މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަމީރު ނާއިފް ބިން އަބުދުލް އަޒީޒު އާލް ސުއޫދުގެ ޖަނާގައި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ބައިވެރިވަޑައިގެންފި އެވެ. އަމީރު ނާއިފުގެ ޖަނާޒާ އިއްޔެ ބާއްވާފައި ވަނީ މައްކާގެ އަލް މަސްޖިދުލް ހަރާމްގަ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ކުރީގެ ރައީސް މައުމޫނު އަބުލް ގައްޔޫމު، ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބުދުލް އަޒީރު އާލް ސުއޫދާ ބައްދަކުރައްވާ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ފަރާތްޕުޅުން ތައުޒިއާ ދެންނެވި ކަމަށެވެ.
"އަމީރު ނާއިފަކީ ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމަށާއި ރާއްޖޭގެ ތަރައްގީއަށް ޓަކައި މުހިއްމު ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ރާއްޖެއާ ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރައްވަން މަސައްކަތް ޕުޅު ކުރެއްވި ބޭފުޅެއް ގެ ހައިިސިއްޔަތުން ދިވެހި ސަރުކާރާ ރައްޔިތުން ހަނދާން ނުނެތޭނެ ކަމަށް ހާއްސަ މަންދޫބު ވިދާޅުވިއެވެ، " ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ހެޔޮއެދުން ފޮނުއްވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އަމީރު ނާއިފް އަވަހާރަވީ އުމުރުފުޅުން 78 އަހަރުގައި ސުވިޒަލޭންޑުގެ ޖެނީވާގަ އެވެ.