"ތަހައްޖުދު ނަމާދު ކުރުމަކީ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުުވުމުގެ އިތުރުން ފާފަތައް ފޮހެވޭ ކަމެކެވެ. މާދަމާ ދުނިޔޭގައި ތިބެވޭނެކަމުގެ ޔަގީންކަމެއް ނެތްއިރު އެންމެންވެސް ތައުބާވެ ލިބިފައިވާ ރަނުގެ ފުރުސަތުތައް ހޯދަން އަވަސްވެގަންނާށެވެ."

***

" ހާދަ ފޫއްސެއް ވެޔޭ....ސަކީނާ ގަނޑު ވެސް މި ގަޑިޔަކު އަންނަ ޖެހޭތަ...ކޮބާތަ މިތާ އުޅޭ ބާބިލް....އެވެސް ކާމްޗޯރެއް...." ފެން ތަށި އަޅަމުން އަހެދް ކުދި ކިޔައިލިއެވެ. އެވަގުތު ބަދިގެ ކައުންޓަރު މަތީ ހުރި ފަސްޓް އެއިޑް ބޮކްސް ފެނުނެވެ. އަހެދް ގެ ސިކުނޑިޔަށް މޮޅު ހިޔާލެއް ވެރިވިއެވެ. އަދި ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.

"ހުރޭ ލަނޑެއް ދޭނަން....." ބޭސް ތެރެއިން ހަޖަމުގެ ދަތިތަކަށް ހުންނަ ބޭސް ގުޅައެއް މުގުރާލާއި ފެން ތަށިތެރެއަށް ގިރާލިއެވެ.

" އެނގިދާނެތާ.....ވާހަކަ ތޯ ދެއްކޭނީ ނޫނީ ފާހާނާއައްތޯ ދުއްވައިގަންނަން ޖެހޭނީ...." އަހެދް އަށް ހެވުނެވެ.

ސަކީނާގެ ގޮތް އެނގޭތީވެ މިއަދު ބާބިލް ކައްކާފައި ހުރި ފޮނި ހަލްވާ ކޮޅެއްވެސް ތަށި ތައްޓަށް އެޅިއެވެ. ސަހަރްވެސް ހުރުމުން އޭނަ އަށް ވެސް ދޭންވެގެންނެވެ. އަހެދް އޭނާގެ މޫނު ގެފޮތި ކޮޅު ރީތިކޮށްލުމަށްފަހު ތަބަކަށް ހުރިހާ އެއްޗެއް ލައިގެން ފަރި ހިނގުމެއްގައި ނިކުތެވެ. އެއިރު އައްޒަހްރާ ދައްކަމުން ދިޔައީ އަދީނާ އާއި ނައީމު އަންނަ ވާހަކައެވެ.

" އަދީނާ....އެއީ ހއ.ދިއްދޫ ތަ؟" ސަހަރް އަހާލީ ވަރަށް ފޯރީގައެވެ. އަހެދް ގެ އަތް ތުރު ތުރުލިއެވެ. އަދީނާ އާއި ނައީމު އައުމަކަށް އޭނަގެ ނަފުސް ތައްޔާރެއް ނޫނެވެ.

"ނޫނޭ....އެއީ ދެކުނު ރަށެށް....ދޯ އަހެދް...." އައްޒަހްރާ އެހިއިރު އަހެދް ތަބަކުގައި ހުރި އެއްޗިހި މޭޒުގައި ބަހައްޓަނީއެވެ.

" މަންމަ އަސްލު އެއީ ދިއްދޫ މީހެއް އެކަމަކު ނައީމު ބެ ގދ.ތިނަދޫ.....ވަރަށް ޅަ އިރު ކައިވެނިކޮށް މަންމަ އެރަށަށް ބަދަލުވިކަމަށް ވަނީ....އަހެދް ހަނދާން ހުންނަ އިރުއްސުރެން އަބަދުވެސް ދިރިއުޅުނީ ތިނަދޫގަ.....މާމަ ކިޔާނެ ދިއްދޫ އަށް ގޮސްލަން ވެސް..." ސޯފާގައި އިށީނދެލަމުން އަހެދް ވާހަކަ ދެއްކިއެވެ. އަދީނާ އަށް މަންމަ ކިޔަން އާދަވެފައި ހުރުމުން އަހެދް ވާހަކަ ދެއްކީ އެ ނަމުންނެވެ. ސަކީނާގެ ކުޅުދިޔާވީ ފޮނި ހަލްވާ ކޮޅު ފެނުމުންނެވެ. ނަމަވެސް ކަރު ހިއްކާފައިހުރި ވަރުން ފެން ތަށި ދަމާލެވުނެވެ. އަހެދް އަށް ކުޑަކޮށް ހެވުނެވެ.

" އެހެންވިއްޔާ އެއީ ހަމަ އެ އަދީނާ....ވަރަށް ރީތި ވާނެ....ކުޑަ ކުޑަ ކޮށް ހުންނާނީ އެކަމަކު ހަމަ ފަންމިންޏެއް....ފީރޯޒާ އާއި ވެސް ދިމާވި އެ ދަތުރުގަ....އެކަމަކު އެހާ ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނު.....އަހަރެން ހަނދާންވޭ ކަޝްމީރު މީހުން އެރަށަށް އައިސް އުޅުނު ހަނދާނެއް....ފީރޯޒާގެ ކައިވެންޏަށް....އެދުވަހު އެކަމަކު ފުރާން އޮތުމުން ދާން ޖެހުނީ...." ސަހަރް އެ ވާހަކަ ހިއްސާކުރި ވަގުތު އެ ލޮލުން އެތަކެއް ވާހަކައެއް ކިޔައިދިން ފަދައެވެ.

" މަންމަ އާއި ދިމާވިތަ؟ބައްޕަ ފެނުނުތަ؟" އަހެދް ގެ ލޯ ދިއްލުނެވެ. އޭނާ ހުރީ އެ ވާހަކަ އަހާލަން ކެތްމަދުވެފައެވެ.

" އާނ....އަހެދް ތިއީ ހަމަ ފީރޯޒާގެ ކޮޕީ އެއް.....އެހާ ފުރުސަތެއް ނުލިބުނު ވާހަކަ ދައްކާކަށް....އަހެދް ގެ ބައްޕަ ރީތިވެގެން މުޅި އެ ރަށު އަންހެންވެރިން ތިބި އެއްވެފަ....އެންމެ ދުވަހަކަށް ދެވުނީވެސް....އަސްލު ވިލްދާން ބަލައި ދިޔަ ދަތުރެއް...." ސަހަރް ހީލަމުން ބުނެލި ނަމަވެސް އެ އަޑުން ހިތާމަވެރި ކަމެއް އިހުސާސް ކުރެވުނެވެ.

" ވިލްދާން ގެއްލިގެން ހޯދަން ދޯ ދިޔައީ...." ސަކީނާ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ވާހަކަ ދެއްކިއެވެ. ސަހަރް އަވަހަށް ހިނިގަނޑެއް ޖަހާލައި އެއީވެސް ވެދާނެ ކަމެއް ކަމަށް ބުނެލިއެވެ. އައްޒަހްރާ އަވަހަށް ވާހަކަ އޮޅުވާލަން ގަސްތުކުރިއެވެ. ފީރޯޒާގެ ވާހަކަ ދެއްކުމުން އޭނާގެ ޚިޔާލުތައްވެސް ދަތުރުކުރީ އެކްސިޑެންޓް ވި ދުވަހަށެވެ. އަހެދް އަށް އޭނާގެ މައިންބަފައިން ގެއްލުނު ދުވަހަކީ ޒަހްރާ އަށް އޭނާގެ ހަޔާތުގެ ބައިވެރިޔާވެސް ގެއްލުނު ދުވަހެވެ. އަހެދް އަށް އެކަމުގެ ހަގީގަތް ކިޔައިދޭން ހިތް ބުނި ނަމަވެސް ކުށްވެރި އިހުސާސެއް ކުރެވޭތީ ބުންނަން ފަސްޖެހެވެނީއެވެ. ފަހަރެއްގައި ސަބީހާ ގެފަރާތުންވެސް އަހެދް އަށް އެކަންތައް އެނގިފައި އޮވެދާނެއެވެ. ނަމަވެސް ޒަހްރާ ބޭނުންވީ މިރޭ އެވާހަކަ އަހެދް އާއި ހިއްސާކުރުމަށެވެ. މުރުތަސިމް އާއި ކައިވެނި ކުރުމަށް ފަހު ބުނުން ބުއްދިވެރި ނުވާނެ އޭ ހިތް ބުނަމުން ދިޔައެވެ. ހިނދުކޮޅަކަށް ތަނަށް ވެރިވެފައިވި ހަމހިމޭންކަން ފިލުވައިލީ ސަކީނާގެ ބަނޑުން ކިޔާލި އަޑަކުންނެވެ. އެވަގުތު އަހެދް އަށް ހެވުނެވެ. ނަމަވެސް ކެއްސާލާ ކަމަށް ހަދައިލިއެވެ.

"ކޮން ޒާތެއްގެ އަޑެއްތަ.....ބަނޑު ކައްކަން ފަށައިފި....." ސަކީނާ ބަނޑުގައި ރިއްސާތީވެ އަތް އެޅިއެވެ. އައްޒހްރާ ކަންބޮޑުވިއެވެ. ސަހަރްވެސް އަވަހަަށް ސަކީނާ އަށް އެހީވުމަށް ތެދުވުނެވެ.

"ޔާރައްބީ.....ފާހާނާ ކޮބައިތަ؟މަގޭ މިއޮތް ގޮހުރުވެސް ފައިބާފާނެ.....އެންމެ ކައިރީގައި ހުރީ އަހެދް ގެ ކޮޓަރިކަމުން ސަކީނާ ވަނީ އެ ކޮޓަރިޔަށެވެ. އަހެދް ގެ ހިނިގަނޑު މައިތިރިވިއެވެ. އެވަގުތު ޖޫރީ އާއި ދަނީންވެސް އެތާ އަޑުގަދަކަމުން ވެގެން އުޅޭ ގޮތެއް ބެލުމަށް އައެވެ.

"އާންޓް އަށް ކަމެއް ވީތަ؟" ދަނީން ކަންބޮޑުވިއެވެ. އައްޒަހްރާ ކަންވެގެން އުޅޭ ގޮތް ބުނުމުން ޖޫރީ ގާތަށް ހިނި އައެވެ. އެވަގުތު ދުރުގައި ހުރި އަހެދް އަށް ހެވުނެވެ. ނަމަވެސް އެ ހުނުމުގެ އަޑު އެހެން މީހަކަށް ނީވެއެވެ.

" ހޭ ވަރު ކަމެއް ނުނޭ އެއީ....ދައްތަ އަނެއްކާ އެލާޖިކް ވީ ކަންނޭނގެ.....ދޭބަލަ ފެން ތައްޓެއް ވިޔަސް ހިފައިގެން އަންނަން...." އައްޒަހްރާ ކަންބޮޑުވިއެވެ. މަންމަ ލޯ އަޅާލިގޮތުން ޖޫރީގެ އަނގަ ހުތް ވިއެވެ. ދަނީން ދުވެފައި ކަހަލަ ގޮތަކަށް ބަދިގެއަށް ވަދެ ފެން ތަށްޓެއް އެޅިއެވެ. އޭރު ކައުންޓަރު މަތީގައި ހުދު ކުނޑި ތަކެއް ހުއްޓެވެ. އަދި ބޭސް ކާޑެއްވެސް އޮތެވެ. ބޭސް ކާޑު ބަލައިލުމުން އެއީ ކޮން ބޭހެއް ކަން އެވަގުތު ނޭނގުނު ނަމަވެސް އަވަސް ވެފައި ހުރީ ސަކީނާ އަށް ފެން ތަށި ދިނުމަށެވެ.

" އާންޓް ކޮބާ.....ނިކުމެއްޖެތަ؟ލެޓް މީ ޗެކް...." ދަނީން އެކޮޓަރިޔަށް ވަނެވެ. އެހެން އެކަކުވެސް ވަނުމަށް އޭނާ އެވަގުތު ނޭދުނެވެ. ޖޫރީ ވަންނަން އުޅުމުން ވެސް ދެކޮޅު ހެދީ ނުރުހުން ވެފައި ހުރެއެވެ.

" ބަލާބަ ދަނީން ގެ ހިތް ސާފު ކަން....މީހަކަށް ދެރަ އެއް ދިމާވީމަ ހޭނީ އެންމެ ނުބައި މީހުން...." އައްޒަހްރާ ޖޫރީ ގައިގާ ކޮށްޓާލަމުން ކަންފަތް ދަށުގައި ކިޔާލިއެވެ. ސަހަރް ހުރީ އެއީ ހަލްވާ ކެއުމުން ދިމާވި ކަމެއް ކަމަށް ލަފާ ކޮށްގެންނެވެ. އެވަގުތު އޭނާގެ ހިތް ވެސް ބިރުގަތެވެ. އެފަދަ ކަމެއް އޭނާ އަށް ކުރިމަތިވާން ނޭދިފައި ހުރެވުނެވެ.

" ގޮސްލީ އިނގޭ...ކާރު އައިއްސި...ސަކީނާ ދައްތަ އަށް ވާގޮތެއް އަންގާލަދެއްޗޭ.....މާދަން އިންޝާﷲ ދިމާވާނީ..." ސަހަރް އަވަސް އަރުވާލާފައި އެންމެނަށް ސަލާން ބަދަލުކޮށްފައި ނިކުތެވެ. އަހެދް ހުރީ އޭނާގެ ފާހާނާ ބޭނުން ކުރުމަށް ސަކީނާ ވަނުމުން ހިތް ހަމަނުޖެހި ރުޅިއަންނަގޮތްވެފައެވެ. ސަކީނާ އަށް ލަނޑު ދޭން ހަދައިގެން އޭނާ އަށް ވެސް މިއޮތި ބޮނޑިއެއް ލިބިފައެވެ.

"އަނެއްކާ ހަލްވާ ނުބައީތަ؟މިރޭ އެކަމަކު މިގޭ އެންމެންވެސް ކެއި ދޯ ހަލްވާ....އެއްވެސް ގޮތެއް ވި ތަ؟" އައްޒަހްރާ އަހައިލީ އަހެދް ކުރެންނެވެ. އަހެދް ބޯ ހޫރާލާފައި ނޫނެކޭ ބުނެލީ ދެއަތް ދެއަތައި މޮޑެމުންނެވެ.

"ޖޫ އަށް ހީވި ކުޑަކޮށް ބަނޑަށް ތަދުވިހެން....ވަރަށް ދެރަ ދޯ އާންޓް އަށް އެގޮތަށް ވީމަ...ވެދާނެ އެއް ނު އާންޓް މާގިނައިން ކާތީވެ ކަމަށް.....ނިކުންނަ އިރު ބަނޑު އިންނާނީ ފްލެޓް އަރާފަ ކަންނޭނގޭ....އެއްގޮތަކުން ރަނގަޅު ތާ ބަނޑު ހިނދޭނެ..." ޖޫރި ބޭނުންވީ އައްޒަހްރާގެ ތާއީދު ހޯދުމަށް ނަމަވެސް އޭނާ އެ ދެއްކި ވާހަކަ އިން އައްޒަހްރާ ގާތަށް ހައްތަހާ ރުޅިއައީ އެވެ. އަހެދް އަށް ހެވުނެވެ.

" ސުބްޙާނައްﷲ.....ޖޫ ދުލުން ބޭރުވާ ބަސްތައް އެންމެ ފަހަރަކު ނަމަވެސް ވިސްނާލާފަ ބޭރުކޮށްބަލަ....މަންމަ ހަމަ ބޯ ހަލާކު..." އައްޒަހްރާ އޭނާގެ ބޮލުގައި އަތް އަޅަމުން ސޯފާގެ އިށީނީ ބޯ އަނބުރާ ގޮތެއް ވާން ފެށުމުންނެވެ. ޕްރެޝަރު ދަށްވާ ހެން އޭނާއަށް ހީވާން ފެށިއެވެ.

"ޖޫ އަބަދުވެސް ކުށްވެރިވާނީ...އަޅެ ޖޫ ވެސް ޑަޔަރިއާ ވާ ދުވަހު ހުންނަނީ ބަނޑަށް ގޮޅި އަރާފައޭ....އެ ދެން ހަމަ ނެޗުރަލް ކަމެއް.....ވަރަށް ފޫހިވޭ....ޖޫ މަލާމާތަކަށް ނޫނޭ ހެވުނީ އެއް....ހުރިހާ އެންމެންވެސް ޖޫ އާ ޖައްސާލާފަ ތިބޭނީ...ވަރަށް ފޫހި ވޭ..." ޖޫރީ ބޮޑާ ހާކާލިއެވެ. އަދި ދުވެފައި ކޮޓަރިއަށް ދިޔައެވެ. އަހެދް ހުނުން ކޮންޓްރޮލް ކޮށްގެން ހުރީ ތުން ފިއްތައި ބާރުކޮށްގެންނެވެ. މިފަދަ ހާލަތެއްގައި މޫނު ފޮތި އަޅައިގެން ހުރުމަކީ ހަމަ އޭނާގެ ނަސީބެވެ.

" ބަހައްޓާ....އެ ޖޫރީ އުޅޭ ފާޑު...ބައެއް ފަހަރު ހިތަށް އަރާ ދައްތަ އާއި ޖޫރި އުޅޭ ގޮތް ވަރަށް ވައްތަރޭ....ކަނބުލޮ ޒަހްރާއްތަ އަށް ކަމެއް ކޮށްދީފާނަންތަ؟" އައްޒަހްރާ އެދުނީ އޭނާގެ ޕްރެޝަ ބަލައިދިނުމަށެވެ. ކޮޓަރި އަށް ދާނެ ހިއްވަރެއް އޭނާގެ ނެތުމުން އަހެދް ގާތު އެ ބެހެއްޓިފައި އިންނަ ތަން ކިޔަިއދިނެވެ. އަދި ތަޅުދަނޑިއެއްވެސް ދިއްކޮށްލިއެވެ.

"އަލަމާރީގެ އެންމެ ވަ އަތް ފަރާތު ދޮރު ހުޅުވާލާއިރު އިންނާނެ ހުދު ވަކަރު ފޮށްޓެއްވެސް...ކުޑަ ކުޑަ ތަޅެއް އޭގަ އިންނާނެ....އެވެސް ގެނެސްދެއްޗޭ.... " އަތުގެ އިޝާރާތުން އެ ފޮށީގެ ސައިޒްވެސް ދައްކާލަދިނެވެ. އަހެދްގެ ލޯ ދިއްލުނެވެ. އައްޒަހްރާ އެހާ ވަރަށް އޭނާ އަށް އިތުބާރު ކުރަނީ ބާއެވެ. ދާން އުޅެފައިވެސް ހަނދާންވީ ކައުންޓަރު މަތީގައި ބޭސް ކާޑު ބޭއްވިފައިވީ ހަނދާނެވެ. އަވަސް ކޮށްލާފައި ފެން ބޯލައިގެން ދާނީ ކަމަށް ހަދައި އެތަން ސާފު ކޮށްލިއެވެ. އެއަށް ފަހު އައްޒަހްރާ ބުނި ކަނަތއް ކުރުމަށް އަވަސްވެލިއެވެ.

" ވާވް.....ސްމެލް ސޯ ނައިސް.....ސްމެލްސް ވެލްތީ....." އަހަދް ފުން ނޭވާ އެއް ލަމުން އައްޒަހްރާގެ ކޮޓަރިއަށް ވަދެ ތަޅު ލިއެވެ. އަދި އެނދަށް ވެއްޓިގަތެވެ. އެނދުގައި ހިނދުކޮޅަކަށް އޮށޯވެލައިއޮވެ އެނދު މަތީ ފިރުމާލިއެވެ. އެ ކޮޓަރީގައި ހުރި ހުރިހާ ކަމެއްވެސް އެހާމެ ފުރިހަމަ އެވެ. ހީވަނީ ޝާހީ ގަނޑުވަރުގެ ކޮޓަރިކޮޅެއް ހެންނެވެ.

"ވަން ޑޭއި....މިހުރިހާ މުދާވެރިކަމެއް ލިބޭނީ އަހަންނަށް....ކައުންޓް ޔޯ ޑޭއިސް ޒަހްރާ..." އަހެދް އަމިއްލަ ނަފްސަށް ކިޔައިލިއެވެ. ޑްރެސިން ޓޭބަލް ކައިރިޔަށް ޖެހިލައި އެތާ ހުރި ގަހަނާ ފޮށި ހުޅުވާ ބަލައިލިއެވެ. ހުރިހާ އެއްޗެއްގަިއ އަތް ކާއްތަލަމުން އެތަނުން ހާރެއް ނަގައި ކަރުގައި ޖައްސާލިއެވެ.

"އަހަންނަށް ލިބިފައިވީ ހާދަ ރީތި ކަމެކޭ...މާޝާﷲ....." އަމިއްލަ ނަފްސަށް ތަޢުރީފް ކޮށްލަމުން އެ އޮތްތާގައި ބާއްވާލިއެވެ. އައްޒަހްރާ މިހާރު އޭނާގެ އިންތިޒާރުގައި ހުންނާނެ ކަން އެނގޭތީއެވެ. އަދި އަލަމާރިން ނަގަން ބުނި ފޮށި ނެގުމަށް އަވަސްވިއެވެ. އެތަނުން ރަން ކުލައިގެ ފައިލެއް ފެނުނެވެ.

" ގޭގެ ރަޖިސްޓްރީ....." އަހެދް އަށް އެ ފައިލް ހުޅުވާ ބަލަިއލެވުނެވެ. އައްޒަހްރާގެ ހުރިހާ މުދަލެއްގެ މައުލޫމާތު ހުރި ފައިލެކެވެ. އަހެދް މަކަރުވެރި ހިނިތުންވުމެއްގައި އެ ފައިލް ގައި ހުރި ލިޔެ ކިޔުންތައް މަތިމަތިން ކިޔައިލަމުން ފައިލް ބާއްވާލިއެވެ.

" ވަގުތު ޖެހުމުން..." ފައިލް ގައި އަތް ކާއްތާލަމުން އެ ހުދު ކުލައިގެ ފޮށި ނެގިއެވެ. ކުޑަ ފޮށްޓެއް ނަމަވެސް އެ ފޮށި ވަރަށް ބަރެވެ. ޕްރެޝަރު ބަލާ މެޝީން އާއި އެ ފޮށި ކޮޅު އަތަށް ލައިގެން ހުރުމުން އަތް އޮތީ ފުރިފައެވެ. ކޮޓަރިން ނިކުމެވުނީވެސް އުނދަގުލުންނެވެ.

"މަންމާ...ދެޓްސް ނޮޓް މޮމް....." ކޮޓަރީން ނިކުތީ ޒަހްރާ ކަމަށް ހިތައި ޒަވިޔާ އަށް ގޮވާލެވުނެވެ. އޭނަ އައީވެސް އައްޒަހްރާގެ ޕްރެޝްރު ބަލާ ގަޑި ޖެހިއްޖެކަން ދަނެގެންނެވެ.

" ޒަހްރާ ދައްތަ ބުނެގެން އެއީ....." އަހެދް ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީ ހެންނެވެ. ޒަވިޔާ ބުމަ އަރުވާލައި އަހެދް ގެ އަތުން ޕްރެޝަރު ބަލާ މެޝިން ހޯދިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އަވަހަށް ދިޔައީ ޒަހްރާގެ ޕްރެޝާ ބެލުމަށެވެ. އެވަގުތު ދަނީން ވެސް އަހެދް ގެ ކޮޓަރީން ނިކުންނަނީއެވެ.

" އާންޓް ވަރަށް ވަރުބަލިވެފަ އޮތީ.....މިރޭ މިގޭގަ ބާއްވަން ވީ ކަންނޭނގެ..." ދަނީން ގެ މޫނު މަތީން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އަދި ގަޑިއަށް ބަލައިލީ މީހެއްގެ އިންތިޒާރުގައި ހުރި ފަދައިންނެވެ.

"ކިހިނެއްވީ އާންޓް އަށް....." ޒަވިޔާ އެވަގުތު އެމީހުންނާއި އަރާ ހަމަކުރިއެވެ.

" ޕިސް ޕިސް.....ދަކުތަރު ގޭގައި ހުރި ކަމުގެ ހަނދާނެއްވެސް މަންމަ ނެތޭ...." ޒަހްރާ ގެ ޕްރެޝަރު ޗެކް ކުރަމުން ދިޔަ އިރު ކަން ހިނގި ގޮތާ ޒަވިޔާ އަށް ހުލާސާ ކޮށްލަދިނެވެ.

" ވެދާނެ ޓަމީ ބަގް އަކަށްވެސް....ދަނީން ދޭބަ ތިއްތިގެ ސްޓެތެސްކޯޕް ހިފައިގެން އަންނަން....." ޒަވިޔާ އެ ކޮޓަރިއަށް ވަން އިރު ސަކީނާ އޮތީ ވަރުބަލިވެގެން ދެމިފައެވެ. ގޮވާލުމުންވެސް އެހާ ވާހަކައެއް ނުދައްކައެވެ. ނިދާލަން ބޭނުންވަނީ ކަމަށް ބުނެ ލޯ މަރާލީއެވެ.

" އާންޓް ލެކްޒޭޓިވް އެއް ނެގީތަ......" ސަކީނާ ގެ ވިންދު ބަލާލަމުން ޒަވިޔާ ސުވާލުކުރިއެވެ. އެވަގުތު ދަނީން އަށް އެ ލަފްޒު ހަނދާންވިއެވެ. ބަދިގެ ކައުންޓަރު މަތީއޮތް ބޭސް ކާޑުގައި ލިޔެފައިވީ އެ ބަސް ކަން ހަނދާނަށް އައެވެ.

" މަރްވާން ކައިރީ ބުނައްޗޭ އެހާ ހާސް ނުވާށޭ...މިފަހަކަށް އައިސް ކިރު އަޅާފަ ހުންނަ އެއްޗިހި ކެއީމަވެސް އެގޮތަށް ވޭ..." ސަކީނާ މަޑުމަޑުން ބުނެލިއެވެ.

"ގިނައިން ފްލުއިޑްސް ދެއްޗޭ....އަދި އެއް ގަޑި އިރުފަހުން ވިލް ޗެކް ވައިޓަލްސް...ހޮޑު ލެވެންޏާ އެކަމަކު ހޮސްޕިޓަލަށް ދާންވާނީ....އިންޝާﷲ ރަނގަޅުވާނެ...." ޒަވިޔާ ބުނެދިނެވެ. ކައިރީގައި ހުރި ޒަހްރާ ގެ މޫނު މަތީން ކަންބޮޑުވުން ފެންނަމުން ދިޔައެވެ. ސަކީނާގެ ބޮލުގައި ފިރުމާލި އިރު އަހެދް ހުރީ ދޮރު ކައިރީގައެވެ. ދުރުގައެވެ. ކަޅި އަނބުރާލީ ފޫހިވެފައި ހުރި ގޮތަކަށެވެ. އޭނާ ބޭނުންވީ އެ ހުދު ފޮށީގައިވީ ކޯޗެއްތޯ ބެލުމަށެވެ.

"މަންމަ އެހާ ހާސް ނުވޭ....ދައްތަ އޯކޭ ވާނެ އޭ....މިތިބީ ނު އެންމެންވެސް...މަންމަ ގެ ޕްރެޝާ ވެސް ކުޑަކޮށް ދަށް ވެފަ ތި ހިރީ....ބޭސް ކައިގެން ރެސްޓް ކޮށްލާ....ޒަވީ ބަލާނަމޭ އާންޓް އަށް...މިހިރީ ނު އަހަރުމެންގެ ލޯބި ލޯބި ދަނީންވެސް...." ޒަވިޔާ އޭނާގެ މަންމަ އަށް ޔަގީންކަން އެރުވިއެވެ. ދަނީން ހުރީ ބަދިގެއިން އެ ފެނުނު ބޭސް ކާޑު މަތީން ހަނދާންވެފައެވެ. އެވަގުތު އަވަހަށް ބަދިގެއަށް ދާން ހިނގައިގެންފައިވެސް މަރްވާން އައުމުން ފިޔަވޅުތައް މަޑުޖެހެލިއެވެ. މަރުވާން ހުރީ މާނޭވާލެވޭ ވަރުވެފައެވެ.

"މަންމަ....އޯކޭތަ؟" ސުވާލުވެސް ކުރެވުނީ ދަނީން އާއި އެވެ. ދަނީން ބޯ ޖަހައިލީ ރަކި ހިނިތުންވުމެއްގައެވެ. ޒަވިޔާ އެވަގުތު މަރްވާން އަށް ނޭވާ ހަމަޔަކަށް އެޅުމަށް ނަސޭހަތްތެރިވިއެވެ.

" އެހެންވީމަ މިރޭ އައި ވިލް ސްޓޭއި ހިއަ....މަންމަ އޯކޭ ވާނެ ދޯ..." މަރްވާން އެނދުގައި އިށީންނަމުން ބުނެލިއެވެ. ސަކީނާ ގެ އަތުގައި ފިރުމާލީވެސް އެހާ ލޯބިންނެވެ. ޒަހްރާވެސް މަރްވާން އަށް ހުރިހާ ކމެއް ރަނަގޅޫ ވާނެ ކަމުގެ އުއްމީދު ދިނެވެ. ދަނީންގެ ލޯ ދިއްލުނެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަނގަހުޅުވިފައި ހުރެވުނެވެ. ޒަވިޔާ އަށް އެވަގުތު ކަމެއް ޝައްކުވިއެވެ.

"މެއްސެއް ވަދެ ދާނެ....." ދަނީންގެ ދަތްދޮޅީގައި ސަމާސާ ގޮތަކަށް ހިފަލަމުން ޒަވިޔާ ލޯ އަޅާލީ ދިމާކުރާ ފާދެއްގައެވެ. ދަނީން އާއި މަރްވާން ކުޑައިރުވެސް ކުޅެ އުޅުނީ އެހާ އެކީގައެވެ. ޒަވިޔާ އަށް އެ ދެމެދުގައި ހާއްސަ ގުޅުމެއް އޮވެދާނެ ކަމަށް ހީކުރެވުނަސް އެހާ ހައިރާން ނުވަނީ އެއީ ވެދާނެ ކަމެއް ކަން އެނގޭތީއެވެ. ކޯތާފަތް ރަތް ވެފައި އިން ދަނީން އިސް ޖަހައިލިއެވެ.

ޒަހްރާ ކޮޓަރިން ނިކުތް ވަގުތު އަހެދް ގެ އަތުގައި ހިފާލިއެވެ.

" ފަޖްރް ގަޑީ ޒަހްރާއްތަ ކޮޓަރިއަށް އަންނައްޗޭ...މިރޭ ކުޑަކޮށް ބޮލުގަ ރިއްސާތީވެ...." ޒަހްރާ އެ ފޮށި ނަގައިގެން މިސްރާބު ޖެހީ އޭނާގެ ކޮޓަރިއާއި ދިމާއަށެވެ. ވަރުބަލިވެފައި ހުރުމުން ބޭނުންވީ އަރާމު ކޮށްލުމަށެވެ.

" މިރޭ ދަނީން މި ރޫމް ގަ....އަހެދް މިރޭ ޖޫ ގެ ރޫމްއަށް ދާން އޯކޭ ތަ؟" ދަނީން އަހަދް އަށް ގޮވާލިއެވެ. އަހެދް ބޭނުންނުވި ނަމަވެސް އިތުރު ގޮތެއް ނެތް ކަން އެނގޭތީވެ ބޯ ޖަހައިލީއެވެ. ނިދަން ބޭނުންވާނެ ސާމާނު ތައް ޕެކް ކުރި ވަގުތު ޒަވިޔާ ވަރަށް ސިއްރުން ދަނީން ގާތު އެއްޗެއް ކިޔާހެން އަހެދް އަށް ހީވިއެވެ. އަހެދް ހީކުރީ އަނެއްކާ އޭނާގެ ވާހަކައެއް ދައްކަނީ ކަމަށެވެ.

" މައި އައިސް ކޯޓް ޔޫ...ރެޑް ހޭންޑެޑް....." ޒަވިޔާ އޭނާގެ ދެ ލޮލަށް އިޝާރަތް ކުރަމުން ދަނީން ގެ ބޮލުގައި ފުށްޓަކިއެއް ޖަހައިލިއެވެ. މަރްވާން ހުރީ އެވަގުތު ސަކީނާ އަށް ސަމާލުކަން ދީގެން ކަމުން ޒަވިޔާ އާއި ދަނީން ދެއްކި ވާހަކަ އެއް ނުފެނެއެވެ.

" ޝްޝް....ތިއްތި ޕްލީޒް....ނުބުނައްޗޭ..." ދަނީން ލޯ ބޮޑކޮށްލައި ކަރު ވައްޓާލަމުން އާދޭސް ކޮށްލީ ކުޑަކުއްޖެއް ފަދައިންނެވެ. ޒަވިޔަ އަށް ހެވުނީ ދަނީންގެ މައުސޫމު ކަމަށް ބަދަލެއް ނާންނާތީއެވެ.

"ވިސްނާނަން....އެކަމަކު އެކަނި ނުވާތި.....އެގެއެއްނު މިއުޅޭ އެއްކަލަ ބޮލުގަ ދަޅު ފަޅާފަ ހުންނަ ސޮރު ހުންނާނެ މެދުގަ ވަސްވާސް ލައިދޭން...." ޒަވިޔާ ބުނެލިއިރު އަތުގެ އިޝާރާތުން ދަޅު ފަޅާފައި ހުންނަ ގޮތް ދައްކާލީ މަޖާ ގޮތަކަށެވެ. ދަނީން ބޯ ޖަހައިލީ އެ ނަސޭހަތް ގަބޫލުކުރަމުންނެވެ. މަރްވާން ވެސް ދެމީހުން އެކަނި ބައްދަލުކޮށް ހެދުމަށް އަބަދުވެސް ދެކޮޅު ހަދާނެއެވެ.

" ކޮބާ މިރޭ ފޯރި މަރާ ގްރޫޕް ގެ ހެޑް އޮފް ޑިޕާޓްމެންޓް އަލްފާޟިލް އަލްބާން...." ޒަވިޔާ މަރްވާން ގެ ކޮނޑަށް އަތް ވައްޓާލަމުން މަޖާ ގޮތަކަށް ސުވާލުކޮށްލިއެވެ. މަރްވާން އާއި ދަނީން އަށް ހެވުނެވެ.

" ހަބަރު ބަލަންވީ....ޒަވީ ނިދަން ދިޔަޔަސް އެންމެ ރަނގަޅު....ދަނީން ވެސް....މަންމަ ކައިރީ އައި ވިލް ސްޓޭއި...." މަރްވާން ބުނެލި ހިނިތުންވަމުންނެވެ.

" ނޯ ނޯ...މިރޭ އެންމެން ހޭލާ ތިބޭނީ....ދޯ ދަނީން....ދަނީން ގެ ލޮލަކު ނެތޭ ނިދީގެ ކަންފުޅެއްވެސް....އަޅެ މަރްވާން ބަލާލަބަ..." ޒަވިޔާ ހުރީ ދިމާކުރަ މޫޑެއްގައެވެ. މަރްވާން ވަރަށް ނޫން ކަމަށް ހަދާ ޗޮއް ކަނޑާލިއެވެ.

" ޒަވީ ހީކުރީ އަހަރެން މިއީ ލޮލުގެ ދަކުތަރެކޭ ދޯ....." މަރްވާން ވަރަށް ނޫން ކަމަށް ހެދިލިއެވެ. އެވަގުތު ދަނީން ޒަވިޔާގެ އަތުގައި ވިކާލިއެވެ. އެވަގުތު ޒަވިޔާ ހޫންއެއް އަޅުވާލާ ތަދު ވި ތަނުގައި ފިރުމާލިއެވެ. އަހެދް ނިކުމެގެން ދިޔަ ވަގުތު ދަނީން ހިނިތުންވެލީ ބޯ ޖަހާލަމުންނެވެ. ދަނީން ހިތާހިތުން އަހެދް އެއީ ކޮން ކަހަލަ ކުއްޖެއްތޯ ސުވާލު ކުރެވުނެވެ.

"މިރޭގެ ނިދި އެދިޔައީ....ސަކީނާ ޖޫނިއާ ކައިރިޔަށް ނިދަން ދާން މި ޖެހުނީ....ހުންނާނެ ފޯރިއެއް..." އަހެދް ކުދި ކިޔައިލިއެވެ. ނަމަވެސް ފަތިސް ގަޑިގައި ޒަހްރާ އާއި ބައްދަލުކުރަން ދިއުމަށް އޭނާ ހުރީ ކެތްތެރިކަމެއް ނެތި އިންތިޒާރުގައެވެ. ދޭން އުޅެނީ ހަދިޔާ އެއް ކަން އެނގޭތީވެ އެ އުފަލުގައެވެ.

***

" އިރުކޮޅަކުން ހޭ އަރާނެ.....ވަރަށް ޑީހައިޑްރޭޓް ވެސް ވެފަ....ހޭލީމަ އެއްޗެއް ކާން ދެވޭތޯ ބަލާތި...." ޑޮކްޓަރު އެވަގުތު އަލްބާން އާއި ވާހަކަ ދެއްކިއެވެ.

"ޓްރޯމާ ކޭސް އެއް ވީމަ ފަހަރެއްގަ ހޭލެވޭ އިރު ކުޑަކޮށް ކޮންފިއުޒް ވެސް ވެދާނެ.....ހޭވް ޓު ގޯ ބިފޯ ޝީ ވޭކްސް އަޕް....އަލް އަށް ހޭންޑަލް ކުރެވޭނެ ދޯ....." ނޫރާ ނަސޭހަތްތެރިވިއެވެ. ނޫރާ އަކީ އަލްބާން އާއި އެކު މަސައްކަތް ކުރާ ޑޮކްޓަރެކެވެ. އޭނާ އަލްބާން ގެ އެދުމަށް އެތަނަށް އައިސްދިނަސް އެެއވެސް މީހަކަށް އޭނާގެ އައިޑެންޓިޓީ އެނގުމަކީ މަސައްކަތު މާހައުލުގައި ރިސްކީ ކަމެކެވެ. ފޮތި ދަމާފައި ހުރުމުން ފަރުދާގެ ފަހަތުގައި އޮތް ބާބިލް ގެ ޒަޚަމް ތައް އަލްބާން އަކަށް ނުފެނެއެވެ. ނަމަވެސް ނޫރާ ކިޔައިދިން ކަންތައްތަކުން އަލްބާން ގެ ރުޅި ގަދަވިއެވެ. ބާބިލް އަށް އެ އަނިޔާ ދިން ލޯކަން ގެ ދުވަސް ދުއްވާލަން އެތައް ފަހަރަކު ހިތަށް އެރިއެވެ. ގޮށް މުށްކަވާލާފައި ބިތުގައި އަތުން ޖެހުނެވެ.

" ކާމް ޑައުން....އަލް އަށް އެނގޭ ދޯ...މި ޕްރޮފެޝަންގަ އުޅޭން ވާނީ ވަރަށް ބަލައިގެން ކަން....ވޯކް އެންޑް ޕާސަނަލް ލައިފް ޝުޑުންޓް މިކްސް އަޕް....ވަރަށް ބަހަނާ ދައްކާފަ މި އާދެވުނީވެސް، ބޮސް އަށް އެނގިއްޖެއްޔާ އަހރެންގެ ދުވަސް ދިޔައީ....އަލް ވެސް މިހާރު ރާޑަރަށް އަރާފަ އޮތީ....އިންޓެލް އިން ބުނި އަލް ހޯދާ ވާހަކަ އެމީހުން...." ޑޮކްޓަރު ވާހަކަ ދެއްކީ ވަރަށް ވިސްނާފައެވެ. އަލްބާން އޭނާގެ މަސައްކަތު ޕްރޮޓޮކޯލް އާއި ޚިލާފަށް އުޅުނު ފުރަތަމަ ފަހަރުކަމުން އެކަމަށް ސަމާލުވުމަށް އޭނާ އެދުނެވެ.

" އެވަގުތު ނުދިޔަނަމަ....ކަންތައް ވަރަށް ގޯސް ވީސް...އެންޑް ޔު ނޯ ދެޓް...ނޫރާ އަށް ވެސް އެނގޭނީ އެފަދަ ހާލަތެއް ދިމާވި ނަމަ...." އަލްބާން އޭނާގެ ނަފްސު ދިފާއު ކުރިއެވެ.

" އަހަންނަށް އެނގޭ...އެކަމަކު ބޮސް އަށް އެނގިއްޖެއްޔާ.....އެނިވޭއި މި ކުއްޖާ ކީއްވެތަ މިހާ ހާއްސަ ވި...އަލް ނުވެސް ބުނެލައި ކުއްޖަކު ހޯދާލި އިރުވެސް...." އަލްބާން ރުޅި ގަދަވެދާނެތީ ވާހަކަ އޮޅުވާލިއެވެ. އެވަގުތު އަލްބާން ގެ މޫނަށް ވެރިވީ ހިނިތުންވުމުންވެސް އެތައް ވާހަކަ އެއް ބަޔާންކޮށްދިނެވެ.

" ނޫން ނޫން....އަހަރެން ދޫކޮށްލާ...." ބާބިލް ހަޅޭއްލަވައިގަތެވެ. އެވަގުތު ނޫރާ އަތުގެ އިޝާރާތުން އޭނަ ދަނީ ކަމުގައި ބުނެފައި އެތަނުން ނުކުތެވެ.

" ބާބް....އިޓްސް އޯކޭ...އިޓްސް އޯވަ..ޔޫ އާ ސޭފް...." ފަރުދާ ކަހާލަމުން އަލްބާން އެތަނަށް ވަނެވެ. ބާބިލް ބުރުގާ ނާޅާ އޮތުމުން ކަޅު ފަން ދިގު އިސްތަށިގަނޑު އޮތީ ހާމައަށެވެ. އަލްބާން އަށް އެނބުރިލެވުނެވެ. ބާބިލްގެ ކަންފަތުގައި އެ އަޑު ޖެހުމުން ހުއްޓުން އެރިއެވެ. އަދި ވަށައިގެން ހޯދާލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު