މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޕްރޮމޯޝަން، ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް މިއަދު އެ އަގުބޮޑު ޓެސްލާ ކާރު ހަވާލުކޮށްފައިވާއިރު އެ ކާރު ވިއްކާލަން ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
މިދިޔަ އީދު ދުވަހު ގުރުއަތުން ހޮވިގެން ޓެސްލާ ކާރު ލިބުނީ ކ. ތުލުސްދުއަށް އުފަން މުސްތަފާ މުހައްމަދަށެވެ.
މުސްތަފާ މިއަދު "ސަން" އަށް ބުނީ އެންމެ ޒަމާނީ ފެންވަރުގެ އެ ކާރު އަށް ލައްކަ ރުފިޔާއަށް ވިއްކާލަން ނިންމައި އެ ގަންނާނެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ބުނީ އެ ކާރު ވިއްކާލަން ނިންމީ އޭނާއަކީ މާލޭ ގެއެއްގެ އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އުޅޭ މީހަކަށް ވާތީ އެ ކާރު ބާއްވާނެ ތަނަކާއި ޗާޖު ކުރާނެ ގޮތެއް ނެތުމުން ކަމަށެވެ.
"ރަށަށް ގެންގޮސްފިއްޔާ ޖެހޭނީ ވެލީގައި ދުއްވަން. އޭރުން ހިރަފުސް އަރައި އެކި މައްސަލަތައް ދިމާވެދާނެ. އެހެންވެ އަޅުގަނޑަށް ގެންގުޅެވެން ނެތީމަ ވިއްކާލަނީ." ކަސްޓަމްސްގައި މަސައްކަތް ކުރާ މުސްތަފާ ބުންޏެވެ.
އޭނާ ބުނީ ކާރު ވިއްކާލައިގެން ލިބޭ ފައިސާ ހަރަދު ކުރާނީ އަމިއްލަ ވިޔަފާރިއެއް ކުރުމަށާއި ރަށުގައި ހުންނަ އޭނާގެ ގެ ހެދުން ފަދަ ކަމަކަށް ކަމަށެވެ.
މުސްތަފާއަށް ލިބުނު ޓެސްލާ ކާރު 'މޮޑެލް3' އަކީ 42,490 ޑޮލަރު (654,770 ރުފިޔާ)އިން އަގު ފެށޭ ކާރެކެވެ. ކަރަންޓުން ޗާޖުކޮށްގެން ދުއްވާ ޓެސްލާ ކާރުތަކުގެ ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި އެޕުން ކޮންޓްރޯލްކޮށް، އޮޓޯޕައިލެޓްގައި ދުއްވުން ހިމެނެއެވެ.
ދިރާގުން ބުނި ގޮތުގައި މުސްތަފާއަކީ އެ ކުންފުނިން ރާއްޖޭގައި މޯބައިލް ފޯނުގެ ޚިދުމަތް ތައާރަފުކުރި ހިސާބުން ފެށިގެން ދިރާގުގެ ކަސްޓަމަރެކެވެ.
ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ ޖެނުއަރީ 31 އާ ހަމައަށެވެ. ޓެސްލާގެ އަގު ބޮޑު ކާރަކީ ދިރާގުގެ ތާރީޚުގައި ވެސް އެ ކުންފުނިން ހުށަހެޅި އެންމެ އަގުބޮޑު އިނާމެވެ.