ހަސަނުލްބަސަރީ ރަހިމަހުﷲ ވިދާޅުވިއެވެ. މުއުމިނެއްގެ ކިބައިގާ ހުންނާނެ އެންމެ މާތް އެއް ސިފައަކީ އަފޫކުރުމެވެ."

***

" ބިޒީ ކަންނޭނގެ....." ފޯނު ކެނޑުމުން އުރުޖުވާން އަށް ބުނެލެވުނެވެ. ދެވަނަ ފަހަރަށް ގުޅަން ނެހެދީ މާޒިމް އަށް މިފަދަ އުފާވެރި ހަބަރެއް ދޭން ވާނީ ޚާއްސަގޮތަކަށް ކަމަށް ގަބޫލުކުރެވޭތީއެވެ. ލިބުނީ އިތުރު ހިތްވަރެކެވެ.

ވަރުބަލިކަން އިހުސާސްކުރެވުނު ނަމަވެސް އުރުޖުވާން ބޭނުންވީ މާޒިމް އަށް ސަޕްރައިޒެއް ދިނުމަށެވެ. ދުއްވައިގަންނަން އުޅެފައިވެސް ފިޔަވަޅުތައް މަޑުކޮށްލީ މިހާރު ހުރި ހާލަތުން އިތުރަށް އަމިއްލަ ނަފްސާއި މެދު ފަރުވާ ބަހައްޓާން ޖެހޭނެ ކަން ހަނދާންވެއެވެ.ތުންފަތް މަތީގައިވީ ހިނިތުންވުން އިތުރުވިއެވެ. ހިތް ﷲ ގެ ޒިކުރުން ފުރުނެވެ. މާމަ ގެ މަތީން ހަނދާންވެ ހިތަށް ތަދުވި ނަމަވެސް މާމަ ދުނިޔޭގައި ހުރިނަމަ އުފާވާނެ ވަރު ވިސްނި ހިތަށް ތަސައްލީ ގެނެސްދޭން މަސައްކަތްކުރިއެވެ. ސިޓިން ރޫމަށް ނިކުމެވުނު ވަގުތު ބޭރުން ޒުވާބެއްގެ އަޑު ކަންފަތުގައި ޖެހުނުހެން ހީވިއެވެ. ސިޓިންރޫމް ތެރޭގައި އަހުމަދު ހުރިތޯ ބަލައިލަން ލޯ ހިންގައިލި އިރު އޭނާގެ ހިލަމެއް ނެތުމުން ބޭރު ބަލައިލަން ގަސްތުކުރިއެވެ. މާޒްވިލާގެ ދޮރަކީ ކުރީގެ ހައިވަކަރު މޮޅު ދޮރެއް ކަމުން އެ ދޮރުގެ ބަރު އިހުސާސް ކުރެވުނީ ހުޅުވަން މަސައްކަތް ކުރި ވަގުތުއެވެ. އުނދަގުލުން ނަމަވެސް ދޮރު ކުޑަކޮށް ހުޅުވުނު ވަގުތު ހަނި ދޭތެރެއިން ފެނުނީ އަހްމަދު މީހަކާއި ވާހަކަ ދައްކާތަނެވެ. އެ މީހާގެ ހަށިގަނޑުގެ އެއްބައި ފެންނަން ހުރި އިރު މޫނު ރަނގަޅަކަށް ނުފެނެއެވެ.

" ކަލޭ މިތަނަށް ވެއްދީ ކާކު؟ ހަމަ މިހާރު ނިކުމޭ....." އަހްމަދު އިންޒާރު ދިނެވެ. އުރުޖުވާން ގެ ހިތަށް ވެރިވީ ހާސްކަމެކެވެ. އަހްމަދު އަަބަދުވެސް ސިފަ ކުރެވެނީ މަޑުމައިތިރި ޚުލްގުހެޔޮ މީހެއްގެ ގޮތުގައި ކަމުން އެހާ ފަސޭހައިން ރުޅި އިސްކޮށްފާނެ މިހެއްގެ ސިފައިގައި އުރުޖުވާންއަށް ގަބޫލުނުކުރެވުނީއެވެ. ދޮރު ހުޅުވަން މަސައްކަތް ކުރި ނަމަވެސް ވައި އެޅޭ ގޮތުން އިތުރަށް ދޮރު ބަރުވިއެވެ. އުރުޖުވާން އަށް ހީވީ ދޮރުގައި ބާރަށް މީހަކު ހިފަހައްޓަނީ ހެންނެވެ.

"މިގޭގެ ވެރިމީހާ....އެ ކޮޔެ ވެސް އެބަ އުޅޭ ދޯ..." ބާރު ހިނިގަނޑެއް ޖަހައިލަމުން އާދަމް ބުނެލިއެވެ. އަހްމަދަށް އޭނާގެ އަތް އުފުލައިލެވުނެވެ. ނަމަވެސް އާދަމް ހުޝިޔާރު ކަމާއި އެކު އެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

" ނާވިޔާ މަތިން ވަރަށް ހަނދާންވޭދޯ.....ހަމަ އެ މުޑުދާރު ސިފަ ވިއްޔާ....ވަރަށް ބޭނުންވި ދޯ އޭނަ ކަލޭގެ ދަރިއަކަށް ހަދަން....މަރުވެގެން ދިޔަ އިރު އެ ނަޖިސްގަނޑުވެސް ގޮވައިގެން ކަށްވަޅަށް ދިޔަނަމަ....މަޖާ ރެއެއް ދޯ އެއީ....ޓެރެސް މަތިން ވޫޝް....މަށަށް ހީވާ އެއްޗެއް ބުނަން.....ކޮންމެވެސް މީހަކު އޭނަ މަރާލީ...." ޖެއްސުމުގެ ރާގުގައި ވާހަކަ ދެއްކި އާދަމް ބޭނުންވީ އަހްމަދުގެ ރުޅި އިތުރަށް ގަދަކުރުމަށެވެ. އަދި ފަހު ޖުމްލަ ބުނެލީ ހަނިކޮށް ހުޅުވިފައި އިން ދޮރަށް ބަލައިލަމުންނެވެ. އަހްމަދު އޭނާގެ އަތް ދަމައިގަނެފައި އާދަމް މޫނުގައި އެތިފަހަރެއް ޖެހި އަޑުއިވުނެވެ. އުރުޖުވާންގެ ކަންފަތުގައި އެ އަޑު ޖެހުމާއިއެކު ދޮރުގެ ތަޅު އަތުން ދޫވިއެވެ. ފައި ބިންމަތީގައި ހަރުލީ ކިރިޔާއެވެ. އެތަނުގައި ހުރި މޭޒެއްގައި ހިފާލެވުނު ނަމަވެސް އޭގެ މަތީގައި އިން މާތަށި ވެއްޓި ތެޅުނު އަޑު ތަނުގައި ގުގުމާލިއެވެ. ބިއްލޫރި ވަށްޓެއްކަމުން އެ ތަޅައިގެން ދިޔައީ ކުދި ކުދި ވެގެންނެވެ. އުރުޖުވާންގެ ހިތްވެސް އެވަގުތު އެފަދައެވެ. އުރުޖުވާން ހުރީ ގުޑައިލަންވެސް ނުކެރިފައެވެ. އާދަމް ދެއްކި ވާހަކަތައް އޭނައަށް ސާފުކޮށް އަޑުއިވުނެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައެއީ އިޚުތިޔާރަކާއި ނުލައެވެ. އޭނާގެ މަންމަ އަށް ދިމާވީ ކޮންފަދަ ހާދިސާއެއް ބާވައެވެ. އެވަގުތު އަހްމަދުގެ ފިޔަވަޅުތަކުގެ އަޑު އިވުމުން މޫނު ސާފުކޮށްލިއެވެ.

" ދަރިފުޅު.....އާ ޔޫ އޯކޭ؟" ގެއަށް ވަދެފައި އުރުޖުވާން ފެނުމާއެކު އަހްމަދު ހާސްކަމާއި އެކު ދުވެފައި އައެވެ. ބިންމަތީ ހުރި ބިއްލޫރިކޮޅުތައް ފަޔަށް ހެރުނު ނަމަވެސް އެކަމަކަށް ސަމާލުކަމެއް ނެތިއެވެ. އުރުޖުވާން ގެ ފައިތިލަ ކައިރީ އޮތް ބޮޑު ބިއްލޫރިގަނޑު ދުރުކޮށްލަދިނީ އަވަސް ވެފައި ހުރެއެވެ. އާދަމްދެކެ އާދެވުނު ރުޅިގަނޑުވެސް މަތަވިއެވެ. ބަސްހުއްޓިފައި ހުރި އުރުޖުވާން އަށް އަހްމަދުގެ ކަންބޮޑުވުމާއި އަޅައިލުން އިހުސާސްވެ ރޮވޭގޮތްވިއެވެ.

" އެއްވެސް ތަނެއް ކެނޑުނުތަ؟ތަދުވަނީތަ؟" އަހްމަދު ކަންބޮޑުވެފައި ހުރެ އުރުޖުވާން އަތުގައި ހިފަމުން ސޯފާއާއި ހަމަޔަށް ލައިދިނެވެ. އަހްމަދުގެ ފައިތިލައިން އޮހެރެމުން ދިޔަ ލެއިން މުޅި ތަނުގައި ނިޝާން ހުއްޓެވެ.

" އައިމް އޯކޭ.....އިޓްސް ޖަސްޓް އައި ގޮޓް އަ ބިޓް ސްކެއަޑް....އެކަމަކު އަހްމަދު ބެ ގެ ފައި..." އުރުޖުވާން އަހްމަދުގެ ފަޔަށް އިޝާރަތްކުރިއެވެ. އަހްމަދަށް ތަދު އިހުސާސް ނުކުރެވުނު ނަމަވެސް ލޭ ތިކި ތަށް ފެނި ބޯ އަނބުރައިގަންނަ ގޮތްވިއެވެ.

"ވެއިޓް...ލެޓް މީ ހެލްޕް......." އުރުޖުވާން އަވަސްވެގަތީ ފަސްޓް އެއިޑް ބޮކްސް ނެގުމަށެވެ. ބޭސް އަޅައިދިން ވަގުތު އަހްމަދަށް ނާވިޔާގެ ހިތްހެޔޮކަން ސިފަވިއެވެ. ނާވިޔާގެ އެކި ހަނދާންތައް ސިކުނޑީގައި އެނބުރެން ފެށިއެވެ.

" ތަދުވަނީތަ؟ސަލާމަތް ކުރަން އައީމަ އަހްމަދުބެ އަށް އަނިޔާ މިވީ..." އުރުޖުވާން ލުއި ހިނިތުންވުމަކާއެކު ބުނެލީ އަހްމަދަށް އޮޅުވައިލުމަށެވެ. މުހިއްމު ވާހަކަތަކެއް އޭނައަށް އިވުނުކަމުގެ ޝައްކު ވިޔަ ނުދިނުމަށެވެ. ނަމަވެސް އެ އިވުނު ވާހަކަތަކަށް ފަހު ހިތުގައި ބުނަން ނޭގޭފަދަ ބިރުވެރި ކަމެއް އުފަންކުރުވިއެވެ. ލޯ ކަރުނުން ބަރުވެފައި އިން އަހްމަދު ނޭފަތް ދަމާލަމުން ކަރުނަތައް ހިންދައިލީ ހިނިތުންވުމަކުންނެވެ.

" ކޭން އައި ކޯލް ޔޫ ދަރިފުޅު.....ޔޫ ރިމައިންޑް މީ އޮފް މައި ޑޯޓަރ...." އަހްމަދަށް ކުއްލިއަކަށް ބުނެވުނެވެ. އުރުޖުވާން ގެ ހިތަށް ކުރާނެ އަސަރެއް ނޭނގުނު ނަމަވެސް މެއެވެ. ހިނދުކޮޅަކަށް އަހްމަދަށް ބަލަހައްޓައިގެން ހުރެވުނު އުރުޖުވާން އަށް އަހްމަދުގެ މޫނުން އޭނަގެ ނަފުސް ރަމްޒު ވިއެވެ. ގައިން ހީބިހި ނަގައިދިޔައެވެ. ބުނެދޭން ނޭނގޭފަދަ ފިނިކަމެއް ހިތަށް ލިއްބައިދިނެވެ. ބޯ ޖަހައިލައި އެއްބަސްވެލެވުނެވެ. ބޯ ޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ. އެފަދަ ލަފްޒެއް އަޑު އެހުމުގެ ފުރުސަތަކަށް ބޭނުންވެފައިވިލެއް ބޮޑުކަން ގަބޫލުކުރެވުނެވެ. ހިތުގެ ކަނެއްގައި ވަޅުލެވިފައިވީ ބައްޕައެއްގެ ކުލުނާއި ލޯބި ވުޖޫދަށް އައެވެ.

" ދުވަހަކުވެސް ހީނުކުރަން ތި ލަފްޒު އަޑުއިވިދާނެ ކަމަށް....މާމަ ނިޔާވިފަހުން...." އުރުޖުވާން ގެ އަޑު ކެނޑުނެވެ. އަހްމަދުގެ ހިތަށް އަސަރުކުރިއެވެ. ބައްޕަގެ ލޯބިން މިހާ ދުވަސް ވަންދެން މަހުރޫމް ކުރެވުނީ އަމިއްލަ ލޭ ހިނގާ ދަރިއެވެ. އަދި އެ ހަގީގަތް ހާމަކުރެވުމުގެ ހިތްވަރު ނެތުމުން އިހުސާސް ކުރެވޭ ވޭނާއި ކުށްވެރިކަމެވެ.

" ނޭނގޭ...އުރޫޖް އަށް ރޮވޭ ސަބެބެއްވެސް...ވަރަށް މޮޔަ ދޯ.....އައި ގެސް ހޯމޯންސް..." އުރުޖުވާން ކަރުނަ ފޮހެލަމުން ހިނިގަނޑެއް ޖަހައިލިއެވެ. މާ ބޮޑަށް ޖަޒުބާތީ ވެވުނީއެވެ. އޭނަ ގަޑިއަށް ބަލާލުމާއެކު މާޒިމް މެންދުރު ކާން އައުމުގެ ގަޑި ޖެހެނީކަން އެނގުނެވެ.

"ސުބްޙާނައްﷲ....މާޒް އަންނާނެ ދޯ މެންދުރަށް ކާން....ހަވީރަށް އަންނަން ބުނަން ވީ ކަންނޭނގެ....ކޭކެއް ވެސް އަޅަން ޖެހޭ...." އުރުޖުވާން ދެކޮޅަށް ހިނގަން ފެށިއެވެ. އަހްމަދަށް ހެވުނެވެ. މެހެކް އާއި އުރުޖުވާން ގެ އާދަތައް ހުންނަނީ ދާދި އެއް ވައްތަރެވެ. ކަމެއް ކުރަން ރާވާފައި އޮތިއްޔާ ހާސްވެ ދެކޮޅަށް ދެކޮޅަށް ހިނގާނެއެވެ. އަހްމަދު ތެދުވަން އުޅުމުން އުރުޖުވާން އެކަން މަނާ ކުރިއެވެ. މުސްކުޅި ގޮތަކަށް އުނަގަނޑުގައި އަތްވިއްދާލައިގެން ހުރެ ނުތެދުވުމަށް ބުނަމުން ދިޔައެވެ.

" ނޯ ނޯ....އަހްމަދުބެ ތެދުވުން ވެސް މަނާ.....އެއްވެސް ގޮތަކަށް... ނޯ ވޯކް ފޯ ޔޫ..." އުރުޖުވާން ލޯ އަޅައިލިއެވެ. އަހްމަދަށް ހެވުނެވެ.

"ހަމަ ސަބީހާއްތަ....." އަހްމަދަށް ބުނެވުނެވެ. އުރުޖުވާން ގެ މޫނަށް ވެރިވީ ލަދުވެތި ހިނތުންވުމެކެވެ.

" މާމަ ވަރަށް ރަނގަޅަށް ދަންނަން ދޯ....ވީ ހޭވް އަ ލޮޓް ޓު ކެޗް އަޕް އޮން...." އުރުޖުވާން ހިނިތުންވެލިއެވެ. މަގްސަދަކަށްވީ އިތުރަށް މާޒީގައި ހިނގާފައިވީ ކަންތައްތައް ދެނެގަތުމަށެވެ. ނާވިޔާގެ ވާހަކތައްވެސް އެނގެން ބޭނުންވެފައި ހުއްޓަސް އެއްފަހަރާއި ހުރިހާ ވާހަކައެއް ފަށައިގަތުން ބުއްދިވެރިނުވާނެކަން ވިސްނުނެވެ. އުރުޖުވާން އެދުމުންވެސް އަހްމަދު ބޭނުންވީ ކަމެއް ނުކުރިޔަސް ބަދިގޭގައި އިށީނދެގެން ވިޔަސް އިނުމަށެވެ. އޭނާގެ ލޯ މަތީން އުރުޖުވާން ގެއްލެން ނޭދުނެވެ. އާދަމް މިއަދު ގޯތި ތެރެއިން ފެނުމުން އެކަމާއި އިތުރަށް އޭނަ ހާސްކުރުވީއެވެ.

" މިއަދު ވަރަށް ހާއްސަ ދުވަހަކީތަ؟" އަހްމަދުއަށް އުރުޖުވާން ގެ މޫނުން ފެންނަމުން ދިޔައީ ތަފާތު އުފާވެރިކަމެކެވެ.

" ޔެސް.....އަހްމަދު ބެ އަށް ވެސް ސަޕްރައިޒެއް..." އުރުޖުވާން ކޭކު ތައްޔާރުކުރަން ހުރިއިރުވެސް ތުންފަތުގައިވީ ފޮނި ހިނިތުންވުމެކެވެ. މެންދުރު އަންނާނެ ކަމަށް ހީކޮށް ގުޅައިލުމުން މާޒިމްގެ ފޯނު ނިވިފައި ކަން އެނގުނެވެ. އަޅާނުލީ މާޒިމް ހޮސްޕިޓަލުގައި އަވަދިނެތި އުޅެނީކަމަށް ހީކޮށްފައެވެ. ބެލް ޖަހައިލި އަޑު އިވުނެވެ. އުރުޖުވާން އަށް ވުރެ ކުރީން އަހަމްދު ދުއްވައިގަތީ ފައިގެ ޒަޚަމް އަކަށް ބެލުމެއް ނެތިއެވެ.

"މީ ކާކު.....ފަހަދް..." އަހްމަދު ލޯ ހަނިކުރަމުން ކެމެރާއަށް ބަލައިލާފައި ދޮރު ހުޅުވާލިއެވެ.

"ޕިސް ޕިސް....އަހްމަދު ބެ އުރޫޖް އަށް ވުރެ ބާރަށް ދުވެފަ ތިއައީ....އަނެއްކާ ބެންޑޭޖް ބަދަލުކުރަން ޖެހޭނީ.....މާޒް ތަ؟ އަދި ރެޑީ ވެސް ނުވަނީސް...." ނޭވާ ހަމަޔަކަށް އަޅަން މަސައްކަތް ކުރަމުން އުރުޖުވާން ވާހަކަ ދެއްކިއެވެ. އަތުގައި އޮތީ ކޭކު ގިރަން ގެންގުޅުނު ވިސްކަރެވެ.

" ފަހަދް ކީއްވެ އައީ.....މާޒް ބަލައި ކަންނޭނގެ...." އަހްމަދު ބުނެލިއެވެ. އުރުޖުވާން ވެސް ހައިރާންވިއެވެ. މާޒިމް ހޯދައި މިގެއަށް އަންނަން ޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. މާޒިމް އާއި ބައްދަލުކުރަން ބޭނުން ނަމަ ހޮސްޕިޓަލުން ވެސް ދިމާވާނެއެވެ. އުރުޖުވާން ލައިގެން ހުރީ މިނާ ޖަހާފައި ހުރި ކުރުތާ އަކާއި ޖީންސްއެކެވެ. ޝޯލްވެސް އޮޅާލައިފައި ހުރީ އާއްމުކޮށް އަޅާ ބުރުގާ އަށް ވުރެ ކުޑަކޮށެވެ. ބަދިގޭގައި އުޅޭތީވެ މަތީން އޭޕްރޮން އަޅައިގެން ހުރިއިރު އޭގެ އެކި ތަންތާ ފުށް ހޭކިފައި ހުއްޓެވެ. އުރުޖުވާން އެފަދަ ވިސްނުމެއް ނެތި ދޮރު ހުޅުވާލަން ދިޔައެވެ. ދޮރުގައި ހިފުނީވެސް ބާރަށެވެ. ކުރީފަހަރުވެސް އެހާ އުނދަގުލުން ހުޅުވުނީމަ މިފަހަރު ގައިގައި ހުރި ބާރެއް ލައި ހުޅުވިއެވެ. ހީވީ ދޮރު ގަޔަށް ވެސް ވެއްޓިދާނެހެންނެވެ. އެހާ ލުއިކޮށް ފަސޭހައިން ދޮރު ހުޅުވާލެވުމުން ހައިރާންވިއެވެ. އެހާ ބާރަށް ދޮރު ހުޅުވުމުން ވައި އެޅިފައި އަތުގައި އޮތް ވިސްކަރުވެސް ވެއްޓުނެވެ.

" އޫޕްސް...."އޭނަ ވިސްކަރު ނެގުމަށް ގުދުވެލިއެވެ. އެވަގުތު ފަހަދް ވެސް ތިރިވިއެވެ. ދެމީހުންނަށް އެކީގައި ހެން ވިސްކަރުގައި ހިފުނެވެ. ފަހަދްގެ ވަރުބަލިވެފައިވާ ދެލޮލުގެ ވިދުވަރު ގަދަވިއެވެ. އޭނަގެ ނޭފަތުގައި ޖެހުނީ ވެނީލާގެ ލުއި ވަހެވެ. ހިނދުކޮޅަކަށް އުރުޖުވާންގެ ދިގު އެސްފިޔަތަކަށް ބަލަހައްޓައިގެން ގެއްލިފައި ހުރެވުނެވެ. އައި މަގްސަދު ވެސް ހަނދާން ނެތި ރުޅި ވެސް މަޑުވިއެވެ. އުރުޖުވާން ފެންނަ ކޮންމެ ހިނދަކު ފަހަދް ގެ ހިތުގައި ތަފާތު ޝުއޫރެއް ފާޅުވެއެވެ. މައުސޫމު ކަމުން ފުރިގެންވާ ސިފަތަކެކެވެ. އުރުޖުވާންއަށް ސިހިފައި ތެދުވެވުނެވެ. ވިސްކަރުވެސް އަތުން ދޫކޮށްލެވުނީ ފަހަދް ގެ އަތުގައި އަތް ޖެހިލުމުންނެވެ. މިފަދަ ހާލަތެއް ފަހަދް އާއި އެކީ ކުރިމަތިވީ ދެވަނަ ފަހރުކަން އުރުޖުވާން އަށް ވެސް ހަނދާނަށް ގެނެވުނެވެ. އުނދަގޫ އިހުސާސެއް ހިތުގައި އިތުރުކުރުވީ ލައިގެން ހުރެވުނު ހެދުމާއި މެދު ވެސް ވިސްނިފައެވެ. އަބާޔާ ނޫން ހެދުމެއްގައި އާއިލާ ނޫން މީހުންނަށް ފެންނަން އުރުޖުވާން ނޭދެއެވެ. ފަހަދް ތެދުވަން ހިނދުކޮޅެއް ނެގިއެވެ. ވިސްކަރު ދިއްކޮށްލުމުންވެސް އުރުޖުވާން ހުރީ އެ ބަލައިގަންނަން ނޭނގިފައި ކަހަލަ ގޮތަކަށެވެ. މަންޒަރު ބަލަން ހުރި އަހްމަދަށް ފަހަދް ގެ ބެލުމުގައި ވި ހާއްސަކަން ފާހަގަ ވިއެވެ. އަދި އުރުޖުވާން ގެ މިޒާޖަށް އައި ބަދަލުވެސް މެއެވެ.

"ފަހަދް.....ކޮންބޭނުމަކު؟" ކަރު ކެހިލަމުން ފަހަދް ގެ އަތުން ވިސްކަރު ހޯދީ އަހްމަދެވެ. އަހްމަދުގެ ބެލުމުގައި ނުރުހުންތެރިކަމެއް ވިއެވެ.

"އަހްމަދް ބެ....މިކޮޅުގަ؟" ފަހަދް ބުނެލީ މަޑުންނެވެ. އެ އަޑުގައި ވަރުބަލިކަން ވިއެވެ. ލޯ ވެސް ހުރީ ދުޅަވެފައެވެ. އަހްމަދު ދެވަނަފަހަރަށްވެސް ފަހަދް އައި ސަބަބު އޮޅުން ފިލުވަން ސުވާލުކޮށްލިއެވެ. އެވަގުތު އުރުޖުވާން ދާން ހިނގައިގަތީ ހެދުން ބަދަލުކުރުމަށެވެ. އިތުރު އެންމެ ސިކުންތަކަށްވެސް ފަހަދް ގެ ކުރިމަތީގައި އެ ހެދުން ލައިގެން ހުރުމަށް އޭނާއަށް ދަތިވިއެވެ.

"އުރޫޖް....ފެން...ތައްޓެއް ލިބިދާނެތަ؟" ފަހަދް އެދުނެވެ. އުރުޖުވާންގެ ލޯ ބޮޑުވިއެވެ. ޖަވާބެއް ނުދީ ބޮލުން އިޝާރާތްކޮށްލިއެވެ. އަހްމަދުގެ ބުމަ ގޮށްޖެހުނެވެ.

" މާޒް އެއްވެސް ނެތް....ބުނެބަލަ ފަހަދް އައި ބޭނުމެއް.....އުރުޖުވާން ވެސް ވަރަށް އަވަދިނެތި އެ އުޅެނީ....މިއަދު ވަރަށް ބޮޑު ސަޕްރައިޒެއް ދޭންށޯ.....ނޭނގެ ކޮން ކަހަލަ ސަޕރައިޒެއް ކަމެއްވެސް.....ހޮސްޕިޓަލަށް ނުދަންތަ؟މާޒިމް ވީ ހޮސްޕިޓަލުގަ..." އަހަމަދު ބޭނުންވީ ފަހަދްގެ ނިޔަތް ސާފުތޯ ބަލާލުމަށެވެ. މާޒިމް އާއި އުރުޖުވާން ގެ ވާހަކަ ދެއްކީ ވަރަށް ފަޚުރުވެރިކަމާއެކުއެވެ.

" ހޮސްޕިޓަލުގަ؟" ފަހަދް ޖަހައިލީ ހިނިގަނޑެކެވެ. އަދި ފުން ނޭވާއެއް ދޫކޮށްލިއެވެ. ފަހަދް ބޭނުންވީ އުރުޖުވާން އަށް މިއަދު ދިމާވި ހަގީގަތް ހާމަ ކުރުމަށް ނަމަވެސް އުރުޖުވާން ފެނުމުން އޭނާގެ ދޫ ބަންދުވިއެވެ. ބޭނުން ނުވި ނަމަވެސް އުރުޖުވާން ހިތުގަ ޖެހޭފަދަ ކަމެއް ކުރުމަށް އޭނާ ނޭދެނީއެވެ. އެވަގުތު އުރުޖުވާން އައިސް ހުއްޓުނީ މަތިން ދޫ އަބާޔާ އެއް ލައިގެންނެވެ. ތަބަކެއްގައި ފެންތަށްޓެއް ގެނައި އިރު އަހްމަދު ހުރީ އަދިވެސް ފަހްދު ދޮރު ކައިރީގައި ބަހައްޓައިގެންނެވެ.

" އާދޭ އެތެރެއަށް....." އުރުޖުވާން ލަދުގަތީ މެހެމާނަކު އެހާ އިރު ވަންދެން ދޮރުމަތީ ބެހެއްޓުނީތީއެވެ. ފަހަދް އަށް އެވަގުތު އަހްމަދުގެ ފައިތިލައިން އޮހެރެމުން ދިޔަ ލޭ ފެނުނެވެ.

" މި ކިހިނެއްވެފަ؟ބެންޑޭޖް ނުބައިކޮށް އަޅާފަ...." ސޯފާގަ އިށީންނަމުން ފަހަދް ބުނެލިއެވެ. އެވަގުތު އަހްމަދު އެއީ ކަމަކަށް ނަހަދަންވެގެން އުޅުމުން އުރުޖުވާން އަށް ހެވުނެވެ.

"އެއީ އުރޫޖް އަށް ނޭނގުނީ.....އެންޑް އަހްމަދުބެ ވެސް އެންމެ ފަހަރަކުވެސް ތަނެއްގައި މަޑުން ހަމަޖެހިލައިގެން ނުހުރެވޭ....އެބަ ގެންނަން ބޭސް....ފަހަދް ބޭސް ބަދަލު ކޮށްދޭންވީނު..." އުރުޖުވާން އެދުނެވެ. ފަހަދް ހިނިތުންވެލިއެވެ. އަހްމަދު އެހާ ބޭނުން ނުވެފައި ހުއްޓަސް އުރުޖުވާން ގެ އެދުމާއި ދެކޮޅު ހަދަން ބޭނުން ނުވިއެވެ.

"މާޒް ފޯނު ނުނަގާތީވެ....އެއްވެސް ކޮންޓެކްޓްއެއް ނުވޭ....އެހެންވެ އައީ..." އަހްމަދުގެ މޫނު ކިޔާލެވި ފަހަދް ވާހަކަ ފެށިއެވެ.

****

"އައުޗް.....ވައި އޭމް އައި ޑިޒީ...." މާޒިމް އަށް ހޭލެވުނެވެ. ލޯ ހުޅުވާލެވުނީވެސް އުނދަގުލުންނެވެ. ނުދަންނަ ތަނެއްގައި ކަން ރޭކާލާން ހިނދުކޮޅެއް ނެގިއެވެ. ގަމީހުގެ ގޮށްތައް ނެއްޓިފައި ވީއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ހުވަފެނެއްގައި ބާ އޭ ހިތަށް އަރައި މޫނުގައި ޖަހައިލެވުނެވެ.

" ހައިއިއި...." ފަރަހްގެ ތުއި އަޑެވެ. ފެން ތަށްޓަކާއި ބޭސް ގުޅައެއް ހިފައިގެން އައިސް އޭނަ ހުރީ އެނދު ކައިރީގައެވެ. މާޒިމް އަށް ސިހިފައި ތެދުވެވުނެވެ.

" ފަރަހް......ކިހިނެއްވީ....ކިހިނެއް އަހަރެން މިތަނަށް އައީ؟" މާޒިމް ހުރީ ހައިރާންވެފައެވެ. މިއަދު ފަރަހް އާއި ދިމާވި ގޮތާއި ހޮޓެލަށް އައި ކަން ހަނދާންވިއެވެ. އެއީ ހަގީގަތުގައިވެސް އޭނާ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއްބާއޭ ސުވާލުކުރެވެމުން ދިޔައެވެ.

"އުރޫޖް..." މާޒިމް ގެ ހިތުގައި ރިއްސިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު