ރަށުގެ ފަސްގަނޑުގައި ލޯންޗް ބީއްސާލުމަށްފަހު، ރަޔާން ބަލައިލީ ކައިރީގައި އޮތް އަންހެންކުއްޖާގެ މޫނަށެވެ. ތެމިފައިވާ އިސްތަށިގަނޑުން އެކުއްޖާގެ މޫނު ވަނީ ނިވާވެފައެވެ. އެކުއްޖާ ލައިގެން އޮތް އަންނައުނު އެކީހެން ތެމިފައިވާއިރު، ކުރު ޓޮޕްކޮޅު އޮތީ ކުޑަކޮށް ހިއްލިފައެވެ. ތެމިފައިވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ރީތިކޮށް ފާޅުވާން ހުއްޓެވެ. ރަޔާން މަޑުމަޑުން ތިރިވެ، އަންހެންކުއްޖާގެ މޫނާއި ދިމާއަށް އަތް ގެންދިޔައެވެ. ދެފިކުރެއްގައި އިނދެގެންނެވެ. ތުރުތުރުލަމުންދިޔަ އިނގިލިތަކުން އެކުއްޖާގެ މޫނުގައިވި އިސްތަށިކޮޅުތައް ނަގާ އެއްފަރާތްކޮށްލިއެވެ. ކަޝްފުވެގެންދިޔައީ ރަޔާންއަށް އައު މޫނެއް ނޫނެވެ. ރަޔާންއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ބިރެއް ފެނުމުން ތެދުވާހެންނެވެ.

********

ޔަލްވީ އެފަދަ ކަމެއް ކުރީ ކީއްވެ ހެއްޔެވެ؟ ރަޔާން އަވަސް އަވަހަށް އޭނާ ލައިގެން ހުރި ގަމީސް ބޭލުމަށްފަހު، ޔަލްވީގެ ގައިމަތީގައި އެޅިއެވެ. މިއަދަކީ ރަޔާންއަށް މުހިއްމު ދުވަހެކެވެ. ކޮންމެހެން ރަށުގައި ހުންނަންޖެހޭ ދުވަހެކެވެ. އެފަދަ ދުވަހެއްގައި ދިމާވި ކަމަކުން ރަޔާންގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ.

ރަޔާން ބަލަން ހުއްޓާ، ޔަލްވީ އުނދަގޫގޮތަކަށް ތެދުވިއެވެ. އޭރު ހީކަރުވައިގަނެގެން ޔަލްވީގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ޔަލްވީ އިނީ ލޯ ހުޅުވާލަންވެސް އުނދަގޫވެފައެވެ. ޔަލްވީގެ ހާލާއިމެދު ރަޔާންއަށް ހަމްދަރުދީ ވެވުނެވެ. ރަށަށް ދާން ކިތަންމެ ބޭނުންވި ނަމަވެސް، ކަނޑު އެހާ ގަދައިރު ދަތުރުނުކުރެވޭނެކަން ރަޔާންއަށް އެނގެއެވެ. އަނެއްކޮޅުން ޔަލްވީ އާއި މެދުގައިވެސް ވިސްނަން އޭނާއަށް މަޖުބޫރެވެ. ޔަލްވީ އެފަދަ ހާލެއްގައި ވަނިކޮށް ގަދަ ކަނޑެއްގައި ދަތުރު ކުރާނީވެސް ކިހިނެއް ހެއްޔެވެ؟

ކުރިމަތީ ފެންނަން އޮތް ރަށަށް އެރުމަށް ރަޔާން އަވަސްވެގަތެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލުމުގެ ކުރިން ހިޔާވެވޭނެ ގޮތެއް ހޯދަން ރަޔާން ބޭނުންވިއެވެ. ވަތުތެރޭގައި އޮތް ނަގިލި ހިފައިގެން ގޮސް ލޯންޗްގެ ކުރީކޮޅުގައި ރަޔާން ހުއްޓުނެވެ. ކުރިމަތިން ފެންނަން އޮތީ ފަޅުރަށެކެވެ. ރަށުގެ މަލަމަތި ފެނުމުން ރަޔާންއަށް އެވަރު ޔަގީންވިއެވެ.

ނަގިލި އެއްލުމަށްފަހު، ލޯންޗުގައި އޮތް ބޮޑު ވާ ހިފައިގެން ރަޔާން މޫދަށް ފުންމާލިއެވެ. ވާ ގެންގޮސް ރަށުގެ އަތިރިމަތީގައި ހުރި ބޮޑު މިދިލި ގަހުގައި އެއްސިއެވެ. އެހުރިހާ ކަމެއް ނިންމާފައި ރަޔާން ލޯންޗަށް އެރިއިރުވެސް ޔަލްވީ އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ރަޔާން އުޅޭކަން ޔަލްވީއަށް ނޭނގޭ ކަހަލައެވެ. ނޫނީ ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް އެކުއްޖާއަށް ނުވަނީއެވެ. ރަޔާން ލޯންޗުގައި ހުރި ސާމާނުތަކުގެ ތެރެއިން ކޮންމެހެން ބޭނުންވާނޭ ސާމާނުތައް ރަށަށް އެރުވިއެވެ. އޭނާ އެނބުރި އައިސް ލޯންޗަށް އެރިއިރު ޔަލްވީ ހުރީ ކޮޅަށެވެ. އަތުގައި ކުޑަ ދަނޑިކޮޅެއް އޮތެވެ. ދެލޯ ބޮޑުކޮށްގެން ރަޔާންއަށް ބަލަން ހުރިއިރު، ޔަލްވީގެ ދެލޮލުން ފެންނަމުން ދިޔައީ ބިރާއި ސިހުމެވެ. ރަޔާން ކުރިއަށް ޖެހިލިއެވެ.

"ދުރުގަ ހުރޭ! ކައިރިނުވާތި!" ޔަލްވީ ހަޅޭއްލަވައިގަތެވެ.

ޔަލްވީ ލޯންޗަށް އެރިއިރު، ލޯންޗުގައި މީހަކު ނެތެވެ. ވީއިރު، މިހާރު މީހަކު ހުންނަންވީ ކީއްވެ ހެއްޔެވެ؟

"އަހަރެން..." ރަޔާން އެއްޗެއް ބުނަން އުޅުނެވެ.

"ޝޫ..ޝޫ. ޝޫ. ތީ ޖިންނިއެއް. ދުރުގަ ހުރޭ!..." އަތުގައި އޮތް ދަނޑިކޮޅު ރަޔާންއާއި ދިމާއަށް ހޫރައިލަމުން ޔަލްވީ ހަޅޭއްލެވިއެވެ.

ރަޔާންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ޔަލްވީ އެހާ ބިރުގަތީ އޭނާ ލައިގެން ހުރި ރަތްކުލައިގެ ޓީޝާޓުގެ ސަބަބުން ހެއްޔެވެ؟ އެ ޓީޝާޓު ރަޔާންއަށް ފެނުނީ ލޯންޗުގައި ހުރި ސާމާނުތަކުގެ ތެރެއިންނެވެ.

ރަޔާން ހޭންފެށުމުން ޔަލްވީ އިތުރަށް ބިރުގަންނަގޮތްވިއެވެ. ޝީޓުގެ މައްޗަށް ކޮޅަށް އަރާ ބާރަށް ރޯންފެށިއެވެ.

"ހޭއި، ހޭއި އަޑު އަހާބަލަ..." ރަޔާން ހާސްވިއެވެ. "އަހަރެން މީ އިންސާނެކޭ..."

"ނާންނާތި!..." ރަޔާން ކުރިއަށް ޖެހެން އުޅުމުން، ޔަލްވީ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"ގުރުއާން ކިޔަވަންވީތަ؟..." ރަޔާން އަހައިލިއެވެ. "އޭރުން ގަބޫލުކުރާނަންތަ އަހަންނަކީ އިންސާނެއްކަމަށް؟..."

ޔަލްވީ ކުއްލިއަކަށް ހިމޭންވިއެވެ. ރަޔާންއާއި ދިމާއަށް ފާޑަކަށް ބަލައިލިއެވެ. ރަޔާން ދިގު ސޫރަތެއް ކިޔާ ނިންމާލުމުން، ޔަލްވީއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުން ތިރިވެ، ޝީޓުގައި އިށީނެވެ. ހަގީގަތަކީ ރަޔާން ކިޔެވީ ކޮން ސޫރަތެއް ކަމެއްވެސް ޔަލްވީއަށް ނޭނގޭކަމެވެ.

"އަހަރެން ނުގަނޭ ބިރެއް" ނޫންކަމަށް ހަދާފައި ޔަލްވީ ބުނެލިއެވެ.

"ފައިބަންވީނު..." ރަޔާން އެދުނެވެ.

"ފައިބާށޭ؟..." މަލާމާތުގެ ރާގަކަށް ޔަލްވީ އަހައިލިއެވެ. "ނޫޅެން އެހާ ހަޑި ރަށަކަށް ދާކަށް. ބޭނުމީ މާލެދާން. ހަމަ މިހާރު މާލެ ގެންގޮސްދީ!"

ދިމާވި ބިރުވެރި ހާދިސާއަށްފަހުވެސް ޔަލްވީ އިނީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ހިތުގައި ބިރުވެރިކަން އޮތްނަމަވެސް ގޮތް ދޫކުރުމަކީ ޔަލްވީ އެއްވެސް ވަރަކަށް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ރަޔާންއަށް ވީގޮތް އެނގުނީ ދެނެވެ. ޔަލްވީ ލޯންޗަށް އެރީ މާލެދާށެވެ. ރަޔާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ޔަލްވީއަކީ އޭނާ ހީކުރި ކަހަލަ ކުއްޖަކަށް ނުވުމުންނެވެ.

"ވަރަށް ބޮޑު ވިލާގަނޑެއް ނަގާފަ އެހުރީ. ބޯކޮށް ވާރޭ ވެހޭނެ" ރަޔާން މަސައްކަތް ކުރީ ޔަލްވީއަށް ވިސްނައިދޭށެވެ.

ޔަލްވީ ތެދުވެގެން ދިޔަ ބާރުމިނުގައި އިންޖީނު އިސްޓާޓްކުރުމަށް ތަޅުދަނޑި ނެގިއެވެ. ރަޔާން ހާސްވިއެވެ. ޔަލްވީ ކުރި ކަމަކުން ދެމީހުންގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އަނެއްކާވެސް އެފަދަ ކަމަކަށް މަގުފަހިވެދާނެފަދަ ކަމެއް ކުރަން ޔަލްވީއަށް ފުރުސަތު ދީގެން ހުންނާކަށް ރަޔާން ބޭނުމެއް ނުވިއެވެ. ރަޔާން ޔަލްވީގެ އަތުން ތަޅުދަނޑި އަތުލިއެވެ.

"ވަޓް..." ޔަލްވީގެ ބޮޑު ދެލޮލުން ރަޔާންއަށް ބަލައިލީ، ދެބުމަ ކައިރިކޮށްލަމުންނެވެ. "ލުކް މިސްޓަރ! ތިމީހާ ބޭނުމިއްޔާ މިރަށަށް ހަމަ ފައިބަންވީ. އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ. އަހަރެން ބޭނުމެއް ނޫން މިރަށަށް ފައިބާކަށް. ގެނޭ ތަޅުދަނޑި"

"މީ ތިކަހަލަ ކަންކަން ކުރަންވީ ވަގުތެއް ނޫން. ތީ އަންހެން ކުއްޖެއް. އެކަނި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ކޮންމެ ކަހަލަ ކަމެއްވެސް ދިމާވެދާނެ" ތަޅުދަނޑި މުށުތެރެއަށްލަމުން، ރަޔާން އޭނާގެ ދެއަތް ލީ ފުރަގަހަށެވެ.

"ބުނެފީމެއްނު ތަޅުދަނޑި ދޭށޭ! ގެނޭ..." ރަޔާންގެ އަތުން ތަޅުދަނޑި އަތުލުމަށް މަސައްކަތް ކުރަމުން ޔަލްވީ އަމުރުކުރިއެވެ.

ރަޔާން އަތް ނެގީ މައްޗަށެވެ. ޔަލްވީ ފުންމާލާފައި ތަޅުދަނޑި އަތުލެވޭތޯ އުޅުނެވެ. ހެޔޮވަރު އިސްކޮޅެއް ހުރިނަމަވެސް ރަޔާންގެ ކައިރީގައި ޔަލްވީ ހީވަނީ ވަރަށް ކުޑަ ކުއްޖެއް ހެންނެވެ. މައްޗަށް ފުންމާލުމުން، ރަޔާންގެ އަތާއި ހަމައަށް ޔަލްވީގެ އަތް ފޯރަނީ ކިރިޔާއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ޔަލްވީގެ ހަރަކާތްތަކަށް ގެއްލިފައި ރަޔާންއަށް ހުރެވުނެވެ. އެރީތި އަންހެންކުއްޖާގެ ސިފައާއި އެއްވަރަށް ރަނގަޅު އަހުލާގެއް ހުރިނަމައޭ ހިތަށް އެރިއެވެ.

"ގެނޭ.. މިބުނީނު ދޭށޭ" އައި ރުޅީގައި ޔަލްވީ ހީވީ ރަޔާން ވެސް ނޮޅާލަފާނެ ހެންނެވެ.

ރަޔާން ތަޅުދަނޑި ޖީބަށް ލިއެވެ. ޔަލްވީ ރުޅިގަދަވެގެން ރަޔާންގެ ގައިގައި އަތުން ތަޅަން ފެށިއެވެ. ޔަލްވީ މައިތިރިވޭތޯ އެއްވެސް ހަރަކާތެއް ނުކޮށް އެތައް އިރަކު ރަޔާން ހުއްޓެވެ. އެންމެފަހުން ރަޔާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ޔަލްވީގެ ދެއަތުގައި ހިފާ ހައްޔަރުކޮށްލިއެވެ. ދެބުމަ ގޮށްޖަހާލަމުން ރަޔާން ޔަލްވީ އާއި ދިމާއަށް ބަލައިލިއެވެ.

އެހާ ކައިރިން ޔަލްވީގެ ރީތި ސޫރަ ފެނުމުން ރަޔާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ދެމީހުންވެސް ތިބީ ވަމުންދިޔަ ފިންޏަށް ކެތްނުކުރެވޭވަރު ވެފައެވެ. އެފަދަ ވަގުތެއްގައި ޔަލްވީފަދަ ރީތި ކުއްޖަކު ކައިރީގައި ހުރުމުން ރަޔާންގެ ނިޔަތް ގޯސްވާން އުޅުނެވެ. ރަޔާން އެއް އަތުން ޔަލްވީގެ ދެއަތް ހައްޔަރުކޮށްލަމުން އަނެއް އަތުން ޔަލްވީގެ މޫނުމަތީގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަދިނެވެ. ރަޔާން ދެން ކޮށްލި ކަމަކުން ޔަލްވީގެ ހަރަކާތްތަކަށް ހުއްޓުމެއް ގެނުވިއެވެ.

********

ސަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވިފައިވާ ކުށްވެރިއަކު ފަދައިން ނިމާލުގެ ކުރިމަތީގައި އަފްސަމް ހުރީ އިސްޖަހާލައިގެންނެވެ. ހާސްވެ ކަންބޮޑުވެފައި ހުރިވަރުން އިސާހިތަކު މުޅި މީހާ ދާހިއްލާ ފޯވާން ފެށިއެވެ. ހުރިހާ ކަމެއް ވީ އަފްސަމްގެ ސަބަބުންނޭ ހިތަށް އެރިއެވެ. ނިމާލުގެ ކުރިމަތީގައި ހުންނަށް އަފްސަމް ޖެހިލުންވީ ސަބަބެއް ނެތިއެއް ނޫނެވެ. ނިމާލަކީ ބާރުގަދަ ސަހުސިއްޔަތެކެވެ. ކޮށްލާ އެންމެ އިޝާރާތަކާއިއެކު، އަފްސަމްގެ މުޅި ދިރިއުޅުން އަނދާ އަޅިއަށްވެދާނެއެވެ. ހުރި ހަމައެކަނި ދަރިފުޅުދެކެ ނިމާލު ވާ ލޯބި، އެދެލޮލުން ހުރީ ހާމަވާށެވެ.

"އަޅުގަނޑަށް އޭރުވެސް ޝައްކުވިޔޭ ރަޔާންގެ އަތެއް ވާނެކަން ތިކަމުގަ. އަންހެން ކުއްޖަކަށް އެކަނި އެހާ ހިތްވަރެއް ނުދެއްކޭނެ" ކަންބޮޑުވެފައިވާ ނިމާލުގެ މޫނު ފެނި، އޮފީހުގެ މުވައްޒަފެއް ކަމުގައިވާ ނަވީން ބުނެލިއެވެ.

ރަޔާން އާއިމެދުގައި ނަވީންގެ ހިތުގައި ނަފުރަތު ނޫން އެއްޗެއް ނުވެއެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި ރަޔާން އޭނާގެ މަގުން އެއްފަރާތްކުރުމަށް ނަވީން އަވަސްވެގަތެވެ.

"ނަވީން!..." އަޝްރަފް އަވަހަށް ނަވީންގެ ވާހަކަ ހުއްޓުވިއެވެ. "މީ ނަވީން އާ ގުޅޭ މައްސަލައެއް ނޫނެއްނު. މިވަގުތު ކަމާ ނުގުޅޭ ވާހަކަ ދެއްކުން އެހާ ރަގަޅެއް ނޫން"

ނަވީންގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާގެ ވާހަކަތަކުން ނިމާލުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ފެނުމުންނެވެ.

ނިމާލުގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހާސްކަން ދެގުނައަށް އިތުރުވިއެވެ. ރަޔާންއަށް އޭނާ ކުރި އިތުބާރު ގެއްލިއްޖެއެވެ. ހިތް އެކީހެން ކިލަނބުވިއެވެ.

ފާރާއި ނިވާވެލައިގެން ހުރިއިރު، ލިމްޔާގެ ހިތް ވަނީ ހަލާކުވެފައެވެ. ދެލޯ ފެންކަޅިވިއެވެ. ރަޔާން އެފަދަކަމެއް ނުކުރާނެކަމުގެ ޔަގީންކަން ލިމްޔާއަށް އޮތެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް ރަޔާންއަށް އޭނާ އިތުބާރު ކުރެއެވެ. ރަޔާން އާއި މެދު އެފަދަގޮތަކަށް ވާހަކަދެއްކީތީ، ލިމްޔާގެ ހިތުގައި ނަވީންއާއިމެދު އޮތް ނަފުރަތު ދެގުނަ އިތުރުވިއެވެ.

********

ޔަލްވީގެ އުނަގަނޑުގައި އަތްއަޅުވާލުމަށްފަހު، ރަޔާން އޭނާއާއި ގާތަށް ޔަލްވީގެ ހަށިގަނޑު ދަމާލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ޔަލްވީ ގޮސް ރަޔާންގެ ގައިގައި ޖެހުނެވެ. އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި ޔަލްވީއަށް ހުރެވުނީ ހުރިހާ ކަމެއް ހިނގީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ވުމުންނެވެ. ހަމަ އެސިކުންތުގައި ޔަލްވީ އަތްދަނޑިމައްޗަށް ލައިގެން ރަޔާން މޫދަށް ފުންމާލިއެވެ. ޔަލްވީގެ ހަޅޭކުގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިގެން ދިޔައެވެ. މޫދުގެ ލޮނުގަނޑުގައި ޖެހުމުން ޔަލްވީ ތެޅިގަނެފައި ރަޔާންގެ ކަރުގައި ހިފިއެވެ. އިސްކޮޅު ޖެހޭނެކަން އެނގުނު ނަމަވެސް، މޫދުގައި ގާ ހުރުމުން ފައިޖައްސަން ޔަލްވީ ބިރުގަނެއެވެ.

"ވަޓް ދަ ހެލް" ރަށަށް އެރުމާއިއެކު ޔަލްވީ ރަޔާންގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލިއެވެ.

ރަޔާން ހިމޭނުން ހުރީއެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ. ހީކަރުވައިގަނެގެން މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައިރުވެސް ހުރިތަނުން ގުޑިނުލައި ޔަލްވީ ހުއްޓެވެ. ރަޔާން އެއްގަމާއި ދިމާއަށް ދުއްވައިގަތުމުން ޔަލްވީވެސް ފަހަތުން ދިޔައެވެ.

"މިކަމުގެ ބަދަލު ލިބޭނެ އިނގޭ. އެހާ ފަސޭހައިން ސަލާމަތް ވެވޭނެ ކަމަށް ހީނުކުރާތި!" މިދިލިގަހުގެ ނިވަލުގައި ހުރި ރަޔާންގެ ކުރިމަތީގައި ހުއްޓިލަމުން ޔަލްވީ އިންޒާރު ދިނެވެ.

ރަޔާން އެއްޗެއް ނުބުނެ އުޑުމަތި ބަލައިލިއެވެ. ނަގާފައި އޮތީ ބޮޑު ވިލާގަނޑެކެވެ. ވައިގަދައެވެ. އަވަހަށް ވާރޭ ހުއްޓާނެހެން ހީނުވާތީ، ރަޔާން ބެލީ ރަނގަޅަށް ނިވާވެލެވޭނެ ތަނެއް ފެނޭތޯއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު