"ޝަހީދު" ލަފުޒު މެޓާގެ ޕްލެޓްފޯމްތަކުން މަނާކުރަން ނިންމިނިންމުން އަނބުރާ ގެންގޮސްފި

ފޭސްބުކް އާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް އަކީވެސް މެޓާއިން ހިންގާ ޕްލެޓްފޯމްތަކެއް ---

މެޓާގެ ޕްލެޓްފޯމްތަކުން "ޝަހީދު" ލަފްޒު މަނާކުރުމަށް ކުރިން ނިންމި ނިމުން އަނބުރާ ގެންގޮސްފިއެވެ.

ފޭސްބުކް އާއި އިންސްޓާގްރާމުގެ އިތުރުން ތުރެޑްސް އާއި ވަޓްސްއެޕްގެ ވެސް ބެލެނިވެރި ކުންފުނިކަމަށްވާ މެޓާއިން މިއަދު ބުނެފައިވަނީ "ޝަހީދު" މި ލަފްޒު ބޭނުންކުރުން މަނާކުރުމަށް އެ ކުންފުނިން ކުރިން ނިންމާފައިވާ ނިންމުން ބަދަލުކުރާނެ ކަމަށެވެ.

މިއީ އެ ކުންފުނީގެ އޯވަސައިޓް ބޯޑުން އެކަމާ ގުޅޭގޮތުން އަހަރެއްހާ ދުވަހުގެ މަތިން ކުރި ދިރާސާއެއްގެ ހޯދުންތަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެކެވެ.

މެދުއިރުމަތީގެ މައްސަލަތަކާ ގުޅޭ ކޮންޓެންޓްތައް ބެލެހެއްޓުމުގައި މެޓާއިން އަމަލުކުރާ ގޮތާމެދު ގިނަ ފާޑުކިޔުންތަކެއް ކުރިން ވެސް ވަނީ ކުރިމަތިވެފައެވެ. ޚާއްސަކޮށް އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިފަދަ ފާޑުކިޔުންތައް އިތުރުވެފައިވެއެވެ.

މެޓާގެ އޯވަސައިޓް ބޯޑުން މި މައްސަލަ ދިރާސާކުރަން ފެށީ ޝަހީދު މި ލަފްޒަކީ މެޓާގެ ޕްލެޓްފޯމްތަކުން އެންމެ ގިނައިން ކޮންޓެންޓް ޑިލީޓްކުރަން ޖެހުނު ސަބަބު ކަމަށްވާތީއެވެ.

މި ދިރާސާގެ ނަތީޖާ މާޗު މަހު ހާމަކުރިއިރު، ޝަހީދު މި ލަފްޒު ބޭނުންކުރުމާ ގުޅޭގޮތުން މެޓާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެ ލަފްޒުގެ ތަފާތު މާނަތަކަށް ރިއާޔަތް ނުކުރެވި، އަދި އަނިޔާވެރި އަމަލުތަކަށް ތާއީދުކުރުމުގެ މަގުސަދުގައި ނޫން ކޮންޓެންޓްތައް ވެސް ޑިލީޓްކުރަން ޖެހިފައިވާކަން ފާހަގަކުރެވުނެވެ.

މެޓާއިން މިއަދު ބުނެފައިވަނީ މި ދިރާސާގެ ހޯދުންތަކަށް ރިއާޔަތްކޮށް، ޝަހީދު މި ލަފްޒު ބޭނުންކުރުމުގެ ސަބަބުން އެކަނި ކޮންޓެންޓް ޑިލީޓްނުކޮށް، އެ ލަފްޒު ބޭނުންކޮށްފައިވަނީ އެހެން ގޮތަކުން ގަވާއިދާ ޚިލާފު ކޮންޓެންޓަކާ އެކުގައި ކަމަށްވާނަމަ އެ ލަފުޒު އަދިވެސް ޑިލީޓްކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ނުރައްކާތެރި ކޮންޓެންޓްތައް ހުއްޓުވުމަށް އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅު ކަމަށް އެ ކުންފުނިން ދެކެއެވެ.

މެޓާގެ އޯވަސައިޓް ބޯޑުގެ މި ބަދަލަށް ގިނަބަޔަކު ވަނީ މަރުހަބާ ކިޔާފައިވެއެވެ. އަދި ކުރިން ގެންގުޅުނު ސިޔާސަތުގެ ސަބަބުން މިލިއަނުން ގުނާލެވޭ އަދަދަކަށް މީހުންގެ އަޑު ހިމޭންކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް