"އުފާވެރިކަމެއް ލިބިއްޖެނަމަ ތިބާއަށް އެންމެ ޚާއްސަ މީހަކާއި އެ އުފާތައް ހިއްސާ ނުކުރެވުމުން އެމީހެއްގެ މަތިން އިތުރަށް ހަނދާންވެ މޮޅިވެރިވާނެއެވެ. އެފަދަ ލޯބިވާ މީހަކު ނެތުމުން ދުވަހުގެ އުފާވެރިކަން ފުރިހަމައެއް ނުވާނެއެވެ. ހުރިހާ އުފަލަކާއެކުގައިވެސް ހުސްކަމާއި ފަޅުކަން އިހުސާސްކުރެވޭނެއެވެ. ސަބަބަކީ ދިރިއުޅުމަކީ ހުވަފެނެއްފަދަ އެއްޗަކަށް ވާތީއެވެ. ހަގީގީ ދިރިއުޅުން ފެށެނީ މި ހުވަފެނުން ހޭލެވުމުންނެވެ. އެއްވެސް އުފަލެއް ދެމިގެން ނުގޮސް ހުސްކަން އިހުސާސް ކުރެވޭ ސަބަބަކީ އެއީއެވެ."

***

"ޕްލީޒް ސްޓޮޕް......" މަދީނާ ކަންފަތް މަތީގައި އަތް އެޅިއެވެ. ކެނާން އެވަގުތު ޤުރުޢާން ނިއްވާލުމަށް އުޅުމުން މީކާއިލް އެކަން ހުއްޓުވިއެވެ.

"ޤުރުއާނަކީ ޝިފާއެއް.....ހުއްޓާލަން އެބުނަނީ މަދީނާ އެއް ނޫން....." އެވަގުތު މީކާއިލް ކާރުގެ ދޮރުތަކުގައި ޗައިލްޑް ލޮކް އެޅުވިއެވެ. މެހެކް އުނދަގުލުން ނަމަވެސް މަދީނާގެ ކާރު ސީޓު ބެލްޓް ބާރުކޮށްލިއެވެ. ކެނާން އަށް އެ މަންޒަރު ބަލަން އުނދަގޫ ވިއެވެ. މަދީނާ ދިޔައީ ކިޔެވުން ހުއްޓުވުމަށްއެދި އެތައް އާދޭހެއް ކުރަމުންނެވެ.

އެވަގުތު މީކާއިލް ކާރުގެ ދޮރުތަކުގައި ޗައިލްޑް ލޮކް އެޅުވިއެވެ. މެހެކް އުނދަގުލުން ނަމަވެސް މަދީނާގެ ކާރު ސީޓު ބެލްޓް ބާރުކޮށްލިއެވެ. ކެނާން އަށް އެ މަންޒަރު ބަލަން އުނދަގޫ ވިއެވެ. މަދީނާ ދިޔައީ ކިޔެވުން ހުއްޓުވުމަށްއެދި އެތައް އާދޭހެއް ކުރަމުންނެވެ.

" ސްޓޮޕް...ޕްލީޒް...ކުޑަބެ....މަދީނާ މަރުވެދާނެ....." މަދީނާ ރޮމުން އާދޭސްކުރިއެވެ. ކެނާން އަށް އަޑުއަހަން އުނދަގޫ ވެ ޤުރުޢާން ނިވާލަން އުޅުމުން އަނެއްކާވެސް މީކާއިލް ހުއްޓުވިއެވެ. އެވަގުތު މަދީނާ ހީގަތީ ވަރަށް ނުލަފާ ބަރު އަޑަކުންނެވެ.

" މަރާލައިފިއްޔާ ދެރަވާނެ ދޯ؟....ކެނާން....ފަހެއް ނުޖެހޭނަމޭ މަރާލާކަށް...." މަދީނާގެ ލޯ ފުންމާލައިފާނެ ހެން ހީވިއެވެ. މެހެކް އަށް ވެސް ހިފަހައްޓައިލެވުނީ ކިރިޔާއެވެ. ސީޓު ބެލްޓް ވެސް ވީދައިގެން ދާ އަޑުކިއެވެ. މެހެކް ގެ ހިތަށް ވެސް ކަރަންޓު ޝޮކް ޖެހުނުހެން ހީވިއެވެ. މަދީނާގެ ހަނގަނޑުގައި ހުރީ ތަފާތު ހޫނެކެވެ. މަދީނާ ގެ މޫނުމަތި ވެސް ވީ ރަތް އަރާފައެވެ. މިކާއިލް ކާރުގެ ދުވެލި ބާރު ކޮށްލިއެވެ.

"މިބުނީ ނު މަރާލާނަމޭ.....ނަބީލާ ގޮތައް މޮޔަ ކޮށްލަން ވީތަ؟" މަދީނާ ވޭނީ އަޑަކުން ކިޔަމުންދިޔައެވެ. ކެނާން އަށް އަޑުއަހަން އުނދަގޫ ވެ ކަންފަތް މަތީގައި އަތް އެޅިއެވެ.މެހެކް އަށް ވެސް ނުހިފެހެއްޓުނެވެ. އެވަގުތު މަދީނާ ސީޓު ބެލްޓް ނައްޓާލައި ކުރިމަތީގައި ހުރި ސީޓުގައި ހިފައި ތިރި ކޮށްލީ ވަރަށް ބާރުލައިފައެވެ. އެ ސީޓުގައި އިނި ކެނާން ކަމުން ސީޓު ވެއްޓުނު ވަގުތު ކެނާން ވެސް އެފަރާތަށް ވެއްޓުނެވެ. އެވަގުތު ކެނާންގެ ކަރުގައި ހިފައި މަދީނާ ބާރުކުރިއެވެ. ކާރުގެ ދުވެލި ބާރުވުމުން މީކާއިލް އަށް ކާރު ބްރޭކްވެސް ޖައްސާލެވުނީ އެހާ ބާރަށެވެ. އެއާއެކު މަދީނާގެ އަތް ވީއްލި ކާރު ސީޓުގައި ޖެހި ހޭނުތުނެވެ.

" މަދިނާ....ފެއިންޓް ވީ ކަންނޭނގެ...." މެހެކް އަށް ރޮވުނެވެ. މަދީނާ އެފަދަ ހާލުގައި އޮތްތަން ފެނުމަކީ ކެތްކުރަން ފަސޭހަކަމެއް ނޫނެވެ. ކެނާންގެ ނޭވާ ހަމަޔަކަށް އެޅި ހަމަޖެހިލަމުން މަދީނާ އަތް ދަނޑިމައްޗަށް ނެގުމަށްފަހު ގެއާއި ދިމާއަށް ހިނގައިގަތެވެ. މީކާއިލް ގޭގެ ދޮރު ހުޅުވައިލަދިނެވެ. ނާޝިދު އަވަސް ވެފައި ކެނާން އަށް އެހީ ވުމަށް އައުމުން ދުރުކޮށްލިއެވެ.

"ޑޯންޓް ޔޫ ޑެއަ....." ކެނާން ރުޅި ވެރިކަމާއެކު އިންޒާރެެއް ދިނެވެ. ނާޝިދުއަށް ކެނާން ގެ ފަރާތުން ދުވަހަކުވެސް އެފަދަ ރުޅިވެރި ބަހެއް އަޑު އިވިފައި ނުވެއެވެ. ރުޅި އަޔަސް ކެނާން އަބަދުވެސް ހުންނާނީ ހިމޭނުންނެވެ. ކެނާން ސޯފާމަތީގައި މަދީނާ ބޭއްވިއެވެ. ހުޝަލް ފެން ތަށްޓެއް ގެނެސްދިނުމުން ކެނާން އެ ބުއިމަށް ވެސް އިންކާރުކުރިއެވެ.

" ޒަހަރު ތަ؟" ކެނާން ލޯ އަޅައިލިއެވެ. ހުޝަލް ހިތުގައި ޖެހުނު ވަރު އޭނާގެ މޫނުން ފެންނާންހުއްޓެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިންދާލީ އޭނާއަށް ކެނާންގެ ހާލަތު ވިސްނޭތީއެވެ.

"މަންމަ.....މަންމަ ސަލާމަތެއް ނުވާނެ......" މަދީނާ ކުކުރާލިއެވެ. އެވަގުތު ނަބީލާ ހޭ އަޑު އިވެން ފެށިއެވެ.

" މަންމަ..." ކެނާން އެ ދިމާއަށް ދުއްވައިގަންނަން އުޅުމުން ހުޝަލް އޭނާ ހުއްޓުވިއެވެ. ކެނާން ރުޅި އައިސް ރަތްވެފައި ހުޝަލްގެ މޫނުގައި ޖެހުމަށް އަތް މަޅާލިއެވެ. އެއާއެކު ޖެހިލުންވެ އަތް ތިރިކޮށްލެވުނެވެ. މުށްކެވިފައިވާ އަތްތިލަ ޖީބަށް ކޮށްޕައިލިއެވެ.

"ޖަހާބަލަ...." ހުޝަލް ވެސް ރުޅި ގަދަވިއެވެ. އެވަގުތު މިކާއިލް އައިސް އެ ދެމީހުންގެ ދޭތެރެއަށް ވަނެވެ.

" ސުލްހަ ގެއްލުވާލަން ބޭނުންވާ މީހުންނަށް އެކަން ހާސިލު ވިޔަ ނުދީ....." މީކާއިލް ވާހަކަދެއްކީ މަޑުންނެވެ. ކެނާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އެކަނިވެރިވެލަން ބޭނުންވުމުން އޭނަ ހިނގައިގަތީ ބޭރަށެވެ. ހުޝަލް ފަހަތުން ދާން ހެދުމުން މީކާއިލް އޭނާ ހުއްޓުވިއެވެ.

"ނޫން...ޚުޝަލް މަޑުކުރޭ....އަހަރެން ވިސްނައިދެވޭތޯ ބަލާނަން އިންޝާﷲ....ބައި ގަޑިއެއްހާ އިރު ފަހުން ރާޤީވެސް އަންނާނެ....ތައްޔާރީތައް ކުރޭ...." މީކާއިލް ވާހަކަ ދެއްކީ ސިއްރުންނެވެ. ވަކި ބަޔަކު އަޑު ނީއްވަން ބޭނުންވާފަދައިންނެވެ. ޚުޝަލް ބޯ ޖަހައިލިއެވެ. ނާޝިދު މަދީނާ ގެ މޫނު ކޮޅުގައި ފިރުމާލީ ވަރަށް މަޑުންނެވެ. އަތު ކުރީގައި އަނިޔާ ގެ ނިޝަންތައް ފެންނާން ހުރުމުން ލޮލުން ކަރުނަ ހިލުނެވެ. މެހެކްގެ ހިތަށް ވެސް އަސަރުކުރުވިއެވެ. ޚުޝަލް އެދުނީ ބައްޕަ ހިތްވަރުކުރުމަށެވެ. ކުރިމަތިލާން ޖެހޭ އިމްތިހާން އަދި ކުރިއަށް އޮތީއެވެ. މިރޭ ރުޤްޔާ ކުރަން ފެށުމުން ވެދާނެ ގޮތްތަކާއި މެދު ބިރުހީވެއެވެ. ރާޤީ ބުނެފައި ވާގޮތުން ނަމަ މަރާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. މި ރެއަކީ އަދި ފެށުމެވެ. މިފަދަ އެތައް ރެއެއް އަދި ކުރިޔަށް އޮތީއެވެ. ހިތްވަރު އެލުވާނުލައި ﷲ އަށް ބަރޯސާވުމުން ޝިފާ ލިބުން ވަނީ އެ ކަލާނގެ ރަޙްމަތުންކަން ނަފްސަށް ވިސްނައިދިނެވެ.

"މާޒިމް ގުޅިތަ؟" ނާޝިދު އެހިއެވެ. ހުޝަލް ބޯ ހޫރައިލީ ފޯނަށް ބަލައިލަމުންނެވެ. މާޒިމް އަށް މެސެޖް ކުރުމުން ފަހުން ޖަވާބު ދީފައެއް ނުވެއެވެ.

***

މާޒިމް ގެ ފޯނަށް ހުޝަލް ގެ މެސެޖްތައް ފުލުފުލުގައި އައުމުން ވެސް އެކަމަށް ފަރުވާލެއް ނެތެވެ. ހީވީ ހުރިހާ ހިއްސުތައް ކެނޑިފައިވާ ރޮބޮޓެއް ހެންނެވެ. މިވަގުތު ބޭނުންވީ ފަރަހް ދެކިލުމަށެވެ. ފަރަހް ނޫން އެއްވެސް ޚިޔާލެއް އޭނާގެ ސިކުނޑީގައި ނެތެވެ. ކާރު ދުވެލި ބާރުކޮށްލެވުނެވެ. ޓްރެފިކް އަކަށް ބެލުމެއް ނެތި ދުއްވި އިރު ހަލަބޮލި މަގުމަތީގައި ތިބި މީހުން ރުޅިގަދަވެ އޭނައާއި ދިމާލަށް އެއްޗިހި ގޮވާކަންވެސް އެނގުނެވެ. އެކަމަކު އެކަމަކަށް ވެސް އަޅާލުމެއް ނެތެވެ. ގޯޅި ކަންމަތީ މަޑުކޮށްލައިގެން ހުރި ފަރަހް ހުރީ އަބަދުވެސް ލާ ކަހަލަ ކުރު ހެދުމެއްގައެވެ. ކާރު ކައިރިޔަށް ހިނގާފައި އައީ އެހާ ކިބުރުވެރި ކަމާއެކުއެވެ. ކުރީ ސީޓުގައި އިށީނދެ މާޒިމް ގެ އަތުގައި ހިފާލިއެވެ. އަދި އަތުގައި އޮތް ފެން ފުޅިއެއް ދިއްކޮއްލިއެވެ.

" ޑްރިންކް....." މާޒިމް ސުވާލުކުރުމެއް ނެތި އެ ފެންފުޅި ތުނބުގައި ޖެހިއެވެ. ފަރަހްގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ. މާޒިމް އެ ފެން ފުޅި ބުއި ވަގުތު އެ މަންޒަރު ވީޑިއޯ ވެސް ކުރިއެވެ. ފެންފުޅި ބޯލުމާއެކު މާޒިމް ގެ މިޒާޖު އިތުރަށް ބަދަލުވިއެވެ. ފަރަހް ވެސް ފަސް ޖެހުނެވެ.

"ކިހިނެއްވީ....ފަރަހް ބިރުގަތީތަ؟" މާޒިމް ހިނިގނަޑެއް ޖަހައިލީ ފަރަހް ގެ ކޮލުގައި ހިފާލަމުންނެވެ. ފަރަހް އަށް ހުރީ ގަބޫލުކުރަންވެސް ދަތިވެފައެވެ. މާޒިމް މިހާ ލޯބިން ފަރަހް އާއި ވާހަކަ ދައްކާނެ ދުވަހަކަށް އޭނަ ހާދަ އިންތިޒާރެއް ކުރިއެވެ. އެ ދިގު އިންތިޒާރަށް ނިމުމެއް އައީއެވެ. ސިހުރުގެ ބާރުން ނަމަވެސް އެކަން ހާސިލް ވެއްޖެއެވެ.

"ލެޓްސް ގޯ ސަމްވެއަ....މިއަދު ހޮސްޕިޓަލަށް ދާ މޫޑެއް ނެތް...." ގޮނޑީގައި ހަމަޖެހިލަމުން ފަރަހް ފުން ނޭވާ އެއް ލިއެވެ. މާޒިމް ހުރީ ފަރަހް ބުނި ގޮތަކަށް ހަދަން ތައްޔާރަށެވެ.

" ހިނގާ ދޯ ހޮޓެލް އަށް ދަމާ....ބްރެކްފާސްޓް ކޮށްލައިގެން އެހެން ކަމަކާ ވިސްނާނީ..." ފަރަހް ޚިޔާލުދިނެވެ. އެވަގުތު މާޒިމް ހަނދާންވީ އުރުޖުވާންއެވެ. ނާސްތާއެވެ.

" ކޮންކަމަކާ ތި ވިސްނަނީ...." މާޒިމް ގެއްލިފައި އިނުމުން ފަރަހް އަތް ހޫރައިލިއެވެ.

"އެއީ މިއަދު އުރޫޖް.....އުނހޫ...އަޅާނުލާ..." މާޒިމް އުރުޖުވާން ގެ ވާހަކަ ދައްކަން އުޅެފައިވެސް އެވާހަކަ ދައްކާ ހިތެއް ނުވިއެވެ. ފަރަހްގެ އަތް މުއްކަވާލެވުނެވެ. އުރުޖުވާންގެ ނަން އަޑުއަހަންވެސް އޭނާ ނޭދެއެވެ. އެވަގުތު މާޒިމްގެ ފޯނު ރިންގު ވާންފެށިއެވެ. މާޒިމް އަށް ވުރެ ކުރީން އެ ފޯނު ނެގީ ފަރަހް އެވެ. އަދި އަވަސް އަވަހަށް ފޯނު ކަނޑައިލިއެވެ. އުރުޖުވާން ގެ ކޯލެކެވެ. ފޯނު ވެސް އެއަޕްލޭން މޯޑަށް ލިއެވެ.

" ކާކު ގުޅީ؟" މާޒިމް ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ފަރަހް އެ ފޯނު ނެގުމުން ރުޅިއެއްވެސް ނާދެއެވެ.

"އެއީ ބޭކާރު....މިއަދު ހަމައެކަނި ޚާއްސަ ކުރަންވާނީ ފޯ މީ....." ފަރަހް ތުއި ވެލިއެވެ. މާޒިމް ހިނިތުންވަމުން ބޯ ޖަހައިލިއިރު ޗާބީ ދީފައި ހުރި ބުދެކޭ ތަފާތެއް ނެތެވެ. ހޮޓެލް އާއި ހަމަވުމުން ކާރުން ފޭބި ވަގުތުވެސް ފަރަހް އަށް ދޮރު ހުޅުވާލަދިނީ މާޒިމް އެވެ. މާޒިމް ގެ ފޯނު ސީޓު ދަށަށް ލިއެވެ.

ހޮޓެލް ގެ ލޮބީގައިގެ ސޯފާއެއްގައި ފަހަދް މަޑުކޮށްލައިގެން އިންތަން ފެނި ފަރަހްގެ މޫޑު ޚަރާބުވިއެވެ. ފަރަހް ކާރުން ފޭބުމާއެކު މާޒިމް ގެ އަތުގެ މުލައްދަނޑީގައި ހިފިގޮތަށް ބާރުކޮށްލިއެވެ. ހޮޓެލް އަށް ވަދެގެން އައިއިރު ފަހަދް ސޯފާއިން ތެދުވެވުނީ ހައިރާންވެ ލޯބޮޑުކޮށްލަމުންނެވެ. ލޮލަށް ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވިއެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟

" މާޒް...ފަރަހް...." ފަހަދް ހުރީ ރޭ ނިދަން ލީ ހެދުން ވެސް ބަދަލުކޮށްނުލައެވެ. ރޭގައި ފަރަހް ބަލިކޮށް އުޅުމުން ފަރަހް ގެ ކަންތައް ކޮށްދީ އުޅުމުން ނިދިވެސް ނުލިބިފައެވެ. ހެނދުނު ހެނދުނާ ފާމަސީ އަށް ގޮސްލީ ފަރަހް އަށް ބޭނުންވާ ބޭސް ގަނެލުމަށެވެ. އައިރު ފަރަހް ނެތުމުން ގުޅުމުންވެސް ފޯނަށް ޖަވާބުދިނީއެއް ނޫނެވެ. ހޮޓެލް ލޮބީގައި ފަހަދް މަޑުކޮށްލައިގެން ހުރީ އެއިރުއްސުރެއެވެ. ފަރަހް ގެ އިންތިޒާރުގައެވެ. އޭނަގެ ހާލަތާއިމެދު ކަންބޮޑުވުމުގެ ސަބަބުންނެވެ. ފަރަހް ގެ ސިއްހަތާއި މެދު ފަހަދް އށް ވިސްނޭތީއެވެ. އަޅައިލެވޭތީއެވެ. ފަހަދް އަށް ފެނުނު މަންޒަރުން އެނބުރުން އަރައިނުގަނެ ހުރީވެސް ކިރިޔާއެވެ. ހީކުރެވުނީ އަނެއްކާ ހެލޫސިނޭޓް ކުރެވެނީކަމަށެވެ. މާޒިމްއާއި ފަރަހް އަތުގުޅުވާލައިގެން ތިބީ ދެލޯބިވެރިން ހެންނެވެ.

" ބްރޯ....ކިހިނެއްވެފަ.....ބޯ ހާވާލައިގެން މީހާ ހާދަ ހާލެއްގައޭ..." މާޒިމް ކޮށްލީ ޖެއްސުމެކެވެ. އެހާ ގާތް ގޮތެއްގައި ފަހަދް އާއި މާޒިމް ވާހަކަ ނުދައްކާ އެތަކެއް ދުވަސްތަކެއް ވެދާނެއެވެ. ހީވީ އެކީ ކުޑައިރު އުޅުނު މާޒިމް ހެންނެވެ.

" ދޯ......ތި އޮތް ރީތި މިހާ...." ފަރަހް އެހެން ބުނެލީ ފަހަދް އަށް އެފަދަ ހާލަތެއް ޖެއްސީ އޭނާ ކަމުގައި ނެހެދިއެވެ. އަދި މާޒިމް ގެ ގަޔަށް އޭނާ ލައް ވެގަތީ ހެމުންނެވެ. ފަހަދް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރުޅި އަންނަންވެސް ނޭނގުނެވެ. އަތުގައި އޮތް ބޭސް ކޮތަޅު އަތުން ދޫވިއެވެ. މާޒިމް އެނަގަން ތިރިވެލަން އުޅުމުންވެސް ފަރަހް އަތުގައި ހިފަހައްޓައި ބާރުކޮށްލީއެވެ.

"ދެން ހިނގާ ދާން....ހާދަ ހައިވެއްޖެޔޭ...." ފަރަހް ބޮޑާހާކާލިއެވެ. ހޮޓެލްގެ މުވައްޒަފުންވެސް ތިބީ ހައިރާންވެފައެވެ. ފަހަދް އާއި އެކީ އަބަދު ފެންނަ ފަރަހް މާޒިމް އާއި އެކި ފެނުމުންނެވެ. ހޮޓެލަކީ ފަރަހް ގެ ބައްޕަގެ ތަނެއް ކަމުން އޭނާ ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އެތަނުގައި ލިބެއެވެ. މާޒިމް އަވަސް ވެލީ ފަރަހް ގެ އެދުމަށެވެ. ލިފްޓަށް އަރާތަން ބަލަން ހުރި ފަހަދް ގެ ލޮލުން ކަރުނަ ހިލުނެވެ. ފަރަހް ގެ ހިތެއް ނެތީބާއެވެ. ތަނުގެ މުވައްޒަފުން ގެ ލޯ ތަކުގައި ވެސްވީ ހަމްދަރުދީއެވެ. ދުނިޔެއިން މޮޔަވާވަރުވާހެން ފަހަދް އަށް އިހުސާސްކުރެވެމުންދިޔައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ފުދިފައިވީއިރު ފަރަހް ގެ މަޅީގައި އޭނާ އަށް ޖެހެވުމުން މުޅި މީހާގެ އިއްޒަތާއި އަބުރެއްވެސް ނެތް ފަދައެވެ.

***

އުރުޖުވާން ނިދީގައި ފެނުނު ހުވަފެނުން ހޭލެވުމުން ހިތް އަވަސްވިއެވެ. އެކަނި ހުރެވެސް ހެވުނެވެ. އަނެއްކާ އެއީ ހަމަ ހަގީގަތެއް ބާއެވެ. ފެނުނީ ލޯބި މައުސޫމު ދެލޮލެވެ. އޭނައަށް ގޮވާލީ މަންމަ އޭ ކިޔާފައެވެ. އެއީ ހުވަފެނުން ކަންފަތުގައި ޖެހުނު އަޑެއްކަމުގައި ވިޔަސް އެއީ ހަމަ އަސްލު ފަދައެވެ. އޭނަ އަވަސްވެލީ ފާހާނާއަށް ވަދެ ޓެސްޓް ކޮށްލުމަށެވެ. ޕްރެގްނެންސީ ޓެސްޓްއިން ދެ ރޮނގު ފެނުނު ވަގުތު އުރުޖުވާންގެ ގައިން ހީބިހި ނެގިއެވެ. އުފަލުގެ ކަންފުޅެއްވެސް ނެތެވެ. ޝުކުރުގެ ސަޖިދައަށް ތިރިވީ އުފަލުގެ ކަރުނައިން ލޯ ފުރެމުންނެވެ. އެންމެ އަޖާއިބު ވަނީ ﷲ ގެ ކުޅަދުންވަންތަކަމާއި މެދުއެވެ. ނިޢުމަތް ދެއްވިލެއް ފުރިހަމަ ކަމުންނެވެ. އެ ހިނދުކޮޅަކީ އުރުޖުވާން އަށް ބުނެދޭނެ ނޭނގޭ ހާއްސަ ކަމެއް އިހުސާސް ވި ހިނދުކޮޅެކެވެ. ވީ އުފަލެއްގެ ބޮޑުކަމުން މާޒިމް އަށް ހަބަރު ދޭން އަވަސް ވެގަނެވުނެވެ.

" ބިޒީ ކަންނޭނގެ....." ފޯނު ކެނޑުމުން އުރުޖުވާން އަށް ބުނެލެވުނެވެ. ދެވަނަ ފަހަރަށް ގުޅަން ނެހެދީ މާޒިމް އަށް މިފަދަ އުފާވެރި ހަބަރެއް ދޭން ވާނީ ޚާއްސަގޮތަކަށް ކަމަށް ގަބޫލުކުރެވޭތީއެވެ. ލިބުނީ އިތުރު ހިތްވަރެކެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު