޭ ވަރަށެވެ.

"އައި ހޭޓް ދިސް.. އައި ހޭޓް އެވްރީތިންގް.." ޔަލްވީ ރޮމުން ބުނެލިއެވެ.

ރޮއެރޮއެ ޔަލްވީގެ ދެލޯ ވަނީ ރަތްވެފައެވެ. ހިތާމައާއި ރުޅި އެކުވުމުން، ޔަލްވީގެ ކެތްތެރިކަން ކޮޅުންލައިގެން ދަނީއެވެ. ނިމާލު ނެތްނަމަ، ޔަލްވީ އޭނާގެ އަތަށް ގުޅާފައިވާ އައިވީ ފުޅި ނައްޓާލައިފީހެވެ. ގައިމަތީ އަޅާފައިވާ ފޮތިގަނޑުން މޫނު ނިވާކޮށްލަމުން ޔަލްވީ އަނެއް ފަރާތަށް އެނބުރުނެވެ. ޔަލްވީ ބޭނުންވީ ބާރަށް ހަޅޭއްލަވައިގަންނާށެވެ. އަތުޖެހުނު ކޮންމެ އެއްޗެއް ހަލާކުކޮށްލާށެވެ. ޔަލްވީ ކުރާ ކޮންމެ ކަމަކުން ކުރި ލިބެނީ ރަޔާނަށެވެ. ޔަލްވީ ވިސްނަމުންދިޔައީ ރަޔާންގެ ކިބައިން ބަދަލުހިފާނެ ގޮތަކާއިމެދުގައެވެ.

"މާދަމާ އިރުއޮއްސުމުގެ ކުރިން ޖަވާބެއް ދޭތި!" ރުޅިވެރިކަން އެއްފަރާތްކުރަން މަސައްކަތް ކުރަމުން ނިމާލު ބުނެލިއެވެ.

ނަފީސާ ކެތްކުރީ ނިމާލު ވޯޑުން ނުކުމެގެން ދާންދެނެވެ.

"އަދިވެސް ހުންނަނީތަ؟ ކުރެވުނު ވަރު ކުޑަވީމަތަ މިތަނުން ދާން ނޭނގިފަ ތިހުރީ؟" ނަފީސާ ހަޅޭއްލަވައިގަތެވެ. "އަހަރެމެން މިއޮއް ލޯބިން އުޅުނު އާއިލާގެ ހަމަޖެހުން ގެއްލުވާލައިފިއޭ. ހަމަ މިހާރު މިތަނުން ނުކުމޭ"

ނިމާލުދެކެ އައިސްފައިވާ ރުޅިގަނޑުވެސް ނަފީސާއަށް ބޭލުނީ ރަޔާނަށެވެ. ނަފީސާ އަކީ އަޑު ހަރުކޮށް މީހުންނާއި މުހާތަބު ކުރާ މީހެއް ނޫނެވެ. ހުރި ހަމައެކަނި ދަރިފުޅަށް ދިމާވިގޮތުން ނަފީސާ ހުރީ ބޯގޮވާވަރު ވެފައެވެ.

********

ހޮސްޕިޓަލުން ނުކުމެގެން ރަޔާން ހިނގައިގަތީ ވަކި މިސްރާބެއް ނެތިއެވެ. ދިރިއުޅުން ވެއްޓުނީ ދުވަހަކުވެސް އުއްމީދުނުކުރާފަދަ ފުން ވަޅުގަނޑެއްގެ ތެރެއަށެވެ.

"ރެން؟..." ލިމްޔާގެ އަޑު އިވުނީ ރަޔާންގެ ފުރަގަހުންނެވެ.

ލިމްޔާއަށް ރަޔާން ފެނުމުން ކުޑަކޮށް ދުވެލާފައި ގޮސް ރަޔާންގެ ގައިގައި ބައްދާލިއެވެ. ރަޔާން ސަލާމަތުން ހުއްޓާ ފެނުމުން ވީ އުފަލެއްގެ ބޮޑުކަމުން ކުރެވޭ ނުކުރެވޭ ކަމެއްވެސް ލިމްޔާއަށް ނޭނގުނެވެ. ރަޔާން ކުޑަކޮށް ދުރަށްޖެހުމުން، ލިމްޔާ އަވަސް އަވަހަށް ރަޔާންއާއި ދުރަށްޖެހުނެވެ.

"އަހަރެން ހާދަ ހާސްވެފައޭ މިހުރީ.." ރަޔާންގެ މޫނަށް ބަލަން ހުރެ ލިމްޔާ ބުނެލިއެވެ.

ރަޔާންގެ މޫނުން ލިމްޔާއަށް ފެނުނީ ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ. އެހެންނޫނީ ހަމަޖެހިފައި ހުންނަ ރަޔާންގެ މޫނުން މިއަދު ފެންނަން ހުރީ މާޔޫސްކަމެވެ. އެހުރިހާ ކަމެއް ދިމާވީ ޔަލްވީގެ ސަބަބުންނެވެ.

"ކޮންތާކަށް ތި ދަނީ؟.." ލިމްޔާ އަހައިލިއެވެ.

"ގެއަށް މިދަނީ. އަދި މަންމައާ ދިމާނުވޭ" ހަމަޖެހިލަން މަސައްކަތް ކުރަމުން ރަޔާން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

ލިމްޔާގެ ލޯ އިސާހިތަކު ކަރުނުން ފުރުނެވެ. މަންމަގެ ހަބަރު ލިބުމުން ރަޔާންއަށް ވާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން ޔަލްވީގެ ސަބަބުން ރަޔާންއަށް ލިބޭނެ ހިތާމަ ވަކި ކުޑައެއް ނުވާނެއެވެ.

"ރެން! މަންމަ..." ލިމްޔާއަށް ވާހަކަ ދެއްކުން ވީ އުނދަގޫކަމަކަށެވެ.

ރަޔާން ހުރިގޮތުން ރަޒީނާގެ ވާހަކަ ބުނަން ލިމްޔާ ޖެހިލުންވިއެވެ. ރަޒީނާއަށް ކަމެއް ވެއްޖެނަމަ، ރަޔާންގެ ހިތަށް ކުރާނެ އަސަރު ލިމްޔާއަށް ރަނގަޅަށް އެނގެއެވެ.

ރަޔާން ހާސްވިއެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަމުގައި އޭނާގެ ހަވަނަ ހިއްސު ބުނެދިނެވެ.

"ކިހިނެއްވީ؟ ހަމަޖެހިބަލަ. ހިނގާ ތާކު އިށީނދެލަމާ" ރަޔާން އުޅުނީ ލިމްޔާ ގޮވައިގެން އަތިރިމައްޗަށް ދާށެވެ.

"ރެން މަން..މަ... މަންމަ... ވަރަށް.. ހާލު..ދެރަ... އެމަޖެންސީ...." ހުއްޓަމުން ލިމްޔާއާށް ބުނެވުނީ އެހިސާބަށެވެ.

ރަޔާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ލިމްޔާގެ އަތުން ދޫކޮށްލުމަށްފަހު، ހޮސްޕިޓަލާއި ދިމާއަށް ދުއްވައިގަތެވެ.

********

"އަހަރެން ބޭނުމެއް ނޫން އެކަހަލަ މީހަކާ އިންނާކަށް" ނަފީސާގެ ގައިގައި ބައްދާލައިގެން އިނދެ، ޔަލްވީ ބުނަމުން ދިޔައެވެ. "މަންމައަށް އެނގެއެއްނު އޭނަގެ ގޮތް. ބައްޕަ ކައިރީ ބުނެގެން މިކައިވެނި ހުއްޓުވައިދީ"

"ދަރިފުޅާ! ބައްޕަ ގޮތް ނިންމެވީމަ އެނިންމުމެއް ބަދަލެއް ނުކުރާނެ. ދަރިފުޅަށްވެސް އެކަން އެނގެއެއްނު. މިފަހަރު ބައްޕަ ބުނާގޮތް ހަދަންވީނު..." ޔަލްވީ ގަބޫލުނުވާނެކަން އެނގުނު ނަމަވެސް ނަފީސާ ބުނެލިއެވެ.

ޔަލްވީ ފުންމައިގެން ތެދުވިއެވެ. މޭޒުމަތީގައި ބަހައްޓާފައިވާ ބިއްލޫރި ތަށިތައް ނަގާ ހޫރައިލިއެވެ. ތަށިތައް ގޮސް މުށިތަކުގެ މަތީގައި ޖެހި ތަޅައިގެން ދިޔަ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ނަފީސާއަށް އިނދެވުނީ، ދެކަންފަތް މަތީ އަތްއަޅައި، ދެލޯ މަރާލައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު