ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ ފުރަތަމަ ޑުރާމާ ސިލްސިލާ، "ރައިހާ"ގެ ޓްރެއިލާއާއި ޕޯސްޓަރު، ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ރައިހާގެ ޓްރެއިލާއާއި ޕޯސްޓަރު ލޯންޗުކުރީ އޯޓީޕީ ބައި ސޮލައިޓްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައިހާ ޑްރާމާ ސިލްސިލާގެ ޓްރެއިލާ އަދި ޕޯސްޓަރު ލޯންޗުކޯށްދެއްވީ ރަސްމިއްޔާތުގެ ޗީފް ގެސްޓް، މ. މުލަކު، ފާއިޒާ ހުސައިން (ފާއިޒައްތަ)އެވެ.
މި ސީރީސްގެ ޓްރެއިލާއިން ދައްކުވައިދެނީ ލޯބީގެ ތަފާތު އިހުސާސްތަކެވެ.

"ރައިހާ"ގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު: އެސްއެސްޓީވީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެސްޓީވީގެ ސީއީއޯ މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ، ވިޔަފާރި އުސޫލުން އެސްއެސް މީޑިއާއިން އުފައްދާ މި ޑުރާމާ ސިލްސިލާއަކީ ފެށުމެއް ކަމަށެވެ.
މިއީ މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންނަށް ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ވިޔަފާރި އުސޫލުން މަންފާ ހޯދުމަށް އެސްއެސް މީޑިއާއިން ކުރާ މަސައްކަތެއް ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދުކުރަނީ މި ޑްރާމާ ސީރީސަކީ އެންމެނަށް ވެސް ކަމުދާނެ ސީރީސަކަށް ވާނެ ކަމަށް. އަދި މިފަދަ ބައިވަރު މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި އެސްއެސް މީޑީއާއިން ކުރުމަކީ ވެސް އަމާޒެއް،" އާސިފް ވިދާޅުވިއެވެ.

"ރައިހާ"ގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު: މި ޑްރާމާ ސީރީސްގެ ތީމް ލަވަ ކިޔާފައި ވަނީ ޒުވާން ލަވަކިޔުންތެރިޔާ ބޮކިޓޯސް -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ސިލްސިލާ ޑައިރެކްޓްކޮށް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ރާއްޖޭގައި މަޝްހޫރު އެތައް ފިލްމަކާއި ޑުރާމާ ސިލްސިލާތަކާއި ވީޑިއޯ ލަވަތައް އުފައްދާފައިވާ އަލީ ރަޝީދު (ގޮޅާ އައްޔަ)އެވެ. ލޯބީގެ ތަފާތު އިހުސާސްތައް ދައްކުވައިދޭ މި ސިލްސިލާގެ ސިނަމެޓޯގްރަޕީ މަސައްކަތްކުރީ އެސްއެސްޓީވީގެ ސީނިއާ ކެމެރާމަން، މުހައްމަދު ޝާނެވެ.
ޖުމުލަ 12 އެޕިސޯޑުގެ މައްޗަށް އެކުލެވިގެންވާ މި ސިލްސިލާގެ ސްކްރިޕްޓާއި ސްކްރީންޕްލޭ ލިޔެފައިވަނީ އާމިނަތު ރިނާޒާ (ރިނާ)އެވެ. ރިނާއަކީ މީގެ ކުރިން ބަލްގިސް، ހަނާ، ޔަޝްނާ ފަދަ މަޝްހޫރު އެތައް ޑުރާމާއެއްގެ ވާހަކައާއި ސްކްރީންޕްލޭ ލިޔެފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ.

"ރައިހާ"ގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު: މެއިން ކާސްޓް ކަމަށްވާ ދޮން އައްޔަ ބުނީ މިއީ ތަފާތު ސީރީސަކަށް ވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ރައިހާ ޑުރާމާ ސިލްސިލާގެ އިސް ރޯލުތައް އަދާކުރާ އެކްޓަރުންގެ ތެރޭގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ހުނަރުވެރި ދެ ފަންނާނުން ހިމެނެއެވެ. އެއީ، އަލީ އާޒިމް (ދޮން އައްޔަ) އާއި އާމިނަތު ނޫރާއެވެ.
ރޭގެ ރަސްމިއްޔާތުގައި "ސަން" އާ ވާހަކަދައްކަމުން ދޮން އައްޔަ ބުނީ، ރައިހާ ޑްރާމާއަކީ ވަރަށް ތަފާތު، މީހުން ޝައުގުވެރިވާނެ ސިލްސިލާއެއް ކަމަށެވެ.
މި ޑްރާމާ ސީރީސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދޮން އައްޔަގެ ގިނަ ސީންތަކަކީ ވަން ޝޮޓުން ނަގާފައިވާ ސީންތަކަކަށް ވުމެވެ. އެކަމުން ވެސް އެނގެނީ އޭނާގެ ހުނަރުވެރިކަން ކަމަށް ޑްރާމާ ސީރީސްގެ ޝޫޓިންގައި އުޅުނު މީހުން ފާހަގަކުރިއެވެ.

"ރައިހާ"ގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު: މެއިން ކާސްޓް ނޫރާ ބުނީ ޑްރާމާ ސީރީސްގެ މަސައްކަތާ މެދު ހިތްހަމަޖެހިއްޖެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ނޫރާ ބުނި ގޮތުގައި ސީރީސްގެ ޓްރެއިލާ ބަލައިލުމުން ރަނގަޅު މަސައްކަތެއް ކުރެވުނު ކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އަދި އެންމެން ކުރި މަސައްކަތާ ދޭތެރޭ ވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
މި ޑުރާމާ ސިލްސިލާގައި ދެން އެންމެ ތަފާތު ރޯލަކުން ފެންނާނީ، އަލީ އުސާމް (ދޮނާ)އެވެ. ދޮނާއަކީ މި ސިލްސިލާގައި އެކްޓަރެއްގެ އިތުރުން މޭކަޕް އާޓިސްޓް ވެސް މެއެވެ. އަދި، މި ސިލްސިލާގެ ޕްރޮޑަކްޝަން މެނޭޖަރެއްގެ އިތުރުން ކޮސްޓިއުމް ކޯޑިނޭޓްކުރުމުގެ މަސްއޫލިއްޔަތު ވެސް އުފުލީ ދޮނާއެވެ.
މިރޭގެ ރަސްމިއްޔާތުގައި ޓްރެއިލާއަށް ފަހު ދޮނާ ބުނީ އެންމެ ބޮޑަށް ހިތްހަމަޖެހުނީ ފިލްމުގެ ސިނަމެޓޯގްރަފީއާ ދޭތެރޭ ކަމަށެވެ.

"ރައިހާ"ގެ ޓްރެއިލާ ލޯންޗުކުރުމުގެ ރަސްމިއްޔާތު: ޑްރާމާގެ ކާސްޓު ދޮނާ އެސްއެސްޓީވީއަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
މި ސިލްސިލާއިން ދެން ފެންނާނީ މުޅިން އާ ތަރިއެކެވެ. އަލަށް ޑުރާމާ ސިލްސިލާއަށް ތަޢާރަފުކުރާ ލައިޝާ ލަތީފްގެ ހުނަރުވެރިކަން ވެސް މި ސިލްސިލާގެ ތަފާތު ރޯލަކުން ފެންނާނެ ކަމަށް އެސްއެސް މީޑިއާއިން ބުނެއެވެ.
މި ޑުރާމާ ޝޫޓުކޮށްފައި ވަނީ މ. މުލަކުގައެވެ. އަދި މި ސީރީސްގެ 60 ޕަސެންޓު ކާސްޓުންނަކީ މުލަކުގެ މީހުންނެވެ.