ޗަމްޕާ ބްރަދާސްގެ ފަރާތުން ތިން ރަށަކަށް ފިޒިއޮތެރަޕީ އިކުއިޕްމަންޓް ހަދިޔާކޮށްފި

ޗަމްޕާ ބްރަދާސް ކުންފުނީގެ ފަރާތުން ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ޅ. ކުރެންދޫއަށް ފިޒިއޯތެރަޕީ ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަސީމް

ޗަމްޕާ ބްރަދާސް ކުންފުނީގެ ފަރާތުން ހއ. ހޯރަފުށި، ޅ. ހިންނަވަރު އަދި ޅ. ކުރެންދޫއަށް ފިޒިއޯތެރަޕީ ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަވާލުކޮށްފައިވަނީ މިއަދު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ. މި ސާމާނު ޗަމްޕާ ބްރަދާސްގެ ފަރާތުން ޗަމްޕާ މުހައްމަދު މޫސާގެ ދަރިކަނބަލުން ސާރާ މޫސާ ހަވާލުކޮށްދެއްވިއިރު، މި ތަކެއްޗާ ހަވާލުވީ އެ ދާއިރާތަކުގެ މެމްބަރުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުތަކުގެ ސަބަބުން ސިއްހީ ދާއިރާއަށް ގިނަގުނަ އެހީތައް ވެދެއްވާކަމަށެވެ. އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ ކޮވިޑު ތެރޭގައި ޕްރައިވެޓް ސެކްޓަރުތަކުން ވެދިން އެހީތައް ކަމަށް ޚަލީލް ވިދާޅުވިއެވެ.

"ޓްރީޓޮޕް ހޮސްޕިޓަލުގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ އޭގެ ތެރެއިން އެއް ތަނުގެ ގޮތުގައި. ޓްރީ ޓޮޕް ހޮސްޕިޓަލުން އަޅުގަނޑުގެ ހަނދާން ބަލި ނޫން ނަަމަ، ވަނީ ތިން މަސް ދުވަހަށް ދިވެހި ރައްޔިތުންނަށް ޚިދުމަތަށް ހުޅުވާލާފައި،" ޚަލީލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސްގެ ސިޔާސަތުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް ވަރުގަދަ ކުރުން ކަމަށެވެ. ޕްރައިމަރީ ހެލްތު ކެއާގައި އެންމެ މުހިންމު ކަމަކީ ކަސްރަތު ހޯދުން ކަމަށާއި ދިގު މުއްދަތަށް ބަލިތައް ތަހަންމަލުކުރާ ފަރާތްތަކަށް ވެސް އެ ބަލިތަކުން އަރައިގަތުމަށް އެންމެ މުހިންމު އެއް ކަމަކީ ފަރުވާއާއެކު ފިޒިއޮތެރަޕީ ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަދު މި ހަދިޔާ ކުރެވިގެން ދިޔަ ތަކެތީގެ ސަބަބުން ހޯރަފުށި، ކުރެންދޫ އަދި ހިންނަވަރުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދާނެ. ހަމައެކަނި އެ ރަށްރަށުގެ ރައްޔިތުންނަކަށް ނޫން، އެ ރަށްރަށާ ކައިރި ރަށްރަށުގައި އުޅޭ ރައްޔިތުން ވެސް ފިޒިއޯތެރަޕީގެ ޚިދުމަތްތައް މިހާރު ހޯދުމަށް ދުރު ތަންތަނަށް ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެ ކަމެއް މިއީ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޗަމްޕާ ބްރަދާސްއަށް ޚަލީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗަމްޕާ ބްރަދާޒްއިން އަބަދު ވެސް އަންނަނީ އާންމުންނަށް ފައިދާވާ ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. އެގޮތުން ރަމަޟާން މަހާ ދިމާކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރައާއި ކާށި ހަދިޔާކުރުން ފަދަ އެތައް ކަމެއް މީގެ ކުރިން ކޮށްފައިވެއެވެ.

comment ކޮމެންޓް