ދުރުގައި ވާން ނޭދުނަސް ހިތް... 25

އެނދުދަށުން ނެގި އިންޖެކްޝަން އަތަށް ޖަހާލުމާއެކު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އިސާހިތަކު ސިކުނޑި ހުސްކަމެއްގެ ތެރެއަށް ޣަރަޤުވެ އިޝްފާންއަށް ނިދޭގޮތްވިއެވެ.

*****

މަދީހާގެ ޙާލަތަށް ވިސްނާލާފައި ބައްޕަގެ ހަޤީޤަތް އެފަދަ ގޮތަކަށް ފާޅުކުރަން އިޝްފާންގެ ހިތް ދެކޮޅު ހެދިއެވެ. ކިތަންމެ ރުޅި އައި ނަމަވެސް، މަދީހާގެ އެ ވާހަކަތަކުން އޭނާގެ ހިތް މަޑުކަފަކޮޅަކަށް ވެގެން ދިޔައެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. އުޑުމަތި ބަނަ ދުވަހެކެވެ. އޭރު ވާރޭ ނުވެހުނެއްކަމަކު ޖެހެމުން ދިޔަ ގަދަ ވައި އަންނަން އުޅޭ ތޫފާނުގެ އިންޒާރު ދޭފަދައެވެ. ފަޒާގައި ޒޫމްއަޑެއް ކިޔާލާފައި ހުއްޓެވެ. ވިލާތައްވެސް މަތިމައްޗަށް ނަގަމުން ދިޔަގޮތުން ހީވަނީ ވާރޭ ވެހެން ފަށާނެ ގޮތަށް އަވަހަކަށް ނުވެސް ހުއްޓާނެހެންނެވެ. އަންނަން އުޅޭ ކޮޅިގަނޑުން ސަލާމަތްވާން ވެގެން މަގުމަތީގައި އުޅުނު މީހުނ ފިޔަވަޅުތައް އަވަސްކޮށްލާތަން ފެނެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރީ ތޫފާނުގެ ކުރިން އެމީހެއްގެ މަންޒިލަށް ފޯރާތޯއެވެ. އިޝްފާން އުޑުމައްޗަށް ބަލާލިއެވެ. މީހާ ހުރީ ފިނިވެފައެވެ. އެ ފިނިކަމުން ސަލާމަތްވާން ވެގެން އޭނާ ގަސްތުކުރީ ސިނގިރެޓެއް ބޯލުމަށެވެ. ކަންމަތީގައި ހުރި ކުޑަ ފިހާރައަކަށް ވަނުމަށްފަހު އޭނާ ސޭޓަށް ބަލާލާފައި، ވާހަކަ ދެއްކިއެވެ.

"އޭތް. ބްރޯ ސިނގިރެޓެއް ނެތްތަ؟" އިޝްފާން ސުވާލުކޮށްލިއެވެ.

"އުހުމް. ހުންނަނީ." ފިހާރައިގައި އިނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ ކައުންޓަރުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސިނގިރެޓް ފޮށިތަކަށް ބަލާލަމުން ކޮންވައްތަރެއްހޭ އަހާލުމާއެކު، އިޝްފާން އޭނާ ބޭނުންވާ ވައްތަރުގެ ނަން ބުނެލިއެވެ. ސޭޓު ސިނގިރެޓް ދިނުމުން އިޝްފާން އެއަށް ލާރި ދައްކާލާފައި އެނބުރިލި ވަގުތު ފިހާރައަށް ވަތް ޒުވާނާ ފެނުމާއެކު އޭނާ މަޑުޖެހުނެވެ. ކިތަންމެ ގިނަ ދުވަސްވިޔަސް އޭނާއަށް އެ ސޫރައެއް ނޯޅުނެވެ. އެއީ ސަވާގެ ލޯބިވެރިޔާއެވެ.

"އިނގިއްޖެ ދޯ.. ރީހާން…މީ…" ރީހާން ތަޢާރަފްވެލިއެވެ. އިޝްފާންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް ހަށިގަނޑު ހިކިފައިވި ނަމަވެސް، އޭނާއަށް އިޝްފާން ވަކިކުރަން އެނގުނެވެ.

"ހޫމް.. ކިހިނެއް؟" އިޝްފާން ސުވާލުކޮށްލިއެވެ.

"ރަނގަޅު." ރީހާން ހިނިތުންވެލުމަށްފަހު، އިޝްފާން ހޯދަން ފަހުންވެސް އުޅުނު ކަމުގައި ބުނެލިއެވެ.

"އާނ… އަހަރެން ތަނަކަށް ދިޔައިމަ…" އިޝްފާން ބުނެލިއެވެ.

"ސަވާ ކިހިނެއް؟" ރީހާންގެ ސުވާލާއެކު، އިޝްފާންއަށް އެ އަޑަށް ސަމާލުކަން ދެވުނެވެ. އަދިވެސް އެ އަޑުގައި ރިހުމެއްގެ އަސަރުވާހެން އޭނާއަށް ހީވއެވެ.

"ދޮންތައާ ފަހުން ދިމައެއް ނުވޭދޯ. ދޮންތަ ރަނގަޅު." އިޝްފާން ސަލާމަށް އަތްދިއްކޮށްލިއެވެ. ރީހާން އެއަތުގައި ހިފާލިއެވެ. އޭނާ ސަވާގެ ވަރަށް ގިނަ ވާހަކަ އަހަން ބޭނުމެވެ. އެހެންނަމަވެސް، ވަގުތާ ޙާލަތާ ތަން ނުދޭތީ އެ ޚިޔާލު ދޫކޮށްލީއެވެ.

"އޯކޭ ދިޔައީ…" އިޝްފާން އެހެން ބުނެލާފައި ފިހާރައިން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް، ދެން ހިތަށް އެރި ސުވާލަކާއެކު އޭނާ އެނބުރި އަނެއްކާވެސް ރީހާންއަށް ބަލާލިއެވެ.

"މީހަކާ އިނދެގެންތަ އުޅެނީ؟" އިޝްފާން އެހާ ސީދާކޮށް އެ ސުވާލުކޮށްލުމުން ރީހާންއަށްވެސް ހައިރާންކަން ލިބުނެވެ.

"ނޫނޭ… އެ ނަސީބެއް ނުލިބޭ އަދި." ރީހާން ހަޤީގަތުގައި މީހަކާ ނީނދެ ހުންނަ ސަބަބަކީ ވެސް ސަވާއެވެ. ސަވާގެ ޚިޔާލުތަކުން އޭނާއަށް ދުރެއް ނުވެވެއެވެ. އެ ލޯބި ފުހެއެއް ނުލެވެއެވެ. އާއިލާއާއި ރަޙްމަތްތެރިންގެ ތެރެއިންވެސް ގިނަ ބަޔަކު މީހަކާ އިންނަން އޭނާ ގާތު ކިޔާލެއް މަދެއް ނޫނެވެ. އަންހެން ކުދިން ދައްކާލެއްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް، އެއިން ކުއްޖަކާ މެދު ޝައުގުވެރިނުވެވޭނަމަ ، ދިރިއުޅުމެއް ފަށައިގެން އެ ކުއްޖާއާ މެދު ކަންތައް ކުރެވޭނީ ބޭއިންސާފުންނެވެ. ގަދަކަމުން ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ އަންހެން ކުއްޖެއްގެ ހިތް ހަލާކުކޮށްލާކަށް އޭނާއަކަށް ނުކެރޭނެއެވެ. މީހަކާ ނީންނަ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ.

"ދޮންތަ މަތިން ހަނދާން ނައްތާނުލެވޭ ދޯ." ރީހާންގެ ހިތުގައިވި އެއްޗެއް ދާދި ފަސޭހައިން އިޝްފާން ދެނެގަތެވެ. ވިސްނުމެއް ނެތްފަދަ އަކުން އެހެން ބުނެލާފައި އޭނާ ފިހާރައިން ނުކުތުމުންވެސް ހުއްޓުން އަރާފައި ރީހާންއަށް އެ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާއަށް ހަމަބިމަށް އާދެވުނީ ފިހާރައިގެ ސޭޓު ވާހަކަ ދެއްކުމާއެކުގައެވެ.

އިޝްފާން މަގުމަތީގައި ހުއްޓާ ވާރޭ އޮއްސާލައިފިއެވެ. ގެއަށް ދެވުނު އިރު ހުރީ ތެމި ފޯވެފައެވެ. ބޮޑުކޮޓަރީގައި ސަވާއާ މަދީހާއާ ތިބި މަންޒަރު އިޝްފާންގެ ލޮލުގައި އަޅައިގަތް ނަމަވެސް، އޭނާ އެތެރެއަށް ހިނގައިގަތީ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ދިޔުމާއެކު މަދީހާ ނޯކަރު ކުއްޖާއަށް ގޮވާލާފައި އިޝްފާން ދިޔަ ދިމާލަށް އެޅިފައިހުރި ފެންތައް ފުހެލަން ބުނެލިއެވެ.

މެންދުރު ވެހެން ފެށި ވާރޭ ހުއްޓާލީ ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެފައި ހުއްޓައެވެ. އިޝްފާން ކޮޓަރިން ނުކުމެގެން ތިރިއަށް ގޮސް ކާކޮޓަރިއަށް ވަނެވެ. އަމިއްލައަށް ތައްޓަށް އެއްޗެހި އަޅައިގެން މޭޒު ދޮށުގައި އިށީނދެ ކާން ފެށިތަނާ ސަވާއައިސް ވަނެވެ. އިޝްފާންއަށް ބަލާލާފައި އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. ހަޤީގަތުގައި ނަސޭޙަތުގެ ގޮތުންވެސް އިޝްފާންގެ ގާތުގައި ބުނާނެ އެއްޗެއް ސަވާއަށް ނޭނގެނީއެވެ. އޭނާ ވަރުބަލިވެއްޖެއެވެ. ފެންބޮއިގެން ނުކުމެ ނުކުމެ ހުއްޓާ އިޝްފާން ބުނެލި ވާހަކައާއެކު ފަސް އެނބުރި ބަލާލެވިއްޖެއެވެ.

"ކީކޭ؟" އޭނާއަށް ޔަޤީން ނުކުރެވުނު ފަދައަކުން ސުވާލުކޮށްލެވުނެވެ.

"ރީހާން މީހަކާ ނީނދެޔޭ." އަނގަޔަށް ބަތް ސުވާލަމުން އިޝްފާން ބުނެލިއެވެ.

"އިޝްފާންއަށް ކިހިނެއް އެނގެނީ؟" ސަވާ އެ ސުވާލުކޮށްލަމުން މޭޒާ ކައިރިއަށް ޖެހިލިއެވެ.

"ދިމާވީމަ. އަހަންނަށް އިނގޭ ދޮންތަވެސް އޭނަ ދެކެ ލޯބިވާކަން." އިޝްފާން ސަވާއަށް ބަލާލާފައި ހަށިގަނޑު ސީދާކޮށްލިއެވެ.

"އިޝްފާން!." ސަވާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ހަޤީގަތުގައި އޭނާއާ މެދު ކަންތައްވީ ގޮތުން ކައިވެންޏެއް ކުރުމަކީ މިހާރު އޭނާ ބޭނުންވާ ކަމެއް ނޫނެވެ. އެކަންތައް ހިނގިތާ ފަސް އަހަރު ފުރެން ކައިރިވާއިރު އަދިވެސް އޭނާ އެ އުޅެނީ އެކަންތަކުން އަރައި ނުގަނެވިގެންނެވެ. ގިނަ ރޭރޭ ނުވެސް ނިދެއެވެ. ހީވަނީ އޭނާގެ ގައިގައި މީހަކު ފިރުމާހެންނެވެ. ނިދިޔަސް ސިއްސައިގެން ގޮސް ހޭލެވެއެވެ. ތެރަޕީ ނަގާ ބޭސް ނުކާނަމަ އޭނާގެ ޙާލަތު އެވަރަށްވެސް ނުހުންނާނެއެވެ. ސަވާއަށް އަދިވެސް އެ ހާދިސާ ސިފަވަނީ އިއްޔެ ހިނގިކަމެއްގެ ގޮތުގައެވެ. ސިކުނޑިއަށް ލިބިފައިވާ ޝޮކުގެ ސަބަބުން، އޭނާގެ ޙާލަތު އަދިވެސް ހަމައަކަށް ނޭޅެއެވެ.

"ދޮންތާ. އޭނަ އަސްލުވެސް ދޮންތަ ދެކެ ލޯބިވެޔޭ. އެހެން ފިރިހެނެއްނަމަ އެގޮތަކަށް ނުހުންނާނެ ދޯ." އިޝްފާން ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ ސަވާ ހިނގައިގަތުމުން އިޝްފާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ޔޫ ޝުޑް ޓޯކް ޓު ހިމް." އިޝްފާން އެހެން ބުނެލުމުންވެސް ސަވާ ފަސް އެނބުރި ބަލއެއް ނުލިއެވެ. އޭނާ އެ ދިޔަ ގޮތަށް ދިޔައީއެވެ.

"ރަނގަޅަކަށް މި ބުނީ…" އެހެން ބުނެލާފައި އިޝްފާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރިޔާސީ އިންތިހާބު ނިމި މަޖިލިސް އިންތިހާބަށް ކެންޕެއިން ފެށިއްޖެއެވެ. ސަރުކާރު ހިންގުމަށް ހޮވުނީ ފަތުޙީމެންގެ ޕާޓީއެވެ.

އިންތިޚާބު ކައިރިވަމުން ދިޔަ ވަރަކަށް ފަތުޙީ ކަންބޮޑުވަމުން ދިޔައެވެ. އިޝްފާން ގެ އުޅުން ހުންނަ ގޮތުން ހަފްތާއަކު އެއްފަހަރު އޭނާ ހައްޔަރުކުރެއެވެ. ކޮންމެ ފަހަރަކު ފަތުޙީއަށް ޖެހެނީ އެތެރެ އެތެރެއިން މައްސަލަ ނިންމާލާށެވެ. އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އިޝްފާން އަދިވެސް އޭނާގެ ހަޤީގަތް ހާމަނުކުރާކަމެވެ. އިޝްފާން އޭނާއަށް އެދޭ އިންޒާރުތަކުން ބައެއް ފަހަރު އޭނާ ޖެހިލުންވާގޮތްވެއެވެ. އެހެންނަމަވެސް، ހިތްހަމަ ޖައްސާލަނީ އެ ވާހަކަ އެންމެނަށް ހާމަކުރާނެނަމަ މިހާރު އިޝްފާން އެކަންތައް ކުރާނެކަން އެނގޭތީއެވެ. އިޝްފާން ހަނުހުރުމުގައި ކޮންމެވެސް ސަބަބެއް ވާނެކަން ފަތުޙީއަށް އެނގެއެވެ. އޭނާ ކަންބޮޑުވަނީ އިޝްފާން އޭނާއަށް ނޭނގި ބޮޑު ރޭވުމެއް ރާވަފާނެތީއެވެ. އޭނާއާ މެދު އެ ހިތުގައި އޮތް ނަފްރަތުގެ ބޮޑުކަމުން އިޝްފާން އެފަދަ ކަމެއް ކޮށްފާނެކަމުގައި ފަތުހީގެ ސިކުނޑިއަށް ގަބޫލުކުރެއެވެ. އިޝްފާންގެ އެ ސިކުނޑީގައި ހިނގާ ކަންތައްތައް އަންދާޒާކޮށްލަންވެސް އޭނާ ވަނީ ނުކުޅެދިފައެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރުމަކީ ވެސް މުހިންމުކަމެވެ. އިޝްފާން އެ އުޅޭ ގޮތް އިދިކޮޅު މީހުންނަށް އެނގިއްޖެއްޔާ ކަންތައްތައް ވާނީ ގޯސްކަން އޭނާއަށް އެނގެއެވެ.

އެއީވެސް އެފަދަ ރެއެކެވެ. ފުލުހުންގެ އިދާރާއިން އިޝްފާން ސަލާމަތްކޮށްގެން ފަތުޙީ ގެއަށް އައިސް ވަނެވެ. އޭރު މަދީހާއާ ސަވާއާ ދެމީހުންވެސް ހާސްކަމުގައި ބޮޑުކޮޓަރީގައި ތިއްބެވެ. ފަތުޙީމެން ފެނުމާއެކު އެ ދެމީހުންވެސް ތެދުވިއެވެ.

"އިޝްފާން… ދަރިފުޅާ… ކީއްވެގެންތަ ތި ގޮތަށް ތިއުޅެނީ…" މަދީހާ އަށް ބުނެވުނެވެ. ސަވާ ވެސް އިޝްފާންއަށް ބަލަން ހުރީ ހިތްދަތިވެފައެވެ.

"ހަފްތާއަކު އެއްފަހަރު މިކަމަކާ މަ ދުވަން އެބަ ޖެހޭ.އަމިއްލަ ނަފްސާ މެދު ނުވިސްނާނަމަ މަށާ މިއާއިލާއާ ދޭތެރޭވެސް ވިސްނާލާނަމައެއްނު. މަށަކީ މި ސަރުކާރުގައި ޤަދަރުވެރި މީހެއް. މީނަގެ ސަބަބުން މަގޭ އަބުރަށް ލިބެނީ ކިހާ ހުތުރުކަމެއްތަ؟" ފަތުޙީ ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ.

"ދެން މަ މަރާލަބަލަ!" ފަތުޙީގެ ވާހަކަ ނިމުމާއެކު އިޝްފާން ރައްދު ދިނެވެ.

"ލަދު ކުޑަކަން ބަލާބަލަ! ބަލާ ބޮޑުކުރީމަ ތީތަ އުޅެން އެނގުނު ގޮތަކީ." ފަތުޙީ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"އާނ. މިހެން އުޅޭނީ. ކަލޭ މަ ބަލާބޮޑުކުރިންތަ؟ ކަލޭ އުޅުނީ އަމިއްލަ ފައިދާއަށް އަބަދުވެސް. މަ ސްކޫލު ދައުރު ނންމާލިއިރު، ޕްރީ ސްކޫލުން ފެށިގެން ގޮސް އޯލެވެލް ނިންމިއިރުވެސް، ދުވަހަކުވެސް ސްކޫލަށް ދިޔައިންތަ. ކުޑަމިނުން ކަލޭ ދާން ޖެހޭ ދުވަހުވެސް ނުދޭ. މުހިންމުވީ ފައިސާ. އާއިލާއެއް ނޫން. އަބުރު މުހިންމުވަނީ މަށާ ހެދިތަ؟ ކަލެއާ…" އެ ހިސާބަށް ބުނެފައި އިޝްފާން ހުއްޓާލިއެވެ. މަދީހާއަށް ބަލާލާފައި އޭނާ ދުރަށް ނަޒަރު ހުއްޓާލިއެވެ.

"މީނަ މިތަނުގައި ބަހައްޓައިގެން މަށަކަށް ދެނެއް ކެތެއް ނުވާނެ. އަނބުރާ ޖަލަށް ފޮނުވާލާނީ." ފަތުޙީ ބުންޏެވެ.

ފޮނުވަބަލަ! ކަލޭގެ ނުލާހިކު ނުފޫޒު ގަދައެއްނު. ކަލޭގެ ނުފޫޒު ގަދަކަން ދައްކަބަލަ. ދައްކަން ވާނީ." އިޝްފާންވެސް ދުލެއް ނުދިނެވެ. ދެ ބަފައިންގެ ޒުވާބުގެ ސަބަބުން މަދީހާ ހުރީ ގޮތް ހުސްވެފައެވެ. ސަވާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މަދީހާ. މަ ބޭނުމެއް ނޫން އޭނަ އެންމެ ހިނދުކޮޅަކުވެސް މިތަނުގައި ބަހައްޓާކަށް." ފަތުޙީ މަދީހާއަށް ބުނެލިއެވެ. އެއަށްފަހު އޭނާ ބަލާލީ އިޝްފާންއަށެވެ.

"ރާއްޖޭން ބޭރަށް ދާން ތައްޔާރުވޭ." ފަތުޙީ ބުންޏެވެ.

"ނުދާނަން. " އިޝްފާން ވެސް ދުލެއް ނުދިނެވެ.

"ނުދާނަމޭ. ކަލޭ ހީކުރީ ކަލޭގެ ބަސްކަމަށްތަ ގަދަވާނީ." ފަތުޙީ ހުރީ ރުޅިއައިސް ރަތްވެފައެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު، ދެލޯވެސް ވަނީ ބޮޑުވެފައެވެ.

"އާނ. ނުދާނަން. މަ ފޮނުވަބަލަ ރާއްޖޭން ބޭރަށް." އިޝްފާން އެހެން ބުނެލި ނަމަވެސް، ފަތުޙީ ބޭނުންގޮތަކަށް ކަންތައް ކުރާނެކަން އޭނާއަށް އެނގެއެވެ.

"ރާއްޖޭން ބޭރަށް ނުދަންޏާ ރާއްޖެތެރޭ ރަށަކަށް ނަމަވެސް ދާން ޖެހޭނީ." ފަތުޙީ އޭނާގެ ފަހު ބަސް އިއްވާލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު