ދުރުގައި ވާން ނޭދުނަސް ހިތް... 24

"މިހާރު ކީކުރަން ތިއައީ؟ މި ތަނުން ދެވޭނެ ގޮތެއް ނެތްތަ؟" ހީނލަމުން އިޝްފާން ބުނެލިއެވެ. އިޝްފާންއަށް ބަލާލަމުން ދެން ފަތުޙީ ބުނެލި ވާހަކައާއެކު، އިޝްފާން އެއް މިޔަލަށް ހީނލިއެވެ.

“ހާދަ ހާސްވީ؟ ތީ ކަލެއާ ގުޅޭ ކަމެއް ނޫނެއްނު. ޗިލް." ބައްޕައަށް އިޙްތިރާމްކުރުމަކީ އިޝްފާންއަށް މުހިންމުކަމަކަށް ނުވިއެވެ. ފަތުޙީ ހާސްވެފައި ހުންނަ މަންޒަރު ބަލަން އޭނާ ހާދަ ބޭނުމެވެ. ފަތުޙީ އާ މެދު އެހިތުގައި އުފެދިފައިވާ ނަފްރަތުގެ ބޮޑުކަމުން، ފަތުޙީއަށް ލިބޭ ކޮންމެ ދެރައަކީ އިޝްފާންއަށް އުފަލެކެވެ. އޭނާއަށް ވެގެންވާނަމަ ފަތުޙީގެ ހަޤީގަތް މުޅި ދުނިޔެއަށް ހާމަކޮށްލާނެއެވެ. އަމިއްލަ އެދުމުން ފޯވެފައިވާ ފަތުޙީގެ ހިތުގައި އާއިލާއަށްޓަކައި ކުޑަވެސް ކުލުނެއް ނެތެވެ. އަބަދުވެސް ބޭނުމަކަށްވަނީ އޭނާގެ އަބުރާ ޢިއްޒަތް ރައްކާކުރުމެވެ. އެކަން ކުރުމަށް ކޮންމެ ފަދަ ދަރަޖައަކަށް ވެސް ވެއްޓެން ފަތުޙީ ފަސްނުޖެހޭނެކަން އިޝްފާންއަށް ޔަޤީނެވެ.

"ކިިހިނެއްވީ އެއްޗެއް ނުބުނީ. ތިބުނެވުނީ ރަނގަޅަށޭ. އަހަރެން މިތަނުން ދޫކޮށްލިހާ އަވަހަކަށް ކުރާނެ އެންމެ ފުރަތަމަ ކަމަކީ އެއީ. އެ އަންހެން މީހާއާ ކަލެއާ އޮތް ގުޅުން ބޭޒާރުކޮށްލުން." އިޝްފާން ހުރީ ނިކަން ހަމަޖެހިފައެވެ.

"އަހަރެން ކަލޭ މިތަނުން ސަލާމަތްކޮށްގެންނެއްނު." ފަތުޙީ ގާތަށް ރުޅި އަތުވެއްޖެއެވެ. އިޝްފާންގެ އިންޒާރުތައް ދެކެ ހަމަ ހަޤީގަތުގައިވެސް އޭނާ ޖެހިލުންވެއްޖެއެވެ. އިޝްފާންގެ ހިތުގައި އޭނާއާ މެދު ނަފްރަތު އެހާވަރަށް އުފެދިފައިވާއިރު، އެފަދަ ކަމެއް ކުރަން އޭނަ ޖެހިލުންނުވާނެކަން ފަތުޙީއަށް ޔަޤީންކުރެވުނެވެ. ދެވަނަ ވިސްނުމަކަށް ދާން އޭނާއަށް މަޖުބޫރުވީ އެހެންވެގެންނެވެ.

"ކިހިނެއްވީ؟ މަ މިނިވަން ކުރާކަށްނު ތިހާވަރަކުން ތިއުޅެނީ. މިހާރު ގޮތް ހުސްވީ؟ ބޭޒާރުވެދާނެތީ ދޯ. އޭރުވެސް އަހަންނަށް އެނގެނޭ ތި އުޅެނީ މަށަށް ހެޔޮ އެދިގެން ނޫންކަން. މިކަހަލަ މައްސަލައެއްގަ މަ ޖަލަށްލި ޚަބަރު ފެތުރި ކަލޭގެ ކެންޕެއިނަށް ހުރަސް އެޅިދާނެތީ ބިރުން." ފަތުޙީގެ ވިސްނުން ރަނގަޅަށް އިޝްފާންއަށް އެނގެއެވެ. އަމިއްލަ އަބުރާ އިއްޒަތް ސަލާމަތްކުރުމަށް ނޫން ގޮތަކަށް ފަތުޙީކަމެއް ނުކުރާނެއެވެ. އެކަން މިހާރު އޭނާއަށް ޔަޤީންވެއެވެ.

"އަމިއްލައަށް ވިސްނެންދެން ކަލޭ ހުންނަން ޖެހޭނީ ޖަލުގަ." އިޝްފާންއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަން ވިސްނު ފަތުޙީ އެންމެ ފަހުން އެހެން ބުނެލާފައި ނުކުމެ ދޮރު ޖެހިއެވެ. އެއަށްފަހު އޭނާ ގުޅާލީ މިނިސްޓަރަށެވެ. އޭނާ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ގޮތް ފަތުޙީ ހާމަކުރިއެވެ. މިނިސްޓަރ އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ބުންޏެވެ. އަދި އޭނަ އާމިރާ ވެސް ވާހަކަ ދައްކާނެކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ފަތުޙީ ދެފަރާތަށް ހިނގަ ހިނގާ ހުއްޓާ އާމިރު އަތުވެއްޖެއެވެ.

"ދެންމެ މިނިސްޓަރ ގުޅި." އާމިރު ފަތުޙީގެ ކޮނޑުގައި ޖަހާލިއެވެ. އޭނާ އިޝާރާތްކުރީ އޭނާއާ އެކު އައުމަށެވެ. އާމިރު ފަތުޙީ ގެންދިޔައީ އޭނާގެ ކެބިންއަށެވެ. ސޯފާތަކުގައި އިށީނދެ ހަމަޖެހިލުމަށްފަހު އޭނާ ފަތުޙީއާ ވާހަކަ ދެއްކިއެވެ.

"މީޑިއާއަށް މި މައްސަލަ ތިލަ ނުވާގޮތަށް އަހަރެމެންނަށް އިޝްފާން ބަންދުގައި ބެހެއްޓިދާނެ." ފަތުޙީގެ ވިސްނުން ކުއްލިއަކަށް ބަދަލުވާން ދިމާވި ސަބަބެއް ނޭނގުނު ނަމަވެސް، އާމިރު ހުރީ މިނިސްޓަރ ބުނި ގޮތަށް ކަންތައް ކުރާށެވެ. އިތުރު ސުވާލެއް އޭނާ ނުކުރީވެސް އެހެންވެގެންނެވެ. ފަތުޙީމެން ފަދަ ނުފޫޒު ގަދަ މީހުން އެއްފަހަރަށް ވުރެ ގިނަ ފަހަރު ވިސްނާނެކަން އޭނާއަށް އެނގެއެވެ. އެފަދަ ފިޔަވަޅެއް ފަތުޙީ އަޅާނީ ވެސް ވަރަށް ވިސްނާފައެވެ.

"އަހަރެން ބޭނުންވަނީ މި އިންތިޚާބު ނިމެންދެން އޭނަ ބަންދުގަ ބަހައްޓަން. އަދި، މިއިން އެއްވެސް ކަމެއް މީޑިއާއަށް އެނގޭކަށް ބޭނުމެއް ނޫން. އިންތިހާބު ނިމުނީމަ އޭނަ މިނިވަންކުރަންވީމަ އަހަރެން ބުނާނަން." ފަތުޙީ ބުންޏެވެ.

"ބަންދެއް ޖަހަންޏާ ކޯޓަށް ގެންދަން ޖެހޭގޮތަށް އޮންނާނީ. އެކަން ދެން މިނިސްޓަރއާ ގުޅިގެން އަހަރެން ކުރިއަށް ގެންދާނަން. ފަތުޙީ ބޭނުންވާ ގޮތަކަށް މިކަންތައް ނިމޭނީ." އާމިރު ޔަޤީންކަން ދިނެވެ. ކުރެވެން އެ އުޅޭ ކަންތަކާ މެދު ކުޑަވެސް ބިރުވެރިކަމެއް އޭގެ ތެރެއިން އެކަކުވެސް ނުވާ ފަދައެވެ. ހީވާކަހަލައެވެ. ބާރާ ނުފޫޒު ބޭނުން ކޮށްގެން ބޭނުންހާ ގޮތަކަށް ނިންމުންތައް ނިންމުމަކީ އުފަލެކެވެ. އެމީހުންނަށް ނުވިސްނުނު ކަމަކީ ދޮގާ މަކަރާ ހަދައިގެން އަބަދާ އަބަދު ބާރުގެ ބޭނުންކޮށްގެން އަބުރު ރައްކާތެރި ނުކުރެވޭނެކަމެވެ. ހަޤީގަތްތަކަށް ފަސްއަޅާ ނުފޮރުވޭނެކަމެވެ. ކިތަންމެ ސިއްރުކުރިނަމަވެސް، ވަގުތު ޖެހުމުން އެ ހުރިހާކަމެއް ހާމަކުރެއްވުމަށް ﷲ ކުޅަދުންވަންތައެވެ. އެހެންނަމަވެސް ޣާފިލުކަމުގައި ހައްދު ފަހަނައަޅާފައިވާ އިންސާނަކަށް ވިސްނޭނީ ކިހިނަކުން ހެއްޔެވެ؟ މުދަލާ ފައިސާއަކީ ވަގުތީ އެއްޗެއްނަމަވެސް، އެއަށް ދަހިވެތިވާ ކޮންމެ އިންސާނެއް ވާނީ ގެއްލުމާ ހަލާކުގެ ތެރެއިންނެވެ. ގިނަފަހަރަށް އިންސާފާއި ހަމަހަމަކަން މުޖްތަބައުއެއްގައި ގާއިމުނުވަނީ ނުފޫޒުގަދަ މީހުންގެ ނުފޫޒުގެ ސަަބަބުންނެވެ. ފައިސާއަށް އިންސާފުވެސް ގަނެލާތީއެވެ.

ފަތުޙީ އޭނާގެ ނުފޫޒުގެ ބޭނުންކޮށްގެން އިޝްފާން ޖަލުގައި ބަންދުކުރިއެވެ. އެއީ ކީއްވެގެންކަން އެނގޭ ހަމައެކަނި މީހަކީ އިޝްފާންއެވެ. ސަވާއާ މަދީހާއަށް ވަނީ ހުރިހާކަމެއް ސިއްރުވެފައެވެ. އިޝްފާންގެ ސަބަބުން ސަވާގެ ޙާލަތު ހައްތަހާ ދަށްވަމުން ދިޔައެވެ. ނަފްސާނީ ގޮތުން ބަލިކަށިވީ ވަރަށް ބޮޑަށެވެ. އޭނާއާ ބައްދަލުކުރަން ރީހާން އެތަކެއް މަސައްކަތެއް ކުރިއެވެ. އެގެއަށް ދެފަހަރަކު ދާންވެސް ދިޔައެވެ. އެހެންނަމަވެސް ސަވާއާ ދިމާވާގޮތެއް ނުވިއެވެ. އިޝްފާން އާ ދިމާވި ދުވަހު އިޝްފާން ބުނެލި ވާހަކަ އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީތީ އެކަމުންވެސް ރީހާންއަށް ލިބެނީ ނުތަނަވަސްކަމެކެވެ. ސަވާއަށް ވީ ކީއްހެއްޔެވެ؟ ރީހާންގެ ބޭޤަރާރުވެފައިވާ ހިތުގައި ރިހެމުން ދިޔައީ އިންތިހާއަށެވެ. ސަވާ އޭނާއާ އެންމެ ފަހަރަކު ވާހަކަ ދައްކާލާނެ ނަމައެވެ. ވީގޮތެއް ނުބުނި ނަމަވެސް، ކުޑަ މިނުން ފެނިލާނެނަމައެވެ. ރީހާން މިހާރު ވަނީ ގޮތް ހުސްވެފައެވެ. ހިތުގައި ކިތަންމެ ރިހުނެއް ކަމަކު އިންތިޒާރުކުރުން ނޫން ގޮތެއް ނެތެވެ. އޭނާގެ ހިތުން ހަމައެކަނި ޖާގަ ދެވުނު އަންހެން ކުއްޖަކީ ސަވާއެވެ. ވީއިރު، ސަވާއަށްޓަކައި ކިތަންމެ ގިނަ ދުވަހެއްވެސް އޭނާއަށް އިންތިޒާރުކުރެވިދާނެއެވެ.

ކެތްކުރުމަކީ ރީހާންއަށް ފަސޭހަކަމަކަށް ނުވިއެވެ. އެހެންކަމުން ދެން އޭނާ މަސައްކަތްކުރީ އިޝްފާންއާ ބައްދަލުކުރާށެވެ. އެހެންނަމަވެސް އެކަން ވެސް އޭނާއަކަށް ވާގޮތެއް ނުވިއެވެ. ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި ރެއާ ދުވާލު ރީހާންގެ ނަފްސުވެސް ހީވަނީ ފުނޑު ފުނޑުވެދާހެންނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ލޯތްބަކީ ފާޑެއްގެ ޖަޒުބާތެއް ވިއްޔާއެވެ. ހިތާ ދެކޮޅަށް ލޯބިވާ މީހަކާ ދުރުގައި ހުންނަން ޖެހިއްޖެނަމަ، ހިތުގެ ޖަޒުބާތުތައް ވާނީ ހިތް ކަފާ ކުދި ކުރާ ތޫނު ހަތިޔާރަކަށެވެ.

*****

އިންތިޚާބު ނިމުނީ ފަތުޙީއަށް ކާމިޔާބީ ލިބިގެންނެވެ. އެކަމާ އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އަމިއްލަ ދަރިއަކު ޖަލުގައި ވީކަންވެސް ހަނދާން ނެތް ފަދައެވެ. އެކަމުގެ އުފަލުގައި ފަތުޙީ ބޭއްވި ކެއުމުގައި ސަވާއާ މަދީހާވެސް ބައިވެރިވިއެވެ. އެހެންނަމަވެސް އެ ދެމީހުން އެކަމާ އުފާ ނުވާ ކަހަލައެވެ. ތުންފަތް މައްޗަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލި ނަމަވެސް، އެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ފަތުޙީ އިޝްފާން ޖަލުން ސަލާމަތްކުރަން އެހާ ވަރުން އުޅެފައި އެކަންތައް މަޑުޖައްސާލީ އިޝްފާންގެ އަމަލުތަކުގެ ސަބަބުން އޭނާގެ ކެންޕޭނަށް އަސަރުކޮށްފާނެތީކަންވެސް އެމީހުންނަށް އެނގެއެވެ. އެހެންކަމުން އެމީހުން ހީކުރީ އިންތިހާބު ނިމުމުން ފަތުޙީ އިޝްފާން ޖަލުން ނެރޭނެކަމަށެވެ.

އިޝްފާން ކުރީ ކުށެއްކަން މަދީހާއާ ސަވާވެސް ގަބޫލުކުރެއެވެ. ހައްޤު އަދަބު ލިބެން ޖެހޭނެކަން ވެސް އެ މީހުން ގަބޫލުކުރެއެވެ. އެހެންނަމަވެސް ފަތުޙީ އެ ދެމީހުންގެ ވާހަކަތައް އަޑު ނާހާނެކަން އެނގޭތީ ހަނު ހުންނަން މަޖުބޫރުވަނީއެވެ.

ކަންތައްތައް ހަމައަކަށް އެޅުމުން ދެން ފަތުޙީ ދިޔައީ ރާއްޖޭން ބޭރަށެވެ. އޭނާ އެންމެންގެ ކައިރީގައި ބުނީ ވިޔަފާރިކަމަކު ރާއްޖޭން ބޭރަށް ދާ ވާހަކައެވެ. އެހެންނަމަވެސް ހަޤީގަތަކީ ރާއްޖޭން ބޭރަށް ފަތުޙީ ދިޔައީ އޭނާގެ ލޯބިވެރިޔާ ގޮވައިގެންކަމެވެ.

ބޭރުން އައިސް ފަތުޙީ އިޝްފާންއާ ބައްދަލުކުރަން ދިޔައެވެ. އޭރު ވާފިރުގެ ކޭސްވެސް ވަނީ މީހުންގެ ހަނދާނުން ފަނޑުވާން ފަށާފައެވެ. އިޝްފާން ހުރީ އޭނާގެ ގޮތުގައެވެ. އެހެންކަމުން ފަތުޙީ ނިންމީ އިޝްފާން ޖަލުގައި ބަހައްޓާށެވެ.

4 އަހަރު ފަސް

ފަތުޙީގެ މަޖިލީހުގެ ދައުރު ނިމެން ކައިރިވީއެވެ. ސަރުކާރު ހިންގުމަށް ބޮޑެތި ބަދަލުތަކެއް ވެސް އަޔެވެ. އެހެންކަމުން އިޝްފާން އެގޮތަށް ބަންދުގައި ބެހެއްޓުން ވީ އުނދަގޫކަމަކަށެވެ. މިނިސްޓަރ އޭރު އިސްތިއުފާ ދޭން އުޅެފައި މަޑުކުރިކަމީވެސް ނަސީބެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބު ކައިރިވަމުން ދިޔައީތީ ފަތުޙީމެންނާ އިދިކޮޅުގައި އޮތް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެންނަމުން ދިޔައެވެ. އެހެންކަމުން ހުރިހާކަމެއް ސިއްރުކޮށްގައި އިޝްފާން ބަންދުގައި ބެހެއްޓުން ވީ އުނދަގޫކަމަކަށެވެ. އެންމެ ފަތުޙީއަށް މަޖުބޫރުވީ އިޝްފާން ޖަލުން ނެރުމަށެވެ. އިންތިހާބަށް ހަފްތާއެއް ވީތަނާ މިނިސްޓަރ އިސްތިއުފާ ދީފައި ފަތުޙީމެންނާ ގުޅުނެވެ.

ފަތުޙީ އޭނާ ޖަލުން ނެރުނީ ކީއްވެގެންކަން އިޝްފާންއަށް އެނގުނެވެ. އޭނާ އުޅުނީ ފަތުޙީގެ ވާހަކަ އެންމެންގެ ކުރިމަތީގައި ހާމަކުރާށެވެ. އެހެންނަމަވެސް އެ ވިސްނުން ދޫކޮށްލަން މަޖުބޫރުވީ މަންމައާއި ސަވާ ދައްކަމުން ދިޔަ ވާހަކައެއް އަޑު އިވުނު ހިސާބުންނެވެ.

އިޝްފާން ސިނގިރެޓެއް ބޯންވެގެން ޓެރެސްއަށް އެރިވަގުތު މަދީހާގެ ރުއިމުގެ އަޑާ ސަވާ ވާހަކަ ދައްކަމުން ދިޔަ އަޑު އޭނާއަށް އިވުނެވެ. އެ ވޭނީ ގިސްލުމުގެ އަޑުން އިޝްފާންއަށް އަސަރުކުރީ ކީއްވެގެންކަމެއް ނޭނގެއެވެ. އެއީ މީގެ ކުރިން އޭނާ ދުވަހަކުވެސް އަހާފައިނުވާ ފަދަ ވޭނީ އަޑެކެވެ.

"ދަރިފުޅުމެންނަކަށް ނޭނގޭނެ މަންމަ މިއުޅޭ ޙާލެއް. ބައްޕަގެ ވަގުތު ނުލިބެނީ ހަމައެކަނި ދަރިފުޅުމެންނަކަށް ނޫނޭ. އިނދެގެން މިހާ ދުވަސްވީއިރުވެސް މަންމައަށް ބައްޕަގެ ފަރާތުން ވަގުތެއް ނުލިބޭ. ކެތްކެރިވެވޭނެ އެންމެ މައްޗަކަށް މަންމަ މި ކެތްކުރަނީ. އޭރުވެސް ކެތްކުރީ ދަރިފުޅުމެންނަށްޓަކާ. މަންމަ ހީކުރީ ކޮންމެ ޙާލެއްގައި ވެސް ބައްޕައާއެކު އުޅެވެންޏާ ދަރިފުޅުމެންނަށް ރަނގަޅު ތައުލީމެއް ދެވިދާނެޔޭ." މަދީހާ ހުއްޓާލިއެވެ. ހީވަނީ ވާހަކަ ކުރިއަށް ގެންދަން އުނދަގޫވީ ހެންނެވެ.

"މަންމާ… ހުއްޓާލާ ދެން…" ސަވާގެ އަޑު އިޝްފާންއަށް އިވުނެވެ.

"އެކަމަކު އެހެންނެއްވެސް ނުވި. ބައްޕަގެ ލޯބިން މަހުރޫމްވުމުގެ ސަބަބުން، އިޝްފާންއަށް ވެފައި ހުރި ގޮތް ފެންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރެވޭ. މަންމަ ބައްޕަކައިރީގައި އާދޭސް ނުކުރަނީކީ ނޫނޭ. ކިތަންމެ ވަރަކަށް ވެސް އެ ވާހަކަ ދެއްކިން. އިޝްފާންގެ އުޅުމަށް އެ ބަދަލުތައް އަންނަން ފެށީއްސުރެ ކެނޑި ނޭޅި އެ ވާހަކަ ދެއްކިން. އެކަމަކު ކީއްކުރާނީ. ބައްޕަގެ ބަހާ ނުފޫޒުގެ ކުރިމަތީގައި ބަސް ކިޔޭނެހާ ހިތްވަރެއް މަންމަގެ ނެތޭ… އަދި އިތުރު ކަމެއް ތަޙައްމަލް ކުރެވޭނެ ހަކަތައެއްވެސް." މަދީހާގެ ވާހަކަތަކުން އިޝްފާން އަށް އަސަރުކުރިނަމަވެސް، ފަތުޙީގެ ކޮންމެ ނިންމުމަކަށް މަދީހާ އާބަސް ދޭ ދިނުން އޭނާއަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން އެހިތުގައި އެކަމުގެ ސަބަބުން ކިލަނބުކަން އުފެދިފައިވެއެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް، އެ ކިލަނބުކަން ފިލުވައިލެވޭ ގޮތެއް އޭނާއަކަށް ނުވިއެވެ. އެތަނުގައި ހުރެފައި އިޝްފާން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ގޮސް އެނދުމައްޗށް ވެއްޓުގަތުމާއެކު އޭނާއަށް ސީލިންގަށް ބަލަހައްޓައިގެން އެތަކެއް އިރަކު އޮވެވުނެވެ. ލޮލުގެ ހިމަކޮޅުން ފިނިކަމެއް އިޙްސާސްވެގެން އަތްލުމާއެކު އެއީ ފައިބައިގެން ދިޔަ ކަރުނަކަން އޭނާއަށް އެނގުނެވެ. އިނގިލިން ފުހެލި ކަރުނަތިއްކަށް ބަލަން އޮތުމަށްފަހު، އޭނާ ދެލޯ ފުހެލިއެވެ. އޭނާ ރޯކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އެ ކަރުނަތަކެއް ނުހުއްޓުނެވެ. އެހެންކަމުން އިޝްފާން ދެން ޚިޔާކުރީ އަނެއްކާވެސް ޑްރަގް ބޭނުންކޮށްގެން އެ ޚިޔާލުތަކާ ދުރުވުމުގެ މަގެވެ.

އެނދުދަށުން ނެގި އިންޖެކްޝަން އަތަށް ޖަހާލުމާއެކު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އިސާހިތަކު ސިކުނޑި ހުސްކަމެއްގެ ތެރެއަށް ޣަރަޤުވެ އިޝްފާންއަށް ނިދޭގޮތްވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު