ރަޔާން އެއްޗެއް ނުބުނެ އުޑުމަތި ބަލައިލިއެވެ. ނަގާފައި އޮތީ ބޮޑު ވިލާގަނޑެކެވެ. ވައިގަދައެވެ. އަވަހަށް ވާރޭ ހުއްޓާނެހެން ހީނުވާތީ، ރަޔާން ބެލީ ރަނގަޅަށް ނިވާވެލެވޭނެ ތަނެއް ފެނޭތޯއެވެ.

********

ފުލުފުލުގައި ކިނބިހި އެޅެން ފެށުމުން ޔަލްވީގެ މޫޑު އިތުރަށް ގޯސްވިއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ، ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އައިސް ޔަލްވީގެ ހަށިގަނޑަށް ގޯނާކުރަމުން ދިޔައެވެ. އެކަމާއިވެސް ޔަލްވީ ރުޅި އައީ ރަޔާންދެކެއެވެ.

ރަޔާން ދަޅި ރުކަކުން ދެތިން ފަން ކަނޑާލައިގެން އައިއިރު ބަނޑުގައި އަތް އަޅައިގެން ޔަލްވީ އޮތީ ގުދަށެވެ. ބަނޑުގައި ރިއްސާތީ އުޅޭހެން ދޭތެރެއަކުން އުނަގަނޑުގައިވެސް އަތް ކާއްތާލައެވެ. ރަޔާންގެ އަތުގައި ހުރި ފަންތައް ބިންމަތީގައި ރީތިކޮށް ފަތުރާލުމަށްފަހު އޮށޯވެލެވޭނެހެން ތަންކޮޅެއް ހެދިއެވެ.

"މިތާ އޮށޯންނަންވީނު.." ރަޔާން އެދުނެވެ.

"ކައިރިއަށް ނާންނާތި! އެހެންނޫނީ..." ރަޔާން ކައިރިއަށް އަންނަން ފެށުމުން ޝަހާދަތް އިނގިލި ދިއްކޮށްލުމަށްފަހު ޔަލްވީ ހަޅޭއްލަވައިގަތެވެ.

ރުޅިއައިސްފައި ހުރިކަން ދެއްކި ނަމަވެސް ޔަލްވީ ހުރީ ރަޔާންދެކެ ޖެހިލުންވެފައެވެ. ރަޔާންއަކީ ފިރިހެނެކެވެ. ހަށިގަނޑުގައި ހުރި ބާރު އޭގެ އިރުކޮޅެއް ކުރިން ޔަލްވީއަށް ފެނިއްޖެއެވެ. ދެމީހުން ތިބީ މީހެއްގެ ހިލަމެއް ނުވާހާ ދުރުގައެވެ. ޔަލްވީ ހަޅޭއްލެވިޔަސް، ސަލާމަތަށް އެދުނަސް، އެ އަޑު އިވޭ ހިސާބުގައި އެހެން މީހަކު ނުހުންނާނެއެވެ. ރަޔާން ބޭނުންނަމަ، ބޭނުންގޮތެއް ޔަލްވީއަށް ހެދިދާނެއެވެ.

"މާ ބޮޑަށް ބަލިވެދާނެ ތިހެން ހުއްޓާ. އާދޭ އިށީންނަން. ވާރޭ ހުއްޓަންދެން މި ފަންކޮޅުން ހިޔާވެލެވޭނެ" ޔަލްވީ ގޮތްދޫނުކުރާނެކަން އެނގުނު ނަމަވެސް ރަޔާން ބުނެލިއެވެ.

"ކޮންމެހެން މާ ހެޔޮ އެދިގެން އުޅޭނެ ކަމެއް ނެތް" ޔަލްވީ ތުން އަނބުރައިލިއެވެ. "ތި ފެންވަރުގެ މީހުން ކައިރީ ތިތާ އިންނަން ބުނޭ!"

ޔަލްވީ އަނެއް ފަރާތަށް އެނބުރުނެވެ. ކިތަންމެ ލޮޑުވެފައި ހުރިނަމަވެސް ރަޔާންދެކެ އައިސްފައި ހުރި ރުޅިން ރަޔާން ބުނާ އެއްވެސް ކަމެއް ކުރާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.

ދެވަނަ ފަހަރަށް ޔަލްވީ ހޮޑުލާން ފެށުމުން ރަޔާންއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. ކުރުނބަލެއް ހޯދުމަށް ރަޔާން އަވަސްވެގަތެވެ. ފޯދިފައި ހުރި ރުކެއް ކައިރި ހިސާބަކުން ފެންނަން ނެތުމުން، ވަލުތެރެއަށް ވަނުމަށް ރަޔާން ހިނގައިގަތެވެ.

ރަޔާން ދިޔަ މަންޒަރު ބަލަން ހުރި ޔަލްވީގެ މުޅި ހަށިގަނޑު ބިރުން ތުރުތުރުއަޅައިގަތެވެ. ފަޅު ރަށެއްގައި އެކަނި ހުންނަން ޔަލްވީއަށް ކެރޭނީ ކިހިނެއް ހެއްޔެވެ؟ ބިރުވެރި ފިލްމުތަކުން ފެންނަ މަންޒަރުތައް ހިތަށް ސިފަވުމުން، ފައިވާން ވެސް ދޫކޮށްލުމަށްފަހު ރަޔާންގެ ފަހަތުން ޔަލްވީ ދުއްވައިގަތެވެ.

********.

"އައްސަލާމް އަލައިކުމް"

ގޭތެރެ ކުނިކަހަން އުޅުނު ރަޒީނާ އިލޮށިފަތި ހިފައިގެން ނުކުތީ، ބޭރުން މީހަކު ސަލާމް ގޮވާލި އަޑަށެވެ. އޭރު އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ސިތާރާ ކުޑައެއް ނަގައިގެން ދޮރުމަތީގައި ހުއްޓެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގައި ކުޑަ ނަގައިގެން ސިތާރާ އަންނާނީ ކޮންމެވެސް ވާހަކައެއް ހިފައިގެންނެވެ. ސިތާރާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުންވެސް ކަމެއް ގޯސްވެއްޖެކަން ރަޒީނާއަށް އެނގުނެވެ.

"އަހަނ ސިތާރާ. ހާދަ ނުގަޑިއަކު. އަނެއްކާ ކަމަކުތަ؟" ސިތާރާ އެތެރެއަށް ވަނުމުން، ރަޒީނާ ސުވާލުކުރިއެވެ.

"އަހަރެން ހަމަ އަޖައިބުވެއްޖެ. ކަމެއް ހިނގައިގެން އުޅޭކަން ރަޒީނާއަށް އަދި ނޭނގެނީދޯ؟..." ކުޑަ ލައްޕާ، ދޮރު ކައިރީގައި އަޅުވައިލަމުން ސިތާރާ ބުނެލިއެވެ.

"އަނެއްކާ ކޮން ކަމެއް ހިނގީ؟..." ސިތާރާ އިށީންނަން ގޮނޑިއެއް ނަގަމުން ރަޒީނާ އެހިއެވެ.

"އެނގިއްޖެއޭ އެއްވެސް ކަމެއް ނޭނގޭތީކަން ތިހާ ހަމަޖެހިފަ ތިހުރީ. މިކަން އެނގިއްޖެއްޔާ ރަޒީނާއަށް ވާނެވަރު އެނގޭތީ، ވަރަށް ހިތްވަރުކޮށްފިން މިހިސާބަށް ނާރާ ވޭތޯ. އާނ އެހެންޏާ، ވާހަކައެއް ވިއްޔާ އަހަންނަކަށްވާ ނުހުރެވޭ ވިއްޔަ ނުކިޔައެއް. ރަޒީނާ ވީމަ މިހާ އިރުވެސް ކެތްކޮށްގެން މިގެއަށް ނައިސް ހުރީ. މިއުޅޭ ހަދީޖާމެން ނުވިސްނިޔަސް، އަވައްޓެރިންނާ ދޭތެރޭ އަހަރެން ވިސްނަންވިއްޔަ. ދެން އަމުދަކުން ރަޒީނާގެ ކަމެއްވީމަ އެވަރަކުން މި އައީވެސް." ސިތާރާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ.

ރަޒީނާގެ ކުރިމަތީގައި މާ ހެޔޮއެދިގެން އުޅުނަސް ހަގީގަތަކީ ސިތާރާގެ ހިތުގައި ހަސަދަވެރިކަން ފިޔަވައި އިތުރު އެއްޗެއް ނެތްކަމެވެ. ސިތާރާގެ ދަރިފުޅު ނަވީންއަށްވުރެ ރަޔާން ކުރިއަރައިގެން ދިޔަ ދުވަހުން ފެށިގެން އެ ހިތް ރަޒީނާ މެންނަށް ހެވެއް ނޫނެވެ.

"ސިތާރާ! ތިޔަ ކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެދީބަލަ" ފުން ނޭވާއެއް ދޫކޮށްލަމުން ރަޒީނާ ބުންޏެވެ. ވާހަކައެއް ބުނަން ބޭނުންވެގެން ސިތާރާ އަންނަ ކޮންމެ ދުވަހަކު ރަޒީނާގެ އެތައް ވަގުތެއް ގެއްލިގެން ދެއެވެ.

"މިގޭ ރަޔާން ފިލައިފިޔޯ އެއުޅޭ ޔޫތު މީހާގެ އަންހެންދަރި ގޮވައިގެން" ސިތާރާ ހުރީ ރަޒީނާގެ މޫނަށް ވެރިވާ އަސަރުތަކަށް ބަލާށެވެ.

"އޭނ؟..." ރަޒީނާ ދިޔައީ ސިއްސައިގެންނެވެ.

"މިއުޅޭ މޫސަގެ އަންހެނުން އެބަކިޔާ އެކަހަލަ އެއްޗެކޭ. އަހަރެން ބުނިން މިގޭ ރަޔާނެއް ތިކަހަލަ ކަމެއް ނުކުރާނެއޭ. ތިވާނީ ކޮންމެވެސް އެހެން ރަޔާނަކަށޭ. ނަންވެސް އޮޅިދާނެ ނޫންހޭ. ބުނީމަ ބުނެފި މުޅި ފުލުހުންގެ އިދާރާވެސް ވެލާޓަކަށް އަރައިފިޔޯ ތޯއްޗެކޯ. އެސޮރު ގޭގަ އެބަ އުޅޭތަ؟" ރަޔާން ފެނޭތޯ ހޯދައިލަމުން ސިތާރާ ސުވާލުކުރިއެވެ.

ރަޒީނާގެ އަތުގައި އޮތް އިލޮށިފަތި އަތުން ދޫވެގެން ވެއްޓުނެވެ. ރަޔާން ގޭގައި ނެތުމާއި، ލަހުން އާދެވޭނެކަން އަފްސަމް ފޮނުވައިގެން އެންގި އެންގުމާއި، ސިތާރާ ދެއްކި ވާހަކައާއި ގުޅުމެއް ވެދާނެހެން ރަޒީނާއަށް ހީވިއެވެ. ހަމަ އެސިކުންތުގައި އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ.

"ނުވާނެ ތިހެނެއް. ތީ ބަޔަކު ރާވައިގެން ކުރާ ކަމެއް. މަގޭ ރަޔާން ތިކަހަލަ ވިޔާނުދާ ކަ....މެއް ނު...ކު..ރާ..ނެ" މެޔަށް އެރި ތޫނު ތަދާއިއެކު ރަޒީނާއަށް ވާހަކަ ދެއްކުމަށް ދަތިވިއެވެ.

މޭގައި އަތުން ހިފަހައްޓަމުން ފުންކޮށް ނޭވާލެތޯ ރަޒީނާ މަސައްކަތްކުރިއެވެ. ނަމަވެސް އިސާހިތަކު ހަބަރު ހުސްވެގެން ރަޒީނާގެ ހަށިގަނޑު އަރިއަޅާލިއެވެ.

ސިތާރާއަށް ރަޒީނާގެ ހަށިގަނޑުގައި ހިފާއްޓާލެވުނީ ކިރިޔާއެވެ. ބިންމަތީގައި ރަޒީނާގެ ހަށިގަނޑު ބޭއްވުމަށްފަހު، ސިތާރާ ދުވެފައި މަގުމައްޗަށް ނުކުތީ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ މީހަކު ވޭތޯއެވެ.

********

ރަޔާންގެ ފަހަތުން ދުވަމުންދިޔަ ޔަލްވީގެ ފިޔަވަޅުތައް ހުއްޓުނީ ވަކި ހިސާބަކުން ރަޔާން ގެއްލުމުންނެވެ. ގަސްބޯކަމުން ދާންވީ ކޮޅެއް ނޭގިފައި ހުރި ޔަލްވީގެ ހަށިގަނޑު ބިރުން ރޫރޫ އަޅައެވެ. ބޯކެޔޮ ގަސްތަކުގެ ކަށި އެޅި، ޔަލްވީގެ ހަށިގަނޑުގެ އެތަށް ތަނެއް ޒަހަމުވެއްޖެއެވެ. އެ ތަންތަނުން ދިލަ ނަގަން ފެށުމުން ޔަލްވީ ފެންކަޅިވިއެވެ. ދުވެދުވެ މީހާ ހުރީ މާނޭވާ ލެވޭވަރުވެފައެވެ. އެވަރަށް ހޮޑުލެވުމުގެ ސަބަބުންން ޔަލްވީގެ ގައިން ވަރުދޫވެ މުޅިތަން އަނދިރިވާން ފެށިއެވެ. ހަށިގަނޑު އަރި އަޅާލައިގެން ވެއްޓެންދިޔަ ވަގުތު ކުރިމަތީގައި ހުރި ގަހުގެ އޮފިގަނޑެއްގައި ހިފެހެއްޓުމަށް ޔަލްވީ މަސައްކަތްކުރިއެވެ.

********

ކުރުނބާ އިހަލެއް ހިފައިގެން އަތިރިމައްޗަށް ނުކުތް ރަޔާން ކަންބޮޑުވީ ޔަލްވީ ފެންނަން ނެތުމުންނެވެ. އެހާލުގައި ހުރެގެން ޔަލްވީ ދާނެ ތަނަކާއި މެދު ރަޔާންއަށް ވިސްނާލެވުނެވެ. ރަޔާންގެ ލޮލުގައި ޔަލްވީގެ ފައިވާން އަޅައިގަތީ އެކި ތަންތަން ހޯދަމުން ދަނިކޮށެވެ. ފައިވާން ދޫކޮށްލުމަށްފަހު ޔަލްވީ ދާނީ ކޮންތާކަށް ބާއޭ ރަޔާންގެ ހިތަށް އެރިއެވެ. ރަޔާން ވަށައިގެން ހޯދާލީ ޔަލްވީގެ ފިޔަވަޅުގެ ނިޝާން ފެންނަން ހުރުމުންނެވެ. އެފިޔަވަޅުތައް ގޮސް ނިމިފައިހުރީ ރަޔާން ވަލަށް ވަން ދިމާލުންނެވެ. ޔަލްވީ ދިޔައީ ރަޔާންގެ ފަހަތުން ކަން އެނގުމުން، ރަޔާން ދުވެފައި ގޮސް ވަލަށް ވަނެވެ.

ޔަލްވީއަށް ގޮވަމުން ރަޔާން ވަލުތެރެއަށް ވަދެގެން ދިޔައެވެ. އެތައް އިރަކު ގޮވުމުން ވެސް ޔަލްވީގެ ހަބަރެއް ނުވިއެވެ. ރަޔާން މާޔޫސްވެ، ކަރު އެލޭގޮތް ވިއެވެ. އެހާ ބޮޑު ރަށަކުން އޭނާ ޔަލްވީ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ރަޔާން ހާސްވީވަރުން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އަނެއްކާ ޔަލްވީ ފިލީ ހެއްޔެވެ؟ ނޫނީ ސަމާސާއެއް ކުރަނީ ހެއްޔެވެ؟

ރަޔާންއަށް ޔަލްވީ ފެނުނީ އެތައް އިރަކު ގޮވި ފަހުންނެވެ. ޔަލްވީ އޮތީ ވެއްޓިފައެވެ. ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ކުޑަކަކޫ މައްޗަށްވާހެން އިށީނދެލަމުން ޔަލްވީގެ ހަށިގަނޑަށް ރަޔާން ވަރަށް ފުން ނަޒަރެއް ދިނެވެ. ޔަލްވީގެ ހަށިގަނޑުގެ އެތައް ތަނެއްގައި ކުދިކުދި ޒަހަމުތައް ފެންނަން ހުއްޓެވެ. އޮމާން މޫނުކޮޅުގައި ވަނީ ކޫރުން އެޅިފައެވެ. ކޮށްފައިވާ މޭކަޕްތައް ފޭދިގެން މުޅި މޫނުގެ އެކި ހިސާބުތައް ހުރީ ކަޅުވެފައެވެ. ލައިގެން އޮތް ޓޮޕްކޮޅުވެސް ވަނީ އެތައް ތަނަކުން ވީދައިގެން ގޮސްފައެވެ.

ރަޔާން ޔަލްވީ އޭނާގެ އަތްދަނޑި މައްޗަށް އުފުލައިލިއެވެ. އޭރުވެސް ޔަލްވީ އޮތީ ހަބަރުހުސްވެފައެވެ. ވަލުތެރެއިން ނުކުތް ރަޔާން ސިހުނީ ކޮންމެވެސް މީހަކު އޭނާގެ ކުރިމައްޗަށް އެރުމުންނެވެ. އެއީ ޔުނީފޯމުގައި ހުރި ފުލުހެކެވެ. އެމީހަކު ކޮންމެވެސް އެއްޗެކޭ ކިޔައި ހަޅޭއްލަވައިގަތުމުން، ޔުނީފޯމުގައި ތިބި ފުލުހުންތައް އައިސް ރަޔާން ވަށައިލިއެވެ. އެމީހުން ރަޔާނަށް ބަލަން ތިބި ގޮތުން ރަޔާން ހާސްވާން ފެށިއެވެ. އަތްދަނޑިމަތީގައި ހަބަރު ހުސްވެފައި އޮތް ޔަލްވީއަށް އަވަސް ނަޒަރެއް ދެވުނެވެ. އެފަދަ ގޮތަކަށް ފުލުހުންގެ ކުރިމައްޗަށް ނުކުމެވުމުން ރަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސަލާމަތުން އަވަހަށް އެރަށުން ފޭބޭގޮތްވުމުން ލިބުނު ހަމަޖެހުމަށްވުރެ އެމީހުން ބަލަން ތިބިގޮތުން ލިބުނު ނުތަނަވަސްކަން ބޮޑުވިއެވެ.

"މި...މި... ހަބަރު ހުސްވެފަ އޮތީ..މަ....." ދިފާއުގައި ދައްކާނެ ވާހަކައެއް ވެސް އެވަގުތު ރަޔާންގެ ދުލަކަށް ނައެވެ.

ކުށްވެރިއަކު ފަދައިން ރަޔާން ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ވަގުތާއި ހާލަތުގެ ގޮތުން ރަޔާންއަށް ދެއްކޭނެ އިތުރު ވާހަކައެއް ވެސް ނެތެވެ. ރަޔާން ޖެހޭނީ ޔަލްވީ ހޭ އަރަންދެން މަޑުކުރާށެވެ.

********

ރަޒީނާގެ ހާލު ސީރިއަސްވެ، އަވަސްފަރުވާ ދޭން ފެށުނެވެ. ސިތާރާ ހުރީ ހަދާނެގޮތް ހުސްވެފައެވެ. ރަޒީނާގެ އާއިލާގައި އިތުރު މީހަކު ނެތުމާއިއެކު، ހޮސްޕިޓަލުގައި މަޑުކުރަންވެސް ޖެހުނީ ސިތާރާއަށެވެ. އެހުރިހާ ކަމަކާއި ސިތާރާ ހުރީ ސިކުނޑި ސުމަކަށްދާވަރުވެފައެވެ.

ރަޒީނާ ކުއްލިގޮތަކަށް ހޮސްޕިޓަލަށް ގެންދިޔަ ހަބަރު ލިބުމާއިއެކު ލިމްޔާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ރަޔާންއަށް ވީނުވީއެއް ނޭނގި ގެއްލުމުން، އެކަމުގެ ހިތާމައިގައި ހުއްޓާ ރަޔާންގެ މަންމަގެ ހާލު ގޯސްވީއެވެ. ލިމްޔާ ހޮސްޕިޓަލަށް ގޮސް ސިތާރާގެ ކައިރިން ވެގެން އުޅޭގޮތް ސާފުކުރިއެވެ. އަދި ޑޮކްޓަރ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަންފެށިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު